ޚާޝުގްޖީގެ ގާތިލުންގެ ނަންތައް ހާމަކޮށްފި

ޚާޝުގްޖީގެ ގާތިލުންގެ ޓީމުގައި ހިމެނޭ ބޭފުޅުން

ވޮޝިންޓަން (އެޕްރީލް 9) : އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ސައޫދީ ނޫސްވެރިޔާ ޖަމާލްއަލްޚާޝުގްޖީ އަވަހާރަކޮށްލި ގާތިލުންގެ ނަންތައް އެމެރިކާއިން ހަމަކޮށްފި އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައޫދީ މަސްއޫލުވެރިންގެ 16 ބޭފުޅަކު އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ ހިފެހެއްޓުމަށް ފަހު އޭނާ ކަތިލައި އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ބުރިކޮށް އަދި ބުރިކުރި ބައިތައް ނައްތާލުމުގައި ބައިވެރިވާ ކަމަށާ ގާތިލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ މުސްތަޝާރަކަށް އެދުވަސްވަރު ހުންނެވި ސުއޫދުލްގަހްތާނީ އާއި ސައޫދީ އަސްކަރީ ޖާސޫސީ އިދާރާގެ އިސްވެެރިއެއްގެ މަގާމުގައި ހުންނެވި ކާނަލް މާހިރް އަލްމުތްރިބް ކަމުގަ އެވެ.

މި ދެ ބޭފުޅުންގެ އިތުރުން ޚާޝުގްޖީގެ ގާތިލުންގެ ޓީމުގައި ހިމެނޭ 14 ބޭފުޅުންގެ ތެރޭގައި ސަލާޙް އައްތުބައިގީ އާއި މިޝްޢަލް ބުސްތާނީ ފަދަ ސައޫދީ މެދުފަންތީގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ކަމަށާއި ޚާޝުގްޖީ އަވަހާރަކޮށްލި ގާތިލުންގެ ޓީމުގައި ހިމެނޭ އެއްވެސް ބޭފުޅަކަށް އެމެރިކާއަށް ނުވަދެވޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާން ބުނެ އެވެ.

ޚާޝުގްޖީ އަވަހާރަކޮށްލި ގާތިލުންގެ ނަންތައް ކަނޑައެޅީ ތުރުކީގެ އެހީތެރިކަމާ އެކު އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާގެ ޓީމެއް އިސްތަންބޫލްއަށް ގޮސް ކުރި ތަހްގީގްތަކުގެ އަލީގައި ކަމަށް އެމެރިކާގެ ބުނެ އެވެ. ޚާޝުގްޖީ އަނިޔާވެރިގޮ ތަކަށް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގަ އެވެ. ހާޝުގްޖީ އަވަހާރަކޮށްލި ކަމަށް ސައޫދީން އެންމެ ފުރަތަމަ އިންކާރު ކުރި ނަމަވެސް ތުރުކީއާއި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ފަހުން ސައޫދީ ސަރުކާރުން ވަނީ ސައޫދީ މަސްއޫލުވެރިންގެ ޓީމަކުން އެ ޖަރީމާ ހިންގިކަމަށް އެއްބަސްވެފަ އެވެ.

މިފިއްތުންތަކާ އެކު ސައޫދީ ސަރުކާރުން އެޖަރީމާ ތަހްގީގްކުރުމުގެ އިތުރުން ތުރުކީން ކުރި ތަހްގީގްތަކަށް ވެސް ސައޫދީން ކޮންމެވެސް ވަރަކަށް އެއްބާރުލުން ވެސް ދީފައިވެ އެވެ. މިޖަރީމާއާ ގުޅިގެން ސައޫދީ އަމަނާ ބެހޭ ފަރާތްތަކުން ކުރި ތަހްގީގްތަކަށް ފަހު ސައޫދީ ޕަބްލިކް ޕްރޮސެކިއުޓާ ވަނީ ޚާޝުގްޖީ އަވަހަރަކޮށްލި ކަމުގެ ދައުވާ ސައޫދީ އެގާރަ މަސްއޫލުވެރިއެއްގެ މައްޗަށް އުފުލައިފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް