ނަބީ ބޭކަލުންގެ ބިންތައް 14 - އިލްޔާސާއި އަލްޔަސަޢު އާއި ޛުލްކިފްލި

އިލްޔާސްގެފާނަށް ނިސްބަތް ކުރެވޭ މަގާމުފުޅެއް --

އިލްޔާސްގެފާނާއި އަލްޔަސަޢުގެފާނުގެ ނުބުއްވަތުގެ ތާރީޚު ގުޅިފައިވަނީ ޝާމްކަރައިގެ ބިމާއެވެ. އަދި އެހެންބިމެއްގައި ވެސް މި ދެބޭކަލުންގެ ތާރީޚާ ގުޅުންހުރި ކަމެއް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ލިބޭން ހުރި ތާރީޚީ މަޢުލޫމާތުތަކާއި، ރިވާޔަތްތަކާއި ނައްޞުތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު ބުރަވެވެނީ އިލްޔާސްގެފާނާއި އަލްޔަސަޢުގެފާނު ފޮނުއްވުނީ ބަޢަލް ނަމަކަށް ކިޔާ ބުދަކަށް އަޅުކަން ކުރި ބަޔަކު ތިބި ބިމަކަށް ކަމަށެވެ.

ކީރިތި ޤުރުއާނުގައި މި ބުދުގެ ވާހަކަ އައިސްފައިވަނީ ހަމައެކަނި އިލްޔާސް ޢަލައިހިއްސަލާމުގެ ދަޢުވަތާ ގުޅޭ ވާހަކައިގެ ތެރޭގައެވެ. އަދި ލުބުނާނުގެ ޝަހަރެއްގެ ނަމުގެ އެއްބައި ވެސް ވަނީ މި ބުދުގެ ނަމާ ގުޅިފައެވެ. އެއީ ލުބުނާނުގެ މަޝްހޫރު ޝަހަރެއް ކަމުގައިވާ ބަޢުލަބައްކުއެވެ.

މި ހިތްގައިމު ބިމުގެ ސަރަޙައްދަކީ މެދުއިރުމަތީގެ ތާރީޚުގެ ޞަފްޙާތަކުން ވަރަށް ވެސް ބޮޑު މުހިންމުކަމެއް ހޯދާފައިވާ ސަރަޙައްދެކެވެ. ކަނޑުގެ އައްސޭރިއާއި ޝާމުކަރައިގެ ބައްރާ ދެމެދުގައި ޝާމުކަރައިގެ އުތުރުގެ ބިންތަކާއި، ދެކުނުން ފަލަސްޠީނުގެ ބިންތަކާ ދެމެދު އޮތް މި ބިމުން މިއަދުވެސް ފެންނާން ހުރި ހެކި ތަކުގެ ތެރޭގައި ކުރީ ޒަމާންތަކުގައި އެތަނުގައި ދިރިއުޅުނު މީހުންގެ އަސަރުތައް އެބަހުށްޓެވެ. މީގެ ތެރޭގައި މި ހިސާބުން ދަތުރުކޮށް އުޅުނު މީހުންގެ އަސަރުތައް ވެސް ހިމެނެއެވެ. ފީނީޤީންނާއި، މިހެން ލާފައި ރޫމަށާއި ޔޫނާނަށް ދަތުރުކުރި މީސްމީހުންގެ އަސަރުތައް ފާހަގަވެއެވެ.

އިސްލާމީ ދައުލަތް މިހިސާބަށް ފުޅާވުމަށް ފަހު ދެން އައި ބަދަލުތައް ވެސް ވަކީން ފާހަގަވާން އެބަހުށްޓެވެ. މި ގޮތުން ތަފާތު އެކި ފަރުމާތަކަށް ހުރި ޢިމާރާތްތަކާއި ޢިމާރާތްތަކުގެ ބާކީ ބައިތައް ވާދީގެ އެކި ހިސާބުތަކުން ފެންނަން އެބަހުށްޓެވެ.

ފެން ތިޔާގި ސަރަޙައްދަކަށް ވުމާއެކު، މިއީ ދަނޑުވެރިކަން ވެސް ރަނގަޅު ސަރަޙައްދެކެވެ. އަދި މިވާދީގެ ވަށައިގެން އިރުމައްޗާއި ހުޅަނގުންވާ ފަރުބަދަތަކުގެ ސަބަބުން ވަރަށް ބޮޑު ޤުދުރަތީ ރައްކާތެރިކަމެއް ލިބިގެންވެއެވެ.

ބަޢުލަބައްކު ޝަހަރު، މިއީ ފީނީޤީންގެ ތާރީޚާ ވަރަށް ވެސް ބޮޑަށް ގުޅިފައިވާ ރަށެކެވެ. މި ޝަހަރު މި އޮތީ މި ވާދީގެ މެދުގައެވެ. ތާރީޚުގެ ތަފާތު އެކި މަރުޙަލާތަކުގައި މި ޝަހަރު ވެގެން ގޮސްފައިވަނީ ގާފިލާތައް މަޑުކޮށްލާތަނެއްގެ ގޮތުގައެވެ. މީގެ ސަބަބުން ވިޔަފާރިކުރާ ތަފާތު ބާޒާރުތަކުން މި ޝަހަރަށް ވަނީ ބޮޑު މަޝްހޫރުކަމެއް ލިބިފައެވެ. މި ބާޒާރުތަކުން ދިޔައީ މިހެން ދަތުރުކޮށް ދާ ހުރިހާ ދަތުރުވެރީންނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ފޯރުކޮށްދެމުންނެވެ.

އިސްކަންދަރު އަލްއަޢުޡަމް ވަނީ މި ޝަހަރާ ހަނގުރާމަ ކުރައްވާފައެވެ. އަދި މި ޝަހަރު ފަތަޙަ ކުރައްވައި މި ޝަހަރަށް ހެލިޔޮޕޮލިސް ނުވަތަ އިރުގެ ޝަހަރުގެ ނަމުން ނަން ދެއްވިއެވެ. އޭގެ ފަހުން ރޫމީންގެ އަތްދަށަށް މި ރަށް ދިއުމުން އެމީހުންގެ އެންމެ ބޮޑު އެއް މާބަދުގެ މި ޝަހަރުގައި ބިނާ ކުރިއެވެ. މިއީ މުޝްތަރީގެ މާބަދުގޭގެ ނަމުން މަޝްހޫރުވެފައިވާ ޢިބާދަތުގާހެކެވެ. އެމީހުން ވަނީ މި ތަނުގެ އެއް ފަރާތުގައި އަޅުކަންކުރާ އިތުރުތަންތަނާއި ހައިކަލްތައް ބިނާކޮށްފައެވެ. ފަހުން މި ތަންތަން ބޭނުން ކުރެވިފައިވަނީ ދިފާޢީ މަރުކަޒުތަކެއްގެ ގޮތުގައެވެ.

މި ޝަހަރުގައި ހުރި އަޅުކަންކުރާ ތަންތަނާ އެންމެ ބޮޑަށް ގުޅިފައިވަނީ ކަންޢާނީން އަޅުކަން ކުރަން ގެންގުޅުނު ބަޢަލް ނަމަކަށް ކިޔާ ބުދެވެ. މި ބުދުގެ ނަމުން ނަންދީފައިވާ އަޅުކަންކުރާ ތަންތަނުގެ އަސަރު މިއަދާ ހަމަޔަށް ވެސް ފެންނާން އެބަހުރިއެވެ. އަދި އޭގެ އަސަރާއި ނުފޫޒު އަންގައިދޭ އެއް ކަމަކީ މި ރަށުގެ ނަމުގެ އެއްބަޔަކީ ބަޢަލް މި ނަންކަމުގައިވާކަމެވެ. މި ބުދަކީ ޝާމު ކަރައިގެ ވަރަށް ގިނަ ހިސާބުތަކާއި ޢިރާޤުކަރައިގައި ވެސް އަޅުކަން ކުރެވުނު ބުދެކެވެ.

ފީނީޤީން ޝާމް ކަރައިގައި ހަނގުރާމަ ކުރިއިރު އެމީހުން ވަނީ މިއީ އެމީހުންގެ ވެސް އިލާހެއް ކަމުގައި ބަލައިގަނެ، އެމީހުންގެ ހަނގުރާމަތަކަށް ވެސް މި ބުދު ހިފައިގެން ނުކުމެފައެވެ. އެމީހުންނާ އެކު އެ ބުދަށް އަޅުކަން ކުރުމުގެ އާދަ އެމީހުންވަނީ ޔޫނާނާ ހަމަޔަށް ގެންގޮސްފައެވެ.

"މި ޝަހަރުވެގެން ގޮސްފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި ބަޢަލްއަށް އަޅުކަން ކުރުމުގެ މަރުކަޒެއް ކަމުގަ. މީގެ ވާހަކަ ކީރިތި ޤުރުއާނުގައި ވާރިދުވެފައިވޭ. މި ވާހަކަ ނިންމަވާލައްވަމުން ﷲ ވަނީ އިލްޔާސްގެފާނަށް ސަލާމް ވަޙީ ކުރައްވާފަ." ދާޢީ ޢަބްދުﷲ އަލްޢުވައިދު ވިދާޅުވިއެވެ.

"ކުރީގެ ޢިލްމުވެރީން ދައްކަވާފަ ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ބަލާއިރު، މިސާލަކަށް އިމާމް ޠަބަރީ އާއި އިމާމް އިބްނު ކަސީރު ފަދަ ޢިލްމުވެރީން ވެސް ވިދާޅުވަނީ ބަޢުލަބައްކުގެ ނަން ނެގިފައިވަނީ ބަޢަލްއިން ކަމަށް. އިލްޔާސް ޢަލައިހިއްސަލާމު އުޅުއްވީ ބަޢުލަބައްކުގައިކަން އެނގޭ. އަޅުގަނޑަށް އެބަ ތަޞައްވުރު ކުރެވޭ ބަޢުލަބައްކު ކުރީގަ އޮންނާނެ ގޮތް. ޠަބީޢީ ރީތި މަންޒަރުތަކުން ޖަރީ ކުރެވިފައިވާ ތަނެއް އެއީ. އިލްޔާސް ޢަލައިހިއްސަލާމް، އެ ރަށުގެ އަހުލުވެރީންނަށް ގޮވައިލެއްވީ ތައުޙީދުގެ ދީނަށް. ޠަބީޢަތުގެ ރީތިކަމާއި ފުރިހަމަކަމަކީ އިލާހީ ނިޢުމަތެއްކަން ބަޔާންކޮށްދެއްވީ. ﷲ ގެ ޚަލްޤުކުރެއްވުމުގެ ފުރިހަމަކަން ބަޔާން ކުރައްވަމުން ގެންދެވީ." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

މި ބުދުގެ ވާހަކަ ޤުރުއާނުގައި ވާރިދުވެގެން އައިސްފައިވެއެވެ. އެއީ އެއް ފަހަރެވެ. މި ވާހަކަ އައިސްފައިވަނީ އިލްޔާސް ޢަލައިހިއްސަލާމުގެ ވާހަކައާ ގުޅިގެންނެވެ. މިއިން އެނގިގެންދަނީ އެކަލޭގެފާނުން ރިސާލަތާއިގެން ފޮނުއްވުނީ ބަޢަލަށް އަޅުކަން ކުރަމުން ދިޔަ ބައެއްގެ ގާތަށްކަމެވެ. އެކަލޭގެފާނު އެކަމުން ދުރުވުމަށް އެމީހުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށް ގޮވައިލެއްވިއެވެ. އިލްޔާސް ޢަލައިހިއްސަލާމުގެ ދަޢުވަތުގައި ބައިވެރިވެ ވަޑައިގެން ނަބީކަން ވާރުތަ ކުރެއްވި ބޭކަލަކީ އަލްޔަސަޢުގެފާނެވެ.

"އެހެންކަމުން، ބައެއް މީހުން މިއާޔަތްތައް ކިޔަވާއިރު، ފެންނާނެ ނަބީބޭކަލުންނާއއި އިންސާނުންގެ ދެވަނަ ޖީލުގެ ބައްޕަ ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ދެއްކެވި ވާހަކަތަކާ އަދި އެހެން ހުރިހާ ނަބީބޭކަލުން އެބޭކަލުންގެ ޤައުމާ ދެއްކެވި ވާހަކައާ، އިލްޔާސްގެފާނު އެކަލޭގެފާނުގެ ޤައުމާ ދެއްކެވި ވާހަކައާ ނެތްކަން ތަފާތެއް. އިލްޔާސްގެފާނު ވެސް ދަޢުވަތުގައި ދެއްކެވީ ހަމަ އެއްވާހަކަފުޅެއް. އެކަލޭގެފާނު އެމީހުންނާ ސުވާލު ކުރެއްވި ތިޔަ ބައިމީހުން ކަންކަން އެދެނީ ބަޢަލްގެ ކިބައިންހޭ؟ ކަލޭމެން އިލާހެއްގެ ގޮތުގައި ބަލައިގެން ބަޢަލްގެ ނަން ދީފައިވާ ބުދުގެ ކިބައިންހޭ ކަންކަމަށް އެދެނީ؟ އަދި ތިޔަބައިމީހުން ވަނީ ޚާލިޤުވަންތަ ﷲމެދު ފަރުވާ ކުޑަކޮށްފައޭ." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

"އަލްޔަސަޢުގެފާނާއި އިލްޔާސްގެފާނަކީ ބަނީ އިސްރާއީލު ބާގައަށް ނިސްބަތްވާ ދެ ނަބީން. އެ ދެބޭކަލުންގެ ވާހަކަ ކީރިތި ޤުރުއާނުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވާރިދުވެފައިވޭ. ޚާއްޞަކޮށް އިލްޔާސްގެފާނު. އެކަލޭގެފާނުގެ ދަޢުވަތާމެދު ޚަބަރު ދެއްވަމުން ﷲ ވަޙީކުރައްވަނީ، ހަމަކަށަވަރުން އިލްޔާސްގެފާނަކީ ރަސޫލު ބޭކަލުންގެ ތެރެއިން ވާ ބެއިކަލެކޭ. އެކަލޭގެފާނުގެ ޤައުމުގެ މީހުން ތަޤްވާވެރި ނުވަނީތޯ ސުވާލު ކުރެއްވިއޭ. ތިޔަބައިމީހުން ގޮވައި ހަދަނީ ބަޢަލަށް ހޭ، އަދި ޚާލިޤުވަންތަ ﷲ އާ މެދު ފަރުވާ ކުޑަކުރަނީހޭ.

ސުލައިމާނު ޢަލައިހިއްސަލާމު އަވަހާރަވުމަށް ފަހު، އެކަލޭގެފާނު ޝާމު ކަރައިގައި ކުރެއްވި ވެރިކަން ދެ ވެރިކަމަކަށް ބެހިގެން ދިޔަ. އެއީ އޫރުޝަލީމް އާއި ޔަހޫޒާ. އެއާ އެކު ﷲ ގެ ޙައްދުތަކަށް އަރައިގަނެ ފާފަކުރުން އާއްމުވާން ފެށި. މި ގޮތުން އެއިގެ ތެރެއިން ރަސްކަލަކު ބުދަށް އަޅުކަން ކުރާ ޤައުމެއްގެ އަންހެނަކާ ކައިވެނި ބައްލަވައިގަތް ކަމަށް ތާރީޚުގައި އައިސްފައިވޭ. އަދި އެ އަންހެން މީހާ ޤައުމުގައި ކުރާ އަޅުކަން އެރަސްގެފާނުގެ ޤައުމަށް ގެނައުމުގެ ހުއްދަ ދެއްވި. އެއީ ޔަހޫޒާ ޤައުމު. ދެން އެ އަންހެން މީހާ އައީ ބުދެއް ހިފައިގެން. އެ ބުދުގެ ނަމަކީ ބަޢަލް. އަދި ބުނެވޭ އެ އަންހެންމީހާގެ ނަމަކީ ބަޢަލް ކަމަށް. އެ ބުދަށް އެ ނަންދެވުނީ އެ އަންހެން މީހާގެ ނަމުން ކަމަށް." ދާޢީ ޢަބްދުﷲ އަލްޢުވައިދު ވިދާޅުވިއެވެ.

އިލްޔާސްގެ ނަންފުޅުގެ އިތުރުން ޤުރްއާނުގައިވަނީ އިލްޔާސީން މި ގޮތަށް ވެސް ނަންފުޅު އައިސްފައެވެ. ބައެއް މުފައްސިރުން ވިދާޅުވަނީ މި ނަންފުޅުން ގަސްދުކުރެވެނީ އިލްޔާސްގެފާނާއި، އެކަލޭގެފާނަށް ތަބާވީ މީހުން ކަމުގައެވެ.

"ވަހީ ކުރައްވާފައިވަނީ އިލްޔާސީން. މިއީ އިލްޔާސްގެފާނުގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެއް ކަމަށް ބުނެވޭ. މިއީ ބައެއް ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތް. މި ރައުޔުގެ އަހުލުވެރީން ވިދާޅުވަނީ ނަބީބޭކަލުންގެ ތެރޭގައި އެނޫނަސް އެބަތިއްބެވިއޭ އެއް ނަމަށް ވުރެ ގިނަނަން ނިސްބަތްކުރެވިފައިވާ ބޭކަލުން. މިސާލަކަށް ޔަޢުޤޫބު އާއި އިސްރާއީލް. އަދި ޢީސާ އާއި މަސީޙް. އަދި މުޙައްމަދު އާއި އަޙްމަދު. ޢިލްމުވެރީންގެ ތެރެއިން އަނެއް ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވަނީ، އިލްޔާސީން މި ނަންފުޅުގައި މިވާ އިލް އަކީ އަހުލުން ކަމަށް ޔާސީންއަކީ އިލްޔާސްކަމަށް. އެހެންކަމުން އެތަނުގައި އެވަނީ އިލްޔާސްގެފާނުގެ އަހުލުންގެ ވާހަކަ ކަމަށް. އަދި އެއީ އެކަލޭގެފާނަށް އީމާންވެ ތަބާވީ މީހުންގެ ވާހަކަކަމަށް." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

"ކީރިތި ޤުރުއާނުގައި އައިސްފައިވާ އިލްޔާސީން މި ނަންފުޅަށް ބަލާއިރު، ޢަރަބީންގެ ތެރޭގައި ނޫނާއި ލާމު އެއް އަކުރުން އަނެއް އަކުރަށް ބަދަލުވުމަކީ އަޑުހިޖުރައިގެ ތެރޭގައި ހިމެނޭ ކަމެއް. މިސާލަކަށް އިސްމާޢީލްއަށް ބައެއް ފަހަރު އިސްމާޢީން ވެސް ކިޔާފައި އެބަހުރި. އެހެންވީމާ އިލްޔާސީން މި ނަންފުޅުގައި ވެސް މިވަނީ އެފަދަ އުސްލޫބެއް ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތް." ޢަބްދުﷲ އަލްޢުވައިދު ވިދާޅުވިއެވެ.

ޤުރުއާނުގައިވަނީ އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލު ނުކުރި ކަމުގައެވެ. ﷲ ގެ އިޚްލާޞްތެރި އަޅުންގެ ތެރޭގައި ހިމެނޭ މަދު ބަޔަކު މެނުވީއެވެ. އިޚްލާޞްތެރިކަމާއެކު ތަބާވީމީހުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އަލްޔަސަޢުގެފާނެވެ. އެހެންކަމާ އެކު ﷲ ވަނީ އިލްޔާސްގެފާނުގެ ދަޢުވަތު އަލްޔަސަޢުގެފާނަށް ވާރުތަކޮށްދެއްވާފައެވެ.

"އަލްޔަސަޢުގެފާނާއި އިލްޔާސްގެފާނު އުޅުއްވީ އެއް ތަނެއްގަ. އިލްޔާސްގެފާނުގެ ޒަމާނަކީ އަލްޔަސަޢުގެފާނުގެ ވެސް ޒަމާން. އިލްޔަސަޢުގެފާނަކީ ވެސް ނަބިއްޔެއް އަދި ރަސޫލެއް. އެކަލޭގެފާނުގެ ނަންފުޅު އައިސްފައިވަނީ ރަސޫލު ބޭކަލުންގެ ތެރޭގަ. އެކަލޭގެފާނަށް ﷲ ޙިކްމަތާއި ފޮތާއި ނުބުއްވަތު ދެއްވި. އެކަލޭގެފާނަށް ވަޙީ ބާވައިލެއްވި. އިލްޔާސްގެފާނު އަވަހާރަވުމުން އަލްޔަސަޢުއަށް ދަޢުވަތު ވާރުތަ ކޮށްދެއްވި. އެ ގޮތުގައި އެކަލޭގެފާނު އަވަހާރަވަންދެން ވެސް ހުންނެވީ." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

ބަޢުލަބައްކުގެ ތާރީޚީ ޝަހަރަށް ނަޒަރު ހިންގާލާއިރު، ބަޢަލް ނަމަކަށް ކިޔާ ބުދަށް އަޅުކަން ކުރުމާއި އެ ރަށުގެ ތާރީޚާ ގުޅިފައިވާ މިންވަރު އަދި އިލްޔާސްގެފާނުންގެ ވާހަކަ މަސީޙީންގެ ފަތްފުށްތަކުގައި ތަކުރާރުވެފައިވާ މިންވަރު ފާހަގަކޮށްލެވެއެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެއްގެ ގޮތުގައި އެމީހުން ވެސް ދެކެއެވެ. އެހެންކަމުން މާރްއިލްޔާސްގެ ނަމުން ނަން ދެވިފައިވާ ތަންތަން ޝާމު ކަރައިގެ އެތަންމިތަނުގައި ވަރަށް ގިނައެވެ.

ސޫރިޔާގެ ފަރުބަދަތައް ކައިރީގައި އިލްޔާސްގެފާނަށް ނިސްބަތް ކުރެވޭ ތަނެއް ހުރެއެވެ. ބުނެވެނީ އެކަލޭގެފާނު އެތަނުގައި މަޑުކޮށްލެއްވި ކަމަށް ނުވަތަ އެމަގުން ދަތުރު ކުރެއްވި ކަމަށެވެ. މިއީ ބަޢުލަބައްކާ މާ ދުރުނޫން ހިސާބެއްގައި ވާ ތަނެކެވެ.

ހަމަ އެފަދައިން ސޫރިޔާގެ ދިމިޝްޤާ މާ ދުރުނޫން ހިސާބެއްގައިވާ އެހެން ތަނެއްގައި ވެސް މިފަދަ މަޤާމެއްވެއެވެ. މި ރަށުގެ މީހުންނަކީ މިއަދުވެސް ޤަދީމީ އާރާމީ ބަހުން ވާހަކަ ދައްކާ ބައެކެވެ. އެމީހުންގެ ބަހުން އެކަލޭގެފާނުގެ ނަންފުޅަކީ އީލިއްޔާއެވެ. އެމީހުން ބުނާ ގޮތުގައި ﷲ ގެ ނަބިއްޔާ އިލްޔާސް އެ ރަށުގައިވާ ހޮހޮޅައެއްގައި ދިރިއުޅުއްވުމަށް ވަޑައިގަތެވެ. އެއީ އެކަލޭގެފާނުގެ ރަށުގެ އަހުލުވެރީން އެކަލޭގެފާނު ރަށުން ނެރެލުމުންނެވެ.

މި ހޮހޮޅައަކީ މި ގޮތުން އިލްޔާސްގެފާނަށް ނިސްބަތް ކުރެވޭ ހޮހޮޅައެކެވެ. ނަޞާރާއިން މުޤައްދަސްތަނެއްގެ ގޮތުގައި ބަލާތީ މި ތަނަށް ވަންނަ ދޮރުގައި ޞަލީބުގެ ނިޝާނެއް ޖަހާފައިވެއެވެ.

"މިފަދަ ތާރީޚީ ވާހަކަތަކަކީ ޝައްކެއް ނެތް މިންވަރަށް ޤަބޫލު ކުރެވޭ ވަރަށް ހެކި ލިބޭނެ ވާހަކަތަކެއް ނޫން. އެއީ އިތުބާރު ހިފޭ ޞައްޙަ ރިވާޔަތްތަކެއް ނެތި ހަމަ އެކަނި ދޫދޫ މަތީން ދެކެވޭ ވާހަކަތަކެއް ކަމުގައިވާ ނަމަ. މި ގޮތުން ޛުލްކިފްލިގެފާނާއި އިލްޔާސްގެފާނާއި އަލްޔަސަޢުގެފާނާ ބެހޭ ގޮތުން އެނގެނީ ވަރަށް މަދު އެއްޗެއް." ޑރ. ޢަލީ ޖުމްޢާ ވިދާޅުވިއެވެ.

"ޤައުމުގެ މީހުން އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސް ދިނުމުން ރަށުން ނުކުމެވަޑައިގަތް ކަމަށް ބުނެވެނީ. އަދި އެ ޤައުމުގެ މީހުންނަށް މުޞީބާތެއް ކުރިމަތިވި ކަމަށް. އެމީހުން އީމާން ނުވުމުން ފަރުބަދައަކަށް އަރައި ވަޑައިގެން އެތަނުގައި އިޢުތިކާފަށް އިންނެވި ކަމަށް. އެ ގޮތުން އެކަލޭގެފާނު އިންނެވި ހޮހޮޅައަށް ރިޒުޤު ފޮނުއްވޭ ވާހަކަ ފަދަ އެތައް ވާހަކައެއް ދޫދޫމަތީން ކިޔެމުން އާދޭ. އެހެންނަމަވެސް ހަމަ ޔަޤީނުން ވެސް އެކަލޭގެފާނު އެމީހުންގެ މައްޗަށް ދަތިކަން ފޮނުއްވުން އެދިވަޑައިގެން ﷲއަށް ދުޢާ ކުރެއްވި އަދި ﷲ އެ ދުޢާ އިޖާބަ ކުރެއްވި." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ވަރަށް ގިނަ ތަންތަނާއި، ވާހަކަތައް ހުރުމާ އެކު ވެސް މި ދެ ނަބިއްޔުންގެ ތެރެއިން އެއްވެސް ބޭކަލެއްގެ މަޤްބަރާގެ ގޮތުގައި ޞައްޙަ ގޮތުން ފެންނަން ހުރި އެއްވެސް ތަނެއް ޝާމުކަރައިގެ ބިމުގައި ވެސް އަދި އެހެން ތަނެއްގައި ވެސް ނެތެވެ.

ޢިރާޤު ނުވަތަ ދެކޯރުގެ ދެމެދުގައިވާ ބިން މިއީ އިންސާނީ ތާރީޚުގެ ކުރީކޮޅުން ފެށިގެން ނުބުއްވަތުގެ ތާރީޚާ ގުޅިފައިވާ ބިމެކެވެ. މި ބިމުގައި ވަރަށް ގިނަ ނަބީބޭކަލުންގެ މަޤްބަރާތަކާއި މަޤާމްފުޅުތައް އެބަ ހުށްޓެވެ.

މި ގޮތުން ޢިރާޤުގައި ހުރި މަޝްހޫރު މިފަދަ ތަންތަން ހުރި އެއް ސަރަޙައްދަކީ ބާބިލުގެ ސަރަޙައްދެވެ. ބާބިލަކީ ޤުރުއާނުގައި އެރަށްރަށުގެ ނަން އައިސްފައިވާ މަދު ރަށްރަށުގެ ތެރެއިން ރަށެކެވެ. މި ސަރަޙައްދާއި ޢިރާޤުގެ ވެރިރަށް ބަޣުދާދާ ދެމެދު ހުންނާނީ ގާތްގަނޑަކަށް ސަތޭކަ ކިލޯމީޓަރުގެ މަސާފަތެކެވެ.

ބާބިލްގެ ބިމަކީ ތާރީޚީ ގޮތުން ވަރަށް މުހިންމު ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ކިފްލުގެ ނަން ދެވިފައިވާ ވަރަށް ޤަދީމީ ބަލްދާއެއް އޮވެއެވެ. ފުރާތުކޯރުގެ އައްސޭރީގައިވާ މި ބަލްދާއަށް ބިއުރަމައްލާޙާއޭ ވެސް ކިޔައެވެ.

"މިރަށަކީ ﷲ ގެ ނަބިއްޔާ ޛުލްކިފްލަށް ނިސްބަތްވެގެންވާ ރަށެއް. މި ރަށަށް ކިޔާފައިވާ ޤަދީމީ ނަންތަކުގެ ތެރޭގައި ނަޚީލް އަދި ބަރްމަލާ ހިމެނޭ." ރަށުގެ އަހުލުވެރިއަކު ކިޔައިދިނެވެ.

ވިހި ވަނަ ޤަރުނުގެ މެދަކާ ހަމަޔަށް ވެސް މި ރަށުގައި އޮތް ޔަހޫދީންގެ އަވަށެކެވެ. އެ އަވަށުގެ ޔަހޫދީން ފަހުން އެތަން ދޫކޮށް ފަލަސްޠީނުގެ ބިމަށް ދިޔައީއެވެ. އެއީ ފަލަސްޠީނުގެ މައްޗަށް ޔަހޫދީން ވެރިވެގަނެ އިސްރާއީލޭ ކިޔޭ ދައުލަތް ޤާއިމުކުރުމާ ހިސާބުންނެވެ.

މި ބަލްދާގެ މެދުގައި ވަރަށް ތަފާތު ބިނާއެއް ވެއެވެ. އެއީ ސަލްޖޫޤީ ފަރުމާއަކަށް ހެދިފައިވާ މުންނާރެކެވެ. އޭގެ އެއް ފަޅި މިހާރުވަނީ ވީރާނާވެގެން ގޮސްފައެވެ. އެ ތަނާ ކައިރީގައި ކޮންމެވެސް ވަރަކަށް ވީރާނާވެފައިވާ ޤުއްބެއްވެއެވެ. މިއީ އިސްލާމީ ބިނާކުރުމުގެ ވައްޓަފާޅިއާ ކޮންމެވެސް ވަރަކަށް ތަފާތު ތަންތަނެވެ.

މި މުންނާރަކީ މަސްޖިދުއްނުޚައިލާއޭ ކިޔޭ މިސްކިތެއްގެ މުންނާރެވެ. ބުނެވޭ ގޮތުގައި މި މިސްކިތް ބިނާ ކުރެވިފައިވަނީ އަލްއިމާމް ޢަލީ ބިން އަބީޠާލިބް ނަމާދުފުޅު ކުރެއްވި ތަނެއްގައެވެ. އެއީ ޞިއްފީނު ހަނގުރާމައަށް އެކަލޭގެފާނު ވަޑައިގަތް މަގުމަތީގައެވެ.

"މި މިސްކިތް ހުންނަނީ ޙައްލާ އާއި ކޫފާއާ ދެމެދު އޮންނަ މަގުގަ. ކޫފާއަކީ މުސްލިމުންގެ ޚަލީފާ ޢަލީގެފާނުގެ ވެރިކަމުގައި މުހިންމު ރަށެއް." މުއައްރިޚު ޢަދްނާން ސައްމާކާ ވިދާޅުވިއެވެ.

އާއްމު މިސްކިތްތަކުގެ ފަރުމާއާ ތަފާތު ގޮތެއް ހުރުމާއި، މި ތަނުގެ ތެރެއިން ޢިބްރީ އަކުރުން ލިޔެފައި ހުރި ލިޔުންތަކެއް ފެނުމުން މި ތަނަކީ ތަންކޮޅެއް ކުރީން ޢަރަބި މުސްލިމުން ނޫން ބަޔަކާ ގުޅުން އޮތް ތަނެއްކަން އެނގެއެވެ. އަދި މީގެ އިތުރުން މިތަނުގައިވާ ބައެއް ކުރެހުންތަކުން ވެސް އެކަން އެނގެއެވެ.

"މި ހިސާބުގައި އުޅުނު ޔަހޫދީން ވަނީ އިސްރާއީލުގެ ދައުލަތް އުފެދި، އެ ދައުލަތުން ޔަހޫދީންނަށް ފޯރުކޮށްދޭން ފެށި ޚިދުމަތްތައް ލިބިގަތުމަށް ފަލަސްޠީނުގެ ބިމަށް ގޮސްފަ. އޭގެ ފަހުން މި އަވަށް މި އޮންނަނީ ފަޅުކޮށް. ކިފްލުގެ ހުރިހާ ޔަހޫދީންވަނީ ފަލަސްޠީނަށް ހިޖުރަކޮށްފަ. ދެން އެ ޢިމާރާތް ނުވަތަ މިސްކިތް އެހެރީ ކިފްލުގެ ކޮންމެވެސް ޢާއިލާއެއްގެ ބެލުމުގެ ދަށުގަ." ޢަދްނާން ސައްމާކާ ވިދާޅުވިއެވެ.

މިތަން އަދިވެސް ހުރީ އަޅައިނުލެވި ދޫކޮށްލެވިފައެވެ. މި ތަނުގެ ވަށައިގެން ހުރި ބައެއް ހިސާބުތަކަށް މީހުން އައިސްގޮސް އުޅުނު ކަމުގައި ވިޔަސް ސަރަޙައްދު ގާތްގަނޑަކަށް މި އޮންނަނީ ފަޅުކޮށެވެ.

