ރެޕާ ނިޕްސީ ގަޔަށް ބަޑި ޖަހާ މަރާލައިފި

ނިޕްސީ ހަސްލް---

އެމެރިކާގެ މަޝްހޫރު ރެޕާ އާމީސް ޑޭވިޑްސަން (ނިޕްސީ ހަސްލް)33،ގެ ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ.

ނިޕްސީގެ ނަމުން މަޝްހޫރުވެފައިވާ އާމީސް މަރާލާފައިވަނީ ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ އަންނައުނު ފިހާރައިގެ ބޭރުގައި ހުއްޓާ ކަމަށް ހަބަރުތައް ބުނެ އެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގަ އެވެ.

"ޝައްކުކުރެވޭ އެކަކު ވެސް އަދި ނެތް. މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނަން،" ލޮސް އެންޖެލެސްގެ ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އެ ހާދިސާގައި ނިޕްސީގެ ގަޔަށް އެކި ފަހަރު މަތިން ވަނީ ބަޑި ޖަހައިފަ އެވެ. އަދި އެ ހަމަލާގައި ނިޕްސީގެ އިތުރުން އިތުރު ދެމީހަކު ވަނީ ޒަހަމްވެފަ އެވެ.

ނިޕްސީ އެންމެ ފަހުން ކުރި ޓްވީޓްގައި ބުނީ "ބާރުގަދަ ހަތުރުވެރިން ތިބުމަކީ ރަހުމަތެއް" ކަމަށެވެ.

ދާދި ފަހުން ބޭއްވި ގްރެމީ އެވޯޑްސްގައި ނިޕްސީގެ "ވިކްޓްރީ ލެޕް" ވަނީ އެންމެ މޮޅު ރެޕް އަލްބަމްގެ އެވޯޑަށް ނޮމިނޭޓް ވެސް ވެފަ އެވެ.

އޭނާގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ ފޭނުންނެއް ހިތާމަފާޅުކުރަމުން އަންނައިރު ލަވަކިޔުންތެރިޔާ ރިހާނާ ބުނީ އޭނާގެ މަރުން ސިހުން ލިބުނު ކަމަށެވެ.

ނިޕްސީގެ ދެ ދަރިން ތިބެއެވެ.

comment ކޮމެންޓް