އަދީބަކީ ޔާމީން ސަރުކާރުގައި އަޅުގަނޑު އެޅުވި ފަންޏެއް: ނަޝީދު

ކުރީގެ ރައީސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --

ކުރީގެ ނާއިބި ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގައި އެޅުވި ފަންޏެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަދީބަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕީލިމެންޓްރީ ގުރޫޕުން ވިޕެއް އަޅާފައި ވަނިކޮށް އެ ވިޕާ ހިލާފަށް އޭރުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އީސާ އަހުމަދު ވޯޓު ދިނެވެ. އަދީބު މިނިސްޓަރު ކަމަށް އާދެވުނީ އީސަގެ ވޯޓުންނެވެ.

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުގެ ގޮތުގައި މިފަހަރު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓް އީސަގެ ކެމްޕެއިން ޖަލްސާގައި ކުޑަފަރީގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަދީބަށް ރުހުން ދިނުމަށް މަޖިލީހުގައި އީސަ ވޯޓު ދިނީ އެމަނިކުފާނު ވިދާޅުވެގެން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެވާހަކަ މީގެ ކުރިން ތަފްސީލުކޮށް ކިޔައިނުދީ އޮތީ އޭގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ވަރު ބޮޑުކަމުން ކަމަށެވެ.

"މިވާހަކަ އަދި ސާފުކޮށް ކިޔައި ނުދެވިގެން މިއުޅެނީ އޭގައި އަޅުގަނޑު ވެސް ހިމެނޭ މިންވަރު ބޮޑު ކަމުން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެމަނިކުފާނުގެ އެއް އުސްތާޒަކީ ކުޑަފަރީ ކަލޭފާނު ކަމަށެވެ. ވާދަވެރިން ގޯހެއް ހަދާ ނަމަ އެކަން ނުހުޓުވުމަށް ކަލޭފާނު ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން ތިޔަ އައްސަވާ ވާހަކައަކީ އަދީބު ވަޒީރުކަމަށް ގެންނަން އީސަ ވޯޓު ދިނީ ކީއްވެހޭ. އެއީ އަޅުގަނޑު ބުނެގެން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަނީ "ދެއަތުން ކާ ކުއްޖެއް" ކަމަށް މީހަކު ބުނި ކަމަށެވެ. އެހާހިސާބުން އެހާ ރަނގަޅު ފަންޏެއް ވަޒީރުންގެ މަޖިލީހުގައި އެޅުވެން އޮތުމުން އަދީބު ވަޒީރަކަށް ގެނައުމަށް ރުހުން ދިނުމަށް އީސައަށް ދެންނެވިން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތަށް ވަތް އެއްޗަކީ އެހާ ރަނގަޅު ފަންޏެއް އެ ވަޒީރުންގެ މަޖިލީހުގައި އެޅުވެން އޮތް އިރުގައި އަދި ރައީސް ޔާމީނުގެ ވެރިކަމަށް ލޮޅުމެއް ގެނެވެން އޮތީ އެ ވެރިކަން އެ ވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ފަންޏެއް އަޅުވައިގެން ކަން ގުޑުމެއް ގެނެސްގެންކަން. އެއީ އަބަދުވެސް އަޅުގަނޑު ދުއްހުރި ހަގީގަތެއް." ނަޝީދު

ނަޝީދު ވިދާޅުވީ އަދީބު ޓުއަރިޒަމް މިނިސްޓަރަކަށް ގެނެސްގެން އިންތިހާއަށް ކޮރަޕްޓްވާނެ ކަމާއި އޭގައި ރައީސް ޔާމީން ޖެހިވަޑައިގަންނަވާނެކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށެވެ. އަދީބަށް ރުހުން ނުދިނުމަށް އެމްޑީޕީން ވިޕްލައިނެއް އަޅާފައި އޮއްވައި އީސައަށް ގުޅައިގެން ގެނެސް އަދީބަށް ރުހުން ދިނުމަށް އެދުނު ކަމަށް ނަޝީދު އެއްބަސްވެ ވަޑައިގެންނެވި އެވެ.

"އަދީބުއަށް ވަޒީރުކަން ލިބުނީ އީސަގެ ވޯޓުން. އެއް ވޯޓުން. އެދުވަހު ވެސް އީސަ ކިތަންމެ ވަރަކަށް ރޮއި ހޭރުނު. ރައީސްއޭ ތިހެން ނުހައްދަވާށޭ. މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބޭ. ތިމަންނަނާއަކަށް ރަށު މީހުންނެއް ވޯޓެއް ނުދޭނޭ. ދެން އީސަ ނުކުމެގެން ދަނިކޮށް އަޅުގަނޑު އަންހެނުން ވެސް ބުނެފި އީސާއޭ އޭނާ ދައްކާ ވާހަކަ ގަބޫލުކުރާކަށް ނުވާނޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވަގުތުގެ އަޖަލުގައި ގައުމު ޖެހިފައި އޮންނަ އިރުގައި ބޮޑު މަންޒަރު ނުފެންނާނެ ކަމަށެވެ.

އީސަގެ ވޯޓުން އަދީބު ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރުމުން ޖެހިގެން އައި ދުވަހު ރާއްޖޭގެ ހުރިހާ ފަޅަކާ ގިރިޔަކާ ވަގަށް ނަގައިފި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން އަދީބު ކުރެއްވީ ރައީސް ޔާމީނުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށެވެ.

"ހަގީގަތުގައި އަދީބުގެ އަތަށް ވަތް އެއްޗެއް އަޅުގަނޑަކަށް ހިޔެއް ނުވޭ އޮތް ހެނެއް. ދެން އެ އުމުރުގައި އެހެންވީމާ ކުޑަކޮށް އެހެންވެސް ވެދާނެ. އަދީބަކު އަޅުގަނޑަކަށް ހިޔެއް ނުވެ އަތައް އެއްޗިހި އެއްކުރާ ހިތުންނެކޭ ހުންނެވީކީ ވެސް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޔާމީންގެ ވެރިކަން ބަދަލު ކުރެވުނީ އެ ވެރިކަމުގެ ތެރޭގައި އެބޭފުޅުން ރެނދެއް އެޅުވީމަ ކަމަށެވެ.

comment ކޮމެންޓް