"މެސީގެ ޖާދޫ ފެނި އިތުރަކަށް ހައިރާނެއް ނުވޭ"

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ގާއީ އެޓްކިންސަން

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ޖާދޫ އެތައް އަހަރެއް ވަންދެން ފެނި ހައިރާންވުން ހުއްޓިއްޖެ ކަމަށް އެ ޓީމުގެ ވައިސް ކެޕްޓަން އަދި ގިނަ ދުވަސްތަކެއް ވަންދެން މެސީއާ އެކު ކުޅެފައިވާ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓް ބުނެފި އެވެ.

ވޭތުވެ ދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެ ހައިރާންކޮށްލާ ފަދަ އެތައް ހުނަރެއް ދެއްކުމުގައި މަޝްހޫރުކަން ހޯދުމުގެ އިތުރުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ މެސީ މި ސީޒަނުގައި ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންްނެވެ. އޭނާ ވަނީ މި ސީޒަނުގައ ކުޅުނު 40 މެޗުން 43 ގޯލު ޖަހައިފަ އެވެ.

ޔޫރަޕުގެ ޓޮޕް ސްކޯރާގެ އިތުރުން ޓޮޕް އެސިސްޓާ އަދި އެންމެ ގިނަ ޗާންސް ކްރިއޭޓް ކޮށްފައި ވަނީ ވެސް މި ސީޒަނުގައި މެސީ އެވެ.

އާޖެންޓީނާއަށް އުފަން ނަމަވެސް ކުޑައިރުން ފެށިގެން ސްޕެއިންގައި ދިރިއުޅެމުން އަންނަ މެސީގެ ޖާދޫ ގިނަ އަހަރުތަކެއް ވަންދެން ފެނި އޭނައާ އެކު ކުޅެމުން އަންނަ ބާސެލޯނާގެ ޓީމް މޭޓް ސާޖިއޯ ބުސްކެޓް ބުނާ ގޮތުން އޭނާއަށް މެސީގެ ޖާދޫ ފެނިފެނި އެކަން މިހާރު އާންމު ކަމަކަށް ވެއްޖެ އެވެ. އަދި މެސީގެ ފަރާތުން ހައިރާން ކުރުވަނި މަންޒަރެއް ފެނުނަސް އިތުރަށް އާޝޯހު ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރަމެން މިއީ ވަރަށް ނަސީބުގަދަ ބައެއް. ސަބަބަކީ ކޮންމެ ދުވަހަކު އޭނައާ [މެސީއާ] އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން އަހަރަމެނަށް ފުރުސަތު ލިބޭތީ،" ކުޅިވަރުގެ ނޫހެއް ކަމަށްވާ ސްޕޯޓްސް ޑެއިލީއަށް މައުލޫމާތު ދެމުން ސާޖިއޯ ބުސްކެޓް ބުންޏެވެ.

"ވޭތުވެ ދިޔަ 11 ވަރަކަށް އަހަރު މެސީއާ އެކު ކުޅުމުގެ ފުރުސަތު އަހަންނަށް ލިބުނު. އެ މުއްދަތުގެ ތެރޭގައި އޭނަގެ ހުނަރާއި އަޖައިބު ކުރުވަނި އެތައް މަންޒަރެއް އެންމެ ގާތުން ފެނުނު އެކަކީ އަހަރެން،"

"އަހަރަކަށް ފަހު އަހަރެއް އޭނާ އެ ޖާދޫތައް އެންމެނަށް ދައްކަމުން އެބަދޭ. އޭނާ އަކީ އާދަޔާ ޙިލާފު ކުޅުންތެރިއެއް. އެކަމު އޭނަގެ އެ ޖާދޫތައް އަހަރެންނަށް ގުނާ އަދަދު ނުކުރެވޭ ވަރަށް ފެނި އެކަމުން އިތުރު ހައިރާން ކަމެއް އިތުރަކަށް ނުލިބޭ."

ބާސެލޯނާ މި ސީޒަނުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ އިރު އެ ޓީމަށް މި ސީޒަނުގައި ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. ރަށުން ބޭރުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާ ބައްދަލު ކުރާ މެޗު ބެލުމަށް މިހާރު ވެސް ގިނަ ބަޔަކު ތިބީ ކެތްތެރިކަން ކޮޅުންލައިފަ އެވެ.

comment ކޮމެންޓް