އަރުހަމް މަރާލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް --

ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލި މައްސަލާގައި ލ. މާވަށު އެވާބްލޫ މުހައްމަދު ވިސާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.

ވިސާމްގެ ފަރާތުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުންވެސް ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ. އަދި އެހެން ކަމެއް ސާފު ކުރަން ބޭނުން ނުވާ ނަމަ އޮންނާނީ ހުކުމް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ވިސާމްގެ އިތުރުން ދެން އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ. މާވަށު، އަސަަރީގޭ މަންސޫރު ޔޫސުފް 25، އާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާން، 19، އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދު، 21،ގެ މައްޗަށެވެ.

ދައުލަތުން އެ ހަތަރު މީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ 2012 މެއި 30 ވަނަ ދުވަހުގެ ރޭ ދަންވަރު ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި އަރުހަމް ހުއްޓައި ދަންވަރު 1:00 އާއި ހެނދުނު 6:30 އާއި ދެމެދުގެ ވަގުތެއްގައި އެ މީހުންގެ ތެރެއިން އާތިފް އާއި އިތުރު ބަޔަކާ އެކު ވިސާމާއި މަންސޫރު އަދި ސުފުޔާން ސައިކަލްތަކެއްގައި ގޮސް ޕާކްކައިރިއަށް މަޑު ކުރި ކަމަށެވެ. އަދި ސައިކަލްތަކުގައި މަޑުކުރުމަށް ފަހު ވިސާމާއި މަންސޫރު އަދި ސުފުޔާން ޕާކްތެރެ އަށް ވަދެ އަރުހަމާ މެދު މާރާމާރީ ހިންގުމަށް ފަހު އެ އެންމެން އާތިފް ރަޝީދާއި އިތުރު ބަޔަކާ އެކު ސައިކަލްތަކުގައި އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.

ހަތަރު މީހުންގެ ތެރެއިން މައްސަލަ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ހަމަ އެކަނި ވިސާމްގެ މައްޗަށެވެ. ނަމަވެސް އަނެއް ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ވަނީ ދޫކޮށްލާފަ އެވެ.

ދައުވާ ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް އަރުހަމުގެ ބައްޕަ އަބްދުލް ޣަފޫރު އަލީ ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.

މައްސަލަ ހިނގާދިޔަ ގޮތް

  • ލޮރެންޒޯ ޕާކުތެރޭގައި މަރާލާފައި އޮއްވާ ފެނުނީ 2012 ޖޫންމަހު
  • މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރި
  • މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ ނޮވެމްބަރު އެކެއް 2012 ގައި
  • ހަތަރު މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި
  • މައްސަލައިގައި ދައުވާ ސާބިތުކުރުމަށާއި ދިފާއީ ހެކިންވެސް ވަނީ ނަގާފައި
  • މައްސަލަ ވިސާމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 22 ސެޕްޓެމްބަރު 2016 ގައި
comment ކޮމެންޓް