ކުލަގަދަ ރަސްމިއްޔާތަކާ އެކު ކުލަބް މޯލްޑިވްސް ކަޕް 2019 ފަށައިފި

ކްލަބް މޯލްޑިވްސް ކަޕް 2019 ފެށުމުގެ ގޮތުން ސަރުކާރުގެ އިސްވެރިންގެ ޓީމަކާ ކުރީގެ ކުޅުންތެރިންގެ ޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ/ ހާފްކޯޓް

ރާއްޖޭގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް 2019 ރޭ ކުލަ ގަދަ ރަސްމިއްޔާތަކާ އެކު ހުޅުމާލޭ ރެހެންދި ސްކޫލް ޓާފުގައި ފަށައިފި އެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތް ރޭ ފަށާފައިވާ އިރު މިއީ މެދު ކެނޑުމެއް ނެތި އެ މުބާރާތް ކުރިއަށް ގެންދާތާ 14 ވަނަ އަހަރެވެ.

ކްލަބް މޯލްޑިވްސް ކަޕް 2019 ފެށުމުގެ ގޮތުން ސަރުކާރުގެ އިސްވެރިންގެ ޓީމަކާ ކުރީގެ ކުޅުންތެރިންގެ ޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ/ ހާފްކޯޓް

އަންހެން ކެޓަގަރީއަކާއި ފިރިހެން ކެޓަގަރީއަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދާ އިރު ފިރިހެން ކެޓަގަރީގައި ޖުމްލަ 32 ޓީމަކުން ބައިވެރިވެ އެވެ. އަންހެން ކެޓަގަރީގައި ނުވަ ޓީމެއް ވާދަކުރަން ނިންމާފައިވާ އިރު މިއީ ކުލަބް މޯލްޑިވްސް ކަޕުގައި އަންހެނުންނަށް ހާއްސަ ކޮށްގެން 18/30 ފުޓްސަލް ފިއެސްޓާގެ ނަމުގައި ކުޅެންފެށިތާ 10 ވަނަ އަހަރެވެ.

އެހެން ފަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ޔޫތު މިނިސްޓަރީއިން ވެސް ވަނީ މި މުބާރާތް ބޭއްވުމަށް ވަރަށް ބޮޑަށް އެހީތެރިކަން ދީފަ އެވެ. އެގޮތުން މުބާރާތް ފެށުމަށްޓަކައި ވަނީ ވަރަށް ހާއްސަ މެޗެއް ވެސް ކުޅެފަ އެވެ.

މި މެޗަކީ ސަރުކާރުގެ ބައެއް އިސްވެރިންނާ މިހާރު ކުރިއަރަމުން އަންނަ ޒުވާން ކޯޗުންގެ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމުގެ ވެޓަރަންސް ކުޅުންތެރީންގެ ތެރެއިން ހޮވާލެވިފައިވާ ކުޅުންތެރީންގެ މެދުގައި ކުޅެވިގެންދިޔަ މެޗެކެވެ.

އެގޮތުން ސަރުކާރު ފަޅީން ނަގާފައިވާ ޓީމުގައި އަދުގެ ނައިބު ރައީސް ފައިސަލް ނަސީމްއާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުއާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)ގެ އިތުރުން ރާއްޖޭގެ މިހާރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކޯޗުކަން ކުރައްވަމުން އަންނަ ކޯޗުން ހިމެނެއެވެ.

އަދި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރީންނަށް ބަލާ އިރު މޫސާ މަނިކު (ކުޑަމޫސާ) އާއި މުހައްމަދު ޖަމީލް (ޖަމްބެ) އާއި މުހައްމަދު ހަލީމް (ޖަޑާ) އާއި އިބްރާހިމް ނޫރައްދީން ފަދަ ކުޅުންތެރިން ހިމެނެއެވެ.

ކުލަބް މޯލްޑިވްސް 2019 ރަސްމީކޮށް ފެށުމުގެ ގޮތުން ކުޅެވުނު މި ތާރީހީ މެޗުން ސަރުކާރުން ހޮވާލެވުނު ޓީމުގެ މައްޗަށް ވެޓަރަންސް ޓީމުން ކުރި ހޯދީ 5-7 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ އިތުރުން ރޭ ވަނީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމެއްގެ ޖާޒީތައް ދައްކާލާފަ އެވެ.

މިއަހަރުގެ ކުލަބް މޯލްޑިވްސް ކަޕުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "މުޖުތަމައުގެ ރައްކާތެރިކަން – އެންމެންގެ ޒިންމާއެއް" މިފަދައިންނެވެ.

comment ކޮމެންޓް