"ރޮނާލްޑޯ އަޔަކްސް މެޗަށް ފިޓުވާނެ ކަމުގެ އުންމީދު ބޮޑު"

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ/ ސަޗާ ޕިސަނީ

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސްއާއި އަޔެކްސް ބައްދަލު ކުރާ މެޗަށް އަނިޔާގައި ހުރި ކުރިސްޓިއާނޯ ރޮނާލްޑޯ ފިޓުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލްގްރީ ބުނެފި އެވެ.

ވޭތުވެ ދިޔަ މަހު ޔޫރޯ ކޮލިފައިންގައި ސާބިއާއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަޔަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ފަހުން ޔުވެންޓަސްއާ އެކު ފަރިތަކުރުންތަކުގައި މަދުމަދުން ބައިވެރިވަމުން އައި ނަމަވެސް ލީގުގެ އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަކު ހޯދާފައިވާ ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ރެކޯޑް ހަދައި އެ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ. ފަސް ފަހަރަކު އެ މުބާރާތް ރޮނާލްޑޯ ކާމިޔާބު ކޮށްފައިވާ އިރު އޭނާ ނެތި ނެދަލެންޑުގެ ވަރުގަދަ އަޔެކްސްއާ ވާދަކުރަން ޖެހުމަކީ ޔުވެންޓަސްއަށް ލިބޭނެ ވަރަށް ބޮޑު މާޔޫސްކަމެކެވެ.

ނަމަވެސް ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުނީ ރޮނާލްޑޯއަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ކުރަމުން އަންނަ ކަމަށާއި އަޔެކްސް މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ރޮނާލްޑޯ އަބަދުވެސް ހުންނާނީ ތައްޔާރަށް. އޭނާ އެންމެ ފަހުން ކުޅުނު ލީގު މެޗުގައި ވެސް ކުޅެން އެދުނު. އަޔެކްސް މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމުގެ އުންމީދު އެބައޮތް،" އިޓަލީގެ ނޫހެއް ކަމަށްވާ ސަކައި އިޓާލިއާއަށް މައުލޫމާތު ދެމުން ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުންޏެވެ.

އެލެގްރީ ބުނި ރޮނާލްޑޯއަށް ލިބުނު އަނިޔާއަށް އޭނާ ފުރިހަމައަށް ފަރުވާކޮށްފައިވާ ކަމަށާއި އޭނަގެ ފިޓްނަސް ރަނގަޅު ކަމަށެވެ.

"ބާކީ އަދި ތިން ދުވަސް އެބެއް. އެ މުއްދަތުގެ ތެރޭގައި ރޮނާލްޑޯ 100 ޕަސެންޓަށް ފިޓު ނުވިނަމަވެސް ކުޅެވޭ ވަރު ވާނެ ކަމަށް މި ބަލަނީ. އޭނާ އަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ.

އިޓާލިއަން ލީގުގެ ރެކޯޑު ފީއަކަށް ރޮނާލްޑޯ މި ސީޒަނުގައި ރެއާލް މެދްރިޑް ދޫކޮށް ޔުވެންޓަސްއާ ގުޅުނީ 120 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއަށް ފަހު އޭނާ އަންނަނީ ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކާ ރެކޯޑްތައް ވެސް މުގުރަމުންނެވެ.

comment ކޮމެންޓް