މަޖިލީހުގެ ރައީސަކަށް ގެންނާނީ ކޮން ބޭފުޅެއް؟

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާއަށް ތިންވަނަ ދައުރަށް ހޮވުނު އީވާ އަބްދުﷲ (ކ)، އަލަށް އުފެެއްދި މައްޗަންގޯޅި މެދު ދާއިރާއަށް ހޮވިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު (މ) އަދި ހިތަދޫ އުތުރު ދާއިރާއަށް ތިންވަނަ ދައުރަކަށް ހޮވުނު މުހައްމަދު އަސްލަމް (ވ) ----

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އިށީންނާނެ މެމްބަރުން މިވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ރާއްޖޭގެ ތާރީހުގައި އެއްފަހަރާ މަޖިލިސް އިންތިހާބުގައި ސުޕަމެޖޯރިޓީ ހޯދި ފުރަތަމަ ޕާޓީއަށް އެމްޑީޕީ މިވަނީ ވެފަ އެވެ. އެ ޕާޓީގެ އަތްދަށަށް ދައުލަތުގެ ގާނޫނު ހަދާ ގުނަވަން ގޮސްފައިވާ އިރު އެ ދެން އުފެދޭ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަންނާނީ ކާކުތޯ އެވެ.

އެމްޑީޕީގެ ލީޑަޝިޕުގެ ބޭފުޅެއް؟

މި ފަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސުޕަމެޖޯރިޓީ ލިބިފައިވުމާ އެކު ދެން މަޖިލީހުގެ ރައީސަކަށް އިންނަވާނީ ޔަގީނުން ވެސް އެމްޑީޕީގެ ތާއީދު ލިބޭ ފަރާތެކެވެ. އެހެންކަމުން، މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތާއީދު ލިބުން ގާތް، އެ ޕާޓީގެ ފުންނާބު އުސް ފަރާތްތަކަށް ބަލާލަމާ ހިނގާށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެމްބަރުންގެ ތެރެއިން އެންމެ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅާ އެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނަކީ ރައީސް ސޯލިހު ފިޔަވައި އެމްޑީޕީގެ އެންމެ އިސް ލީޑަރު ވެސްމެ އެވެ. އެހެންކަމުން، އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ނަމަ އެމަނިކުފާނަށް ތާއީދު ބޮޑުވާނެ ކަމަށް ބައެއް މާހިރުން ދެކެ އެވެ. ނަޝީދު އެ މަގާމަށް ގެނައުމަށް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވެސް ބޭނުންވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ދެން ހިމެނޭނެ އެންމެ ތަޖުރިބާކާރު ޕާލިމެންޓޭރިންއަކަށް ވާނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އޭނާ އަކީ މިހާރު ވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރެވެ. އަސްލަމް މިފަހަރު އިންތިހާބުވެފައި ވަނީ އޭނާގެ ހަތަރު ވަނަ ދައުރަކަށެވެ. އޭނާ އަކީ ރައީސް ނަޝީދުގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެމަނިކުފާނުގެ އަރިސް ބޭފުޅެކެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ލީޑާޝިޕުގައި ހިމެނޭ ބައެއް ބޭފުޅުން ވެސް ވަނީ މަޖިލީހަށް އިންތިހާބުވެފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ޗެއާޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހިމެނެ އެވެ. މަޖިލީހުގެ ރައީސް ކަމަށް އެއިން ބޭފުޅަކު އައުން ގާތް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.

