މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށްވެސް ވާނީ އެމްޑީޕީ މެމްބަރެއް: ނަޝީދު

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ކާމިޔާބާ ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އުފާއުފާޅުކުރުމުގެ ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަކަށްވެސް ވާނީ ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރެއް ކަމަށް މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ވަނީ ސުޕް މެޖޯރިޓީ ނަގާފަ އެވެ. މިހާރު ނަތީޖާ ދައްކާގޮތުން 87 ދާއިރާގެ ތެރެއިން އެމްޑީޕީއިން ކާމިޔާބުކޮށްފައިވަނީ 66 ގޮނޑި އެވެ.

ނަޝީދު ރާއްޖެ ޓީވީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަދި ނައިބު ރައީސަކަށްވެސް ވާނީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ އެމްޑީޕީގެ މެމްބަރުން ތިއްބެވުމަށް މަޖިލީހުގެ ރައީސް ކަމުގަވެސް އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގައިވެސް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭނާ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ނެތް ކަމަށެވެ. އެހެންނަވެސް މަޖިލީހުގައި އިސްކޮށް މުހިންމު ދައުރެއް އަދާކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނޫން އަޅުގަނޑު މަޖިލީހުގެ ރައީސް ކަމަކަށް ޝައުގުވެރިއެއް ނުވޭ. އެހެންނަމަވެސް އެމްޑީޕީގައި އެބަތިބި އެކަމަށް ވަރަށް ގާބިލު ބޭފުޅުން. އަދި ވަރަށް ގިނަ ދުވަހު މަޖިލީހުގައި ތިއްބަވާފައި ތިއްބެވި ބޭފުޅުން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ފާހަގަކުރެއްވީ މިހާރުވެސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާ އަދި އާ ދައުރަށްވެސް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަސްލަމްގެ ވާހަކަ އެވެ. ނަޝީދު ވިދާޅުވީ އަސްލަމް އަކީ މަޖިލީހުގެ ރައީސް ކަމަށް ގާބިލް ބޭފުޅެއް ކަމަށެވެ. ނަމަވެސް ގޮތް ނިންމާނީ ހުރިހާ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ މެމްބަރުން ތިބެންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު މި ސަރުކާރު ގެނައުމަށް ވީ ކޯލިޝަނުގެ އެއްބަސްވުމުގައި އޮންނަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ގެންނަން ޖެހޭނީ ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ކޮންމެ ހިނދެއްގައި އެ މަޖިލީހުގެ ރައީސްކަން ކުރައްވާނީ ޖުމްހޫރީ ޕާޓީން ކަނޑައަޅާ އެޕާޓީގެ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރެއް ކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރާނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކަނޑައަޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް." އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެ، ސޮއިކުރި އެއްބަސްވުމުގައިވެ އެވެ.

ޖުމްހޫރީ ޕާޓީއަށް މަޖިލިސް އިންތިހާބުގައި ކާމިޔާބު ކުރެވުނީ ފަސް ދާއިރާ އެވެ.

comment ކޮމެންޓް