އަނާރާއަށް ރައީސްގެ ތާއިދު އޮތް ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި: އިމްރާން

މަޖިލިސް އިންތިހާބްގައި ވާދަކުރާ އަނާރާ ނައީމަށް ތާއީދު ހޯދުމަށް މަކުނުދޫއަށް އިމްރާން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ: އަދާލަތު ޕާޓީ

އަންނަ ހޮނިހިރު ދުވަހު އޮންނަ މަޖިލިސް އިންތިހާބްގައި މަކުނުދޫ ދާއިރާއިން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު އޮތް ކެންޑިޑޭޓަކީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އަނާރާ ނައީމް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބްގެ ކުރިން އަދާލަތު ޕާޓީން މިރޭ ހދ. މަކުނުދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ އަނާރާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އެކަމަނާ ކޮންމެހެން ވެސް ހޮވައި ދެއްވުމަށް އެދިވަޑައިގަންފަ އެވެ.

"އަޅުގަނޑުމެންގެ މެންބަރުންނަށް ވޯޓު ދެއްވާށޭ އުސްތާޒާ އަނާރާ ނައީމަކީ އޭގެތެރެއިން އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބޭ ކެންޑިޑޭޓް ކަމުގައި ހައްދަވައި ދެއްވާށޭ،" އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ފަރާތުން ނިކުންނަވާފައިވާ ކެންޑިޑޭޓުންނަކީ ފަސްބައި ސާފު ނަޒާހަތްތެރި ފަރާތްތަކެއް ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، މަޖިލިސް މެންބަރުން ކަންކުރާ ގޮތުން ގައުމު ހަލަބޮލިވެ ބައިބައިވުން އުފެދި ގައުމުގެ އިގްތިސޯދު ފުނޑުފުނޑުވެގެން ދާ ކަމަށެވެ.

އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ރާއްޖޭގައި އިންސާފް ގާއިމްކުރުމަށް ދެވޭ ވޯޓެއް ކަން އިމްރާން ވިދާޅުވި އެވެ. އަދި އެއީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށް ދެވޭ ވޯޓެއް ކަން އިމްރާން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އެކަމުގެ ސަބަބުން ސަރުކާރާ ދެކޮޅަށް ކުރެވޭ ކަންކަން ހުއްޓުވިގެން ދާނެ ކަމަށެވެ.

"މި ރާއްޖޭގެ މިއަދުގެ ރައިސުލްޖުމްހޫރިއްޔާ ފުރިހަމަށް ތާއީދު ކުރައްވާ ފުރިހަމައަށް ޔަގީންކޮށްދެއްވާފައި އޮތް ކެންޑިޑޭޓަކޭ އުސްތާޒާ އަނާރާ ނައީމަކީ،" ރައީސް ސޯލިހުގެ ތާއީދު އަނާރާއަށް އޮތްކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީއާ އެކު މަސައްކަތްކުރުމަށް އެމްޑީޕީ އިން ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެކަމަށް އެ ޕާޓީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓްގައި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އަލީ އަހްމަދު (ކަރިޝް) އިންތިހާބުގައި ވާދަނުކުރަން ނިންމައި އެ ޕާޓީގެ ތާއިދު ވަނީ އަދާލަތު ޕާޓީން އެ ދާއިރާއަށް ނިކުންނަވާ އަލީ އާޒިމަށް ދިނުމަށް ނިންމާފައެވެ.

comment ކޮމެންޓް