ނަބީ ބޭކަލުންގެ ބިންތައް 13 - ޔަޢުޤޫބުގެފާނާއި ޔޫސުފުގެފާނު

މިސްރުގެ ޢަޒީޒުގެ ގަނޑުވަރުގެ ސަރަޙައްދު --

ނުބުއްވަތުގެ ޠާހިރު ގެކޮޅަކުން ފޮނުއްވުނު ނަބިއްޔެކެވެ. އިބްރާހީމް ޢަލައިހިއްސަލާމުގެ ގެކޮޅުން ފޮނުއްވުނު ނަބިއްޔެކެވެ. އެކަލޭގެފާނުގެ ސިޔަރަތު ނުބުއްވަތުގެ ތެރެއިން ފަލަސްޠީނުގެ ބިމާއި، ޢިރާޤާއި، މިޞްރުގެ ބިމާ ވަނީ ގުޅިފައެވެ. އެއީ ﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނެވެ. އެކަލޭގެފާނަށް ލަޤަބުފުޅެއްގެ ގޮތުގައި ދެވިފައިވާ ނަންފުޅަކީ "އިސްރާއީލު" އެވެ.

ފަލަސްޠީނުގެ ޚަލީލު ޝަހަރުގައިވާ އެ ތަނަކީ މަލާއިކަތުން އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާއްރާއަށް އިސްޙާޤުގެފާނާ ބެހޭ ޚަބަރަށް ފަހު ޔަޢުޤޫބުގެފާނާ ބެހޭ ގޮތުން ވެސް އުފާވެރިކަމުގެ ޚަބަރުދެއްވި ތަނެވެ.

ﷲ ވަނީ އިބްރާހީމްގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެ ކަމާއި، އިސްޙާޤުގެފާނަށް ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު އިބްރާހީމްގެފާނަށް ދެއްވާފައެވެ. މިކަން ކީރިތި ޤުރުއާނުގައި ބަޔާން ވެގެންވެއެވެ. އެހެންކަމުން ޔަޢުޤޫބުގެފާނަކީ އެކަލޭގެފާނާ މެދު ﷲ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ބޭކަލެކެވެ.

ޔަޢުޤޫބުގެފާނަކީ ޢިލްމުވެރި ބުއްދިވެރި ބޭކަލެކެވެ. އަދި ﷲ އިޚްތިޔާރު ކުރެއްވި ނަބީންގެ ތެރެއިން ނަބިއްޔެކެވެ. ހަމައެއާ އެކު އެކަލޭގެފާނުގެ ޙަޔާތްޕުޅަކީ ވެސް އިމްތިޙާނުތަކުން ފުރިގެންވީ ޙަޔާތްޕުޅެކެވެ. މި އިމްތިޙާނުތަކުގައި ކެތްތެރިކަމާއެކު އެކަލޭގެފާނުން ވަނީ ކާމިޔާބު ހޯއްދަވާފައެވެ.

ޔަޢުޤޫބުގެފާނުން އެކަލޭގެފާނުންގެ ޙަޔާތްޕުޅުގެ ކުރީ ބައި ހޭދަ ކުރެއްވީ ޚަލީލު ޝަހަރުގައެވެ. ޒުވާން ޢުމުރުފުޅު ފެށުމާއެކު ކާބަފައިންގެ ވަޠަން ކަމުގައިވާ ޢިރާޤަށް ދަތުރު ކުރެއްވިއެވެ. އަދި އެތަނުން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން އެނބުރި ފަލަސްޠީނުގެ ބިމަށް ވަޑައިގަތެވެ.

ޔަޢުޤޫބުގެފާނަށް ބާރަ ބޭފުޅުން ލިބިވަޑައިގަތެވެ. މިހުރިހާ ބޭފުޅުން ވެސް ވަކި ހިސާބަކުން ވަޑައިގެން މިޞްރުގައި ވަޒަންވެރިވެ ވަޑައިގަތުމާ ހަމަޔަށް އުޅުއްވީ ފަލަސްޠީނުގެ ބިމުގައެވެ. ޔަޢުޤޫބުގެފާނުންގެ ސިޔަރަތު ވަނީ އެކަލޭގެފާނުންގެ މާތް ދަރިކަލުން އަދި ﷲގެ ނަބިއްޔާ ޔޫސުފުގެފާނުންގެ ސިޔަރަތާ ގުޅި ލާމެހިފައެވެ.

"މި ވާހަކައިން އަޅުގަނޑުމެންނަށް ޔަޢުޤޫބުގެފާނުގެ ޝަޚްޞިއްޔަތާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް އެނގިގެންދޭ. އެންމެ ފުރަތަމައަށް މިވާހަކައިގެ ދުވަސްވަރަށް އައި އިރު އެކަލޭގެފާނަކީ ޢުމުރުފުޅުން ދުވަސްވީ މުސްކުޅި ބޭފުޅެއް ކަން އެނގޭ. އެހެނީ ޔޫސުފު ޢަލައިހިއްސަލާމާ ދިމާވި ހާދިސާތައް ހިނގާފައިވަނީ ޔަޢުޤޫބުގެފާނުންގެ ޢުމުރުފުޅުން ދުވަސްވެ ވަޑައިގަތްފަހުން." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ސޫރަތު ޔޫސުފު ނޫނީ މުޅި ޤުރުއާނުގައި ވެސް ސޫރަތް ފެށިގެން ނިޔަލަށް އެއްވެސް ނަބީބޭކަލެއްގެ ވާހަކަ އައިސްފައެއް ނުވެއެވެ. އެހެންކަމުން ޔަޢުޤޫބުގެފާނުންގެ ސިޔަރަތާއި، ޔޫސުފުގެފާނުންގެ ސިޔަރަތު އަޅުގަނޑުމެން ކުރިޔަށް ގެންދާނީ އެކުއެކީގައެވެ.

