ވާދަވެރިންނަށް އެޅުނު އެންމެ ބޮޑު ޅައެއްޗަކީ، އަޅުގަނޑާއި ރަައީސްއާ ދޭތެރެޖައްސަން އުޅުން: ނަޝީދު

ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ އުފާފާޅުކުރުމަށް ބޭއްވި ހަރަކާތުގައި ރައީސް ނަޝީދާއި ރާއީސް ސޯލިހް: ނާޝީދު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަވެރިންނަށް ހެދުނު އެންމެ ބޮޑު ޅައެއްޗަކީ، އެމަނިކުފާނާއި ރަައީސްއާ ދޭތެރެޖައްސަން އުޅުން --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަވެރިންނަށް އެޅުނު އެންމެ ބޮޑު ޅައެއްޗަކީ، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހަމަ ނުޖެހުން އުފައްދައި އޭގެން ފައިދާ ނަގަން އުޅުން ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ. ވަގުތީ ނަތިއްޖާ ދައްކާ ގޮތުން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އެ ކޯލިޝަންއާ އެކު މަސައްކަތް ކުރި ޖުމްހޫރީ ޕާޓީއަށް ލިބުނީ 13 ގޮނޑި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބާ ގުޅިގެން މިރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަކީ ވަރަށް ގާތް ދެބޭފުޅުން ކަމަށާއި ދެބޭފުޅުންނަކީ ވަރަށް ހިޔާލު އެއްގޮތް ދެބޭފުޅުން ކަމަށެވެ.

"މިފަހަރު ވާދަވެރިންނަށް ލިބުނު އެންމެ ބޮޑު ކެއްސަކީ ވެސް އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ. މި ބޭފުޅުން ހީ ކުރެއްވީ، އަޅުގަނޑުމެން [ރައީސް ނަޝީދާއި ރައީސް ސޯލިހް] ތެރޭގައި ހަމަނުޖެހުމެއް އުފައްދައިގެން މި ބޭފުޅުން އޭގެން ފައިދާ ނަގައިގެން މަޖިލިސް އިންތިހާބު ކުރިއަށް ދެވިދާނެ ކަމަށް. ވަރަށް ބޮޑު ޅައެއްޗެއް އެ ހެދުނީ. އެހެނެއް ނުވާނެ އެކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހާއި އެމަނިކުފާނަކީ "ވިހެއީއްސުރެ އެކުގައި އުޅުއްވާ ދެބޭފުޅުން ކަމަށާއި ދެބޭފުޅުން ރުޅި އައިސްގެން ތިބޭކަށް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ކަންކަމުގައި ދެކޭ ގޮތް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަންކަމާ ދެކެވަޑައިގަންނަވާ ގޮތް އަޅުގަނޑު ކައިރީގައި ވެސް ވިދާޅުވާކަށް ޖެހިވަޑައިނުގަންނަވާނެ. އަޅުގަނޑުމެން ދެމީހުންނަށް ހިތުލީ އަދަދު އެނގޭނެ،" ކުޑަ އިރުއްސުރެ އެކުގައި އުޅުއްވަމުން އަންނަ ރައީސް ސޯލިހާއި އެމަނިކުފާނާއި އޮތް ގުޅުން ކިޔައިދެއްވަމުން ރައީސް ނަޝިދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އުޅުއްވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެސް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ތުހުމަތު ކުރައްވައިފަ އެވެ.

https://sun.mv/117830

ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެމަނިކުފާނު އުންމީދު ކުރެއްވީ 58 ގޮނޑި ކަމަށާއި ނަމަވެސް 60 އަށް ވުރެ ގިނަ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

comment ކޮމެންޓް