އިންޑިއާގެ ޖެޓް އެއާވޭސް އިން އިތުރު 15 ބޯޓު ގްރައުންޑުކޮށްފި

ޖެޓް އެއާވޭސް އިން މިހާރު ބޭނުން ކުރަނީ އެންމެ 28 ބޯޓު -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 4): އިންޑިއާގެ ޖެޓު އެއާވޭސްއިން އިތުރު 15 މަތިންދާބޯޓު ގްރައުންޑުކޮށްފި އެވެ.

އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ދަރަނިވެރިވެފައިވާ ޖެޓު އެއާވޭސްއިން ބޯޓުތައް ގްރައުންޑު ކުރަން ފެށީ އެބޯޓުތައް ކުއްޔަށް ދިން ފަރާތްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުންނާއި ބޯޓުތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ނެތުމުންނެވެ. އެހެންކަމުން މިދިޔަ އަހަރު 119 ބޯޓު ބޭނުން ކުރަމުން އައި ޖެޓް އެއާވޭސް އިން މިހާރު ބޭނުން ކުރަމުން ދަނީ އެންމެ 28 ބޯޓެވެ.

މީގެ ކުރިން އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނުގެ ގޮތުގައި އޮތް ޖެޓް އެއާވޭސް އިން އެ އެއާލައިނުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ މިހާރު ތިން މަސްވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި އިންޖިނިއަރުންނާއި ޖެނެރަލް މެނޭޖަރުން ހިމެނެ އެވެ.

އޭގެ ސަބަބުން ޖެޓް އެއާވޭސްގެ ޕައިލެޓުންގެ ޖަމްއިއްޔާ، ނެޝަނަލް އޭވިއޭޓާސް ގިލްޑު (އެންއޭޖީ)އިން ވަނީ މި މަހުގެ އެކަކުން ފެށިގެން ހަޅުތާލެއް ފަށައި، މުސާރަ ލިބެން ދެން މަސައްކަތަށް ނުކުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ. ނަމަވެސް މިމަހުގެ އެއް ވަނަ ދުވަހު އެންއޭޖީން ވަނީ ހަޅުތާލު ފެއްޓުން މިމަހުގެ 15އަށް ލަސްކޮށްފަ އެވެ.

comment ކޮމެންޓް