އޭރު ތިން ބާރު ވަކިކުރުން، މިހާރު އެއްކުރުން!؟

ކުރީގެ ރައީސް ޔާމީން އަދި ރައީސް ސޯލިހު ކެމްޕޭންގައި --

ދެހާހުގެ އަހަރުތަކުގެ މެދު ތެރެ، އަދި ފަހު ކޮޅު އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައަކީ ތިންބާރު ވަކިކުރާ ވާހަކަ އެވެ. ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި އޭރު ހުރި ޓެޓްރާޕޮޑް ކައިރިއަށް ކޮންމެ ދުވަހަކު އެއްވެ، އެއްވާނަކަށް ގޮވަމުން ދިޔައީ ވެސް ތިން ބާރު ވަކި ކުރާ ވާހަކަ އެވެ. އެންމެ ފަހުން އެ ސަރަހައަދަށް ތިން ބާރު ވަކި ކުރި ސަރަހައްދޭ ކިޔައި ނަންދޭ ވަރަށް ވެސް އެ އަޑު އެރުވި އެވެ. އެއީ ފެހި ގާނޫނު އަސާސީ އެކުލަވާލި ދުވަސްވަރުކަމުން އެ ވާހަކަ ވައިގައިހިފި އެވެ. އަދި ގާނޫނު އަސާސީ ފާސްވެގެން އައީ ކަޅާއި ހުދުން ތިން ބާރު ވަކިވެގެންނެވެ.

އޭގެ 10 އަހަރު ފަހެވެ. ލަވަޔާއި ރާގު ބަދަލުވެއްޖެ އެވެ. މިހާރު ސީދާކޮށާއި ނުސީދާކޮށް ވެސް ދެއްކޭ ވާހަކައަކީ ތިން ބާރު އެއްކުރާ ވާހަކަ އެވެ. ރާއްޖޭގެ މުޅި ތާރީހުގައި ވެސް ރައްޔިތުންގެ ހައްގުތައް އެންމެ ބޮޑަށް ކަށަވަރުކޮށްދީފައިވާ ގާނޫނު އަސާސީ ކަމުނުދާ ވާހަކަ އެވެ؛ އެ ގާނޫނު އަސާސީ ފާސް ކުރީ ކުރީގެ 30 އަހަރުގެ ވެރިކަމުގެ ބާރުތައް ނިގުޅައިގަތުމަށް ހެދި ގާނޫނު އަސާސީއެއް ކަމުގެ ވާހަކަ އެވެ. އަދި ނިޒާމު ވޯޓު ނެގީ ވެސް އޮޅުވާލައިގެން ކަމުގެ ވާހަކަ އެވެ. އޭރު ކުރިން ބުނަމުން ދިޔައީ ފެހި ގާނޫނު އަސާސީއަކީ މުޒާހަރާގެ ގާނޫނު އަސާސީ ކަމަށާއި އެ ގާނޫނު އަސާސީއަކީ މުޅި ދުނިޔޭގައި ވެސް ނެތް ފަދަ ލާމަސީލު ގާނޫނު އަސާސީއެއް ކަމުގެ ވާހަކަ އެވެ.

މި ކިޔަނީ ކީކޭތޯ އެވެ؟

އެއީ އެ ވާހަކަ އެވެ. ދެން ވެސް 19 ވަނަ މަޖިލީހުގެ ކެމްޕޭންގެ ތެރެއިން އަޅައިގަތީ އެފަދަ ސުރުހީ އެކެވެ؛ ސަރުކާރަށް އެއްބާރުލުންދޭ މެންބަރުންގެ ދާއިރާތަކަށް ކަންތައްތައްކޮށްދޭން ފަސޭހަވާނެ ވާހަކަ އެވެ.

މިކިޔަނީ ވެސް ކީކޭތޯ އެވެ؟

ތިން ވަނަ ވާހަކައަކީ އިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ބަޣާވާތް ކުރާނެ ވާހަކަ އެވެ.

އަޅުގަނޑު ހުރީ މި ކެމްޕޭންގައި އެއްވެސް އެއްޗެެއް ނުބުނެ ހުރެވޭތޯ އެވެ. އެކަމަކު ވަކި ވަރަކަށް ދެން ތިބި މީހުންނަކީ ތަނެއް ދޮރެއް ނުދަންނަ މީހުންނޭ ތިމަންނަމެން ކޮންމެ އެއްޗެއް ގޮވިއަސް ދެން ތިބި މީހުންނަށް އެނގޭނެ އެއްޗެއް ނޯނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަން ފެށުމުން އެއްޗެއް ބުނަން މަޖުބޫރުވީ އެވެ.

ފެހި ގާނޫނު އަސާސީ ދިފާއުކުރާކަށް އަޅުގަނޑު ނެތީމެވެ. ކޮންމެ އެއްޗަކީ ވެސް އަދި ކޮންމެ ކަމަކީ އަބަދު ވެސް ފުރިހަމަ ކުރަން ޖެހޭ އަދި ކުރަން ޖެހޭނެ އެއްޗިއްސެވެ. އެކަމުގައި ނިމުމެއް ނޯނާނެ އެވެ. އެކަމަކު ތިމަންނަމެން އިދިކޮޅުގައި ތިބޭ އިރު، އެ ގާނޫނު އަސާސީގެ ހުރި ފޮނި މީރު ކަމުގެ ވާހަކަތައް ދެއްކުމަށް ފަހު، ސަރުކާރު އަތަށް އެރުމުން މި ވަނީ ކިހިނެއްތޯ އެވެ؟ ބާރުތައް މުށުތެރެއަށް ލުމުގެ ޝައުގުވެރިކަން ހަމަ ބޮޑީ ދެެއްތޯ އެވެ؟ ނޫނީ ކުރިން ރަނގަޅުވި ކަންކަން ފަހުން ގޯސްވާން ޖެހޭ ސަބަބެއް، ހަމަ ވިސްނައި ވިސްނައި ވެސް ނޭނގުނެވެ.

ތިން ބާރަކީ ވަކިން އޮންނަން ޖެހޭ އެއްޗެކެވެ. އަދި އެއީ ރައްޔިތުން ބޭނުންވި ގޮތްވެސް މެ އެވެ. ގާނޫނު އަސާސީ ޑިޒައިން ކުރި ބޭރުގެ ތަޖުރިބާކާރުން ގާނޫނު އަސާސީ އެ ގޮތަށް ބައްޓަންކޮށްފައި އެ އޮތީ އޮޅުމަކުންނެއް ނޫނެވެ. އެއީ މުތަލަގު ބާރެއް އެއްވެސް ބަޔަކަށް ލިބިއްޖެ ނަމަ އެ ބާރު ގިނަ ފަހަރު ނަހަމަ ގޮތުގައި ބޭނުން ކުރާނެތީ އެވެ. ހައްދެއް ނެތް ބާރު، ހައްދެއް ނެތި ފަސާދަ ވާނެ ކަމަށް ބުނަނީ ވެސް އެހެންވެގެންނެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެކަން ވަނީ ވަރަށް ރަނގަޅަށް ފެނި އަތުން ހިފާފައި ވެސްމެ އެވެ.

ދެން އޮތީ އިދިކޮޅަށް މަޖިލީސް ލިބިއްޖެ ނަމަ ބަޣާވާތް ކުރާނެ ވާހަކަ އެވެ. މިއީ ވެސް ވަރަށް ޝައުގުވެރި ވާހަކަ އެކެވެ. އެއް ބަޔަކު ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ނޫނީ އެ ކިޔާ ބަޣާވާތްކޮށްގެން ވައްޓާލި ވާހަކަ އެވެ. އަނެއް ބަޔަކު ބުނަނީ އެންމެންގެ ކުރިމަތީގައި އަދި ލައިވް ޓީވީ ކުރިމަތީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ކަމަށެވެ. އެކަމުގެ ބަހުސަކަށްދާކަށް އަޅުގަނޑު ނެތީމެވެ.

އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކިޔާ ބަޣާވާތް ކުރަން ކިތައް ފަހަރު މަސައްކަތްކުރިތޯ އެވެ؟ މަޖިލީހުގެ ތެރެއިންނާއި އެ ނޫން ގޮތް ގޮތުން ކިތައް ފަހަރު "ބަޣާވާތްކުރަން" އުޅުނުތޯ އެވެ. އެއީ ބަޣާވާތެތެއް ނޫންތޯ އެވެ. ބާރުގެ ބޭނުން ކުރައްވައިގެން ވެސް ރައީސް ޔާމީން އެ ފުރުސަތު ނުދިނީ ނޫންތޯ އެވެ. އެކަމަކު އެއީ ބަޣާވަތަށް ނުވެފައި ވަކި ބަޔަކާ ދެކޮޅަށް ހިންގާ ކަންކަން ބަޣާވާތަކަށް ވަނީ ކިހިނެއްތޯ އެވެ؟ ރައީސް ޔާމީން ހިންގެވިކަންކަން ވެސް ދިފާއުކުރާކަށް އަޅުގަނޑު ނެތީމެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވެރިއަކު ގާނޫނީ ހަމަތަކުގެ ތެރެއިން އަޒުލު ކުރުމަކީ އެއީ ބަޣާވާތެއް ނޫނެވެ. އެކަމަށް ގާނޫނު އަސާސީ އިން ޖާގަ ދީފައި އޮންނަނީ ވެސް އެހެންވެގެންނެވެ. އެއަކަށް ބަޣާވާތެކޭ ނުކިޔޭނެ އެވެ.

ދެން އޮތީ ފަހު ނުކުތާ އެވެ. ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެކެވެ. ސަރުކާރަށް ތާއިދުކުރިއަސް ނުކުރިއަސް، ރައްޔިތުންނާ ދޭތެރޭ އަމަލުކުރަން ޖެހޭނީ ހަމަހަމަ އުސޫލަކުންނެވެ. ތިމަންނަމެންގެ ޕާޓީ އަށް ތާއީދު ކުރާ މީހުންނަށް ސަރުކާރުގެ ހުރިހާ މަދަދެއް ލިބޭ ނަމަ ކީއްކުރަން ސަރުކާރެއްތޯ އެވެ. ހިޔާލު ތަފާތުވާ މީހާ އާއި ހިޔާލު އެއްގޮތް މީހާގެ ވެސް ސަރުކާރެވެ. ހާއްސަކޮށް ޕާޓީ ނިޒާމެއްގެ ތެރެއިން ވެރިއަކު އިންތިހާބުވުމަށް ފަހު، އެއީ އެންމެންގެ ރައީސް އެވެ. އަދި އެންމެންގެ ސަރުކާރެވެ. ތިމަންނަމެން ކަންތައްތައް ކޮށްދޭނީ ވަކި ބަޔަކަށް ކަމަކަށް ނުބުނެވޭނެ އެވެ. އެެއީ ވަރަށް ބޭއިންސާފު ވާހަކަ އެކެވެ. އެހެންނޫނަސް ޓެކްސް ދައްކަނީ ރައްޔިތުންނެވެ. ބަޖެޓްގައި ހުންނަނީ ރައްޔިތުންގެ ފައިސާ އެވެ.

މި ސަރުކާރަކީ ކޯލިޝަން ސަރުކާރެކެވެ. ސަރުކާރު ދެމި އޮންނަންވާނީ ވެސް ކޯލިޝަން ސަރުކާރެއްގެ ގޮތުގަ އެވެ. ރައްޔިތުނަށްވީ ވައުދަކީ އެއީ އެވެ. ރައީސް ސޯލިހު ކެމްޕޭން ތެރޭގައި ވިދާޅުވި ވާހަކައަކީ ވެސް އެއީ އެވެ. ރައްޔިތުން ވޯޓުދިނީ އެންމެން ގޮވައިގެން ރައީސް އުޅުއްވާނެ ކަމުގެ ވަައުދާ އެކު އެވެ. އެނޫން ގޮތަކަށް ފަހުން ވާހަކަ ބަދަލުވާ ނަމަ އެއީ މައްސަލައެކެވެ. ރައްޔިތުން ވޯޓު ދިން ގޮތަށް ދެމި ހުންނަން ޖެހެ އެވެ. މެދުތެރެއިން ކައްޗާ ދުއްވުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫނެވެ.

ތެދެކެވެ. ކޯލިޝަން ސަރުކާރެއް ހިންގުމަކީ އުނދަގޫ ކަމަކަށްވެދާނެ އެވެ. އެކަމަކު އެއް ފަހަރު ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ދިނުމުންވީ ގޮތް ވެސް ފެނިއްޖެ އެވެ. އަދި ސިމްޕަލް މެޖޯރިޓީ ދިނުމުންވީ ގޮތް ވެސް ފެނިއްޖެ އެވެ. މި ފަހަރު ހުރިހާ ރަހަތަކެއް އެކުލެވޭ މަޖިލީހެއް ކިހެނެއްވާނެތޯ އެވެ؟ ވައުދުވީ ގޮތަކީ އެއީ ނޫންތޯ އެވެ. އެންމެން ގޮވައިގެން އުޅެން ދަސްކުރަން ޖެހެ އެވެ. އެންމެ ކުޑަމިނުން ފަސް އަހަރު ހަމަވަންދެން އެ ގޮތުގައި ދެމިހުންނަން ޖެހެ އެވެ.

comment ކޮމެންޓް