ފުރަތަމަ ފަހަރަށް މަޖިލީހުގެ ރައީސް ކަމަށް އަންހެނަކު؟

މިފަހަރުގެ އިންތިހާބުގައި 87 ދާއިރައަކަށް 35 އަންހުނުން ވާދަ ކުރި އިރު ހޮވިފައި ވަނީ ހަމައެކަނި ހަތަރު އަންހެނުންނެވެ. އެއީ، ހިންނަވަރު ދާއިރާއަށް ޖީހާން މަހުމޫދު، ތުޅާދޫ ދާއިރާއަށް ހިސާން ހުސެއިން، ގަލޮޅު އުތުރު ދާއިރާއަށް އީވާ އަބްދުﷲ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

މިފަހަރަކީ ނިސްބަތުން އެންމެ މަދުން ރައްޔިތުންގެ މަޖިލީހަށް އަންހެނުން އިންތިހާބުވި ފަހަރެވެ. އެހެންކަމުން، މަޖިލީހުގެ ރައީސް ކަމަށް އަންހެނަކު ގެންނަން ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިންތިހާބުވި ހަތަރު އަންހުންގެ ތެރެއިން އިވާ އާއި ރޮޒައިނާ އަކީ މަޖިލީހުގައި ދެ ދައުރު އަދާކޮށްފައިވާ ތަޖުރިބާ ހުރި ދެ ބޭކަނބަލުންނެވެ. އީވާ އާއި ރޮޒެއިނާ ހޮވިފައި މިވަނީ ތިން ވަނަ ދައުރަކަށެވެ. މާހިރުން ދެކެނީ އަންހެނަކު ހޮވާ ނަމަ އެމްޑީޕީ އިން ނެރޭނީ ރޮޒައިނާ ނުވަތަ އިވާ ކަމަށެވެ.

މީސް މީޑިއާގައި މިހާރު ވެސް ބައެއް ފަރާތްތަކުން ދަނީ އިވާ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ގޮވާލަމުންނެވެ.

އަނެއްކާވެސް ގާސިމް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަަމަށް ގެނެސްފައި ވަނީ ރިޔަސީ އިންތިހާބަށް އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމް އިން ހެދި ކޯލިޝަން އެއްބަސްވުމެއްގެ ތެރެއިންނެވެ.

އެ އެއްބަސްވުމުގައި މަޖިލީސް އިންތިހާބަށް ކުރިމަތިލާނެ ގޮތާ މެދުވެސް އެއްބަސްވުމެއް ހެދި އެވެ. އެގޮތުން ކޯލިޝަނެއްގެ ގޮތުގައި ޕާޓީތަކުން ވަކި ވަކި ދާއިރާތަކަށް ވާދަ ކުރާނެ ގޮތެއް ކަނޑައެޅި އެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޖޭޕީން ބޭނުންވާ މީހަކު ހަމަޖެއްސުމަށް ވެސް އެއްބަސްވި އެވެ.

"ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ކޮންމެ ހިނދެއްގައި އެ މަޖިލީހުގެ ރައީސްކަން ކުރައްވާނީ ޖުމްހޫރީ ޕާޓީން ކަނޑައަޅާ އެޕާޓީގެ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރެއް ކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރާނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކަނޑައަޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް." އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެ، ސޮއިކުރި އެއްބަސްވުމުގައިވެ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބު ކުރީވެސް އެ އެއްބަސްވުމުގެ ދަށުނެވެ.

އެހެންނަމަވެސް، އެފަހުން އެމްޑީޕީ އިން އެއްބަސްވުމާ ހިލާފަށް މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރުމުން، ގާސިމް ވަނީ ކުރީގެ ރައީސް ޔާމީނާ އެކު ކޯލިޝަން ހަދައިފަ އެވެ. އެއާއެކު ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ މެދު ވަނީ ނުވަތަނަވަސްކަން އުފެދިފަ އެވެ.

އެހެން ކަމުން ކޯލިޝަނުގެ ޕާޓީތަކުން ވި އެއްބަސްވުމަށް އެމްޑީޕީ އިން އަމަލު ކުރާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ މަޖިލީހުގެ ރައީސް ކަމަށް ގެންނާނީ އަނެއްކާ ވެސް ގާސިމް އިބްރީހީމެވެ.

މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާ އިރު މަޖިލީހުގެ ރައީސް ކަމަށް އެ ޕާޓީއިން ގެންނާނީ ކޮން ކެންޑިޑޭޓެއްތޯ، މިއީ މިހާރު އެ ސުވާލެއްގެ ޖަވާބަށް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ސުވާލެވެ.

comment ކޮމެންޓް