ސިއްހަތަށާއި ދުޅަހެޔޮކަމަށް އިސްކަންދޭފަދައިން، ތިމާވެށި ހިމާޔަތްކުރުމަށް ރައީސް ގޮވާލައްވައިފި

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ސިއްހަތަށާއި ދުޅަހެޔޮކަމަށް އިސްކަންދޭފައިދައިން، ތިމާވެށި ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް މިއަދު އެ އަވަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފުޅީގައި ބަންދުކުރި ފެން، ބޮޑު އަގުގައި ގަނެގެން ބުއިމުގެ ބަދަލުގައި، ފެންކުންފުނީގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ، ރައްކާތެރި ސާފު ފެން ބޯން ފަށައިފި ނަމަ ލިބޭ ފައިދާ ގިނަ ކަމަށެވެ.

އެގޮތުން ހަރަދު ކުޑަކުރެވި ޕްލާސްޓިކްް ބޭނުން ކުރުން މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެންގެ ކަނޑުތަކަށް އެންމެ ގިނައިން އުކައިލެވެނީ ވެސް މި ބާވަތުގެ ޕްލާސްޓިކް ފުޅި. އަދި ރަށްރަށުގެ ގޮނޑުދޮށްތަކަށް އެންމެ ގިނައިން ލައްގާފައި ހުންނަ ކުންޏަކީ ވެސް ޕްލާސްޓިކް ފުޅި. މިއީ ހަމަ އަޅުގަނޑުމެންގެ އަތްތަކުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ދެވޭ ގެއްލުމެއް،" ރައީސް ވިދާޅުވީ އެމްޑަބްލިއުއެސްސީ އިން ދޫކުރާ އިސްކުރު ފެނަކީ ޑަބްލިއުއެޗުއީގެ މިންގަޑަށްވުރެ ވެސް ކޮލެޓީ ރަނގަޅު ފެނެއް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަކީ 160،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީ ކުރާ އަވަށެއް ކަމަށާއި އެ އަވަށުގައި އަންނަ އަހަރުގެ ފަހުކޮޅު މީހުން އާބާދުވާން ފަށާ އިރު، ކޮންމެ ގެއަކަށް ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، މި ތަނުގައި ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫޢަކީ، އެމްޑަބްލިއުއެސްސީ އިން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއަށްވެސް ވާނެ،"

ރައީސް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުން އިތުރު ހޭދައެއް ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މަޝްރޫއަށް ބޭނުންވާ ތަކެތި ގަތުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައި ވަނީ، ޖަޕާނުގެ ހިޓާޗީ ކެޕިޓަލްގެ ފަރާތުން. އޭގެ އިތުރުން މި މަޝްރޫޢުގެ މަސައްކަތަށް ހިނގާ ހަރަދުތައް ހަމަޖައްސާނީ އެމްޑަބްލިއުއެސްސީ އިން އަމިއްލަ އަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމާ އެކު މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަނީ ސަރުކާރުން ބޭނުންވާ އިތުރު މަގުސަދުތަކެއް ހާސިލްކުރުމަށް ކަމަށެވެ. އެގޮތުން ބޯފެނަށް ކުރަންޖެހޭ ހޭދައާއި އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް، ޕްލާސްޓިކް ފުޅި ބޭނުންކުރުން ވީހާ ވެސް މަދުކުރުމަކީ އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.

މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، ހަމަހަމަ ކަމާއެކު ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ކަމަށް ރައީސް ވަނީ މީގެ ކުރިބް ވިދާޅުވެފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަގަކީ 15 މިލިއަން ޑޮލަރެވެ.

https://sun.mv/117616

comment ކޮމެންޓް