400 ދިވެހި އަންހެނުން ސީރިއާގައި ހަށިވިއްކަމުންދާ ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

ރައީސް ނަޝީދު: ސީރިއާގައި ދިވެހި އަންހެނުން ހަށިވިއްކަމުން ގެންދަވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިރިޔާއަށް ދާ ދިވެހި ހަނގުރާމަވެރީންގެ އަނބީން އެ މީހުންގެ ފިރީން މަރުވުން ހަށިވިއްކަމުންދާ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ސީރިޔާގެ ދާހިލީ ހަގުރާމާގައި ބައިވެރިވުމަށް ސީރިޔާއަށް ބައެއް ދިވެހީން ދަތުރު ކުރަމުންދެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސީރިޔާއަށް ދަތުރުކޮށްފައިވާ 70 ވަރަކަށް ދިވެހީން މަރުވެފައިވާ ކަމަށެވެ. އެއާ އެކު ދިވެހި 400 އެއްހާ އަންހެނުން އެތާގައި ހަށިވިއްކަމުން ގެންދާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"ސީރިޔާއަށް ގޮއްސި ދީނުގެ ނަމުގައި އެތައްސަތޭކަ ދިވެހިން. ގޮސް އެތާނގައި މަރުވެއްޖެ 60، 70 އެއްހާ ދިވެހިން. ދިވެހިންގެ 400 އެއްހާ އަންހެނުން އެތާގައި ހަށިވިއްކަމުން އެދަނީ. ދެން މި ބޭފުޅުން މި ބުނަނީ އެއީ އެއް ކައިވެންޏޭ، މިވެނި ކައިވެންޏޭ، އެވެނި ކައިވެންޏޭ، ހަމަ އެކަކު މަރުވާ ތަނުން އެ އަންހެން މީހާ އެދަނީ އެކަކު އަތްމަތިން އަނެކަކު އަތް މަތިިން،"

ނަޝީދު ވިދާޅުވީ، ސީރިޔާއަށް ދިޔަ ބައެއް ދިވެހިންގެ އާއިލާގެ ފަރާތަތްތަކުން އެމަނިކުފާނަށް އެކަން "ކެނޑިނޭޅި" އަންގަމުން ގެންދަވާ ކަމަށެވެ. އެއީ އެ އާއިލާގެ ފަރާތްތަކުން ވެސް ހިތާމަ ކުރާ ކަމެެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެމީހުން މާމަ ދަރިން، ކާފަ ދަރިން ވެއްޖެ ސީރިޔާގައި. އެމީހުންގެ އަންހެން ދަރީން ވެއްޖެ ސީރިޔާގައި. އެ އަންހެން ދަރީން އެދަނީ އެއް ފިރިހެނެއްގެ އަތުން، އަނެއް ފިރިހެނެއްގެ އަތުން، އަނެއް ފިރިހެނެއްގެ އަތުން،" ނަޝީދު ވިދާޅުވީ، ދިވެހިން ސީރިޔާއަށް ފޮނުވަން މަސައްކަތް ކުރި ބަޔަކު އެކަން ކުރީ އިސްލާމް ދީނުގެ ނަމުގައި ކަމަށެވެ.

"ދިވެހި ރާއްޖެ އިން އެމީހުން ސީރިޔާއަށް ފޮނުވީ، އިސްލާމް ދީނުގެ ނަމުގައި. އަޅުގަނޑުމެން އެކަމާ އިންކާރު ކުރީމާ އެބޭފުޅުން [އިދިކޮޅު ފަރާތްތަކުން] އެ ވިދާޅުވަނީ އަޅުގަނޑުމެންނަކީ ދީނާ ހިލާފު ބައެއް ކަމަށް. އަޅުގަނޑުމެންނަކީ ދީނާ ހިލާފު ބައެއް ނޫން. އެއީ ވަރަށް ބޮޑު ދޮގު ވާހަކަ އެއް،" އެމްޑީޕީން ރާއްޖެ އަށް ދީނާ ހިލާފު ސިޔާސަތުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެފަދަ ތުހުމަތުތަކެއް ކުރަނީ އެބޭފުޅުންގެ އަތުގައި ރައްޔިތުންނަށް ދައްކަވާނެ ސިޔާސަތުތަކެއް ނެތުމުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ އެޖެންޑާއެއް ނެތުމުން ދެން ކުރައްވާ ކަމަކީ އިސްލާމް ދީން ހަތިޔާރަކަށް ނަގައި ދޮގު ވާހަކަތަކެއް ދެއްކުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ދީފައި އެވަނީ އިދިކޮޅު ފަރާތްތަކުން "އެ ހުރިހާ އެއްޗެއް ގޮވަ ގޮވައި ތިއްބާ،" ކަމަށެވެ.

"އިސްލާމް ދީން ހިމާޔަތް ކުރެވޭނެ މީހުން މިތިބީ ދިވެހި ރާއްޖޭގެ ވެރިކަމުގައި. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގައި." ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް