ލީބިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ފަހަތުގައި ސައޫދީ ޔޫއޭއީ އަދި މިސްރު

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އަތްދަށު ލުމަށްޓަކައި އެގައުމުގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކުން ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން މިވަގުތަށްވަނީ ހުއްޓުވާފައެވެ.

ޖެނެރަލް ހަފްތަރުގެ ބާރުތަކާ ކުރިމަތިލުމަށްޓަކައި "ވޮލްކީނޯ އޮފް އެންގާ" ގެ ނަމުގައި ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބާރުތަކުން ކުރިޔަށް ގެންދާ ހަނގުރާމައިގާ ޓްރިޕޮލީގެ ދެކުނުގައިވާ ޓްރިޕޮލީ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދާއި ގަސްރު ބެންޣަޝީރު ފަދަ ސަރަހައްދުތަކުން ޖެނެރަލް ހަފްތަރުގެ ހަނގުރާމަވެރިންވަނީ ފައްސާލާފައެވެ. ހަފްތަރުގެ ހަނގުރާމަވެރިން ވަނީ މީގެ ހައެއްކަ ދުވަސްކުރިންވަނީ ކުއްލި ޙަމަލާތަކެއްދީ އެ ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށްގެނަސްފައެވެ.

ޓްރިޕޮލީގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާގޮތުގައި ދެމިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޓްރިޕޮލީގެ ރައްޔިތުންވަނީ ޖެނެރަލް ހަފްތަރުގެ ބާރުތަކުން ކުއްލި ގޮތަކަށް ފެށިހަނގުރާމައިގެ ޝިކާރައަކަށްވެފައެވެ. ހަނގުރާމައިން ސަލާމަތް ވުމަށްޓަކައި ޓްރިޕޮލީގެ އާންމު ރައްޔިތުން ބިރުވެރިކަމާއެކު ރައްކާތެރި ސަރަހައްދުތަކަށް ރެފިއުޖީންގެ ގޮތުގައި ދާންފަށާފައިވާއިރު ހަފްތަރުގެ ބާރުތައް ޓްރިޕޮލީ އަށް ވަނުން ހުއްޓުވުމަށްޓަކައި ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބާރުތަކާއި ހަފްތަރުގެ ބާރުތަކާދެމެދު ހިނގަމުންދާ ހަނގުރާމައިގާ ދެފަރާތުންވެސް އެތަށްބަޔަކު މަރުވެ އެތަށް ހާސްބަޔަކު ވަނީ ޒަޚަމްވެފައެވެ.

ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާުރުގެ ރައީސް ޑރ. ފާއިޒް އައްސައްރާޖް

އދ. ގެ ބެލުމުގެ ދަށުން ލީބިޔާގައި އެކުލަވާލާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ތަރްޖަމާން މުހައްމަދު ގަނޫން ވިދާޅުވީ ޖެނެރަލް ހަފްތަރު ގެ ބާރުތަކުން ޓްރިޕޮލީ ހިފުމަށް ފަށާފައިވާ ހަނގުރާމައިގެ ފަހަތުގައިވަނީ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އާއި މިސްރު ކަމުގައެވެ. އެތިން ގައުމުގެ ބޭނުމަކީ ޖެނެރަލް ހަފްތަރަށް ލީބިޔާގެ ވެރިކަން ހޯދައިދިނުން ކަމަށާ ހަފްތަރަކީ އެތިން ގައުމުގެ އެޖެންޓެއް ކަމަށް މުހައްމަދު ގަނޫން ވަނީ ތުހުމަތު ކުރައްވާފައެވެ.

ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަކީ އިޚްވާނުލްމުސްލިމޫން ފިކުރުގެ ބޭފުޅުންގެ މައްޗަށް އެކުލެވޭ ސަރުކާރެއްކަމަށް ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި މިސްރުން ދެކެއެވެ. ސައޫދީ ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި މިސްރަކީ އިޚްވާނުލްމުސްލިމޫން އާ ދެކޮޅުތިން ގައުމުކަމަށްވާތީ ހަފްތަރުގެ ބޭނުންހިފައިގެން ލީބިޔާގެ ވެރިކަމުން އިޚްވާން ފިކުރުގެ ބޭފުޅުން ބޭރުކޮށް އިޚްވާން ފިކުރުގެ ދުޝްމަނެއް ކަމަށްވާ ޖެނެރަލް ހަފްތަރަށް ވެރިކަން ހޯދައިދިނުމަށް އެތިން ގައުމު މަސައްކަތް ކުރަމުން ގެންދާކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައްވެސް ބުނެއެވެ.

ހަފްތަރުގެ ހަމަލާތަކުގެ ސަބަބުން ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ފުނޑުފުނޑުވެ އެތަށް ލައްކަ ބަޔަކު މަރުވެ ފަނާވެގެންދިޔަސް ހަފްތަރާއި އޭނާގެ ފަހަތުގައިވާ ގައުމުތަކުގެ ފަރުވާލެއްނެތް ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ބުނެއެވެ. ހަފްތަރުގެ ބާރުތަކަކީ ލީބިޔާގެ އިރުމަތީގެ ސަރަހައްދުތަކާއި ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރާ ބައެކެވެ. އެމީހުން އައު ހަތިޔާރުތަކަކާއެކު ވެރިރަށް ޓްރިޕޮލީ އާއި ހުޅަނގުގެ ސަރަހައްދުތައް ހިފުމުގެ ހަނގުރާމަ ކުއްލި ގޮތަކަށް ފަށާފައިވަނީ މިދިޔަ ހަފްތާގެ ފަހުކޮޅުއެވެ.