ދަނޑުވެރިކަމުގެ މައްޗަށް ބަރޯސާވާ ވެށްޓެއްގައި ދިރިއުޅޭ ބަޔަކަށް އެމީހުންގެ ޢާއިލާގައި ގިނަ މީހުން ތިބުން ވަނީ މުހިއްމު ކަމަކަށެވެ. މި ގޮތުން އެތައް ދަރީންނެއް ތިބޭ ޢާއިލާތަކުގައި، މީގެ ތެރެއިން އެއް ބައި ކުދީންނަށް ވުރެ ބޮޑަށް ބައެއް ކުދީން ދެކެ ބައްޕަ ލޯބިވުމަކީ ޠަބީޢީ ކަމެކެވެ. މިއީ އެކުދީންގެ ކިބައިން ބައްޕައަށް ފެންނަ ސިފަތަކެއްގެ ސަބަބުން އުފެދޭ ޝުޢޫރަކަށް ވެދާނެއެވެ.

މި ގޮތުން ޔަޢުޤޫބުގެފާނުންގެ ބޭފުޅުންގެ ތެރެއިން އެކަލޭގެފާނުންގެ ހިތްޕުޅުގައި އެންމެ އިސް މަގާމެއް ދެވިފައިވަނީ ޔޫސުފުގެފާނަށެވެ. އެހެނީ އެކަލޭގެފާނު ވަނީ ވަރަށް ގިނަ އަޚްލާޤީ ސިފަތަކުން ޒީނަތްތެރިވެ ވަޑައިގެންފައެވެ. މީގެ ސަބަބުން އެ ކުޑަކުޑަ ބަނިޔާދަން ޒުވާނާއަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ.

"އިންސާނީ ތާރީޚުގެ ތެރެއިން ފެންނަ ވަރުގަދަ ޝަޚްޞިއްޔަތުތަކަށް އަޅުގަނޑުމެން ނަޒަރު ހިންގާލާ ނަމަ ފެންނާނެ، އެ ޝަޚްޞިއްޔަތުތަކަކީ އެފަރާތްތަކުގެ ޙަޔާތުގެ ކުރީކޮޅުގެ ދުވަސްތަކުގައި ވެސް، ވަށައިގެންވާ މީހުންނަށް ފުން އަސަރުތަކެއް ކުރުވާ ފަދަ ޠަބީޢަތެއް ލިބިގެންވާ ބައެއްކަން." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

"ޔަޢުޤޫބު ޢަލައިހިއްސަލާމް ޔޫސުފުގެފާނުން ދެކެ ވެވަޑައިގަތް ލޯތްބަކީ ހަމައެކަނި ޝުޢޫރީ ލޯތްބެއް ނޫން. ޔަޢުޤޫބުގެފާނަށް ޔޫސުފުގެފާނުގެ ކިބައިން ޚާއްޞަ ސިފަތަކެއް ފެނިވަޑައިގަތް. އަޚްލާޤާއި އުޞޫލާއި، އަދަބާއި، ޢިލްމާއި، ޙިކުމަތާއި، ވިސްނުންފުޅުތޫނުކަން ފަދަ އެތައް ކަމެއް ޔޫސުފުގެފާނުގެ ކިބައިން ޔަޢުޤޫބުގެފާނަށް ފާހަގަ ކުރެއްވުނު." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ކީރިތި ޤުރްއާނުގައި ޔޫސުފުގެފާނުގެ ވާހަކަ ފެށިފައިވަނީ އެކަލޭގެފާނަށް ފެނިވަޑައިގަތް ތަފާތު ހުވަފެންފުޅެއްގެ ވާހަކައިންނެވެ. އެކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވުނު ކަންކަމަކީ ނުބުއްވަތުގެ އިޝާރާތެކެވެ. އެކަލޭގެފާނަށް ހުވަފެންފުޅުގައި ފެނިވަޑައިގަތީ އެގާރަ ގުރަހައާއި، އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަ ކުރަނިކޮށެވެ.

"ޔޫސުފުގެފާނުންގެ ހުވަފެންފުޅު ޔަޢުޤޫބުގެފާނަށް ކިޔައިދެއްވުމުން ޔަޢުޤޫބުގެފާނުން ޔޫސުފުގެފާނަށް އިރުޝާދު ދެއްވީ އެހުވަފެންފުޅު އެކަލޭގެފާނުންގެ އަޚުންނަށް ކިޔައިނުދެއްވުމަށް. އެއީ އޭގެ ސަބަބުން ޙަސަދަވެރިކަމެއް އުފެދި ޔޫސުފުގެފާނާ ދެކޮޅަށް އެކަލޭގެފާނުގެ އަޚުން ނުބައި ރޭވުމެއް ރާވައިފާނެ ކަމަށް ޔަޢުޤޫބުގެފާނަށް ވިސްނިވަޑައިގަންނަވާތީ. އެ ގޮތުން އެކަލޭގެފާނަށް ގެއްލުމެއް ދީފާނެތީ. އެއީ ޔޫސުފުގެފާނުން އެމީހުންގެ މައްޗަށް އެހައި ބޮޑަށް ކުރިއަރައިގެން ދާން އެމީހުން ބޭނުން ނުވާނެތީ." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

ކުރީގައި ޔަޢުޤޫބުގެފާނުގެ ހިތްޕުޅުގައި ޔޫސުފުގެފާނަށް އޮތް ލޯތްބާއި ގާތްކަމަށް ވުރެ ބޮޑު ލޯތްބަކާއި ގާތްކަމެއް މި ހުވަފެންފުޅަށް ފަހު އުފެދިގެން ދިޔައެވެ. އެއީ ނުބުއްވަތުގެ ޢަލާމާތްތަކެއް ކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގަންނަވައެވެ. ޔަޢުޤޫބުގެފާނަށް އައި ބަދަލާއި ޔޫސުފުގެފާނު ކުރިޔަށް ވުރެ ވެސް ގާތްކަން އެހެން ކުދީންނަށް ފާހަގަކުރެވުނެވެ. އަދި އެކަމާ މަޝްވަރާ ކުރަމުން ގެންދިޔައެވެ. އެންމެ ފަހުން ރޭވިގެން ދިޔައީ ނުބައި ރޭވުންތަކެކެވެ. އެއީ ނުބައި ޙަސަދަވެރިކަމުގެ ނަތީޖާއެވެ.

"ޔަޢުޤޫބުގެފާނުންގެ ބޭފުޅުންގެ ތެރޭގައި އެބޭފުޅުންގެ އަޚް ޔޫސުފުގެފާނުގެ މައްޗަށް އުފެދުނު ޙަސަދައިގެ ސަބަބުން އުފެދުނީ ވަރަށް ނުރައްކާތެރި ފިކުރެއް. އެބޭފުޅުން ވިސްނެވީ ޔޫސުފުގެފާނުގެ ކަންތައް ނިންމާލުމަށް ފަހު ދެން ޞާލިޙުވެގެން އުޅޭން. ޔޫސުފުގެފާނަށް ގެއްލުން ނުދިނުމުގެ ވިސްނުމެއް ނޫން ގެންގުޅުނީ." އައްޝައިޚް ޚާލިދު ޢަބްދުﷲ ވިދާޅުވިއެވެ.

ޔޫސުފުގެފާނު ވަޅަކަށް ވައްޓައިލުން ވެގެން ދިޔައީ ޔޫސުފްގެފާނުގެ އަޚުންނަށް އެއްބަސްވެވުނު ގޮތް ކަމުގައެވެ. އެކަމަށް ޓަކައި ބައްޕާފުޅު ޔަޢުޤޫބުގެފާނުގެ އަރިހުގައި ދޮގު ހެދުމަށް ފަހު ޔޫސުފުގެފާނު ގޮވައިގެން ގޮސް ވަޅަށް ވައްޓައިލިއެވެ. ދެން އެނބުރި އައީ ޔޫސުފުގެފާނުގެ ގަމީސްކޮޅު ހިފައިގެންނެވެ. އޭގައި ޙަޤީޤަތެއް ނެތް ލެޔެއް އުނގުޅައިގެންނެވެ. އަދި އެމީހުން އެވަގުތު ދިޔައީ ރޮމުންނެވެ.

"އެ ގަމީސްކޮޅު އޮތީ ވީދިފައެއް ނޫން. މިނިކާ ކުއްތާއެއް ޙަމަލަ ދިން ނަމަ، އެ ގަމީސްކޮޅު ނުވީދި ސަލާމަތުން ނޯތީސް. އެހެންކަމުން އެމީހުން އެހަދަނީ ދޮގުކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގަތް." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

"ޔޫސުފުގެފާނު ވީ ވަޅުތެރޭގަ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި. ނާމާން ތަފާތު އަޑުތައް އިވިވަޑައިގަންނަވާ. ފުރިހަމަ މާނައިގަ އެކަނިވެރިކަމުގައި އެކަލޭގެފާނު ވީ." އަޙްމަދު ހުލައިލް ވިދާޅުވިއެވެ.

އެކަލޭގެފާނު އެއްލައިލެވުނު ވަޅު ހުރީ ފަލަސްޠީނުން މިޞްރަށް ދަތުރުކުރާ ގާފިލާތައް ދަތުރުކުރާ މަގުގައެވެ. އެއީ އަބަދުވެސް މީހުން ދަތުރުކުރާ މަގެކެވެ.

"ޔޫސުފުގެފާނު އެވަޅަށް ވައްޓާލެވުނު ފަހުން އެ މަގުން ވިޔަފާރި ގާފިލާއެއް އައި. އެމީހުން އެ ވަޅުން ފެން ނަގަން ވެގެން ވާ ޖަހާފައި ވަޅަށް ބާލިދީ ތިރިކުރި. ދެން އެމީހުން ބާލިދީ ނެގިއިރު އޭގައި ހިފައިގެން އޮތީ ކުޑަކުއްޖެއް. ދެން އެމީހުން ބުނި ކޮންފަދަ އުފާވެރިކަމެއްހޭ. މިއޮތީ ރަނގަޅު އަގެއްގައި ވިއްކާލެވޭނެ ކުއްޖެކޭ." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

މި ގާފިލާ ޞަޙަރާ ތެރޭގައި ދަތުރު ކުރަމުން ދިޔައެވެ. އެމީހުންގެ ދަތުރުގެ މިޞްރާބު ހުރީ މިޞްރާ ދިމާއަށެވެ. އެމީހުން މިޞްރަށް ގޮސް ކުރާނެ އެންމެ ފުރަތަމަ ކަމަކީ އެކުއްޖާ ރަނގަޅު އަގަކަށް ވިއްކާލުމެވެ. ވިއްކާލެވޭ މުދަލެއް ފަދައިންނެވެ.

"ޚިޔާލަށް ގެންނަވާ. ދުނިޔޭގައި އެވަގުތު އޮތް އެންމެ ރަނގަޅު ޢާއިލާއަށް ނިސްބަތްވާ އިންސާނެއް. އަޅެއްގެ ގޮތުގައި ވިއްކާލެވިގެން އެދިޔައީ އެއްބަފާ އަޚުންގެ ސަބަބުން. އެކަލޭގެފާނު ވިއްކާލެވުނީ ނިސްބަތުން މަދު ދިރުހަމްކޮޅަކަށް. މިޙާލަތުގައި ޝުޢޫރުތައް ހުންނާނީ ކިހިނެއްތޯ؟" ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އެވަގުތު މިޞްރު އޮތީ ހުކްސޫސުންގެ ބާރުގެ ދަށުގައެވެ. އެމީހުން ވެރިކަން ކުރި ރަށް އޮންނަނީ މިހާރުގެ ބޫރުސަޢީދު ކައިރީގައެވެ. މީގެ ސަބަބުން ޑެލްޓާއަށް ނުފޫޒު ފޯރުވުން އޮތީ ވަރަށް ފަސޭހަވެފައެވެ. އޭގެފަހުން އެމީހުން މިޞްރާބު ޖެހީ ދެކުނަށް ނީލަކޯރުގެވާދީއާ ދިމާއަށެވެ. މިހިސާބުން ފަލަޞްޠީނަށް ދަތުރު ކުރާ މީހުން ދަތުރު ކުރާނީ އުތުރުބިތުގެ އައްސޭރި ފަށުންނެވެ.

"ހުކުސޫސުން މިޞްރަށް ވަދެގަތީ އެ ދިމާލުން. އަދި އެޒަމާނުގައި ވެސް އަޅުންގެ ވިޔަފާރިކުރާ މީހުން އަންނާނީ މިހެން. އެމީހުން ދެން މިޞްރާބު ޖަހާނީ ނީލަކޯރުގެ ވާދީއާ ދިމާއަށް." ޙިލްމީ އައްނަމްނަމް ވިދާޅުވިއެވެ.

ޔޫސުފު ޢަލައިހިއްސަލާމުގެ ނަސީބުގައި ހުރީ އެވަގުތު މިޞްރުގައި ރަސްގެފާނު ފިޔަވައި ދެން އެންމެ ބާރުގަދަ މަގާމުގައި ހުރި ބޭފުޅާ އެކަލޭގެފާނު ބައްލަވައިގަތުމެވެ. އެއީ މިޞްރުގެ ޢަޒީޒެވެ. މީގެ ސަބަބުން އެ ޤައުމުގެ މީހުންގެ ސަގާފަތުގެ ތެރެއަށް އެކަލޭގެފާނަށް ވަރަށް ފަސޭހައިން ދަސްވަމުންދިޔައެވެ.

"ޢަޒީޒުގެ އަނބިކަނބަލުންނަކީ އޭރު އެއްވެސް ދަރިކަލަކު ދަރިކަނބަލަކު ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫން. ދެން އެކަމަނާ ވަރަށް އުފާފުޅުވި ޔޫސުފުގެފާނު އެގަނޑުވަރުގައި އުޅުއްވަން ފެށްޓެވުމުން." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

މިޞްރުގެ ޢަޒީޒު ވަނީ ނީލަކޯރުގެ ހުޅަނގު ބިތުގައި ގަނޑުވަރެއް ބިނާ ކުރައްވާފައެވެ. އެއީ މިއަދު މިޞްރުގެ ޢަޒީޒިއްޔާއޭ ކިޔޭ ސަރަޙައްދެވެ. މި ނަން ނިސްބަތް ކުރެވިފައިވަނީ މި ޢަޒީޒަށެވެ. އެއީ ހުކްސޫސުންގެ ބާރު ހިނގާ ސަރަޙައްދު ފުޅާވެގެން ދިއުމާއެކުއެވެ.

ޔޫސުފުގެފާނު ބޮޑުފުޅުވީ މި ސަރަޙައްދުގައެވެ. ދައުލަތުގެ ކަންތައްތަކުގައި މަޝްޣޫލުވެގެން އުޅުއްވުމުގެ ސަބަބުން މާގިނައިން ގޭގައި ނޫޅުއްވާ ޢަޒީޒުގެ ގަނޑުވަރުގައެވެ. އޭރު ޢަޒީޒުގެ އަނބިކަނބަލުންގެ ކުރިފުޅުމަތީގައި ބޮޑުފުޅުވަމުން ދިޔައީ ވަރަށް ފިރިހެންވަންތަ ބަނިޔާދަން ބޭފުޅެކެވެ. މީގެ ސަބަބުން އެކަމަނާގެ ހިތްޕުޅު އެ ކަލޭގެފާނާ ދިމާއަށް ލެނބޭން ފެށިއެވެ. މި ޝުޢޫރުތައް އެއް ދުވަހަކު ބަންޑުންވެގެން ދިޔައެވެ. އެހެންނަމަވެސް ޔޫސުފުގެފާނު ވަރަށް ސާބިތުކަމާއެކު އެކަމާ ދެކޮޅު ހެއްދެވިއެވެ.

"އެކަލޭގެފާނު ވަގުތުން ވިދާޅުވި. ތިމަންކަލޭގެފާނު ﷲ އަށް ބިރުވެތި ވަމޭ. އެކަލޭގެފާނަށް އެކަމުން ދުރުވެ ވަޑައިގެންނެވުނީ ހަމައެކަނި ﷲ އަށް ބިރުވެތިވުމުގެ ސަބަބުން." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އެކަމަނާގެ ރޭވުން ކާމިޔާބު ނުވުމުން ދެން އެކަމަނާ ބޭނުންފުޅުވީ އެކަމަނާއަށް އެކަން ކުރެއްވުނީ ބޭއިޚްތިޔާރުގައިކަން ދެއްކެވުމަށެވެ. އެއީ އެރަށުގެ އަންހެނުން އެވާހަކަ ދައްކާތީއެވެ.

"ޢަޒީޒިއްޔާގެ ނަން ނިސްބަތް ކުރެވިފައިވަނީ މިޞްރުގެ ޢަޒީޒަށް. މި ރަށަކީ ތާރީޚު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިޞްރުގެ ޢަޒީޒުގެ ގަނޑުވަރު ހުރި ރަށް. މިހާރު އަޅުގަނޑުމެން މި ދަތުރުކުރަނީ މި ރަށުގެ މަދަރުސާއާ ދިމާއަށް. ދެން އެތަނުން އަޅުގަނޑުމެން ދާނީ ޢަޒީޒުގެ އަނބިކަނބަލުން ޒުލޭޚާ ނާނޭފުޅުފިއްލަވަން ތައްޔާރު ކުރެވިފައިވާ ޙައްމާމުތައް ހުރި ހިސާބަށް. ޔޫސުފުގެފާނާއި ޒުލޭޚާގެ ވާހަކައަކީ މަޝްހޫރު ވާހަކައެއް." ޙިލްމީ އައްނަމްނަމް ވިދާޅުވިއެވެ.

"އެ ރަށުގެ ބޮޑުންގެ އަންހެނުންތައް އެއް ކުރެއްވުމަށް ފަހު، ކޮށައިގެން ކެވޭ ފަދަ އެއްޗަކާއި ވަޅިއެއް ދެއްވުމަށް ފަހު އެކަމަނާ ޔޫސުފުގެފާނަށް ވިދާޅުވި، އެކަނބަލުންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވާށޭ. އެކަލޭގެފާނުގެ ރީތިފުޅުކަމުން އެކަނބަލުން އެކަލޭގެފާނަށް ނަޒަރު ހުއްޓައިގެން ތިބެވުމުގެ ސަބަބުން އެކަނބަލުންގެ އަތްޕުޅުތައް ޒަޚަމްވެގެން ދިޔަ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ޢަޒީޒުގެ ގަނޑުވަރާ ގާތުގައި ތައްޔާރުކޮށްފައިވާ ތަންތަނަކީ ޢަޒީޒުގެ އަނބިކަނބަލުން އެކަމަނާގެ އެކުވެރީންނާއެކު އުފާ ކުރެއްވުމަށާއި މުނިފޫހިފިއްލެވުމަށާއި އަދިވެސް އެކަމަނާގެ ހިތްޕުޅު އުފާވާ ޒާތުގެ ކަންކަމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނެވެ. މި ތަންތަން މަޝްހޫރުވެފައިވަނީ ޒުލޭޚާގެ ޙައްމާމުތަކުގެ ގޮތުގައެވެ. ވާހަކައިގެ ތެރެއިން ޔޫސުފުގެފާނާ ދިމާވި ހާދިސާ ހިނގީ މި ޙައްމާމުތަކުގެ ސަރަޙައްދުގައެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ޒުލޭޚާގެ ޙައްމާމުތައް ހުރި ހިސާބުގަ. މި ސަރަޙައްދުގައި މިހާރު ގިނައިން މިހިރީ ދަނޑު ބިންތައް. އޭރުގެ ބައެއް ބިނާތައް އަދިވެސް އެހެރީ ފެންނަން. މި ތަނަށް މިއަދުވެސް ނަން ކިޔަނީ ޒުލޭޚާގެ ނަންފުޅާ ގުޅުވައިގެން. މިއީ ޒުލޭޚާގެ ޙައްމާމުތައް ހުރި ހިސާބަކީ. ނުވަތަ ގަނޑުވަރުގެ ޙައްމާމުތައް ހުރި ހިސާބަކީ. އެއީ އެކަމަނާ އާއި އެކަމަނާގެ އަރިހުގައި އުޅުއްވާ އެކުވެރި އަންހެންބޭފުޅުން ނާނޭފުޅުފިއްލެވުމަށް ބޭނުންފުޅު ކުރެއްވި ޙައްމާމުތައް." ޙިލްމީ އައްނަމްނަމް ވިދާޅުވިއެވެ.

ރަށުގެ ބޮޑުންގެ އަންހެނުންގެ މެދުގައި ޔޫސުފުގެފާނާއި ޒުލޭޚާގެ ވާހަކަ ދެއްކެމުން ދިޔައެވެ. އެ ވާހަކަ އެކި ގޮތްގޮތަށް ދެއްކުމަކަށް ހުއްޓުމެއް ނައެވެ. މިކަމާ ގުޅިގެން ފިތުނަތައް އުފެދެމުން ދިޔައެވެ. އެވާހަކަ ހުއްޓޭން އޮތީ އެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް ޔޫސުފުގެފާނު ކަންތައް ކުރައްވައިގެންނެވެ. އެހެން ނޫނީ ޔޫސުފުގެފާނަށް އޮތީ ޖަލަށް ދިއުމެވެ. މިދެކަމުގެ ތެރެއިން ޔޫސުފުގެފާނު އިޚްތިޔާރު ކުރެއްވީ ޖަލެވެ.

"ޔޫސުފުގެފާނަކީ ވަރަށް ތަފާތު ބޭކަލެއް. ވަރަށް ކެތްތެރި، ވަރަށް ވިސްނުންފުޅު ތޫނު ބޭކަލެއް. އެކަލޭގެފާނު އެވަނީ މިޞްރަށް ލިބުނު ތިޔާގި ކަމާއި، އެއަށް ފަހުން އައި ތަދުކަމުގެ ދުވަސްތަކުގެ ކަންތައް ވަރަށް ރަނގަޅަށް އިންތިޒާމު ކުރައްވާފަ." އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.

ޔޫސުފުގެފާނު ޤައިދުކުރެވުނު ޖަލު ހުރީ ޢަޒީޒުގެ ގަނޑުވަރާ މާ ދުރަކު ނޫނެވެ. ގަނޑުވަރުގެ ދިރިއުޅުއްވުމުން ދެން ޔޫސުފުގެފާނަށް ޖެހިވަޑައިގަތީ ޖަލުގެ ދިރިއުޅުއްވުމަށް ބަދަލުވެވަޑައިގެންނެވުމަށެވެ. އެއީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މަރުޙަލާތަކުގެ ތެރެއިން މުޅީން އާ މަރުޙަލާއެކެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ އެ ޖަލާ ވަރަށް ކައިރީގަ. މިތަނުން ތިރިޔަށް ފައިބައިގެން ޖަލާ ދިމާއަށް ދެވޭނީ. އެފަރާތުން އެފެންނަކީ ކަދުރު ރުއްތަކެއް. މި ތަނުގައި މި ކަދުރު ރުއްތައް ހައްދައިފައިވަނީ މުޙައްމަދު ޢަލީގެ ވެރިކަމުގަ. އޭގެ ކުރީގައި އެއީ ގަސްތަކެއް ހުރި ސަރަޙައްދެއް ނޫން. ދެން އެ ތަނުން އަޅުގަނޑުމެންނަށް ކުޑަ ޖިފުޓިއެއްގެ ގޮތުގަ ފެހިކުލައިން އެ ފެންނަ ތަނަކީ ޔޫސުފުގެފާނު ޤައިދު ކުރެވުނު ޖަލުގެ ބައެއް. މިތަނުގެ އަޑީގައި ބިންގަރާސް ޖަލެއްގެ ގޮތުގައި އެ ޖަލު ހެދިފައިވަނީ." ޙިލްމީ އައްނަމްނަމް ވިދާޅުވިއެވެ.

އެތަނަށް ވަދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެތަން މިހާރު ހުރީ ބަންދުކުރެވިފައެވެ. އަދި އެތަން ހުޅުވުމުގެ ކަންތަކާ ޙަވާލުވެ ހުންނަ ފަރާތަކާ އަޅުގަނޑުމެންނަކާ ބައްދަލެއް ނުވިއެވެ. އެހެންކަމުން އެތަނަށް ވަންނަން ހުންނަ މަތީބައި އަޅުގަނޑުމެން ބަލާލާނީއެވެ.

