ފަތުރުވެރީންގެ މެދުގައި މަގުބޫލު އިންޑޮނޭޝިއާގެ ރަށެއް ބަންދުކުރަނީ

ކޮމޮޑޯ ލިޒާޑު --

ފަތުރުވެރީންގެ މެދުގައި މަގުބޫލު އިންޑޮނޭޝިއާގެ ކޮމޮޑޯ އައިލެންޑް އެއް އަހަރުގެ މުއްދަތަކަށް ބަންދު ކުރަން ނިންމައިފިއެވެ.

ކޮމޮޑޯ އައިލެންޑް ފަތުރުވެރިީންގެ މެދުގައި އެންމެ މަގުބޫލީ އެތަނުގައި އުޅޭ ބޮޑެތި ލިޒާޑް ތަކުގެ ސަބަބުންނެވެ. ވައިލްޑް ލައިފަށް ލޯބިކުރާ ގިނަ އަދަދެއްގެ ފަތުރުވެރީން ކޮންމެ އަހަރަކުވެސް މި ރަށަށް ޒިޔާރަތްކުރެއެވެ.

އިންޑޮނޭޝިއާގެ ނޫސްތަކުން ބުނެފައިވަނީ މި ރަށް ވަގުތީގޮތުން ބަންދުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމީ، އެރަށުން ގިނައަދަދެއްގެ ލިޒާޑް ވަގަށް ނަގައިގެން ވިއްކި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެގޮތުން 41 ކޮމޮޑޯ ލިޒާޑު ވަގަށް ނަގައިގެން ކޮންމެ އެއްޗެއް 35000 ޑޮލަރުގެ މަގުން ވިއްކި މައްސަލައެއް ދަނީ ބަލަމުންނެވެ. މި ރަށް ބަންދުކުރުމަށްފަހު ލިޒާޑުތައް ހިމާޔަތްކޮށް އެ ނަސްލު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެއެވެ.

ކޮމޮޑޯ އައިލެންޑްސްގެ ލިޒާޑް ތައް މަޝްހޫރުވެފައިވަނީ އޭގެ ބޮޑު ސައިޒުގެ ސަބަބުންނެވެ. އާންމުކޮށް ނުފެންނަ ސައިޒުގެ މި ލިޒާޑުތައް 10 ފޫޓަށް ދިގުވެއެވެ. އެއިން އެއްޗެއްގެ ބަރުދަން 70 ކިލޯ އަށް އަރައެވެ.

އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ކޮމޮޑޯ އައިލެންޑް ބަންދު ކުރުމަށް ނިންމިއިރު، ފަތުރުވެރިންގެ މެދުގައި މަގުބޫލު ތައިލެންޑުގެ ބާޔާ ބޭ ވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ބަންދުކޮށްފައެވެ.

comment ކޮމެންޓް