ޒިޔާދާގެ ފިރިމީހާގެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅައިފި

ޒިޔާދާ މަރުވި މައްސަލައިގައި ދައުވާ ކުރި އޭނާގެ ފިރިމީހާ، ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހު --

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު 28ގައި މަރުވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އެ ރަށު ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ކްރިމިނަލް ކޯޓުގައި ސާބިތު ނުވުމުން، އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ޝާހުގެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ހުކުމްކޮށްފައި ވަނީ ޝާހުގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށެވެ.

މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޝާހުގެ ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތުވުމާ ގުޅިގެން ފާހަގަ ކުރެވުނު ކަންކަމާ ބެހޭ އިސްތިއުނާފު މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޒިޔާދާގެ މަރާއި ގުޅިގެން ޝާހު ހައްޔަރު ކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު މީގެ ކުރިން ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު، ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ.

ޝަތީހު ވިދާޅުވެފައިވާ ގޮތުން ޒިޔާދާގެ ޅަނބޮށީގެ 10 ސެންޓު މީޓަރު މަތިން ކަނާތުގެ ކުރިމަތީގައި ދެ ސެންޓިމީޓަރު މަތިން ލޭ ގަނޑުވެފައި ހުރި ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓޫން ފާހަގަ ކުރެވުނެވެ. އޭގެ އިތުރުން ވާތުގެ ކުޑަހުޅުން ތިން ސެންޓުމީޓަރަށް ލޭ ގަނޑުވެފައި ހުރި އިރު ބޮލުގެ ހަންގަނޑުގައި ލޭ ގަނޑުވެފައި ހުރި ތަނެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޒިޔާދާ މަރުވުމުގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އަދި މާލޭގައި ހުންނަ ޑރ. ޔަގާނެގީ ކްލިނިކަށް ވެސް ދެއްކި އެވެ. އޭނާ މަރުވީ އެފަހުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

comment ކޮމެންޓް