ކުޅިވަރު ކުޅޭ ތަންތާގައި ގެންގުޅެން ޖެހޭ މިންގަނޑެއް ހަދަނީ

ނޮވެމްބަރު 13، 2017: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކުޅިވަރުތައް ކުޅޭ ދަނޑުތަކާއި މަރުކަޒުތަކުގައި ހިފަހައްޓަން ޖެހޭ އަޙުލާގީ މިންގަނޑުތަކެއް ކަނޑައަޅައި އުސޫލުތަކެއް ސަރުކާރުން ހަދަމުން ގެންދާ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް (ރަސްމީ ދުވަސްތައް އެކަނި) ނިމުމުގެ ކުރިން ކުޅިވަރު ކުޅޭ ތަންތާގައި ގެންގުޅޭ މިންގަނޑެއް ކަނޑައަޅާ އެކަންކަން ބަލަހައްޓާނެ އުސޫލެއް ކަނޑަ އަޅާނެ ކަމަށެވެ.

"ބައެއް ފަހަރު ސަޕޯޓް ކުރުމުގަ ނެގެޓިވިޓީއަށް ގޮސް، މީހުންގެ އަބުރު ކަތިލައި، ބުލީ ކުރުން ފަދަ ކަންކަން ފެނޭ،" އަލީ ވަޙީދު ވިދާޅުވި އެވެ. "އެއީ ސަޕޯޓް ކުރުމެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ކުޅިވަރު ކުޅޭ ތަންތަނަށް ދިއުމުގައި ސަޕޯޓަރުން ފަރާތުން ވަރަށް ބައިވަރު ކަންކަން ހަރުދަނާ ވެގެން ދާން ޖެހޭ،"

"އެގޮތުން އަޅުގަނޑުމެން މި އެކުލަވާލާ މިންގަނޑާ އެކު ކުޅިވަރު ކުޅޭ ސަރަހައްދުތަކަކީ ޕްލެސެންޓް [އަމާން] ތަންތަނަށް ވެގެން ދާނެ."

މީގެ އިތުރުން މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ކުޅިވަރު ކައުންސިލަރުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބެހެއްޓުމުގެ ސަބަބުން އެފަދަ އުސޫލުތައް ރަށްރަށުގައި ބޭނުން ކުރަން ފަސޭހަ ވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ކުޅިވަރާ ބެހޭ ކައުންސިލަރުންގެ ޒިންމާތަކުގެ ތެރޭގައި އެ ރަށެއްގެ ކުޅިވަރުތައް ކުރިއެރުވުމުގެ އިތުރުން ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާ ކުރުން ވެސް ހިމެނެ އެވެ.

އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭން ކުޅިވަރާއި ގުޅުން ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތައް ފިޔަވާ އެހެން ހުރިހާކަމެއް މިހާރު ނިމިފައިވާ އިރު ބާކީ އޮތީ މާލޭ ސަރަހައްދުގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލެއް އެޅުމުގެ މަސައްކަތް އެކަންޏެވެ. އެކަން ކުރާނެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް މަސައްކަތް ކުރަން ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް ކުޅިވަރުގެ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ސަބަބަކީ އެ ޕްރޮޖެކްޓް ހިންގަން ހައުސިންގް އިން ހަމަޖެއްސި ބިމަކީ އަދި ބިޑަށް ލައިފައި އޮތް ބިމަކަށް ވެފައި މާލޭގެ ބިމުގެ ދަތިކަން ހުރި ގޮތުން އެހެން ސަރަހައްދެއްގައި އެފަދަ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ޖާގަ ނެތުމެވެ. ނަމަވެސް އެ ބިމުގެ ބިޑް ސަރުކާރުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ބިން ލިބުނުހާ އަވަހަކަށް އެކަމުގެ މަސައްކަތް ފެށޭނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް