އިއްޒަތްތެރި މެންބަރު ރައީސް ނަޝީދުތޯއެވެ؟

މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ އިން ބޭއްވި ހަރަކާތް---ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ އިންތިހާބު ކާމިޔާބު ކުރައްވައި މުހައްމަދު ނަޝީދު ވަނީ ތާރީހުން ޖާގަ ހޯއްދަވައިފަ އެވެ. އެތައް ދިވެހިންނެއްގެ "ހިތްތަކުގެ ރައީސް" ކަމުގައި ބުނާ ނަޝީދު އަނެއްކާ ވެސް މިވަނީ ތާރީހުގެ އާ ސަފްހާ އަކުން ޖާގަ ހޯއްދަވައިފަ އެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވައި އަދި ކާމިޔާބު ހޯއްދެވި ފުރަތަމަ ބޭފުޅާގެ ގޮތުގަ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީސް ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރައްވައި ނަޝީދު ކާމިޔާބު ހޯއްދެވި އިރު އެމަނިކުފާނު ވަނީ ވޯޓުގެ 52 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ. ރާއްޖޭގެ ރައީސްކަމުން ރައްޔިތުންގެ މަޖިލީހަށް ނަޝީދު ވަޑައިގެންނެވި އިރު އެމަނިކުފާނަކީ މަޖިލީހަށް އާ ބޭފުޅެއް ނޫނެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަން ވެސް ނަޝީދު ވަނީ ކުރައްވައިފަ އެވެ.

މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ އިން ބޭއްވި ހަރަކާތް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނަމަވެސް އޭރު ނަޝީދަކީ ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ދައުލަތުގެ އެންމެ އިސް މަގާމުން ގާނޫނު ހަދާ މަޖިލީހަށް ނަޝީދު އެނބުރި ވަޑައިގެންނެވި އިރު، މިހާރު އެންމެ ބޮޑަށް ކުރެވޭނެ އެއް ބަހުސް އަކީ މަޖިލީހުގެ ތަޅުމުގައި ނަޝީދަށް މުހާތަބު ކުރާނެ ނަމެއްގެ ބަހުސެވެ. އިއްޒަތްތެރި ރައީސް މުހައްމަދު ނަޝީދު ހެއްޔެވެ؟ އިއްޒަތްތެރި މެންބަރު މުހައްމަދު ނަޝީދު ހެއްޔެވެ؟ ނުވަތަ އިއްޒަތްތެރި މެންބަރު، ރައީސް މުހައްމަދު ނަޝީދު ހެއްޔެވެ؟

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ރައީސްކަން ކޮށްފައިވާ މީހަކަށް މުހާތަބު ކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ރައީސް" މި ލަފްޒު ބޭނުންކުރެވިދާނެ ކަމަށެވެ. ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށްވާތީ، ނަޝީދަށް މުހާތަބު ކުރާއިރު "ރައީސް" މި ލަފްޒު އާންމުކޮށް ނަމުގެ ކުރިއަށް ބޭނުން ކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ވޯޓު ކަރުދާހުގައި ވެސް ނަޝީދުގެ ނަމުގައި ޖަހާފައިވަނީ "ރައީސް މުހައްމަދު ނަޝީދު" އެވެ.

އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރާއިރު "އިއްޒަތްތެރި މެންބަރު" މިގޮތަށް މުހާތަބު ކުރަން ޖެހުމާ އެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ތަޅުމުގައި މުހާތަބު ކުރާނެ ނަމަކާ ގުޅޭ ބަހުސް ވަނީ ޝައުގުވެރިވެފަ އެވެ.

މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ އިން ބޭއްވި ހަރަކާތް-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް މިފަދަ ހާލަތްތައް ދިމާވެފައި ހުރުމާ އެކު، ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ތެރެއިން މުހާތަބު ކުރާނީ ކޮން ނަމަކުންތޯ ކުރެވޭ ސުވާލަކީ މިހާރު "ބޮޑު ސުވާލެވެ". ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނާ މުހާތަބު ކުރަންވީ އެމްޕީ ރާޖަޕަކްސަ މި ނަމުންތޯ ނޫނީ ރައީސް ރާޖަޕަކްސަތޯ ބަހުސް ކުރެވުނެވެ.

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގާނޫނު ހަދާ މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނާ މުހާތަބު ކުރާނީ "އިއްޒަތްތެރި މެންބަރު، ރައީސް މުހައްމަދު ނަޝީދު" މިނަމުންތޯ އެވެ؟

އަނެއްކޮޅުން މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގެންފި ނަމަ ދެން އެމަނިކުފާނާ މުހާތަބުކުރާނެ ނަމަކީ "މަޖިލީހުގެ ރައީސް، ރައީސް ނަޝީދު" މިނަމުންތޯ އެވެ؟

comment ކޮމެންޓް