ތުރުކީގެ ލޯކަލް އިންތިޚާބުގައި އުރުދުޣާންގެ ޖަސްޓިސް ޕާޓީއަށް ބޮޑުނަކާމިޔާބީއެއް

އުރުދުޣާން

އަންކަރާ (އެޕްރީލް 2) : ތުރުކީގައި ބޭއްވި މުނިސިޕަލް ކައުންސިލް އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ އަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި އިންތިޚާބުގެ ވޯޓުގެ ނުވަދިހަ އިންސައްތަ ގުނާފައިވާ އިރު އިސްތަންބޫލް އާއި އަންކަރާފަދަ ބޮޑެތި ސިޓީތަކުގެ ކައުންސިލްތައް ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ އަށް ވަނީ ގެއްލިގެން ގޮސްފަ އެވެ. އުރުދުޣާންގެ ޖަސްޓިސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފާތިޙް ޝާހީން ވަނީ މިއީ ފާއިތުވި 15 އަހަރު ތެރޭގައި ތުރުކީގެ ސިޔާސީ މަސްރަހުގައި އެޕާޓީއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ ކަމަށް ސިފަކުރައްވައިަފ އެވެ. މި ނަތީޖާ ގަބޫލުކުރަން ދަތިކަމަށާ އިންތިޚާބުގައި މައްސަލަތަކެއް އުޅޭކަމަށް ޝާހީން ތުހުމަތު ކުރެއްވި އެވެ.

ތުރުކީގެ މުނިސިޕަލް އިންތިޚާބުގައި ބޮޑެތި ސިޓީތަކުގެ ކައުންސިލްތައް ކާމިޔާބުކުރީ އިދިކޮޅު ޕާޓީތަކުންނެވެ. ނަމަވެސް ބޮޑެތި ސިޓީތައް ފިޔަވައި އެހެން ތަންތަނުގެ ކައުންސިލްތައް ކާމިޔާބުކުރީ އުރުދުޣާންގެ ޕާޓީންނެވެ. އިދިކޮޅު ޕާޓީތަކަށް ބަލާއިރު ކުރީގައި އުޅެނީ ރިޕަބްލިކަން ޕީޕަލްސް ޕާޓީ އެވެ. އަންކަރާއާއި އިސްތަންބޫލްގެ މުނިސިޕަލް ކައުންސިލްތަކުގެ އަޣްލަބިއްޔަތު ހޯދާފައިވަނީ ރިޕަބްލިކަން ޕީޕަލްސް ޕާޓީންނެވެ.

ތުރުކީގައި ބޭއްވި މުނިސިޕަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އުރުދުޣާންގެ ޖަސްޓިސް ޕާޓީން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް ވަރަށް ވަރުގަދައަށް ކެންޕޭން ވެސް ކޮށްފަ އެވެ. އަދި އިންތިޚާބާ ދިމާކޮށް އުރުދުޣާންގެ ސަރުކާރުން ތަރައްގީގެ ވަރަށްގިނަ ވައުދުތަކެއް ވެސްވި އެވެ. ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މުނިސިޕަލް ކައުންސިލް އިންތިޚާބަކީ ޖަސްޓިސް ޕާޓީގެ ސިޔާސީ ކުރިމަގަށާ އަދި ގައުމުގެ މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު ކާމިޔާބުކުރަން ކޮންމެހެން މަޖްބޫރު އިންތިޚާބެއް ކަމަށް ވިދާޅުވެފަ އެވެ. މި އިންތިޚާބަކީ އޭނާގެ ޖަސްޓިސް ޕާޓީއަށް މަރު ނޫނީ ދިރިހުރުން ކަމަށް ވެސް އުރުދުޣާން ސިފަކުރައްވާފައިވެ އެވެ.

މި ހުރިހާ ކަންތަކާއެކު އިންތިޚާބުގައި ލިބުނު މިނާކާމިޔާބީ އާއެކު ޖަސްޓިސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފާތިޙް ޝާހީން ވަނީ އެޕާޓީއަށް ލިބުނު ގެއްލުންތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެ އެވެ. މީގެތެރޭގައި ކޯޓަށް މައްސަލަ ގެންދިޔުން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަންކަރާއާއި އެނޫންވެސް ބައެއް ބޮޑެތި ސިޓީތަކުގެ ކައުންސިލްތަކަކީ މީގެކުރިން ޖަސްޓިސް ޕާޓީން ކާމިޔާބުކުރި ކައުންސިލްތަކެކެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީންވަނީ އެ ސިޓީތަކުގެ ކޮންޓްރޯލް ނަގައިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް