ގާސިމާ ނުލައި ވެރިކަމަކަށް ނާދެވޭ، ފަހުން ހަނދާނެއް ނުހުރޭ!

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުންނާ ރައީސް ސޯލިހު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން

ފެހި ގާނޫނު އަސާސީއަށް ފަހު 2008 ވަނަ އަހަރުން ފެށިގެން މި ގައުމަށް ވެރިކަމަށް އަންނަ ކޮންމެ މީހަކު އަންނަނީ ގާސިމް އިބްރާހިމް އަދި ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާ އެކު އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ އެއްބާރުލުމާ އެކު އެވެ. މިހާރު ހިނގަމުންދާ ވެރިކަން ގެނައުމުގައި ވެސް ގާސިމް އިސް ދައުރެއް އަދާ ކުރެއްވި އެވެ.

ނަމަވެސް ފެނިގެން ދަނީ ގާސިމް އިބްރާހިމް ކޮންމެ ފަހަރަކު ވެރިކަން ހިންގާ ކޯލިޝަނާ ދުރުވަމުންދާ މަންޒަރެވެ. ދުރުވާން ޖެހޭ ސަބަބުތަކެއް ވެސް ހުރެ އެވެ. ވެރިކަމުގައި ހުންނަ ފަރާތްތަކުން ވެރިކަމަށް އައުމަށް ކޯލިޝަނަކާ އެކު ވާ އެއްބަސްވުމާ ހިލާފުވުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކޯލިޝަނެއް ހަދައި އެ ކޯލިޝަނުން އޮތީ އެގްރިމެންޓެއް ވެސް ހަދައިފަ އެވެ. ނަމަވެސް މިހާރު ފެނިގެން ދަނީ ސަރުކާރު ހިމެނޭ ކޯލިޝަނުން ޖުމްހޫރީ ޕާޓީ މަޑުމަޑުން ބޭރުވަމުންދާ މަންޒަރެވެ. މަންޒަރު އަނެއްކާ ވެސް ތަކުރާރުވާ މަންޒަރެވެ. އަބަދު ޖުމްހޫރީ ޕާޓީއަށް އެހެން ދިމާ ވަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ރައީސް ސޯލިހު ވެރިކަމަށް އައުމަށް ހެދި އެއްބަސްވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ގާސިމް އިބްރާހިމް --

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ފަހު ކަން ހިނގާނެ ގޮތާ މެދު ކޯލިޝަނުގެ މެދުގައި އެއްބަސްވުމެއް ހެދި އެވެ. އެ އެއްބަސް ވުމަކީ އޭރު ކޯލިޝަނުގެ ހަތަރު ލީޑަރުންގެ ފަރާތުން މަންދޫބުން ހިމަނައިގެން ކުރިއަށް ގެންދިޔަ 18 19 ކޮމިޓީން އެއްބަސް ވުމަކަށް އައިސް ލިޔެފައި އޮތް ލިޔުމެކެވެ. މިދިޔަ އަހަރުގެ ޖުލައި 12 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހެދި އެ އެއްބަސްވުމުގައިވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ "ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް" އެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީން ކަނޑައަޅާ މެމްބަރަކު ރަނިން މޭޓަކަށް ހަމަޖެއްސުމަށް ވެސް އެ އެބަސްވުމުގައި ލިޔެފައިވެ އެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޖޭޕީން ބޭނުންވާ މީހަކު ހަމަޖެއްސުމަށް ވެސް އެއްބަސްވި އެވެ.

"ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ކޮންމެ ހިނދެއްގައި އެ މަޖިލީހުގެ ރައީސްކަން ކުރައްވާނީ ޖުމްހޫރީ ޕާޓީން ކަނޑައަޅާ އެޕާޓީގެ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރެއް ކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރާނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ކަނޑައަޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް." އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެ، ސޮއިކުރި އެއްބަސްވުމުގައިވެ އެވެ.

އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމަތައް

އެމްޑީޕީއަށް - 40 ޕަސެންޓް

ޖުމްހޫރީ ޕާޓީ -25 ޕަސެންޓް

އަދާލަތު ޕާޓީ - 15 ޕަސެންޓް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު - 20 ޕަސެންޓް

އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމަތަކުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އާއި ކައުންސިލު އިންތިހާބުގައި ވެސް ވާދަކުރުމަށް އެމްޑީޕީން ވަނީ އެއްބަސްވެފަ އެވެ. މިދިޔަ ޖުލައި މަހު 12 ވަނަ ދުވަހު ރައީސް ސޯލިހު އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެހެންވީމާ އެ އެއްބަސްވުމުގައި ރައީސް ސޯލިހު ސޮއި ކުރައްވާފައި ވަނީ އެމްޑީޕީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވައިގެންނެވެ.

ހަތަރު ޕާޓީގެ މެދުގައި ގުޅިގެން މަޖިލީހަށް ވާދަ ކުރުމަށް އެއްގަނޑެއްގައި ސޮއިކޮށްފައި ނެތަސް، ޖޭޕީ އާއި އެމްޑީޕީ އިން ވަނީ އެެއްބަސްވެ، ސޮއިކޮށްފަ އެވެ. އެ އުސޫލުން މަޖިލީސް އިންތިހާބުގައި ޖޭޕީ އަށް 22 ގޮނޑީގެ ޖާގަ ލިބޭ ގޮތަށް އެމްޑީޕީ އިން އަމަލުކުރަން ޖެހެ އެވެ.

ކޯލިޝަނުގައި ރެނދެއްލުން

ގާސިމް އިބްރާހިމް އަދި ނަޝީދާއެކު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން

އެއްބައިވަންތަކަމާ އެކު ހަތަރު ޕާޓީއެއް ގުޅިގެން ގެނައި ކޯލިޝަނުގައި މިހާރު ވަނީ ރެނދުލައިފަ އެވެ. އެ ރެނދުލީ ހިސާބަކީ ރައީސް ސޯލިހު ސޮއި ކުރެއްވި ކޯލިޝަން އެއްބަސްވުމުގައި އޮތް ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ދެކޮޅު ހެދި ހިސާބުންނެވެ. މަޝްވަރާތަކެއް ވެސް ކުރި އެވެ. އެހެންނަމަވެސް އެއްބަސްވުމަކަށް ނާދެވި މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީ އިން ވާދަކުރަން ނިންމުމާ އެކު ޖުމްހޫރީ ޕާޓީ އަށް ގޮތް ހުސްވި އެވެ.

ގާސިމް އިބްރާހިމް ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމްޑީޕީ އިން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވުމާ ހިލާފުވެވަޑައިގެންނެވީ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އިދިކޮޅު ޕީޕީއެމްއާ އެކު ހަމައެކަނި މަޖިލީސް އިންތިހާބަށް މަސައްކަތް ކުރަން ނިންމީ ވެސް އެ ސަބަބާ ހެދި ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކޮބާތޯވީ އެއްބަސްވުން ހަތަރު ވެރީން، ކޮބާތޯވީ އެއްބަސްވުން 18،19 ކޮމެޓީގައި. ކޮބާތޯ އެމްޑީޕީ އާއި ރިޔާސީ ކެންޑިޑޭޓްވީ އެއްބަސްވުން،" ގާސިމް ސުވާލު ކުރެއްވި އެވެ.

ކޮންމެ އަކަސް ވެރިކަމަށް އައުމަށް ހެދި އެއްބަސްވުމާ އެއްގޮތަށް މަޖިލިސް އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ. ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް ރައީސް ސޯލީހު ހުންނެވީ މިހާރު ރައީސް ކަމުގަ އެވެ. އަދި ޖޭޕީގެ ފަރާތުން ރަނިންގް މޭޓް ފައިސަލް ނަސީމް ހުންނެވީ ނައިބު ރައީސް ކަމުގަ އެވެ. ދެން މިހާރު އުފެދޭ ސުވާލަކީ އެ އެއްބަސްވުން މުޅިއެކުން އުވުނީތޯ އެވެ. ނުވަތަ މަޖިލިސް އިންތިހާބަށް ފަހު އެ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެތޯ އެވެ. އެއްބަސްވުމުގައިވާ ގޮތުން ސަރުކާރު ކޯލިޝަނުގެ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ މަޖިލީހުގެ ރައީސަކަށް އިންތިހާބު ކުރަން ޖެހޭނީ ޖޭޕީގެ މަޖިލިސް މެމްބަރެކެވެ.

މަޖިލިސް ރައީސްކަން ގާސިމަށް ދޭނެތަ

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި --- ފޮޓޯ/ މަޖިލިސް

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ގާސިމް އިބްރާހިމް އެވެ. އެއީ ކޯލިޝަނުގެ އެއްބަސްވުމުގައި އޮތް ގޮތެވެ. އަދި އަލަށް އިންތިހާބުވާ މަޖިލީހެއްގައި ވެސް ސަރުކާރަށް މަޖޯރިޓީ އޮތް ނަމަ ޖޭޕީއަށް މަޖިލިސް ރައީސްކަން ދޭން ޖެހޭ ގޮތަށް އެއްބަސްވުމުގައި ވަނީ ލިޔެފަ އެވެ.

އުފެދޭ ސުވާލަކީ ގާސިމަށް މަޖިލީހުގެ ރަައީސްކަން ދިނުމަށް ނުވަތަ ޖޭޕީއަށް މަޖިލީހުގެ ރައީސްކަން ދިނުމަށް އެމްޑީޕީއިން ރުހޭނެތޯ އެވެ. އެމްޑީޕީ އިން ދަނީ ފާޅުގައި ޖުމްހޫރީ ޕާޓީއަށް އަދި ގާސިމަށް ފާޑުކިޔައި ވާހަކަ ދައްކަމުންނެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އިއްތިހާދުވި އެއްވެސް ބަޔަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށެވެ. އަދި ވެރިކަމަށް އާދެވުނީ ގާސިމް އިބްރާޙިމްގެ ތާއީދާ އެކު ކަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ވަނީ ކޯލިޝަން މިހާރު އޮތް ހާލަތާ މެދު ވާހަކަފުޅު ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވީ "ހަގީގަތުގައި... ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ކޯލިޝަން ރޫޅިއްޖެ ނަމަ،" ވަރަށް ދެރަވާނެ ކަމަށެވެ. އަދި ކޯލިޝަނަށް ވާނެ ގޮތް މަޖިލިސް އިންތިހާބަށް ފަހު ފެންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސޯޝިއަލް މީޑިއާގެ ފަރާތްތަކުން އަދި އެމްޑީޕީގެ ގިނަ ސަޕޯޓަރުން ގާސިމް އިބްރާހިމަށް ނިސްބަތްކޮށް "ސޭޓު" މިގޮތަށް މުހާތަބު ކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ "ބޭނުންވީމާ ހުޝާމަދުކޮށްފައި ބޭނުން ނެތުނީމާ އެއްލާލާ އެއްލާލުން އަޅުގަނޑުމެން ނައްތާލަން ޖެހޭ،" ކަމަށެވެ.

"ސެޕްޓެމްބަރު 23ގެ ކުރިން އެ ވޯޓާ ޖެހެންދެން އޮނަރަބަލް ގާސިމް އިބްރާހިމަކަށް. އެ ދުވަސް ނިމުނީމާ 'ސޭޓު ނޫން ގޮތެއް' ހޯދަން. އެ ގޯސް. އެ އަޅުގަނޑުމެން ބަލައެއް ނުގަންނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް ގާސިމް އިބްރާހިމް ކޯލިޝަނުން ބޭރުކޮށްލާނީތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި މަޖިލީހުގެ ރައީސްކަން އެމަނިކުފާނަށް ދިނުމަށް ވީ އެއްބަސްވުމަށް މަޖިލިސް އިންތިހާބަށް ފަހު އަމަލު ކުރައްވާނެތޯ ވެސް ސުވާލު އުފެދެ އެވެ. ޖަވާބު އެނގޭނީ އިންތިހާބަށް ފަހު އެވެ.

comment ކޮމެންޓް