"ޔޫރަޕިއަން ޔޫނިއަން"ގެ ލޭބަލާ ނުލައި ޔޫކޭ ޕާސްޕޯޓު ދޫކުރަން ފަށައިފި

އިނގިރޭސިވިލާތުން ވަނީ "ޔޫރަޕިއަން ޔޫނިއަން"ގެ ލޭބަލް ޖަހާފައި ނުވާ (ވ) ޕާސްޕޯޓުތައް ދޫކުރަން ފަށާފައި -- ފޮޓޯ: ޕީއޭ

ލަންޑަން (އޭޕްރިލް 6): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވާ ތާރީހު ލަސް ކުރި ނަމަވެސް، އީޔޫގެ ލޭބަލް އުނިކުރުމަށް ފަހު އެގައުމުގެ ޕާސްޕޯޓުތައް ހަދައި، ދޫކުރަން ފަށައިފި އެވެ.

އިނގިރޭސިވިލާތުން އާ ޕާސްޕޯޓު ދޫކުރަން ފެށީ މިދިޔަ މަހުގެ 30އިން ފެށިގެންނެވެ. އެއީ މީގެ ކުރިން އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ކަނޑައަޅާފައި އޮތް ތާރީހެވެ.

އާ ޕާސްޕޯޓު ލިބުނު ބައެއް ފަރާތްތަކުން ވަނީ އިނގިރޭސިން އީޔޫއިން ވަކިވުމުގެ ކުރިން ޕާސްޕޯޓު ދޫކުރަން ފެށުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އިނގިރޭސި ހޯމް އޮފީހުން ވަނީ އީޔޫގެ ލޭބަލް ޖަހާފައިވާ ޕާސްޕޯޓުތަކުގެ ސްޓޮކް ހުސްވަންދެން އެޕާސްޕޯޓު ވެސް ދޫކުރަމުންދާނެ ކަމަށް ބުނެފަ އެވެ. އަދި އެދޭތީގެ ތެރެއިން ކޮންމެ ޕާސްޕޯޓަކުން ވެސް އިނގިރޭސި ރައްޔިތުންނަށް ދަތުރު ކުރެވޭނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ހޯމް އޮފީހުން ބުނި ގޮތުގައި މި އަހަރު ނިމުމުން، އިނގިރޭސިން އީޔޫއާ ގުޅުމުގެ ކުރިން ބޭނުން ކުރި ނޫކުލައިގެ ޕާސްޕޯޓު އަނެއްކާވެސް ތައާރަފް ކުރާނެ އެވެ.

އިނގިރޭސިން އީޔޫއިން ވަކިވާ ތާރީހު ލަސްކޮށްފައި ވަނީ ބޮޑުވަޒީރު ތެރީސާ މޭ އެކުލަވާލެއްވި ބްރެކްޒިޓް އެއްބަސްވުމަށް ރުހުން ދޭން ޕާލިމެންޓުން ތިން ފަހަރު ދެކޮޅު ހެދުމުންނެވެ. އޭގެ ސަބަބުން ބްރެކްޒިޓް ލަސް ކުރަން މޭ ވަނީ ދެ ވަނަ ފަހަރަށް އީޔޫގައި އެދިވަޑައިގެންފަ އެވެ. އެންމެ ފަހުން އެކަމަނާ އެދިވަޑައިގަތީ ޖޫން 30އަށް ބްރެކްޒިޓް ލަސްކޮށްދިނުމަށެވެ.

comment ކޮމެންޓް