ވެލެންސިއާގެ އަތް ދަށުވެ ރެއާލް މެޑްރިޑުގެ ސީޒަން ގޯހުން ގޯހަށް!

ރެއާލް މެޑްރިޑާއި ވެލެންސިއާ ރޭ ބައްދަލު ކުރި މެޗުގައި ވެލެންސިއާ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާ ކުރަނީ --- ފޮޓޯ/ ޖޭމީ ސްމިތް

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިވެ، އެއްވަނައިގައި އޮތް ބާސެލޯނާއާ 13 ޕޮއިންޓަށް ފަރަގު ބޮޑުވެއްޖެ އެވެ.

ރެއާލް މެޑްރިޑްގެ ތާރީޙުގައި ވެސް އެންމެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާން ރެއާލްގެ ކޯޗުކަމާ އެނބުރި ހަވާލުވުމަށް ފަހު ކުޅުނު ތިން ވަނަ މެޗުން ރޭ ވެލެންސިއާ އަތުން އެ ޓީމު ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވުމާ ގުޅިގެން މިވަގުތު ރެއާލް ތާވަލުގެ ތިން ވަނާގައި އޮތީ 30 މެޗު ކުޅެގެން 57 ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 62 ޕޮއިންޓް ލިބޭ އިރު ބާސެލޯނާ އެއްވަނާގައި އޮތީ 70 ޕޮއިންޓާ އެކު އެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން --- ފޮޓޯ/ ޖޭމީ ސްމިތް

ރޭގެ މޮޅާ އެކު ވެލެންސިއާ ވަނީ ތާވަލުގެ ފަސް ވަނައަށް ޖެހިލައިފަ އެވެ. ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ވެލެންސިއާއަށް ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

އެންމެ ފަހުން ކުޅުނު 17 މެޗުން ވެސް ބަލިވެފައި ނުވާ ވެލެންސިއާ ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗު ފެށުނީއްސުރެން ނިމެންދެން ބޯޅަ ގިނައިރު ހިފަހައްޓައިގަން ގިނަ ހަމަލާތައް އުފެއްދީ ވެސް ވެލެންސިއާ އެވެ. ވެލެންސިއާ އިން ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ 35 ވަނަ މިނަޓުގަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ގޮންސާލޯ ގުއެޑެސް އެވެ.

ވެލެންސިއާ އިން ޖެހި ދެވަނަ ގޯލު ދެވަނަ ހާފު ނިމެން ދަނިކޮށް ކާމިޔާބު ކޮށްދިނީ އެޒެގުއެލް ގަރޭ އެވެ. އެ ދެ ގޯލުގެ އިތުރުން ވެސް ވެލެންސިއާއަށް ވަނީ ރޭގެ މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ.

ރެއާލް މެޑްރިޑްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ތެރޭގައި ކަރިމް ބެންޒީމާ އެވެ. ރެއާލް މެޑްރިޑްއިން ރޭ ދެއްކި ކުޅުމާ ދޭތެރޭ އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

comment ކޮމެންޓް