"މި ބަޔަކީ މިއީ ބިންގަރާސް ޖަލަށް ފައިބާ ތަން. އެ ޒަމާނުގައި މިފަދަ ޖަލުތައް ހުންނަނީ ބިމުގެ އަޑީގަ. އެއީވެސް ޖަލުތަކުގެ އެކަނިވެރިކަމާ ބިރުވެރިކަން ބޮޑުވެގެންދާނެ ކަމެއް. މިހިރީ އެ ތަނަށް ފައިބާން ހުރި ދޮރުގެ ސަރަޙައްދު." ޙިލްމީ އައްނަމްނަމް ވިދާޅުވިއެވެ.

ޖަލުގައި ޔޫސުފުގެފާނުން ބަންދުކުރެވުނީ އެކަލޭގެފާނުގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. އެހެންނަމަވެސް އެވަގުތު ރަށުގެ ތެރޭގައި އެކަލޭގެފާނު ހުންނެވުމަކީ ރަށުގެ ބޮޑުންނަށް އޭގެ ސަބަބުން ތަފާތު އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީއެވެ. އެކަލޭގެފާނު އެކަހެރި ކޮށްލެވުމުން މައްސަލައަށް ޙައްލެއް އަންނާނެކަމަށް ބެލެވިގެންނެވެ.

އެވަގުތު އެކަލޭގެފާނާ އެކު އެހެން ދެ ޤައިދީއަކު ވެސް ޖަލުގައި ތިބިއެވެ. އެ ދެމީހުންނަކީ ރަސްގެފާނުގެ ގަނޑުވަރުގައި މަސައްކަތް ކުރި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކީ ގަނޑުވަރުގެ ރޮށިފިހާ މީހާއެވެ. އަނެއް މީހާއަކީ ރަސްގެފާނަށް ފެންފަރީއްކޮޅުތައް އަރުވާ މީހާއެވެ. އެ ދެމީހުން ޖަލަށް ލެވުނީ ރަސްގެފާނުގެ ކާބޯތަކެއްޗަށް ވިހަލާން އުޅުނު ކަމުގެ ތުހުމަތުގައެވެ.

"އެކަލޭގެފާނާ އެކު ޖަލުގައި ތިބި ދެ ޤައިދީން އެމީހުންނަށް ފެނުނު ހުވަފެނެއްގެ ވާހަކަ އެކަލޭގެފާނަށް ކިޔައިދިން. އެކަލޭގެފާނު އެހުވަފެނުން މުރާދުކުރެވޭ ތަޢުބީރަކީ ކޮބައިކަން އެ ދެމީހުންނަށް ކިޔައިދެއްވި. އެކަކު ބުނީ ތިމަންނައަށް ފެނުނީ މޭބިސްކަދުރު ފެލައިގެން އޭގެ ދިޔައިން ރާ ތައްޔާރުކުރާ ތަނޭ.

ދެން އަނެއް މީހާ ބުނި ތިމަންނައަށް ފެނުނީ ތިމަންނަގެ ބޯމަތީގައި ކާތަކެތީގެ ވަށްޓެއް ބަހައްޓައިގެން ދަނިކޮށް އެއިން ދޫނިތައް ކާ މަންޒަރޭ.

ދެން އެކަލޭގެފާނު ފުރަތަމަ މީހާއަށް ވިދާޅުވި. ކުރިއެކޭ އެއްގޮތަށް ރަސްގެފާނަށް ފެންފަރީއްކޮޅު އެރުވުމުގެ ވަޒީފާއަށް ކަލޭ ރުޖޫޢަކުރެވޭނެޔޭ. ދެން އަނެއް މީހާއަށް ވިދާޅުވި ކަލޭ ޞަލީބަށް އެރުވޭނެޔޭ. އަދި ކަލޭގެބޮލުގެ މަސްތައް ދޫނިތައް ކެއުމަށް ދޫކޮށްލެވޭނެޔޭ." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

އެ ދެމީހުންނާ މެދު ކަންތައް ވެގެން ދިޔައީ އެކަލޭގެފާނު ވިދާޅުވި ފަދައިންނެވެ. އޭގެ ތެރެއިން އެކަކަށް މަރުގެ އަދަބު ދެވުނެވެ. އަނެއް މީހާ ސަލާމަތްވިއެވެ. ސަލާމަތްވި މީހާ ރަސްގެފާނުގެ އަރިހުގައި ޔޫސުފުގެފާނުގެ ވާހަކަ ދަންނަވަން ހަނދާން ނެތުނެވެ. މި ގޮތުގައި ދުވަސްތަކެއް ވޭތުވެގެން ދިއުމަށް ފަހު ރަސްގެފާނަށް ފެނުނު ހުވަފެންފުޅެއް ތަޢުބީރު ނުކުރެވިގެން އުޅޭން ފެށުމުން އެމީހާއަށް ޔޫސުފުގެފާނުގެ މަތީން ހަނދާންވިއެވެ. އެއީ އޭނާއަށް ފެނުނު ހުވަފެނެއް ވެސް އެކަލޭގެފާނު ތަޢުބީރުކޮށް ދެއްވި ގޮތަށް ތެދުވެފައިވާތީއެވެ.

"ރަސްގެފާނަށް ފެނިވަޑައިގަތް ހުވަފެންފުޅުގައި ފެނިވަޑައިގަންނަވަނީ ފަލަ ހަތްގެރި އައިސް ހިކި ހަތްގެރި ކާލާތަން. ދެން ފެންނަނީ ފެހި ހަތްކުރާގަނޑާއި ހިކި ހަތްކުރާގަނޑު. މި ހުވަފެންފުޅަކީ މާނައެއް އެކުލެވޭ ހުވަފެންފުޅެއް ކަމުގައި ދެކެވަޑައިގެން އޭގެ މާނަ ހޯއްދެވުމަށް ރަސްގެފާނު އެދިވަޑައިގަތް." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

"ރަސްގެފާނު އެހުވަފެންފުޅާ މެދު ސުވާލު ކުރެއްވުމުން ދައުލަތުގެ ބޮޑުން ވިދާޅުވީ ތިއީ އެއްވެސް މާނައެއް ހުރި ހުވަފެންފުޅެއް ނޫނޭ. ތިޔައީ ހަމަ ބިލާހެކޭ. އެމީހުން ބޭނުންވީ ރަސްގެފާނަށް ތަސައްލީއެއް ލިބިވަޑައިގަނޭތޯ ބަލަން. ދެން ވެސް އެކަމާ ރަސްގެފާނު ވާހަކަފުޅު ދެއްކެވުމުން އެމީހުން ބުނި ތިމަންމެންނީ ހުވަފެން ތަޢުބީރުކުރަން ދަންނަ ބަޔަކީމުއެއް ނޫނޭ. ތިމަންމެންނަކަށް ހުވަފެންތަކުގައި އެކުލެވިގެންވާ މާނައެއް ނޭނގެޔޭ." އަޙްމަދު ހުލައިލް ވިދާޅުވިއެވެ.

"ޔޫސުފުގެފާނާ އެކު ޖަލުގައި ދުވަސްތަކެއް ހޭދަ ކުރިމީހާއަށް މިހިސާބުން ޔޫސުފުގެފާނުގެ މަތީން ހަނދާންވި. އަދި އެކަލޭގެފާނުގެ އަރިހަށް ގޮސް އެހުވަފެނުގެ މާނަ އޮޅުން ފިލުވި. އެކަލޭގެފާނު ވިދާޅުވި، ތީގެ މާނައަކީ ކަލޭމެން ހަތް އަހަރު ދަނޑުވެރިކަން ކުރާނެޔޭ، ދެން އެ ގޮވާންތަކުން އެއްބައި ކުރާގަނޑުތަކުގައި ބަހައްޓައިގެން ރައްކާ ކުރާށޭ. އެހެނީ އޭގެ ފަހުން ދެން އަންނާނީ ދަތި ހަތް އަހަރޭ. އޭގެފަހުން އަންނާނެޔޭ އަހަރެއް. އެ އަހަރުގައި މީހުން ކާބޯތަކެއްޗަށް ޖެހިގެން ތިޔަބައިމީހުންގެ ގާތަށް އަންނާނެޔޭ." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

"ދެން ރަސްގެފާނު އެންގެވީ ޔޫސުފުގެފާނު ގޮވައިގެން އައުމަށް. އެހެންނަމަވެސް އެކަލޭގެފާނަކީ ކުށެއް ނެތް ބޭކަލެއް ކަން ރަސްގެފާނަށް އެނގިވަޑައިގަތުމުގެ ކުރީން ޖަލުން ނުކުމެވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވި. އެ ރަސުގެ އަންހެނުންނާ ސުވާލުކޮށްގެން އެކަން ހޯއްދެވުމަށް އެދިވަޑައިގަތް. އެކަލޭގެފާނު އެދިވަޑައިގަތް ފަދައިން ރަސްގެފާނު އެކަމާ ސުވާލު ކުރެއްވި. އަދި އެކަންވީ ގޮތް ރަނގަޅަށް ޒުލޭޚާ ކިޔައިދެއްވި. އެހިސާބުން ޔޫސުފުގެފާނުގެ އެއްވެސް ކުށެއް ނެތް ކަން އެންމެންނަށް ވެސް އެނގިގެން ދިޔަ." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

ޔޫސުފުގެފާނުން ޖަލުން ނުކުމެވަޑައިގެން ޙަވާލުވެވަޑައިގަތީ ދައުލަތުގެ މަތީ މަޤާމަކާއެވެ. އެއީ ޚަޒާނާތަކުގެ ވެރިކަމެވެ. މި މަރުޙަލާއަކީ އެކަލޭގެފާނުގެ ނުބުއްވަތުގެ ރިސާލަތު މީސްތަކުންނާ ހަމަޔަށް ގެނެސްދެއްވާން ލިބިވަޑައިގަތް ވަރަށް ވެސް ފުރިހަމަ ފުރުޞަތެކެވެ.

"ޔޫސުފުގެފާނަށް ލިބިވަޑައިގަތް ފުރުޞަތުގެ ބޭނުން ކުރައްވައިގެން ﷲ ގެ އެއްކައުވަންތަކަމުގެ ދީނަށް މީސްތަކުންނަށް ދަޢުވަތު ދެއްވަމުން ގެންދެވި. އެކަމަކު ވެސް ވަރަށް މަޑުމައިތިރިކަމާއެކު." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ކުރިޔަށް އޮތް ހަނަފަސް އަހަރުތަކާ ކުރިމަތިލެއްވުމަށް ޔޫސުފުގެފާނު ކަނޑައެޅުއްވި ރޭވުން އެކަލޭގެފާނު ތަންފީޒު ކުރެއްވިއެވެ. މި ގޮތުން ގޮވާން ރައްކާ ކުރެއްވުމަށް ބިޔަ ގުދަންތަކެއް ހެއްދެވިއެވެ. އަދި ގޮވާންތައް ރައްކާ ކުރައްވާނީ ކުރީން ވެސް އެކަލޭގެފާނު ވިދާޅުވި ގޮތަށް ކުރާތަކުން ވަކިނުކޮށް ކަމަށް އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނު ގޮވާންތައް ރައްކާ ކުރެއްވުމަށް ބިނާ ކުރުއްވި ގުދަންތައް ހުރީ މިޞްރުގެ އެންމެ ތަނެއްގައެއް ނޫނެވެ. މި ގޮތުން ގުދަން ހުރި އެއް ސަރަޙައްދަކީ ވަރަށް ގަދީމީ އަހްރާމުތަކެއް ވެސް ހުރި ހިސާބެކެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ފައްޔޫމު ސަރަޙައްދުގަ. މި ތަނުގެ އެއްބައި މި އޮންނަނީ ހަނަފަސްކޮށް. މި ތަނުގައި ކުދިކުދި އަހްރާމްތައް އެބަ ހުރި. މި އަހްރާމްތަކުގެ ފުރަގަހުގައި އެވާ ސަރަޙައްދަކީ ގުދަންތަކުގެ މަރުކަޒުކަމަށް ތާރީޚު ޢިލްމުވެރީން ވިދާޅުވަނީ. އެއީ އެކަލޭގެފާނަށް މިޞްރުގެ ޚަޒާނާތަކުގެ ވެރިކަން ލިބިވަޑައިގަތުމުން ބިނާ ކުރެއްވި ތަންތަން. ހަނަފަސްކަމުގެ ހަތް އަހަރު މިޞްރުގެ ރައްޔިތުން ބަނޑަށް މަރުނުވެ ސަލާމަތްވީ ޔޫސުފުގެފާނު އެޅުއްވި މި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން." ޙިލްމީ އައްނަމްނަމް ވިދާޅުވިއެވެ.

"ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުމުން ފަލަސްޠީނުގައި ތިބި ޔޫސުފުގެފާނުގެ އަޚުން ކާބޯތަކެތި ގަތުމަށް މިޞްރަށް އައި. މި ގޮތުން އައިސްގޮސް ހަދަމުން ދިޔަ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

މިހާރު މި އޮތީ ގާތްގަނޑަކަށް މިވާހަކައިގެ ނިމުމާ ވަރަށް ކައިރިޔަށް އާދެވިފައެވެ. މިޞްރުގެ ޚަޒާނާގެވެރިޔަށް ހުންނެވީ ޔޫސުފުގެފާނުކަން ޔޫސުފުގެފާނުގެ އަޚުންނަށް ވެސް އެނގުނެވެ. އަދި އެމީހުން ކުރި ކަންތައްތަކާ މެދު ދެރަވެ މަޢާފަށް އެދުނެވެ. އެމީހުންގެ ކިބައިން އެކަލޭގެފާނު އެދިވަޑައިގަތީ ބައްޕާފުޅު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އަރިހަށް ގެނެސްދިނުމަށެވެ.

"އެކަލޭގެފާނުގެ ބައްޕާފުޅުގެ ލޯފުޅުވަނީ ހިތާމައިގައި ކީރިތި ކުރެއްވުމުގެ ސަބަބުން އަނދިރިވެފަ. ދެން އެކަލޭގެފާނު އެކަލޭގެފާނުގެ ގަމީސްކޮޅު ދެއްވި އަދި ވިދާޅުވި މި ގަމީސްކޮޅު ހިފައިގެން ގޮސް ތިމަންކަލޭގެފާނުންގެ ބައްޕާފުޅުގެ މޫނުފުޅާ ދިމާއަށް އެއްލާލާށޭ. އޭރުން ލޮލުގެ ފެނުން އެނބުރި އަންނާނެޔޭ. ދެން ޢާއިލާގެ އެންމެން ގޮވައިގެން މިޞްރަށް އަންނާށޭ." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

އެ ޢާއިލާގެ ހުރިހާ ބޭފުޅުން ވެސް މިޞްރަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އެގާރަ އަޚުންނާއި، މަންމާފުޅާއި ބައްޕާފުޅު އެކަލޭގެފާނުގެ ތަޚުތުގެ ކުރިފުޅުމަތީގައި އެކަލޭގެފާނަށް އަދަބު ތައުޒީމު އަދާކުރެއްވިއެވެ. އެއީ ކުރީން އެކަލޭގެފާނަށް ފެނުނު ހުވަފެންފުޅުގެ ތަޢުބީރެވެ. ޔޫސުފުގެފާނުގެ ވާހަކައަކީ ވާހަކަތަކުގެ ތެރެއިން އެންމެ ރީތި ވާހަކައެވެ.

ޔޫސުފުގެފާނުގެ ޢާއިލާގެ ހުރިހާ ބޭފުޅުންގެ ދިރިއުޅުއްވުން ވެސް މިޞްރަށް ބަދަލުކުރެއްވިއެވެ. ޔަޢުޤޫބުގެފާނު އަވަހާރަވީ މިޞްރުގައެވެ. އެހެންނަމަވެސް ބައްޕާފުޅު އިސްޙާޤުގެފާނުގެ އަރިހުގައި ފަލަސްޠީނުގައި ފަސްދާނުލެއްވުމަށް އެދިވަޑައިގަތެވެ. މި ޥަޞިއްޔަތާ އެއްގޮތަށް ޔަޢުޤޫބުގެފާނުގެ ހަށިކޮޅާއިގެން ފަލަސްޠީނަށް ވަޑައިގެން ޚަލީލު ޝަހަރުގެ ހޮހޮޅައިގައި ފަސްދާނުލެއްވިއެވެ.

އެކަލޭގެފާނުގެ ޤަބުރުފުޅު ވަނީ އެކަލޭގެފާނުގެ އަނބިކަނބަލުން އަދި ޔޫސުފުގެފާނުންގެ މަންމާފުޅުގެ ގަބުރާ ޖެހިގެންނެވެ. މި ތަނުގައި ޔޫސުފުގެފާނުގެ ޤަބުރުފުޅު ވެސް ވެއެވެ. އެކަލޭގެފާނުގެ ޤަބުރުފުޅު މިޞްރުން ފަލަސްޠީނަށް ގެންނެވީ މޫސާގެފާނުން މިޞްރުން ނުކުމެވަޑައިގަތް އިރުކަމުގައި ބުނެވެއެވެ.

ޔަޢުޤޫބުގެފާނާއި ޔޫސުފުގެފާނު އަވަހާރަވުމުގެ ވާހަކަ ދައްކާއިރު ހަނދާނަށް އަންނަނީ ޔަޢުޤޫބުގެފާނު އަވަހާރަވުމުގެ ވަގުތު ޖެހުމުން އެކަލޭގެފާނުގެ ބޭފުޅުން ހާޒިރު ކުރައްވައި ކުރެއްވި ވަޞިއްޔަތުގެ ވާހަކައެވެ. ކީރިތި ޤުރުއާނުގައި މިވާހަކަ އައިސްފައިވެއެވެ. އެކަލޭގެފާނުގެ ބޭފުޅުންގެ ކިބައިން އެދިވަޑައިގަތީ ނުބުއްވަތުގެ ރިސާލަތަށް ރައްކާތެރިވުމަށެވެ. އެއީ ތައުޙީދުގެ ކަލިމަ އާއި، އިސްލާމްދީނެވެ. އެއީ ހުރިހާ ނަބީ ބޭކަލުންގެ ވެސް ރިސާލަތެވެ. އެއީ އިންސާނުން ޖާހިލުކަމުގެ އަނދިރިކަމާއި މަގުފުރެދުމުން ނެރުއްވައި ހިދާޔަތާއި އީމާންކަމަށް މަގުދެއްކެވުމަށް ﷲ އެބޭކަލުންނާ ޙަވާލު ކުރެއްވި މަސްއޫލިއްޔަތެވެ.

comment ކޮމެންޓް