ހެލްމެޓު ނާޅާ ދުއްވައިގެން 22 މީހަކަށް ފިޔަވަޅު އަޅައިފި

ފެބްރުއަރީ 1، 2019: 'މީތި ސަޅި' ނަމުގައި މަގުމަތީގެ ރައްކާތެރި ކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން އިސް ނަގައިގެން ބޭއްވި އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފެށުމާއެކު މާލެ-ހުޅުމާލެ ބްރިޖާއި ލިންކް ރޯޑުގެ އިތުރުން ލާމު ލިންކު ރޯޑުގައިވެސް ސައިކަލު ދުއްވާއިރު ހެލްމެޓު އެޅުން މަޖުބޫރު ކުރިފަހުން 22 މީހަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ލާމު ލިންކުރޯޑުގައި ގަވައިދާ ހިލާފުވެގެން ކިތައް މީހުންނަށް ފިޔަވަޅު އަޅާފައިވާކަމެއް ފުލުހުން ނުބުނެއެވެ.

ގަވައިދަށް އަމަލުކުރަން ފެށުމާއެކު 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި މިމަހުގެ އެކަކުން ފެށިގެން ސައިކަލު ދުއްވޭނީ ހެލްމެޓު އަޅައިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ ބްރިޖާއި ލިންކު ރޯޑުގައި ހެލްމެޓު އެޅުން މަޖުބޫރު ކުރި ފަހުން ގަވައިދާ ހިލާފުވި 22 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ގަވައިދު ގައި ބުނެފައިވަނީ އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި، އޭ1 އާއި އޭ0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ދުއްވާ މީހާގެ އިތުރުން، ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާ އިންނަންވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ.

އައްޑޫ ލިންކު ރޯޑުގައި ކުރިންވެސް ސައިކަލު ދުއްވަނީ ހެލްމެޓު އަޅައިގެންނެވެ. ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުގެ ސަބަބުން ހުޅުލެ-ހުޅުމާލެ ލިންކު ރޯޑާއި ސިނަމާލެ ބްރިޖު އަދި ލާމު ލިންކު ރޯޑުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައިފައެވެ

comment ކޮމެންޓް