ނަބިއްޔާ ޛުލްކިފްލިގެ ވާހަކަ ޤުރުއާނުގައި އައިސްފައިވެއެވެ. އެއީ ކުރީގެ އެހެން ނަބިއްޔުންގެ ވާހަކަ ވެސް އައިސްފައިވާ ސިޔާގުގައެވެ. އަދި އެކަލޭގެފާނު ސިފަ ކުރެވިފައިވަނީ ކެތްތެރި ބޭފުޅެއްގެ ގޮތުގައެވެ.

"އަހަރެމެންނަށް އެބަ އެނގޭ ޛުލްކިފްލިގެފާނަކީ ނަބިއްޔެއްކަން. ރަސޫލުންނާއި ނަބިއްޔުންނަށް އީމާންވުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކަމެއް." ޢަބްދުﷲ އަލްޢުވައިދު ވިދާޅުވިއެވެ.

"ކީރިތި ޤުރުއާނުން އަޅުގަނޑުމެންނަށް އެނގޭ ޛުލްކިފްލިގެފާނަކީ ނަބީބޭކަލެއްކަން. އަދި އެކަލޭގެފާނަކީ ކެތްތެރި ބޭފުޅެއް ކަމާއި ޞާލިޙް ބޭފުޅެއްކަން ނައްޞުން ސާބިތުވޭ." އައްޝައިޚް ޢީސާ މުޙައްމަދު ވިދާޅުވިއެވެ.

ޛުލްކިފްލި ނަބީ ކަލޭގެފާނާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް އެބަހުށްޓެވެ. އެހެން ނަމަވެސް މި ނަބިއްޔާގެ ނަސަބާއި ޒަމާނާމެދު ވަނީ އިޚްތިލާފު އުފެދިފައެވެ. އަދި ކޮން ބައެއްގެ ގާތަށްތޯ ފޮނުއްވުނީ މިއީ ވެސް ކުރެވޭ ސުވާލެކެވެ.

"ޛުލްކިފްލި ޢަލައިހިއްސަލާމަކީ ބަނީ އިސްރާއީލުގެ ނަބިއްޔުންގެ ތެރެއިން ނަބިއްޔެއް. އެކަލޭގެފާނާ ބެހޭ ގޮތުން ވަރަށް ގިނަ އިސްރާއީލީ ރިޔާޔަތްތައް އެބަ ހުރި. އެހެންނަމަވެސް ކަމެއް ސާބިތުކުރުމުގައި އިސްރާއީލިއްޔާތަށް ތަބާވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މީގެ ތެރެއިން ބައެއް ރިވާޔަތްތައް ބުނަނީ އެއީ އައްޔޫބުގެފާނުގެ ދަރިކަލެއް ކަމަށް. އެހެންނަމަވެސް މިއީ ރަނގަޅު ވާހަކަތަކެއް ނޫން." ޢަބްދުﷲ އަލްޢުވައިދު ވިދާޅުވިއެވެ.

މީގައި އަޅުގަނޑުމެންނަށް މުހިންމުވީ ޛުލްކިފްލިގެފާނަކީ ﷲ ގެ ނަބިއްޔެއް ކަމަށް ވާތީ އެކަލޭގެފާނު އުޅުއްވި ބިން ދެނެގަތުމެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ޢިރާޤުގެ ކިފްލިއޭ ކިޔޭ ރަށުގައެވެ. އެކަލޭގެފާނު ފޮނުއްވުނީ ކިފްލުގެ އަހުލުވެރީންގެ ގާތަށެވެ. އަދި އެކަލޭގެފާނު އަވަހާރަވީ ވެސް މި ރަށުގައެވެ. މި ރަށުގައި އެކަލޭގެފާނުގެ މަޤްބަރާވެސް އެބަ ހުށްޓެވެ. ނުބުއްވަތުގެ ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވާފައިވާ އެހެން ނަބީންނެކޭ އެއްފަދައިން ޛުލްކިފްލިގެފާނަކީ ވެސް ﷲ ގެ އެއްކައުވަންތަ ކަމަށް ގޮވައިލެއްވި ބޭކަލެކެވެ. އެހެން ނަބިއްޔުންނެކޭ އެއްފަދައިން އެކަލޭގެފާނުވެސް މަސައްކަތް ކުރެއްވީ ދުނިޔޭގެ ބިންމަތީގައި ހުރިހާ އިންސާނުން ވެސް ރައްކާތެރިކަމާއި ޞުލްޙަވެރިކަމާއެކު ޢަދުލު އިންޞާފާއި ޙައްޤުތައް ލިބިގެން އެހެން އިންސާނުންގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވެގެންވާ ދިރިއުޅުމެއްގައި އުޅުން ކަށަވަރުކޮށްދިނުމުގެ ޒިންމާ ނަގާނެ ޖީލެއް އުފެއްދެވުމުގެ މަސައްކަތެވެ. މި ޖީލަކީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް އަޅުކަން ހަމައެކަނި އެއިލާހަށް ކުރާނޭ ޖީލެކެވެ.

comment ކޮމެންޓް