ސައުދީ އަރަބިއާއިން ހާޝުގްޖީގެ ދަރިންނަށް ގެޔާއި ފައިސާ ދޭ: ވޮޝިންޓަން ޕޯސްޓް

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ޖަމާލް ހާޝުގްޖީގެ ދަރިފުޅު ސަލާހްއާ ބައްދަލު ކުރަނީ -- ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

ވޮޝިންޓަން (އޭޕްރިލް 2): ސައުދީ އަރަބިއާ އިން ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ ހަތަރު ދަރިންނަށް އަގުބޮޑު ގެތައް ދީފައިވާ ކަމަށާއި ކޮންމެ މަހަކު އެމީހުންނަށް އެތައް ހާސް ޑޮލަރު ފޮނުވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފި އެވެ.

އެމެރިކާ އަށް އަމިއްލައަށް އަރުވާލެވިގެން ހުރެ، ވޮޝިންޓަން ޕޯސްޓަށް ކޮލަމް ލިޔަމުން ދިޔަ ހާޝުގްޖީ މަރާލީ މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގަ އެވެ.

އެންމެ ފުރަތަމަ ސައުދީން ވަނީ ހާޝުގްޖީ މަރާލި ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފަ އެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ ހާޝުގްޖީ ސައުދީއަށް ގެންދަން ކޮންސިއުލޭޓަށް ދިޔަ އެގައުމުގެ ގުރޫޕަކުން އޭނާ މަރާލި ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ފަހުން ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ހާޝުގްޖީގެ ދޮށީ ފިރިހެން ދަރިފުޅު ކަމަށްވާ ސަލާހް ހާޝުގްޖީއާ ބައްދަލު ކުރައްވައިފަ އެވެ.

ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން ސައުދީން ހާޝުގްޖީގެ ދަރިންނަށް އެފައިސާ އާއި ގެތައް ދެނީ، ހާޝުގްޖީގެ މަރާ ބެހޭ ގޮތުން އެމީހުން ވާހަކަ ދެއްކުން ހުއްޓުވުމަށްޓަކަ އެވެ.

އެނޫހުގައިވާ ގޮތުން ހާޝުގްޖީގެ ދެ ފިރިހެން ދަރިންނަށާއި ދެ އަންހެން ދަރިންނަށް މަހަކު 10،000 ޑޮލަރު ދިނުމަށާއި ގެތައް ދިނުމަށް އަމުރު ކުރެއްވީ ސަލްމާން ރަސްގެފާނެވެ. އަދި އެއީ އެފަދަ އަނިިޔާއެއް ލިބޭ ބަޔަކަށް ސައުދީން އެހީވުމުގެ ގޮތުން ދޭ ފައިސާ ކަމަށާއި އެއީ އެ ގައުމުގެ ސަގާފަތެއް ކަމަށް ސައުދީ އޮފިޝަލަކު ވިދާޅުވި އެވެ.

ޕޯސްޓުގައިވާ ގޮތުން ހާޝުގްޖީގެ ކޮންމެ ކުއްޖަކަށް ވަނީ ޖިއްދާއިން ހަތަރު މިލިއަން ޑޮލަރުގެ ގެޔެއް ދީފަ އެވެ. އަދި އޭގެ ތެރެއިން ތިން ދަރިން ދިރިއުޅެނީ އެމެރިކާގައި ނަމަވެސް ސަލާހް ދިރިއުޅެމުން ދަނީ ޖިއްދާގަ އެވެ.

ހާޝުގްޖީ މަރާލި ކަމުގެ ދައުވާ ސައުދީން ވަނީ 11 މީހެއްގެ މައްޗަށްކޮށްފަ އެވެ. އަދި އެޝަރީއަތް ކުރިއަށްދާ އިރު ހާޝުގްޖީގެ ދަރިންނަށް ކޮންމެ މަހަކު ދޭ ފައިސާގެ އަދަދު އިތުރު ކުރާނެ ކަމަށް ސައުދީ އޮފިޝަލުން ބުނެ އެވެ.

ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ވަލީއަހުދު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި ނަމަވެސް، ހާޝުގްޖީގެ ދަރިން ޝާހީ އާއިލާއަށް ފާޑު ކިޔާފައި ނުވެ އެވެ. އަދި ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ސަލާހް އާއި އަބްދުﷲ ހާޝުގްޖީ ވަނީ ބައްޕަގެ މަރާ ގުޅިގެން ސައުދީން ކުރިއަށްގެންދާ ތަހުގީގަށް އިތުބާރު ކުރާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް