ވަޒީރުކަން ދެއްވީ ޖޭޕީއަކުން ނޫން، ރައީސް ސޯލިހު: އަލީ ވަހީދު

ޓުއަރިޒަމް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު އަލީ ވަހީދު ފަތްކޮޅާ ހަވާލުވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކެބިނެޓްގެ ވަޒީރުކަން ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެއީ ޖުމްހޫރީ ޕާޓީން ދިން މަގާމެއް ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ޖީހާން މަހުމޫދުގެ ކެމްޕެއިން ޖަލްސާގައި އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ ޖުމްހޫރީ ޕާޓީން އެންމެ ފަހުން ފޮނުއްވީ އޭނާގެ ނަން ކަމަށެވެ.

"އެމަނިކުފާނު [ގާސިމް] ވިދާޅުވީ. މަނިކުފާނޭ ޖުމްހޫރީ ޕާޓީން އެންމެ ފުރަތަމަ ކެބިނެޓަށް ދާނީ. އެއީ ވީ ވައުދެއް. އެހެންނަމަވެސް ރާއްޖެ އައުމަށް ފަހު އަޅުގަނޑަށް އެނގުނު ކެބިނެޓަށް ޖުމްހޫރީ ޕާޓީން އެންމެ ފަހުން ދިޔަ ނަމަކީ އަޅުގަނޑުގެ ނަން. އެހެންވީމާ އަޅުގަނޑު ހައިރާނެއް ނުވޭ މިވަގުތު ޕާޓީ ތެރޭގައި ކަންކަން ހުރިގޮތުން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާގެ ނަން ކެބިނެޓަށް ހުށަހެޅުމަކީ ރައީސް ސޯލިހު އެންމެ ބޭނުންވި ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު 3:23ގައި ގުޅުއްވާފައި އެމަނިކުފާނު ދެއްވި ވަޒީރު ކަމެއް މިއީ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ރައީސް ސޯލިހުގެ ކެންޑިޑޭޓުންނޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. ޖުމްހޫރީ ޕާޓީއަށް މަދީ ކޯއްޗެއްތޯ އަލީ ވަހީދު ސުވާލު ކުރެއްވި އެވެ. ގައުމުގެ ނައިބު ރައީސް ކަމާއި ގައުމުގެ ޓުއަރިޒަމް މިނިސްޓަރު ކަމާއި އެހެން ބޭފުޅުންނަށް ގައުމުގެ ވަޒީރުކަން ލިބިފައި އޮތް އިރު މަދުވީ ކޯއްޗެއްތޯ އަލީ ވަހީދު އެއްސެވި އެވެ.

އަލީ ވަހީދު ވިދާޅުވީ އެޖެންޑާ 19ގެ ނަމުގައި ރައްޔިތުން ކައިރީ އަހައިގެން މެނިފެސްޓީއެއް ގަނައިމަ އެ ކިޔާނުލާ "ތިއީ ބުދުފައްޅި އެކޭ" ބުނި ކަމަށެވެ.

"ދީން ހަތިޔާރަކަށް ހަދައިގެން މިހެން އެއްޗިހި ކިޔާކަށް އަޅުގަނޑުމެން ނުޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ މައިދާނުގައި ދައްކާނެ ވާހަކައެއް ނެތުނީމާ ދައްކާ ވާހަކައެއް އެއީ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާއަށް ޖުމްހޫރީ ޕާޓީގެ ސިޔާސަތު މިހާރު ގާތްގަނޑަކަށް ނިމިއްޖެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ކޮންމެ ތާކު ހުއްޓަސް ހައްގުބަސް ބުނަން ޖެހޭ ކަމަށެވެ.

"ހެޔޮނުވާނެ އިނގޭތީ ރައީސުލްހުމްހޫރިއްޔާ ގައިގައި ކޮޅުފައިން ޖަހާފައި. ގޯނި ހިފައިގެން ދުވި މީޙުންނާއި. ފަންސާސް ގުނަ ހަތަރެއް ޖެހި މީހުން ގޮވައިގެން އުޅެން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ދަނީ ތަފާތު އެކި ޕޯޑިއަމް ތަކުގައި ގާސިމާއި ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅުވަމުންނެވެ. އެއީ ގާސިމް އިދިކޮޅު ޕީޕީއެމްއާ ގުޅިގެން މަޖިލިސް އިންތިހާބުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.

comment ކޮމެންޓް