ސައުދީގެ ފުރަތަމަ ނިއުކްލިއާ ރިއެކްޓަރުގެ މަސައްކަތް ނިމުމަކާ ގާތަށް

ސައޫދީ ގައި ބިނާކުރާ ފުރަތަމަ ނިއުކްލިޔަރ ރިއެކްޓަރު

ސައުދީ އަރަބިޔާއިން ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރުމުގެ މަސައްކަތް ނިމުމަކާ ހަމައަށް ގެންގޮސްފައިވާ ކަމުގެ ޚަބަރުތަކެއް ދާދި ފަހުން ވަނީ ފެތުރިފައެވެ.

އެމެރިކާގެ ޖާސޫސީ ދާއިރާތަކާ ހަވާލާދީ އެމެރިކާގެ ބްލޫމްބާގް ނޫސް އެޖެންސީ ބުނާގޮތުން ސައޫދީން ނިއުކްލިއާ ރިއެކްޓަރު ބިނާކުރަމުން ގެންދަނީ ރިޔާޒްގައި ހުންނަ "ކިންގް އަބްދުލްއަޒީޒް ސެންޓަރ ފޯ ސައިންސް އެންޑް ޓެކްނޮލޮޖީ"ގެ ހުޅަނގު ދެކުނުގައިވާ ހަނަފަސް ސަހަރާގެ އެކަހެރި ސަރަހައްދެއްގައެވެ. ސައުދީއަށް ނިއުކްލިއާ މަރުކަޒު ބިނާކޮށްދެނީ ރަޝިއާއިން ކަމަށްވެއެވެ. އެމެރިކާ ވަނީ އިސްރާއީލުގެ ދެކޮޅު ހެދުންތަކާ ގުޅިގެން ސައުދީއަށް ނިއުކްލިއާ ރިއެކްޓަރެއް ބިނާކޮށްދިނުމަށް ފަސްޖެހިފައެވެ.

މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު އުފައްދައި އެ ހަތިޔާރު ރައްކާކޮށްފައިވާ ހަމައެކަނި ގައުމަކީ އިސްރާއީލެވެ. އަރަބި އެއްވެސް ގައުމަކުން މަދަނީ ބޭނުންތަކަށްވެސް ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީކުރުމަކީ އިސްރާއީލުން ދެކޮޅު ހަދާކަމެކެވެ.

އިސްރާއީލުން ވަނީ ރަޝިއާގެ އެހީގައި ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީކުރި ދެ ގައުމު ކަމަށްވާ އިރާގާއި ސީރިއާގެ ނިއުކްލިއާ ރިއެކްޓަރުތަކަށް ބޮން އަޅައި އެތަންތަން އެއްކޮށް ހަލާކުކޮށްލާފައެވެ. އަދި އިރާގުން ފަހުން ބިނާކުރި ނިއުކްލިއާ ރިއެކްޓަރުތައްވެސް އެމެރިކާއިން ވަނީ ސުންނާފަތިކޮށްލާފައެވެ. ލީބިއާއިންވެސް މީގެ ކުރިން ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީކުރި ނަމަވެސް އެމެރިކާއިން އެގައުމާ ވާހަކަދައްކައިގެން އެ ޕްރޮގްރާމު ހުއްޓުވިއެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ، އިސްރާއީލަށް ވުރެ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ނުރައްކާ ސައުދީއަށް ބޮޑުކަމަށާއި އިރާނުން އެކަން ކުރާނަމަ ސައުދީންވެސް އެ މަސައްކަތް ފަށާނެކަމަށް ވިދާޅުވެފައެވެ.

އިރާނުން އެންމެ ފުރަތަމަ ނިއުކްލިއާ ރިއެކްޓަރު ބިނާކުރީ ރަޝިއާގެ އެހީގައެވެ. ނަމަވެސް މިހާރު އިރާނުން ވަނީ އަމިއްލަ ޓެކްނޮލޮޖީގައިވެސް އެތަކެތި ތަރައްގީކުރެވޭ ވަރަށް ނިއުކްލިއާ ސައިންސާއި އޭގެ އިންޖިނިއަރިން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައެވެ. އަދި އީރާން އަމިއްލައަށް ބިނާކުރާ ނިއުކްލިޔަރ ފުރަތަމަ ރިއެކްޓަރުގެ މަސައްކަތްވެސްވަނީ ނިމުމުގެ މަގުމަތީގައެވެ.

އިރާނުން ނިއުކްލިއާ ބޮން އުފައްދަފާނެތީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ސުލްހަވެރިކަމާއެކު އެކަން ހުއްޓުވުމަށް ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުމުގައި ނިއުކްލިއާ މަދަނީ ޓެކްނޮލޮޖީ ތަރައްގީކުރުމާއި ރިސާޗް ހެދުން މަނައެއް ނުކުރެއެވެ.

މީގެ އިތުރުން ޔޫއޭއީންވެސް ވަނީ ރަޝިއާގެ އެހީގައި ދެ ނިއުކްލިއާ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ފަށާފައެވެ.

ސައުދީއަކީ އެމެރިކާއާ ކިތަންމެ ގާތްގުޅުންތަކެއް ބާއްވަމުންދާ ގައުމެއް ނަމަވެސް ސައުދީގެ ނިއުކްލިއާ ޕްރޮގްރާމަށް އެމެރިކާ ވަރަށް ބޮޑަށް ހުރަސްއަޅާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ސައުދީއާއި ޔޫއޭއީން ނިއުކްލިއާ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް ފެށީ އިރާނާ ވާދަކުރުމުގެ ގޮތުންކަން އެ ދެގައުމުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް