އެމެރިކާގެ ސިފައިންގެ ލަޝްކަރުތައް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅަނީ

އީރާނުގެ ޕާލަމެންޓްގެ ރައީސް އަލީ ލާރިޖާނީ --

ތެހެރާން (އެޕްރީލް 7) އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާއިން ކަނޑައަޅައިފިނަމަ އެމެރިކާ ސިފައިންގެ ލަޝްކަރުތަކަކީވެސް ޓެރަރިސްޓް ޖަމާއަތެއްގެ ކަމަށް ކަނޑައަޅައި އެކަން އިއްލާން ކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް އަލީ ލާރިޖާނީ ވިދާޅުވީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑއަޅަން އެމެރިކާ ބޭނުންވަނީ އީރާން އިނދަޖައްސާލުމަށް އެމެރިކާ އެޅި ހުރިހާ ފިޔަވަޅުތަކާއި ކުރި ހުރިހާ ކަންތައްތަކެއް ނާކާމިޔާބު ވުމުން އެހެން ގޮތެއް ނެތިގެން ނަފްސާނީ ގޮތުން އީރާން ބަލިކޮށްލުމުގެ މަގްސަދުގައެވެ. އެމެރިކާގެ ސިފައިންގެ ލަޝްކަރުތަކަކީ ގައުމުތަކަށް އިސްވެ ޙަމަލާދީ ގައުމުތަކަށް އަރައިގަނެ ކުށެއްނެތް މީހުން މަރައި ފުޅާދާއިރާއެއްގައި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ ލަޝްކަރުތަކެއް ކަމަށް ލާރިޖާނީ ސިފަކުރެއްވިއެވެ.

އީރާނުގެ ލަޝްކަރުތަކަކީ އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ހަތިޔާރަށް ބަރޯސާވާ ލަޝްކަރުތަކަކަށްވާތީ އެމެރިކާ ކޮންމެ ނިންމުމެއް ނިންމިކަމުގައިވިޔަސް ނަފްސާނީ ގެއްލުމެއް ފިޔަވައި އީރާނަށް އިތުރަށް ލިބޭނެ ގެއްލުމެއް ނޯންނާނެކަމަށް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ލަރިޖާނީ ވިދާޅުވިއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" އިން ބުނެފައިވަނީ އީރާން މައުނަވީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލިކޮށްލުމަށްޓަކައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައެޅުމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިންވަނީ ނިންމާފައެވެ. މިކަން އަންނަ ހޯމަދުވަހު އިއްލާންކުރާނެކަމަށްވެސް ޕެންޓަގަންގެ މަސްއޫލުވެރިއަކާ ހަވާލާދީ "ވޯލް ސްޓްރީޓް ޖާނަލް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނެއެވެ. ވޯލް ސްޓްރީޓުގެ ރިޕޯޓާ ގުޅޭގޮތުން ވައިޓް ހައުސް އިން އަދި އެއްޗެއް ނުބުނެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ އެގައުމުގެ ނިޒާމީ ސިފައިންނަށްވުރެވެސް ބާރުގަދަ މުއައްސަސާއެކެވެ. ގަތްގަނޑަކަށް ތިން ލައްކަ މީހުން ހިމެނޭ އެ ލަޝްކަރަށް އަމިއްލަ ޓެކްނޮލޮޖީގައި ގިނަ ބާވަތުގެ ބަރުހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިވެއެވެ. މީގެތެރޭގައި ޓޭންކާއި ސަބްމެރިން އާއި ހަނގުރާމައިގެ މަނަވަރުތަކާއި ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލާ ފައިޓާޖެޓާއި ޑްރޯންއާއި ރާޑަރުފަދަ ތަކެތި ހިމެނެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާއިން ކަނޑައެޅުމުން ރައްދުގައި އެމެރިކާގެ ސިފައިންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އީރާނުން ކަނޑައަޅައިފިނަމަ އެމެރިކާއަށްވެސް ނަފްސާނީ ގޮތުންނާއި މައުނަވީގޮތުން މައްސަލަތަކެއް ކުރިމަތިވެގެންދާނެއެވެ. އީރާން އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށްޓަކައި އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށް އެމެރިކާ އެންމެފަހުން އެޅި ހަރުކަށި ފިޔަވަޅުތަކުންވެސް އެދެވޭ ނަތީޖާއެއް އަދި ހާސިލް ކުރެވިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް