އަންނަ ހަފްތާގައި އަރަބިއްޔާ ސްކޫލަށް ހުރިހާ ޓީޗަރުން ހަމަޖެހޭނެ

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންތަކެއް އެ ސްކޫލްގެ ބޭރުގައި މަޑުކޮށްލައިގެން --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އަންނަ ހަފްތާގައި އަރަބިއްޔާ ސްކޫލަށް ހުރިހާ ޓީޗަރުން ހަމަވާނެކަަމަށް އެ ސްކޫލުން ބުނެފިއެވެ.

އަރަބި މީޑީއަމް އަށް ކިޔަވައިދޭ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއް ރަހީމް ވިދާޅުވީ އަރަބިއްޔާ ސްކޫލަށް މިސްރުގެ އަޒްހަރު ޔުނިވާސިޓީން ފޮނުވާ 17 ޓިޗަރުންގެ ތެރެއިން 14 ޓީޗަރުންގެ ވިސާ މިދިޔަ ހަފްތާގައި ހަމަޖެހިފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ތިން ޓީޗަރުންގެ ވިސާވެސް އަންނަ ހަފްތާގައި ހަމަޖެހޭނެކަމަށް ވަަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ދިރާސީ އަހަރު ފެށުނުއިރުވެސް އަރަބިއްޔާއަށް ޓީޗަރުން ހަމައެއް ނުވެއެވެ. އަދި ޓީޗަރުން ހަމަ ނުވާތީ އެ ސްކޫލުގައި ކިޔަވައިދެމުން ގެންދިޔައީ ޕާޓްޓައިމް ޓީޗަރުން ގެނެސްގެންނެވެ. ނަމަވެސް ސައިންސް ފަދަ މާއްދާތައް އަރަބި ބަހުން ކިޔަވައިދޭނެ ޓީޗަރުން ނުލިބޭތީ އެ މާއްދާތައް ކިޔަވައިދިނުމަށް އޮތީ ދަތިވެފައެވެ.

ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް ދާދި ފަހުން ވަނީ މިސްރަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަރަބިއްޔާގެ ދަރިވަރުން މި އަހަރު ފަހުކޮޅު ޝަހާދާ ސާނަވިއްޔާ އިމްތިހާންގައި ބައިވެރިވާން ޖެހޭތީ އެ ކުދިންގެ ކިޔެވުން އެންމެ ދުވަހެއް ވެސް ގެއްލުމަކީ ބެެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ.

"އެ ދަރިވަރުން އެބަ ކިޔަވާ 17، 18 މާއްދާ. ޓީޗަރުން ލަސްވާ ކޮންމެ ދުވަހަކާ ހުރެ އެތަކެއް ފިލާވަޅުތަކެއް ގެއްލިގެން ދަނީ،" އެ ސްކޫލުގެ ބެލެނިވެރިޔެއް ބުންޏެވެ.

އަރަބިއްޔާ ސްކޫލަށް ޓީޗަރުންގެ މައްސަލަ ދިމާވީ އެ ސްކޫލަށް މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ފޮނުވި ޓީޗަރުންތަކެއްގެ ވިސާ ނެތް ކަމަށް ބުނެ ރާއްޖޭގެ އެއާޕޯޓުން އެ ޓީޗަރުންތައް ޑީޕޯޓު ކޮށްލި ހިސާބުންނެވެ.

އަރަބިއްޔާއަށް މިސްރުން ފޮނުވާ ޓީޗަރުންނަށް މުސާރަ ދެނީ މިސްރުގެ ސަރުކާރުން ކަމަށް ވެފައި، ވިސާއަކީ ރާއްޖޭގެ ފަރާތުން ހަމަޖައްސާ ކަމަކަށް ވާ އިރު އެ ކަން ހަމަނުޖެހި ލަސްވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބެލެނިވެރީން ބުނެއެވެ.

comment ކޮމެންޓް