އަހަރުތަކަކަށް ފަހު އޭއެފްސީގެ މަގާމު ރާއްޖެއަށް ގެއްލިއްޖެ

މާޔަން މުހައްމަދު އަދި ފީފާގެ ރައީސް ގިއަނީ އިންފެންޓީނޯ ---

މިއަދު މެލޭޝިއާގައި ބޭއްވި އޭއެފްސީގެ އިންތިހާބުގެ ދެ މަގާމަކަށް ރާއްޖެއިން ކުރިމަތިލެއްވި ކެނޑިޑޭޓް މާޔަން މުހައްމަދުއަށް ލިބުނު ނާކާމީޔާބީއާ އެކު އަށް އަހަރު ވަންދެން ރާއްޖެއިން ދަމަހައްޓަމުން އައި އޭއެފްސީގެ އެކްސްކޯ ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މީގެ ކުރިން އަށް އަހަރުވެސް ރާއްޖެެއިން މެދު ކެނޑުމެއްނެތި އައީ އޭއެފްސީގެ އެކްސްކޯގައި ވާދަކޮށް މަގާމުތަކެއް ހޯދަމުންނެވެ. ނަމަވެސް ކުރިއަށް އޮތް ފަސް އަހަރަށް އޭއެފްސީގެ މަގާމުތަކަށާއި ފީފާގެ ސަރަހައްދީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން މިއަދު ނެގި ވޯޓުގައި ރާއްޖެ ތަމްސީލު ކުރި މާޔަން ވަނީ ނާކާމިޔާބުވެފަ އެވެ.

މާޔަން އަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމައްޓަކައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭކަނބަލެކެވެ. މާޔަން ވަނީ ކުރިން ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުއްވައިފައެވެ. އަދި އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗު ކަން ކުރައްވައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަންހެން ޓީމުގެ އިސްވެރިޔާގެ މަގާމުގެ އިތުރުން އޭއެފްސީ އަންހެން ކޮމިޓީގެ އެފްއޭއެމްގެ އިސްވެރިޔާ ކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

މިއަދު ބޭއްވި އިންތިހާބުގައި މާޔަން ކުރިމަތިލައްވާފައި ވަނީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެންބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެންބަރުގެ ގޮނޑިއަށެވެ.

މީގެ ކުރިން ހިނގާދިޔަ ދެ ދައުރުގައި ވެސް ރާއްޖޭގެ ކެނޑިޑޭޓުން ވަނީ އެ އިންތިހާބުގެ ގޮނޑިއެއް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖެއިން އޭއެފްސީގެ އެކްސްކޯގެ މަގާމަކަށް ހޮވިވަޑައިގެންނެވި ބޭފުޅަކީ، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ. އޭއެފްސީގެ އެކްސްކޯގެ މެންބަރު ކަމަށް އޭނާ ހޮވިވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ.

އާޒިމްގެ ދައުރު ނިމުމަށްފަހު 2015 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، މި ސަރަހައްދުން އޭއެފްސީގެ އެކްސްކޯއަށް، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަޑައިގެންނެވި އެވެ.

މިއަދު ބޭއްވި އިންތިހާބު މާޔަންއަށް ނާކާމީޔާބު ވީ އިރު އޭނަ ކުރިމަތި ލެއްވި މަގާމުތަކަށް ހޮވިފައި ވަނީ މީގެ ކުރިން ވެސް އެ މަގާމުތަކުގައި ހުންނެވި އޭޝިއާގެ އަންހެން ފުޓްބޯޅައިގައި ނުފޫޒު ގަދަ މީހެއް ކަމަށްވާ، ބަނގުލަދޭޝްގެ މަހްފޫޒާ އަހްތަރު ކިރޮން އެވެ.

މަހްފޫޒާގެ އިތުރުން އިންތިހާބުގައި ދެން ގޮނޑިތައް ކާމިޔާބު ކުރި އިތުރު ބައެއް ބޭފުޅުންނަށް ބަލާ އިރު މިފަހަރު ވެސް އޭއެފްސީގެ ރައީސްކަމަށާއި ފީފާގެ ސަރަހައްދީ ސީނިއާ ނައިބުގެ މަގާމަށް ހޮވި ވަޑައިގަތީ ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އެވެ. ޝެއިޙް ސަލްމާން އެ މަގާމުތަކަށް ހޮވި ވަޑައިގަތީ ވޯޓަކަށް ނުގޮހެވެ. ސަބަބަކީ އޭނާއާ ވާދަ ކުރަން ނަން ހުށައަޅާފައި ދެން ތިބި އިތުރު ކެނޑިޑޭޓުން ނަން އަނބުރާ ވަނީ ގެންގޮސްފަ އެވެ.

މީގެ އިތުރުން ފީފާ ކައުންސިލްގެ މެމްބަރުންނަށް މިފަހަރު ހޮވުނީ ޒޫ ޒަކާއީ (ޗައިނާ)، ޕްރަފުލް ޕަޓޭލް (އިންޑިއާ)، ކޯޒާ ޓަޝިމާ (ޖަޕާން)، މަރިއާނޯ އަރެންޓޯ (ފިލިޕީންސް)، ސައުދު އަލް މުހަންނަދީ (ގަތަރު) އެވެ.

comment ކޮމެންޓް