ހަފްތަރު މިދިޔަ ހަފްތާގައި ސައޫދީ ރަސްގެފާނާ ބައްދަލުކުރައްވަނީ

އެ ހަނގުރާމަ ފެށުމުގެ އެއް ހަފްތާ ކުރިން ޖެނެރަލް ހަފްތަރުވަނީ ސައޫދީ މިސްރު އަދި ޔޫއޭއީ އަށް ވަޑައިގެން އެތިން ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ހަފްތަރުގެ ބާރުތަކުން ބޭނުންކުރަނީ ސައޫދީ އާއި ޔޫއޭއީ ފައިސާ ދީގެން މިސްރުން ފޯރުކޮށްދޭ އެމެރިކާގެ ހަތިޔާރުން ކަމަށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ބުނެއެވެ.

ޔަމަންގައި ހަނގުރާމަކޮށް ޔަމަންވެސް ހަލާކު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އަރަބި ކޯލިޝަނެއްގެ ދަށުން ސައޫދީ އާއި ޔޫއޭއީ ޔަމަންގެ ހަނގުރާމައަށް ވެދެގަނެގެންނެވެ. ހަނގުރާމައުގެ ސަބަބުން މިއަދު ޔަމަނަކީ މުޅިން ފުނޑުފުނޑުވެ ރައްޔިތުންގެ 90 % މީހުން ހައިހޫނުކަމާއި ބަލިމަޑުކަން ތަހައްމަލް ކުރަމުން ގެންދާ ގައުމެކެވެ. އޭގެ ކުރިޔަށް ބަލާއިރު ސޫރިޔާގައިވެސް ހަނގުރާމައިގެ ހުޅު ރޯކުރި ގައުމުތަކުގެ ތެރޭގައި ގަތަރުގެ އިތުރުން ސައޫދީ އާއި ޔޫއޭއީ އާއި އެމެރިކާ ހިމެނެއެވެ. ސޫރިޔާގައި ހަނގުރާމައިގެ ހުޅު ރޯކުރީ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރު ފޯރުކޮށްދީގެންނެވެ.

ލީބިޔާގެ ހުޅަނގުގެ ސިޓީތައް ގަދަބާރުން ހިފުމުގެ ހަނގުރާމަ ހަފްތަރުގެ ބާރުތަކުން ފެށިއިރު ލީބިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކޮށް އެއްސަރުކާރު ގާއިމްކުރުމަށްޓަކައި އދ. މެދުވެރިވެގެން ލީބިޔާގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ސުލްހައިގެ މަހާސިންތާއެއް ބޭއްވުމަށް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ރައީސް ފާއިޒް އައްސައްރާޖް ވިދާޅުވެފައިވަނީ ޓްރިޕޮލީ ހިމެނޭގޮތަށް ލީބިޔާގެ ހުޅަނގުގެ ހުރިހާ ސަރަހައްދުތަކެއް ހިފުމުގެ އޮޕަރޭޝަން ހަފްތަރުގެ ބާރުތަކުން ފެށީ ކުއްލި ގޮތަކަށް ކަމަށާ އެކަމާމެދު ހައިރާންވެ ވަޑައިގެންނެވި ކަމުގައެވެ.

ހަފްތަރު ޔޫއޭއީގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދްގެ އަރިހުގައި

ހަފްތަރުގެ ބާރުތަކުން ކުއްލިގޮތަކަށް ފެށި ހަނގުރާމަ ހުއްޓުުވުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރަސް އާއި އދ. ގެ ޓީމެއް މިހަފްތާގެ ކުރީކޮޅު ވަނީ ލީބިޔާއަށް ވަޑައިގެން ޖެނެރަލް ހަފްތަރާއި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ރައީސް ފާއިޒް އައްސައްރާޖް އާ ބައްދަލުކުރައްވާފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ހަފްތަރުވަނީ ވިދާޅުވެފައެވެ.

ހަފްތަރުގެ ހަމަލާތަކުގެ ސަބަބުން އެތަށް ހާސް ބަޔަކު މަރުވެ ވެރިރަށް ޓްރިޕޮލީ ގެ ބޮޑުބައެއް ހަލާކުވެގެން ދާނެކަމަށްވެސް ސައްރާޖް ވިދާޅުވިއެވެ. ސައްރާޖް ވަނީ ޓްރިޕޮލީގައި ހުންނަވާ ފަރަންސޭސި ސަފީރު ޕިޔެޓްރިސް ދޮއިލިން އޭނާގެ އޮފީހަށް ހާޒިރުކޮށް ހަފްތަރުގެ އަސްކަރީ އޮޕަރޭޝަނަށް ފަރަންސޭސިސަރުކާރުންވެސް ނުސީދާ ގޮތެއްގައި ވާގިވެރިވާކަމުގެ ޝަކުވާ ކުރައްވާފައެވެ. ޖެނެރަލް ހަފްތަރުގެ ބާރުތަކުން ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުންވެސްވަނީ ގޮވާލާފައެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން ކަމެއްކޮށްފައި ނުވާތީ ސައްރާޖްގެ ސަރުކާރުންވަނީ އެމަޖިލީހަށް ޝަކުވަގެ ސިޓީއެއް ފޮނުއްވާފައެވެ. ހަފްތަރުގެ ބާރުތަކުގެ ހަމަލާތަކާއެކު ޓްރިޕޮލީގެ ދެކުނުގައިވާ ސަރަހައްދުތަކުގައި ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް