އެންމެ ދޮށީ ކެންޑިޑޭޓަށް 71 އަހަރު، އެންމެ ހަގު ކެންޑިޑޭޓަށް 24 އަހަރު

ވިސާމް އަދި އަހުމަދު --

މިހާރު މުޅި ގައުމު އިންތިޒާރުކުރަނީ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށެވެ. އިންތިހާބުގައި ނުވަ ޕާޓީއަކާއި އަދި އަމިއްލަ ގޮތުން ޖުމްލަ 389 ކެންޑިޑޭޓުން ވާދަކުރެ އެވެ. އިންތިހާބުގައި ވޯޓުލާނީ ޖުމްލަ 264،442 މީހުންނެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ހަތަރު ގައުމެއްގައި މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު މިފަހަރުގެ އިންތިހާބުގައި ވާދަކުރާ އެންމެ ދޮށީ ކެންޑިޑޭޓަކީ ނައިފަރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު މުހައްމަދު (އުސްތާޒު އަހުމަދު)އެވެ.

އަހުމަދު މުހައްމަދަކީ 1999 އިން ފެށިގެން 2014ގެ ނިޔަލަށް މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވައަކުން 2009 އަށް ފާދިއްޕޮޅު މެންބަރުކަން އަދާކުރެއްވި އެވެ. އަދި 2009 އިން 2014 އަށް ނައިފަރު ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ. އެފަހަރު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.

އަހުމަދު މުހައްމަދު ވަނީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ނައިފަރު ދާއިރާއަށް ވާދަކުރައްވައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓާ އެކު އެފަހަރު އިންތިހާބަށް ކުރިމަތިލެއްވި ނަމަވެސް ހަތަރުވަނަ ދައުރަކަށް ގޮނޑި ދިފާއުކުރެވޭ ގޮތެއް ނުވި އެވެ.

އަހުމަދު މުހައްމަދު ނުވަތަ ނައިފަރު ރައްޔިތުންގެ ބަހުންނަމަ އުސްތާޒު އަހުމަދަކީ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި މެންބަރެކެވެ. މަޖިލީހަށް ހުށަހެޅުނު ބައެއް ބިލުތައް ޑްރާފްޓު ކުރެއްވި އެވެ. ގަވައިދު ކޮމެޓީގެ މުގައްރިރުކަން ކުރައްވައި، މުހިއްމު ކޮމެޓީތަކުގައި ހިމެނިވަޑައިގަތެވެ. އެންމެ ފަހުން މަޖިލީހުގައި އިންނެވި އިރު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ތެރޭގައި އަހުމަދު މުހައްމަދު ހިމެނިވަޑައިގަތެވެ.

މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލު ކުރެއްވުމުގައި 15 އަހަރު ހޭދަކުރެއްވި އަހުމަދު މުހައްމަދު އަނެއްކާ ވެސް ރައްޔިތުން ތަމްސީލު ކުރުމަށް މަޖިލީހަށް ކުރިމަތިލާފައިވާ އިރު، އޭނާ އަކީ މި އިންތިހާބުގައި ވާދަކުރާ އެންމެ ދޮށީ ކެންޑިޑޭޓެވެ. އިންތިހާބުގައި ވާދަކުރާއިރު އަހުމަދު މުހައްމަދުގެ އުމުރަކީ 71 އަހަރެވެ.

މިފަހަރުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ހަގު ކެންޑިޑޭޓަކީ ގަމު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު ވިސާމް (ސަމްޕަތު)އެވެ. ވިސާމްގެ އުމުރަކީ 24 އަހަރެވެ.

ވިސާމް އެންމެ ބޮޑަށް ފަހަގަވީ ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ދުވަސްވަރު އެވެ. އޭނާއަކީ ޖެހިލުންކުޑަ، ހިތްވަރު ގަދަ ނޫސްވެރިއެކެވެ. ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު އެކި ފަހަރު މަތިން ފުލުހުންގެ ހައްޔަރަށް ދިޔަ އެވެ.

ސިޔާސީ ހަބަރުތައް ކަވަރުކުރާ ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށްފަހު ވިސާމް މަޖިލީހަށް ކުރިމަތިލީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ފަހު އެވެ.

ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ހަގު މެންބަރެއްގެ ގޮތުގައި އިންނަވާ މެންބަރަކީ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދެވެ. ޔާމީން މިފަހަރުގެ އިންތިހާބުގައި މަޖިލީހުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަ އެވެ. ނަމަވެސް މިފަހަރު އޭނާ ވާދަކުރައްވަނީ މަޑުއްވަރި ދާއިރާއަށް، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ޓިކެޓުގަ އެވެ.

comment ކޮމެންޓް