ބޮލީވުޑް އިން ޖުމައްޔިލްގެ ގަދަ ފަހެއް!

ފިލްމީތަރި ޖުމައްޔިލް ނިމާލް--

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ބަތަލަކީ ޖުމައްޔިލް ނިމާލެވެ. ގިނަ ފީޗާ ފިލްމުތަކަކުން މިވީ ކުޑަ ދުވަސްކޮޅެއްތެރޭ އޭނާ ފެނި، އޭނާ ވަނީ ބެލުންތެރިންގެ އިތުބާރު ހޯދާފައެވެ.

ދިވެހި ފިލްމުގެ އިތުރުން ބޭރު ފިލްމު ބެލުމަކީ ޖުމައްޔިލް އަބަދުވެސް ކުރާ އެއްކަންތަކެވެ. މި ފަހަރު މި ގެނެސްދެނީ ބޮލީވުޑްއިން ޖުމައްޔިލްއަށް އެންމެ މޮޅު ފަސް ބަތަލާއިންނެވެ.

ދީޕިކާ ޕަދުކޯން

ދީޕިކާ އަކީ ދިވެހިންނަށް ވެސް ކަމުދާ އެއް ބަތަލާއެވެ. އެންމެ މޮޅު ބަތަލާއިންގެ ލިސްޓް ތަރުތީބުކުރި އިރު ދީޕިކާ ލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދީ ސަބަބެއް ނެތި އެއް ނޫނެވެ. މިއީ ޖުމައްޔިލްގެ 'ފޭވަރިޓް'އެވެ.

ޖުމައްޔިލް ބުނީ ދީޕިކާ އަށް ކޮންމެ ރޯލެއް ކުޅެން ލިބުނު ކަމުގައި ވިޔަސް އެ ރޯލު ކުޅެލާނެ ކަމަށެވެ. އަދި އޭނާގެ ހުނަރުން ފިލްމެއް ހިޓް ފިލްމަކަށް ހެދޭނެ ކަމަށްވެސް ޖުމައްޔިލް ބުންޏެވެ. ދީޕިކާގެ އެންމެ ރީތި ތިން ފިލްމަކީ 'ތަމާޝާ'، 'ރާމް ލީލާ' އަދި 'ޕީކޫ'އެވެ.

ދީޕިކާ ޕަދުކޯން---

އާލިއާ ބަޓް

ބޮލީވުޑްގައި މިވަގުތު އެންމެ ބާރަށް ފިޔަޖަމުން އަންނަ ތަރިއަކީ އާލިއާއެވެ. މޮޅު ބަތަލާއިންގެ ލިސްޓް ތަރުތީބުކުރި އިރު މި ނަން ކޮންމެހެން އަންނަންޖެހޭ ކަމަށް ޖުމައްޔިލް ދެކެއެވެ. އޭނާ ފިލްމުތަކުގައި ކުޅޭ ކެރެކްޓާ އެއް އެންމެ ފުރިހަމައަށް އަދާކުރާ ކަމަށް ޖުމައްޔިލް ބުންޏެވެ. ޖުމައްޔިލް އަށް އާލިއާގެ އެންމެ ރީތި ތިން ފިލްމަކީ 'ގަލީ ބޯއީ'، 'އުޅްތާ ޕަންޖާބް' އަދި 'ރާޒީ'އެވެ.

އާލިއާ ބަޓް....

ކަންގަނާ ރަނައުތު

ކަންގަނާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއެވެ. އޭނާގެ 'ޕެޝަން' ވަރުގަދަ ކަމަށާއި ބޮލީވުޑްގެ ރަނިކަން ކުރުމަށް ބާރު ހުރި ކަމަށް ޖުމައްޔިލް ދެކެއެވެ. ކަންގަނާގެ ފިލްމުތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ 'ފެޝަން' އަދި 'ކުއީން'އެވެ.

ކަންގަނާ ރަނައުތު---

ރާދިކާ އަޕްތޭ

ޖުމައްޔިލް ބުނަނީ ރާދިކާގެ ޑައިލޮގްތައް އާންމުންނަށް ފޯރުކޮށްދެނީ 'ނެޗުރަލް' ކޮށް ކަމަށެވެ. އޭނާގެ އެކްޓިންވެސް މޮޅު ކަމަށް އޭނާ ބުންޏެވެ.

ޖުމައްޔިލް އަށް ރާދިކާގެ އެންމެ މޮޅު ފިލްމުތަކަކީ 'ފޯބިއާ' އަދި 'ގޯލް'އެވެ.

ރާދިކާ އަޕްތޭ---

ކަރީނާ ކަޕޫރު

ކަރީނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ބޮލީވުޑްގައި ހޭދަކޮށްފައިވާ ބަތަލާ އެކެވެ. ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ކަރީނާގެ އެކްޓިން ޖުމައްޔިލް އަށް ކަމުދަނީ އޭނާއަށް ކޮންމެ ކަހަލަ އެކްޓިން އެއް ވެސް ކުރެވޭތީ އެވެ. ކަރީނާގެ އެންމެ މޮޅު އެކްޓިން ދައްކުވައިދީފައިވާ ފިލްމުތަކަކީ 'ހީރޮއިން'، 'ޖަބް ވީ މެޓް' އަދި 'ވީ އާ ފެމެލީ'އެވެ. ހާއްސަކޮށް 'ހީރޮއިން' ކަމުދާ ކަމަށް ޖުމައްޔިލް ބުންޏެވެ.

ކަރީނާ ކަޕޫރު---

މި ފަސް ތަރިންނަކީ ބޮލީވުޑްއިން ޖުމައްޔިލްއަށް އެންމެ ކަމުދާ އެކްޓިންއެއް ދައްކާ ފަސް ބަތަލާއިންނެވެ.

އެކްޓިންއިން އެންމެ މޮޅު ބަތަލާއިންގެ ލިސްޓުގެ އެއްވަނައިގައި ދީޕިކާ ހިމެނުނު ނަމަވެސް އެންމެ ރީތި ބަތަލާއިންގެ ލިސްޓުގެ އެއްވަނައިގައި ޖުމައްޔިލް ހިމެނީ ޖެކްލީން ފެނާންޑޭޒްއެވެ. ދެވަނައިގައި ދީޕިކާ ހިމެނިއިރު ތިން ވަނައިގައި ހިމެނީ ޝްރޫތީ ހަސަންއެވެ. ކާޖޮލް ލިސްޓުގެ ހަތަރު ވަނައިގައި ހިމެނިއިރު ކްރީތީ ސެނަން ހިމެނީ ފަސް ވަނައިގައެވެ.

comment ކޮމެންޓް