ކުރިން 70 މިލިއަނަށް ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމެއް، 27 މިލިއަނަށް ގާއިމުކުރެވޭ: ރައީސް

ރޭ އެމްޑީޕީގެ މަޖިލިސް ކެމްޕޭން ނިންމުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 70 މިލިއަން ރުފިޔާއަށް ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު 27 މިލިއަން ރުފިޔާއަށް ގާއިމުކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ މަޖިލިސް ކެމްޕޭން ނިންމުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ނުވާނެކަން ސާބިތުކޮށްދެމުންދާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން މާލީ ހިސާބުތައް އާންމުކުރަމުން ދިއުމަކީ އެކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގާފައި ވަނީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ނުއަގުގައި ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށްފައިވާ އަގުތައް އެމަނިކުފާނު މިސާލަކަށް ނެންގެވިއެވެ.

"ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް މީގެ ކުރީ ސަރުކާރުން 70 މިލިއަން ރުފިޔާ ހަރަދުކުރި އިރު ހަމަ މި މަސައްކަތްކުރުމަށް ދަނީ 27 މިލިއަން ރުފިޔާކަން މިއަދު އަޅުގަނޑުމެންނަށް އެބަ އެނގޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ފްލެޓުތައް ބެހި އިރުގައިވެސް ވަކި ބަޔަކަށް ފައިދާވާ ގޮތަށް އެކަންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބޭއިންސާފުން ދިން ފްލެޓުތައް ހޯދައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ އެންމެނަށް އެމަނިކުފާނުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ދެފުށް ފެންނަ އިންސާފުވެރި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެވިއްޔާ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ލިބިގެންދާނެ. އަޅުގަނޑުމެން އެކަން ކުރާނީ އިންސާފުން. ދެފުށް ފެންނަ އުސޫލުން،"

ކުރީގެ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް ހިންގާފައި ވަނީ ނުއަގުގައި ކަމަށް ބުނެ މީގެ ކުރިންވެސް ރައީސް ސޯލިހު ފާޑުވިދާޅުވެފައި ވެއެވެ. އެގޮތުން، ކުރީ ސަރުކާރުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލާއި ސިނަމާލެ ބްރިޖުވެސް އޭގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު މީގެ ކުރިން ނެންގެވިއެވެ.

"މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެން ސާބިތުކޮށްދިން ފަދައިން މި ސަރުކާރު ވެގެންދާނީ ހުރިހާ ދާއިރާއަކުން މި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ އިންސާފުވެރި ސަރުކާރަކަށް،" ރައީސް ރޭ ވިދާޅުވިއެވެ.

comment ކޮމެންޓް