ޖަޕާނުގެ މެރިން ޑައިވިންގް ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

ޖަޕާނުގައި ބޭއްވި ފެއާގެ ތެރެއިން---

ތިން ދުވަހުގެ މުއްދަތަކަށް ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށް ގެންދިޔަ މެރިން ޑައިވިންގް ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

މި އަހަރު އެމްއެމްޕީއާރްސީއާ އެކު ޖަޕާނުގައި ހުންނަ ދިވެހި އެންބަސީއިން ހަރަކާތްތެރިވެފައިވެ އެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވައިފައިވާ ސަފީރު އިބްރާހިމް އުވައިސް އެވެ.

މެރިން ޑައިވިން ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ޑައިވިނަށް ލޯބިކުރާ ފަތުރުވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ކަނޑުތަކުގެ ތަފާތުކަމާ ރާއްޖެއާ ބެހޭ މައުލޫމާތު ހިއްސާކުރުމެވެ. އަދި ރާއްޖޭގެ ޑައިވް ސެގްމަންޓަށް އިތުރު ކުރިއެރުން ގެނައުމަށް އިންޑަސްޓްރީގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އިން ބުނީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޑައިވިން ފެއާގައި ރާއްޖޭގެ ޑައިވް ސެގްމެންޓާ އިތުރު އެކި ސެގްމެންޓްތަކާ ގުޅޭ ހަރަކާތްތައް ރާއްޖޭގެ ބޫތްގައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ޖަޕާނުގައި ބޭއްވި ފެއާގެ ތެރެއިން---

އޭގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތައް ރަހަބެލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އަދި އޭގެ އިތުރުން ޖަޕާނުގެ މަޝްހޫރު ގޭމެއްކަމަށްވާ ބިންގޯ ގޭމް ކުޅެގެން މޮޅުވާފަރާތަކަށް ލިޔެލާ ރެޓްރީޓްގެ ފަރާތުން ފަސް ދުވަހުގެ ހުރުން ލިބިގެންދާނެ އެވެ.

ޖަޕާނަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނުވަވަނައަށް އެންމެ ބޮޑު މާކެޓެވެ. މިދިޔަ އަހަރު ޖަޕާނުން އަހަރު ޗުއްޓީ ހޭދަކުރުމަށް ޓަކައި 42،304 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2017 ވަނައަހަރާ އަޅާބަލާ އިރު 2.8 ޕަސެންޓްގެ ކުރިއެރުމެކެވެ. މި އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށް 3،987 ފަތުރުވެރިން ޖަޕާނުން ވަނީ ޒިޔާރަތްކޮށްފައިވެ އެވެ.

މި އަހަރަކީ މެރިން ޑައިވް ފެއާ ބާއްވަމުން އަންނަތާ 27 ވަނަ އަހަރެވެ. އަދި އެ ފެއާއަކީ ޖަޕާނުގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ. ފާއިތުވި 10 އަހަރުގައި ރާއްޖެ އިން ވަނީ އެ ފެއާގައި ބައިވެރިވެ ޖަޕަނީޒް މީހުން އެންމެ ދާހިތްވާ މަންޒިލް އަދި ޑައިވްކުރަން އެންމެ ދާހިތްވާ މަންޒިލްގެ އެވޯޑް ހާސިލްކޮށްފަ އެވެ. އަދި ޖަޕާނު ރައްޔިތުންނަށް އެންމެ ކަމުދާ އޯވަސީސް ޑެސްޓިނޭޝަނުގެ އެވޯޑާއި ޖަޕާނު ރައްޔިތުންނަށް ދެވަނައަށް އެންމެ ކަމުދާ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ވެސް ވަނީ ރާއްޖެ އަށް ލިބިފަ އެވެ.

comment ކޮމެންޓް