ކްރައިސްޓްޗާޗް ހަމަލާއާ ބެހޭ ގޮތުން ސެނެޓަރު ދެއްކި ވާހަކަ ޕާލިމެންޓުން ކުށްވެރިކޮށްފި

ހަމަލާއާ ބެހޭ ގޮތުން އެނިން ދެއްކެވި ވާހަކައިގެ ސަބަބުން އޭނާގެ ބޮލަށް ބިސް ޖެހި ކުއްޖާއަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު -- ފޮޓޯ: އޭޕީ

ކެންބެރާ (އޭޕްރިލް 3): ނިއުޒިލެންޑުގެ ދެ މިސްކިތަކަށް މިދިޔަ މަހު ދިން ހަމަލާއާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ސެނެޓަރު ފްރޭޒާ އެނިން ދެއްކެވި ވާހަކަ އެގައުމުގެ ޕާލިމެންޓުން ރަސްމީގޮތެއްގައި ކުށްވެރިކޮށްފި އެވެ.

އޮސްޓްރޭލިއާގެ ސެނެޓުން މިއަދު ވަނީ ކްރައިސްޓްޗާޗުގައި ދިން ހަމަލާއާ ބެހޭ ގޮތުން އެނިން ދެއްކެވި ވާހަކައިގައި އޭނާ ވަނީ "އެހަމަލާގެ ޒިންމާ، ހަމަލާގެ އަމާޒަކަށްވި ފަރާތްތަކުގެ ބޮލުގައި އަޅުވައި ވަކި ދީނަކަށް ނިސްބަތްވާ މީހުން ކުށްވެރި ކުރި" ކަމަށް ބުނެފަ އެވެ. އަދި އެއީ އޮސްޓްރޭލިއާގެ ސެނެޓާއި އެގައުމުގެ ރައްޔިތުން އެއްބަސްވާ ވާހަކަތަކެއް ނޫން ކަމަށް ބުނެފަ އެވެ.

ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް މިދިޔަ މަހުގެ 15އިގައި ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. އެހަމަލާއާ ގުޅިގެން ނިއު ޒިލެންޑުން ވަނީ އޮސްޓްރޭލިއާގެ މީހަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް މަރުގެ ދައުވާ އުފުލާފަ އެވެ.

އެހަމަލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެނިން ވަނީ އެފަދަ ހަމަނުޖެހުންތަކާ މުސްލިމު ހިޖުރަވެރިންނާ ގުޅުމެއްވާ ކަމަށް ވިދާޅުވެފަ އެވެ.

"ނިއު ޒީލޭންޑުގެ މަގުތަކުގައި މިއަދު ހިނގި ލޭއޮހޮރުވުމުގެ އަސްލު ސަބަބަކީ މުސްލިމުންނަށް ނިއު ޒީލޭންޑަށް ހިޖުރަ ކުރުމަށް އެގައުމުގެ އިމިގްރޭޝަން ޕްރޮގްރާމުން ފުރުސަތުދޭތީ،" ހަމަލާ ދިން ދުވަހު އެނިން ނެރުނު ބަޔާނެއްގައިވެ އެވެ.

އެނިން އެފަދައިން ވިދާޅުވުމާ ގުޅިގެން އޭނާގެ ބޮލަށް ބިސް ޖެހި ކުއްޖަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އެހާދިސާގެ ވީޑިއޯއިން އެނިން އެކުއްޖާގެ މޫނުމަތީގައި ދެ ފަހަރަކު ޖަހާ މަންޒަރު ވެސް ފެނެ އެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާއާ ދެކޮޅަށް ދައުވާ ކުރުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން އެނިން ސެނެޓަރު ކަމުން ވަކިކުރުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި 1.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް ސެނެޓަރަކު މަގާމުން ދުރުކުރެވޭނީ ކުށެއް ކުރިކަން ސާބިތުވުމުން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެކަން ޔަގީންވުމުންނެވެ.

comment ކޮމެންޓް