ވައިގެ ހަމަލާތަކާ ބެހޭ ތެދު ހާމަ ކުރަން ޕާކިސްތާނުން އިންޑިއާއަށް ގޮވާލައިފި

އިންޑިއާއިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ފައިޓާ ޖެޓެއް ވެއްޓުނު ކަމަށް އެގައުމުން ބުނޭ -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (އޭޕްރިލް 5): މިދިޔަ ފެބްރުއަރީ މަހު އިންޑިއާއިން ދިން ވައިގެ ހަމަލާތަކާ ބެހޭ ގޮތުން ތެދު ހާމަ ކުރުމަށް ޕާކިސްތާނުން އިންޑިއާއަށް ގޮވާލައިފި އެވެ.

އިންޑިއާއިން ބުނާ ގޮތުގައި ފެބްރުއަރީ 27ގައި އެގައުމުގެ ފައިޓާ ޖެޓަކުން ވަނީ ޕާކިސްތާނުގެ އެފް-16 ޖެޓަކަށް ހަމަލާދީ އެއުޅަނދު ވައްޓާލައިފަ އެވެ. އަދި އޭގެ ރައްދެއްގެ ގޮތުން ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ ޖެޓެއް ވަނީ ޕާކިސްތާނަށް ވެއްޓިފަ އެވެ. އެޖެޓުގައި އިން ޕައިލެޓު އަބީނަންދަން ވަރުތަމަން ޕާކިސްތާނުން ހައްޔަރު ކުރުމަށް ފަހު ދެ ދުވަސް ފަހުން ދޫކޮށްލި އެވެ.

ނަމަވެސް ޕާކިސްތާނުން ވަނީ އިންޑިއާ އިން ދިން ހަމަލާތަކުގައި އެގައުމުގެ ޖެޓެއް ވެއްޓިފައި ނުވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި އެމެރިކާގެ ފޮރިން ޕޮލިސީ މެގަޒިންއަކުން ވަނީ ޕާކިސްތާނުގެ އެފް-16 ފައިޓާ ޖެޓެއް ވެއްޓިފައިވާ ނުވާ ކަން އެމެރިކާގެ ޑިފެންސް އޮފިޝަލުން ޔަގީންކޮށްދީފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

އެފް-16 ޖެޓުތަކަކީ އެމެރިކާގެ ލޮކްހީޑް މާޓިންއިން އުފައްދާ އުޅަނދުތަކެވެ. އަދި އެމެރިކާ ސަރުކާރުން ފޯރުކޮށްދޭ އެހީގެ ދަށުން އެގައުމުން ވަނީ ގިނަ އަދަދެއްގެ އެފް-16 ޕާކިސްތާނަށް ވިއްކައިފަ އެވެ.

މީގެ އިތުރުން އިންޑިއާ އިން ބުނާ ގޮތުގައި އެގައުމުން ދިން ހަމަލާ އަމާޒު ކުރީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޖައިޝް މުހައްމަދުގެ ޓްރެއިނިން ކޭމްޕުތަކަށެވެ. އަދި އެހަމަލާގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވި އެވެ. ނަމަވެސް ޕާކިސްތާނުން ބުނި ގޮތުގައި އެހަމަލާ އަމާޒުވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. އެހެންކަމުން އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އެހާދިސާ ހިނގާފައި ވަނީ އިންޑިއާއިން އަންނަ ހަފްތާގައި ބާއްވާ އާއްމު އިންތިހާބަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އިންޑިއާ އިން ދިން ހަމަލާތަކަށް ފަހު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެއީ އެގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

comment ކޮމެންޓް