ނަބީ ބޭކަލުންގެ ބިންތައް 17 - އައްޔޫބުގެފާނު 2

ފުރާތު ކޯރުގެ އައްސޭރި ---

އައްޔޫބުގެފާނަށް ނިސްބަތް ކުރެވޭ މަގާމުފުޅުތައް ސޫރިޔާއާއި އުރުދުންއާއި ލުބްނާނުގައި ހުރި ފަދައިން އެކަލޭގެފާނަށް ނިސްބަތް ކުރެވޭ ވަރަށް މަޝްހޫރު ދެ މަގާމުފުޅެއް ޢިރާޤުގައި ވެސް އެބަ ހުށްޓެވެ. އެ ދެ މަގާމުފުޅުގެ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް 10 ވަރަކަށް ކިލޯމީޓަރެވެ.

ބާބިލް ޒިލާއަކީ ޢިރާޤުގެ ސަރަހައްދުތަކުގެ ތެރެއިން އެތަނެއްގައި އެންމެ ގިނައިން ތާރީޚީ ތަންތަން ހުރި ސަރަހައްދެވެ.

ފުރާތު ކޯރުގެ އިރުމަތީން އޮތް ބިމުގައި ރާރަންޖިއްޔާއޭ ކިޔޭ ސަރަހައްދެއް އޮވެއެވެ. މި ތަން އޮންނަނީ ބަޣުދާދުގެ ދެކުނުން ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުމިނުގައެވެ.

"ތާރީޚު ފޮތްތަކުގައިވާ ގޮތުން އައްޔޫބުގެފާނު ދިރިއުޅުއްވީ ފުރާތު ކޯރާ ކައިރީގައި. ހަމައެހެންމެ މި ސަރަހައްދުގެ މީހުންގެ ވާހަކަތަކުގައި ވެސް އަންނަނީ އެފަދައިން." ޑރ. ޞަބާޙް ނޫރީ މަރްޒޫޤު ވިދާޅުވިއެވެ.

ކަދުރު ރުށްތައް ހެދިފައިވާ ސަރަހައްދެއްގެ މެދުގައި އައްޔޫބުގެފާނަށް ނިސްބަތް ކުރެވޭ ފެހި ކުލައިގެ ގުއްބެއް ލައިފައި ހުންނަ މަގާމުފުޅެއް އިރާގުގައި ހުރެއެވެ. މި މަގާމުފުޅާ 10 ވަރަކަށް ކިލޯމީޓަރު ދުރުގައި ހުރި އަނެއް މަގާމުފުޅަށް ބަލާއިރު، އެ ތަނުގައި ކުރެވިފައި ހުރި ބިނާއާއި އެ ބިނާގެ އުމުރުވެސް ކުރީގެ މަގާމުފުޅަށް ވުރެ ހަގެވެ.

"އެކަލޭގެފާނުގެ އަރިހުގައި ހުންނެވީ އެއްމެ އަނބިކަނބަލެއް. އެކަމަނާ ހުންނެވީ އެކަލޭގެފާނުގެ ބޭސްފަރުވާއަށް ޓަކައި އަމިއްލަ އިސްތަށިކޮޅުތައް ވެސް ވިއްކަވައިލައްވާން ތައްޔާރަށް. އެކަމަނާ ލަސްވެ ވަޑައިގަތުމުން އައްޔޫބުގެފާނު ހުވައެއް ކުރެއްވި. އެކަމަނާ ގައިކޮޅުގައި 100 އެތި ފަހަރު ޖައްސަވާން. އެހެންނަމަވެސް އެކަލޭގެފާނުގެ ކިބައިން ﷲ އެ މުސީބާތް ފިއްލެވުމުން، އަނބިކަނބަލުންގެ ގައިކޮޅުގައި ޖައްސަވާން ކުރެއްވުނު ހުވާފުޅާ މެދު ހިތާމަ ކުރެއްވި. ދެން ﷲ އެކަލޭގެފާނަށް އިލްހާމު ކުރެއްވި. ސަތޭކަ ދަނޑިކޮޅު ހިމެނޭ ބޮނޑިއަކުން އެއް ފަހަރު ޖެއްސެވުމަށް. އޭރުން 100 އެތި ފަހަރު ހަމަ ކުރެވުނީ ކަމުގައި ބެލެވޭ." ޢަބްދުﷲ އަލްޢުވައިދު ވިދާޅުވިއެވެ.

މި ތަނުގައި ހުންނަ މަހާނަފުޅަކީ އެއް ބަޔަކު ދެކޭ ގޮތުގައި އައްޔޫބުގެފާނުގެ މަހާނަފުޅެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެ މަހާނަފުޅަކީ އައްޔޫބުގެފާނުގެ އަނބިކަނބަލުންގެ މަހާނަފުޅެވެ.

އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ފަލަސްޠީނާއި ލުބްނާނާއި އުރުދުންއާއި ސޫރިޔާއާއި ޙިޖާޒާއި ޢިރާޤުގެ އިތުރުން އޮމާނުގައި ވެސް އައްޔޫބުގެފާނުގެ ޙަޔާތްޕުޅުގެ ދުވަސްތައް ހޭދަ ކުރެއްވިއެވެ. މިއިން ކޮންމެ ތަނެއްގައި މަޑުކުރެއްވި ތަނަކީ މަގާމުފުޅެކެވެ. ބައެއް މަގާމުފުޅުތަކާއެކު ޒިޔާރަތްތައް ވެސް އެބަ ހުއްޓެވެ. އެ ޒިޔާރަތްތައް ނިސްބަތްވަނީ ނުވަތަ އެ މަހާނަތައް ނިސްބަތްވަނީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ކަމަށް ބެލެވެއެވެ.

ސަލްޠަނަތު ޢުމާން ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ އޮމާނަކީ ތާރީޚުގައި ވަރަށް ހާއްސަ މަގާމެއް ލިބިފައިވާ ތަނެކެވެ. ﷲ ގެ ނަބިއްޔާ ހޫދުގެފާނު ފޮނުއްވުނު ޢާދު ބާގައިގެ ބިން އޮންނަނީ އޮމާނާ އިން ވެގެންނެވެ. އަދި ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނު ވެސް އޮމާނަށް ވަޑައިގަތެވެ. ޞާލިޙުގެފާނުގެ މަގާމުފުޅެއް ވެސް އޮމާނުގައި ހުރެއެވެ. މި އުއްމަތުގެ މާތް ނަބިއްޔާ ވަނީ އޮމާނާ މެދު ތަޢުރީފުގެ ބަސްފުޅުތައް ވިދާޅުވެފައެވެ. އަދި އޮމާނަށް ރޯދިބަރަކާތް ލެއްވުން އެދި ދުޢާ ކުރައްވައިފައެވެ. އަދި ފިތުނައިގެ ޒަމާނުގައި މުސްލިމުން ހިޖުރަ ކުރާން ނަބިއްޔާ އިރުޝާދު ކުރެއްވި ބިންތައް އޮމާނުގައި އެބަ ހުށްޓެވެ.

އޮމާނުގެ ތާރީޚު ބުނާ ގޮތުން ﷲ ގެ ނަބިއްޔާ އައްޔޫބުގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި ވަނީ އޮމާނުގެ ޞަލާލާގައެވެ.

"މިއީ ޢަރަބީންގެ އެންމެ ދުވަސްވީ އެއް ބިން. މި ތަނާ ގާތުގައި ޢާދު ބާގައިގެ މީހުން އުޅުނީ. އަދި ސަމޫދު ބާގައިގެ މީހުންގެ ކާބަފައިން ނިސްބަތްވާ ބިންތައް ހުރީ. މި ތަނުގައި ﷲ ގެ ނަބިއްޔާ އައްޔޫބުގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި ވަނީ." ޢަލީ އައްޝަހްރީ ވިދާޅުވިއެވެ.

ﷲ ގެ ނަބިއްޔާ އައްޔޫބުގެފާނުގެ މަޤްބަރާ ހުންނަ ޞަލާލާ އޮންނަނީ އޮމާނުގެ ވެރިރަށް މަސްޤަޠާ 1000 ކިލޯމީޓަރު ދުރުގައެވެ. މިއީ ޒުފާރު ޕްރޮވިންސެވެ. މި ޕްރޮވިންސުގެ ވެރިރަށަކީ ޞަލާލާއެވެ. މި ސަރަޙައްދަކީ ޤަދީމީ ޔަމަނަށް ނިސްބަތްވާ ސަރަޙައްދެކެވެ.

ޞަލާލާއަކީ ޢަރަބި ބައްރުގެ އެހެން ބިންތަކާ މޫސުން ވެސް ތަފާތު ސަރަހައްދެއކެވެ. ވަރަށް ހިތްގައިމު ޚަރީފަކާއި ހޫނު މޫސުން ވެސް މާ ހޫނު ގަދަ ނޫން މި ސަރަޙައްދަކީ ވަރަށް ހިތްގައިމު ސަރަހައްދެކެވެ.

އައްޔޫބުގެފާނުގެ މަޤްބަރާ ހުންނަނީ އިއްތީން ފަރުބަދަ ސަރަޙައްދުގައެވެ. މި ހިސާބުގެ މީހުން ބުނާ ގޮތުގައި އައްޔޫބުގެފާނު ކުރީން އުޅުއްވީ ޝާމް ކަރައިގެ ބިމުގައެވެ. އޭގެ ފަހުން ޢިރާޤަށް ދެން ޢިރާޤުން ޙިޖާޒަށް ދެން ޙިޖާޒުން އޮމާނަށް ވަޑައިގަތީއެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ޖެހިވަޑައިގަތީ އޮމާނުގައި ހުންނަވަނިކޮށެވެ.

އެކަލޭގެފާނަށް ޝިފާއެއްގެ ގޮތުން ﷲ ފެން ނެރުއްވި ތަން ވެސް ފާހަގަ ކުރެވިފައި އެ ސަރަހައްދުގައި ހުރެއެވެ.

comment ކޮމެންޓް