ގަލެއް ވެއްޓި މީހަކު މަރުވި މައްސަލާގައި ކުންފުނި ބައި މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

ފެބްރުއަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި އެތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުނި ބައި މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ފަސް ވަނަ ފަންގިފިލާއިން ވެއްޓުނު ގަލަކުން ޖެހި އެމީހާ މަރުވެފައި ވަނީ މިދިޔަ މަހު ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. މަރުވެފައި ވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ރައްޔިތެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ ކުންފުނި، އައިއެންއެންއެފް ކޮންސްޓްރަކްޝަނުން 500،000 ރުފިޔާއިން ޖޫރިމަނާކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު، ހުސައިން ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ، އެ ކުންފުނި ބައި މިލިއަނަ ރުފިޔާ އަށް ޖޫރިމަނާ ކުރުމަށް ނިންމީ ކޮންސްޓްރަކަޝަން ސައިޓުތަށް ޖޫރިމަނާ ކުރާ ގާނޫނުގެ ދަށުން ކަމަށާއި އެ ކުންފުންޏާ މެދު ފިޔަވަޅު އަޅާފައި ވަނީ ޕްލޭނިން މިނިސްޓްރީން އެ ހާދިސާއާ ގުޅިގެން ހެދި ރިޕޯޓަށް ރިޔާއަތްކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރިން ހެދި ރިޕޯޓްގައިވާ ގޮތުން ފިޔަވަޅު އެޅި ކުންފުނި މަސައްކަތް ކޮށްފައި ވަނީ ސަލާމަތީ ކަންކަމަށް ނުބަލައި ކަމަށެވެ. އެގޮތުން އެ ހާދިސާ ހިނގީ ދެ އިމާރާތް ދޭތެރޭގައި އެ ބިދޭސީ މީހާ މަސައްކަތް ކުރަނިކޮށް، މަތީ ބުރިއަކުން ގަލެއް ވެއްޓި އޭނާގެ މޭގައި ޖެހުމުން ކަމަށާއި އެ ދެ އިމާރާތު ދޭތެރޭ އެއްވެސް ކަހަލަ ސަލާމަތީ ފިޔަޅުތައް އަޅާފައި ނުވާ ކަަމަށް މިނިސްޓްރީން ރިޕޯޓުގައިވާ ކަމަށެވެ.

https://sun.mv/115613

ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ، ގާ ވެއްޓުނު އިރު ބިދޭސީ މީހާ ހުރީ ހުޅުމާލެ ލޮޓް ނަންބަރު 10798 އާ 10779 އާ ދޭތެރޭ ކަމަށާއި ގާ ވެއްޓުނީ ލޮޓް ނަންބަރު 10799 މަތިން ކަމަށެވެ. އޭރު އެ އިމާރާތުގައި ދިޔައީ ސިމެންތި ޖަހާ، އެޅިގާ ޖެހުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އިޒްމިޔާ ވިދާޅުވި އެވެ.

މަރުވި ބަންގްލަދޭޝް މީހާ އެރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުުވެފައިވާ ކަމަށް އެ ހޮސްޕިޓަލް ހިންގާ އާސައިންދައިން ވަނީ ބުނެފަ އެވެ.

ހުސައިން ވިދާޅުވީ، އައިއެންއެންއެފް ކޮންސްޓްރަކްޝަނުން ޖޫރިމަނާކޮށްފައިވާ ފައިސާ ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ދިން ފަހުން، ސަލާމަތީ މިންގަނޑުތަކާ ހިލާފުވެގެން މިހާތަނަށް އިތުރު ނުވަފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ފަހު ކޮޅު، މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި އަށް އަހަރުގެ ރައުޝާން ޖިއާން މަރުވި ހާދިސާއާ ގުޅިގެން، އެ އިމާރާތް ހަދަމުން ދިޔަ ކުންފުނި ޑަބްލިއު ކޮންސްޓްރަކްޝަން ވެސް 500،000 ރުފިޔާ އިން ޖޫރިމަނާ ކުރި އެވެ.

comment ކޮމެންޓް