ނަބީ ބޭކަލުންގެ ބިންތައް 11 - ލޫޠުގެފާނު 2

ލޫޠުގެފާނުގެ ހޮހޮޅަކޮޅުގެ ނަމުން މަޝްހޫރުވެފައިވާ ހޮހޮޅަކޮޅުގެ ސަރަހައްދު އަންގައިދިނުމަށް ހަރުކޮށްފައިވާ ފިލައެއް --

އުރުދުންގެ ބިމަށް ވަރަށް ގިނަ ނަބިއްޔުންނާއި ރަސޫލުން އެބޭކަލުންގެ ޙަޔާތްޕުޅުގެ ފަހުބައިގައި ވަޑައިގެންފައިވެއެވެ. އަދި ބައެއް ނަބިއްޔުންނާއި ރަސޫލުންނަކީ އުރުދުންގެ ބިމުގައި ދިރި އުޅުނު ގައުމުތަކުގެ ގާތަށް ފޮނުއްވުނު ބޭކަލުންނެވެ. އަދި އަނެއްބައި ބޭކަލުންނަކީ ފަހުން އެބިމުގައި ދިރިއުޅުއްވި، އަދި އެ ބިމުގައި އަވަހާރަ ވެ، އެ ބިމުގައި ފަސްދާނު ލެވިފައި ވާ ބޭކަލުންނެވެ. އަދި އެހެން ބައެއް ބޭކަލުންނަކީ އުރުދުންގެ ބިމަށް އެބޭކަލުންގެ ޙަޔާތްޕުޅުގެ ކޮންމެވެސް ހިސާބެއްގައި ޒިޔާރަތްކުރެއްވި ބޭކަލުންނެވެ.

އުރުދުންގެ ބިމަށް ވަޑައިގެން ޙަޔާތްޕުޅުގެ ފަހުބައި އެބިމުގައި ހޭދަކުރެއްވި ބޭކަލުންގެ ތެރޭގައި ސައްޔިދުނާ ލޫޠު ޢަލައިހިއްސަލާމު ހިމެނެއެވެ. ލޫޠު ޢަލައިހިއްސަލާމަކީ އަޞްލަށް ބަލާއިރު ޢިރާޤުކަރަޔަށް ނިސްބަތްވާ ބޭކަލެކެވެ. އެހެން ނަމަވެސް އެކަލޭގެފާނުން ރިސާލަތާއިގެން ފޮނުއްވުނީ އުރުދުން ހިމެނޭ ޝާމުކަރައިގެ ޤަރިޔާތަކުގެ ތެރެއިން ޤަރިޔާއަކަށެވެ. އެކަލޭގެފާނުން ނަބީކަމާއިގެން އެ ބައެއްގެ ގާތަށް ފޮނުއްވުނު ޤައުމަށް ޢަޛާބު ފޮނުއްވުމަށް ޓަކައި، ބަޙްރުލް މައްޔިތުގެ އުރުދުންއާވީ ފަޅި ނޫން އަނެއް ފަޅީގައިވާ އެ ރަށުން އެކަލޭގެފާނު ނުކުމެވަޑައިގަތުމަށް އަމުރުފުޅު ލިބިވަޑައިގަތުމުން އެ ރަށުން ނުކުމެވަޑައިގެން އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުބައި ހޭދަކުރެއްވީ މިހާރުގެ ގޮތުން ބަލާއިރު އުރުދުންގެ ބިމުގައެވެ.

ލޫޠު ޢަލައިހިއްސަލާމު ފަހުން ވަޑައިގެން ދިރިއުޅުއްވި ސަރަޙައްދަށް ދެ މަގަކުން ދެވިދާނެއެވެ. އެއް މަގަކީ އުރުދުންގެ ދެކުނުން ކަރަކްގެ ފަރުބަދަތައް ކައިރިން މިހާރުގެ ނަމުން ނަމަ ގައުރުއްސޯފީއޭ ކިޔޭ ސަރަޙައްދާ ދިމާއަށް އޮންނަ މަގެކެވެ. މި ތަނުގެ ތާރީޚީ އަދި ޤަދީމީ ނަމަކީ ޒުގަރު ނުވަތަ ޞައުގަރުއެވެ. ދެން އޮތީ އުރުދުންގެ ވެރިރަށް ޢައްމާނުގައި ހުރި މީހަކު އެ ސަރަޙައްދަށް ދިއުމަށް އިޚްތިޔާރު ކުރާނެ މަގެވެ. އެއީ ބަޙްރުލްމައްޔިތު ނުވަތަ ޑެޑްސީއަށް ދާން އޮންނަ އަގުވާރުލްވުޞްޠާގެ މަގެވެ. މި މަގަކީ ދުނިޔޭގެ ކަނޑުގެ ސަޠުޙުން 900 މީޓަރު އުހުން ފެށިގެން ފައިބަމުން ގޮސް ދުނިޔޭގެ ޢާއްމު ކަނޑުގެ ސަޠުޙަށް ވުރެ 400 މީޓަރަށް ވުރެ ވެސް ތިރިއަށް ފޭބޭން އޮންނަ މަގެކެވެ. މިއީ ދުނިޔޭގެ ބިމުގައި ވާ އެންމެ ތިރި ހިކިފަސްތަނެވެ.

"އަޅުގަނޑުމެން މިހާރު މި ތިބީ ޢައްމާނުގެ ސަރަޙައްދުން ބޭރުގައި. ހުޅަނގު ބިތުގައި. ދެން އަޅުގަނޑުމެން ދާނީ ވާތަށް ދެކުނާ ވީ ދިމާއަށް. ބަޙްރުލްމައްޔިތާ ދިމާއަށް. އެއީ ލޫޠުގެފާނު ވަޑައިގަތް ސަރަޙައްދާ ހަމަޔަށް ދެވޭން ދެން. މި ސަރަޙައްދަކީ މި ސަރަޙައްދުގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވާ ސަރަޙައްދެއް. މި ސަރަޙައްދުގެ ޤަދީމީ ނަމަކީ ޒުގަރު. ބަޙްރުލްމައްޔިތު އާއި ގައުރުލްއުރްދުންގެ ވާހަކަ ވަނީ ކީރިތި ޤުރުއާނުގެ ރޫމު ސޫރަތުގައި ބަޔާން ކުރައްވައިފައި. އެއީ ބިމުގެ އެންމެ ތިރި ހިސާބާ ބެހޭ ގޮތުން. މިއަދުގެ ޢިލްމުވެރީން ވަނީ މި ސަރަޙައްދަކީ ދުނިޔޭގެ ބިމުގައިވާ އެންމެ ތިރި ނުވަތަ އަޑި ހިކިފަސްތަންކަން ކަށަވަރުކޮށްފައި. މިއީ ދުނިޔޭގެ އާއްމު ކަނޑުގެ ސަޠަޙަށް ވުރެ ހަތަރު ސަތޭކެ މީޓަރު އަޑީ ސަރަޙައްދެއް ނުވަތަ ތިރި ސަރަޙައްދެއް." އުރުދުންގެ އިލްމުވެރިއެއް ކަމުގައިވާ އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

ޢައްމާނުން ފެށިގެން ބަޙްރުލްމައްޔިތާ ދެމެދު ހުރި ދުރުމިން ތިރީސް ކިލޯމީޓަރަށް ވުރެ އިތުރުވާނެއެވެ. މި ސަރަޙައްދުން ދަތުރުކުރާ ކާރާއި ޕިކަޕާއި އެހެން ވެސް އެއްގަމު އުޅަނދުތަކުގެ ޢަދަދުން ދައްކައިދެނީ އިޤްތިޞާދީ ގޮތުން ބަލާއިރު މި ސަރަޙައްދާއި މި މަގުގެ މުހިންމުކަމެވެ. ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގައި ވެސް މި ސަރަޙައްދަކީ މުހިންމު ދައުރެއް އަދާ ކުރާ ސަރަހައްދެކެވެ. މި މަގުގައި ބެހެއްޓިފައިވާ ފިލާތަކާއި ބޯޑުތަކުން ދަތުރުވެރީންނަށް އިރުޝާދުތައް ދީފައިވެއެވެ. މި ގޮތުން ބަޙްރުލްމައްޔިތާ ކައިރިވަމުން ދާ ވަރު ނުވަތަ ބަޙްރުލްމައްޔިތާ ދެމެދު އޭރަކު ހުރި ދުރުމިން އެފަދަ ބޯޑުތަކުން އެނގެއެވެ.

"މިހާރު އަޅުގަނޑުމެން މިތިބަ ހިސާބު މިހިރަ ބޯޑުން ވެސް އެބަ އެނގޭ. މި ނުގުތާއަކީ ގާތްގަނޑަކަށް އަށާރަ ކިލޯމީޓަރު ދުރު. މި ސަރައްޙަދުގައި މިހިރަ ބޯޑުތަކުގައި ލިޔެވިފައިވާ ފަދައިން މިއީ މި ސަރަޙައްދަށް ބަލާއިރު ދުނިޔޭގެ ކަނޑުގެ ސަޠަޙައާ އެއް ހަމައެއްގައި ވާ އެންމެ ފަހު ހިސާބު. އެހެންކަމުން މިހާރު އަޅުގަނޑުމެން މިތިބީ ދުނިޔޭގެ ޢާއްމު ކަނޑުތަކުގެ ސަޠަޙައާ އެއް ހަމައެއްގައި. މިހިރަ ބޯޑުން އިޝާރާތް ކުރާ ފަދައިން އަޅުގަނޑުމެން މިދަނީ ޢައްމާނުގެ ސަރަޙައްދުން ބަޙްރުލްމައްޔިތުގެ ސަރަޙައްދާ ދިމާއަށް. މި ބޯޑުން މިހާރު އެ ފެންނަނީ އަޅުގަނޑުމެން ތިބި ހިސާބު ދައްކައިދޭ ފާހަގައެއް. މެދުތެރޭ ކަނޑާ އަޅާ ބަލާއިރު ބަޙްރުލްމައްޔިތު އޮތް ދަރަޖަ މިހާރު މި ފެންނަނީ." އުރުދުންގެ އިލްމުވެރިއެއް ކަމުގައިވާ އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެންނަށް އެފެންނަނީ އަނެއް ބިތުން ފަލަސްޠީނުގެ ފަރުބަދަތަކެވެ. އެފަޅީގައި ދެން އޮންނާނީ މާތްވެގެންވާ ޤުދުސެވެ. އެއީ މި ތަނުން ފެށިގެން ގާތްގަނޑަކަށް ވިހި ކިލޯމީޓަރު ދުރެވެ. މި މަގުގެ ކަނާތް ފަރާތުން ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލާއިރު އަޅުގަނޑުމެންނަށް އެ ފެންނަނީ ބަޙްރުލްމައްޔިތު ނުވަތަ ބައެއް މީހުން ކިޔާ ގޮތުން ނަމަ ލޫޠު ފެންގަނޑެވެ. މި ފެންގަނޑު ނުވަތަ މި ކަނޑުގެ ފެންގަނޑުގެ އައްސޭރީގައި މިވާ ހިކިފަސްތަނަކީ ދުނިޔޭގެ ހިކިފަސްތަނުގެ ގޮތުގައި އޮތް އެންމެ ތިރި ބިމެވެ. މިއީ ތާރީޚީ ގޮތުން އެނގޭ ގޮތުގައި ލޫޠު ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ދިރިއުޅުއްވި ހިސާބެވެ.

"މިހާރު އަޅުގަނޑުމެން މިސްރާބު ޖަހައިފައި މިވަނީ ލޫޠު ޢަލައިހިއްސަލާމުގެ ހޮހޮޅަކޮޅުގެ ގޮތުގައި މަޝްހޫރުވެފައިވާ ހޮހޮޅަކޮޅާ ދިމާއަށް. ބަޙްރުލްމައްޔިތުގެ ސަރަޙައްދުގައި އަޅުގަނޑުމެން މިތިބީ. މި ކަނޑަކީ ދުނިޔޭގެ ކަނޑުތަކުގެ ތެރެއިން ލޮނުގެ މިންވަރު އެންމެ މަތީ ކަނޑު. މި ގޮތުން އެހެން ކަނޑުތަކަށް ވުރެ މި ކަނޑުގެ ފެނުގައި ލޮނުގެ މިންވަރު ދިހަ ގުނައަށް އިތުރުވެގެންވޭ. އޭގެ މާނައަކީ މި ކަނޑުގެ ފެނުގެ ނިސްބަތުގައި ބަލާއިރު ލޮނުގެ ނިސްބަތް އުޅޭނީ ތިންބައިކުޅަ އެއްބައިގެ މިންވަރުގައޭ. ބަޙްރުލްމައްޔިތަށް ފަހު ދެން އަޅުގަނޑުމެންނާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބައްދަލުވާނީ ގައުރުއްސޯފީ. އޭރުން އެތަނުން އަޅުގަނޑުމެންނަށް ލޫޠު ޢަލައިހިއްސަލާމުގެ ހޮހޮޅަކޮޅާ ހިސާބަށް ދެވޭނެ. މި ހޮހޮޅަކޮޅަށް ލޫޠު ނަބީކަލޭގެފާނުގެ މަޤާމޭ ވެސް ކިޔާ." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

އަނެއް ފަޅީން އެ ފެންނަ ފަރުބަދަތަކަށް ބަލާއިރު، އެއީ ވެސް ވަރަށް ގިނަ ތާރީޚީ ހާދިސާތަކަކާ ގުޅިފައިވާ ތަނެކެވެ. އެތަނުގެ އެންމެ ދެކުން އޮތް ބިމަކީ ލޫޠު ޢަލައިހިއްސަލާމު ނަބީކަމާއިގެން ފޮނުއްވުނު ސަރަޙައްދަށް ނިސްބަތްވާ ބިމެކެވެ.

"ބުނެވޭ ގޮތުގައި ލޫޠު ޢަލައިހިއްސަލާމު ފޮނުއްވުނީ އެތައް އަވަށެއްގެ މައްޗަށް އެކުލެވިގެންވާ ސަރަޙައްދަކަށް. މި އަވަށްތަކުގެ ތެރެއިން އެންމެ މުހިންމު އަވަށެއްގެ ގޮތުގައި އޮތީ ޞަދޫމް. އެތަނަށް އެކަލޭގެފާނުން ފައިބައިވަޑައިގަތީ. އެއީ އެކަލޭގެފާނުން ނަބީކަމާއިގެން ފޮނުއްވުނު ތަނަކީ. އެއީ ދަނޑުވެރިކަން ރަނގަޅު މޮޅު ބިމެއް. މަލާއިކަތުން ރީތި ފިރިހެނުންތަކެއްގެ ގޮތުގައި އެތަނަށް ވަޑައިގަތް ވަގުތު ޚުދު ލޫޠުގެފާނު ވެސް ވީ އެކަލޭގެފާނުގެ ދަނޑުބިމުގައި މަސައްކަތް ކުރެއްވުމުގައި. އެ ސަރަޙައްދަކީ އަވަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަޙައްދެއް ކަމަށް ވިޔަސް ޤުރުއާނުގައި އައިސްފައިވަނީ އަވަށެއްގެ ވާހަކަ. މި ގޮތުން އެ ނުބައި ކަންތައް ހިނގަމުން ދިޔަ އަވަށުން އެކަލޭގެފާނު ނަޖާ ކުރެއްވި ވާހަކަ އައިސްފައިވޭ. ކޮންމެއަކަސް އެމީހުން ކުރި ނުބައިކަންކަމަކީ ކޮބައިކަން އަޅުގަނޑުމެންނަށް އޮޅިފައެއް ނުވޭ." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ބަޙްރުލްމައްޔިތަކީ ލޫޠުގެފާނުގެ ޤައުމު ބަންޑުން ޖައްސާލެއްވުމުން އުފެދުނު ވަޅުގަނޑެކެވެ. އެހެންނަމަވެސް ބިމާ ބެހޭ ދިރާސާ ކުރައްވާ ޢިލްމުވެރީންގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ކަނޑަކީ އޭގެ ކުރީން ވެސް އޮތް ކަނޑެކެވެ. އެހެން ނަމަވެސް މި ކަނޑުގެ ސައިޒު އެކި ޒަމާންތަކުގައި އޮތީ އެކި މިންވަރަށް ކަން އެނގެއެވެ. މިހާރުވެސް އެކަން ދަނީ އެ ގޮތަށް ހިނގަމުންނެވެ. މިހާރުވެސް މި ކަނޑުގެ ބޮޑުމިނަށް ބަދަލު އަންނަމުން އެބަ ދެއެވެ.

"ޖިއޮލޮޖިކަލް ގޮތުން އަދި ތާރީޚީ ގޮތުން ބަލާއިރު ލޫޠު ޢަލައިހިއްސަލާމު ފޮނުއްވުނު ޤައުމަށް ވުރެ ބަޙްރުލްމައްޔިތު އެތައް ތަނަކުން ދޮށި. އެހެންވީމާ މި ކަނޑާއި އެ ރަށާ އުމުރުގެ ގޮތުން އަޅައެއް ނުކިޔޭނެ. އެހެންކަމުން މިކަނޑުގެ އަޑިޔަށް ފީނައިގެން ބެލީމާ ބަންޑުން ޖެހިފައިވާ ގެތަކާއި، އެހެނިހެން އާސާރުތައް ފެނިދާނެކަމަކަށް ނުބެލެވޭ. އެހެނީ ކުރީއްސުރެ އޮތް ކަނޑެއްގެ ތެރޭގައި އޭގެ ފަހުގެ ރަށްތަކެއް ހުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. ބަޙްރުލްމައްޔިތު މާ ބޮޑަށް ވެސް ލޫޠު ޢަލައިހިއްސަލާމު ފޮނުއްވުނު ޤައުމަށް ވުރެ ދޮށި. އެހެންނަމަވެސް ޤަބޫލުކުރެވޭ ގޮތުގައި ލޫޠު ޢަލައިހިއްސަލާމު ފޮނުއްވުނު ޤައުމަށް ނިސްބަތްވާ ފަސް އަވަށް އޮތީ ބަޙްރުލްމައްޔިތު ނުވަތަ ޑެޑްސީގެ އައްސޭރި ފަށުގައި. އެ އަވަށްތައް ހުރި ހިސާބަކީ މިހާރު މި ފެންނަން އޮތް ކަނޑުގެ ދެކުނުބައި އޮތް ހިސާބު. ކަނޑުގެ މި ދެކުނު ބަޔަކީ ކުރީގެ ކަނޑުގައި ހިމެނޭ ބައެއް ނޫން. މިކަން މި ސަރަޙައްދުގެ ޤަދީމީ ޗާޓުތަކުން އެނގޭ. މި ޗާޓުތަކަކީ އޭގައި ނީލަކޯރުން ފެށިގެން ޢިރާޤާ ހަމަޔަށް މި އޮތް ސަރަޙައްދު ދައްކައިދޭ ޗާޓުތަކެއް. އެ ޗާޓުތަކުން ފެންނަ ބަޙްރުލްމައްޔިތުގައި ހިމެނެނީ މިހާރު މި އޮތް ކަނޑުގެ އުތުރުބައި. އޭގެ ދެކުނު ބައެއް އެ ޗާޓުތަކަކުން ނުފެނޭ. ވީމާ އެ ޒަމާނުގައި އެ ޗާޓުތައް ކުރެހިއިރު ވެސް މިހާރުގެ ކަނޑުގެ ދެކުނު ބައިގެ ގޮތުގައި މިއޮތް ބައި ނެތް ކަން އެނގޭ. އެހެންވީމާ ލޫޠު ޢަލައިހިއްސަލާމު ފޮނުއްވުނު ޤައުމުގެ ސަރަޙައްދަކީ މިހާރުގެ ބަޙްރުލްމައްޔިތުގެ ދެކުނުބައި ކަމަށް ވެސް އަދި ބަޙްރުލްމައްޔިތުގެ ދެކުނުން އޮތް ބިން ކަމުގައި ވުމަކީ ވެސް އެކަށީގެންވާކަމެއް. ފަހުން މި ކަނޑުގެ ސައިޒު ބޮޑުވެގެން ގޮސްފައިވަނީ މި ސަރަޙައްދަށް ބޯކޮށް ވާރޭ ވެހި އެ ފެނުން ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެއް. ބަޙްރުލްމައްޔިތުގެ ދެކުނު ބައިގެން ފުންމިން އުޅެނީ ދިހަވަރަކަށް މީޓަރުގައި. ތާރީޚީ ޢިލްމުވެރީންގެ ތެރެއިން ގިނަ ބޭފުޅުންނ ބުރަ ވަނީ ބަޙްރުލްމައްޔިތުގެ ދެކުނު ބައިގެ އަޑީގައި ވާ ބިމަކީ ލޫޠު ޢަލައިހިއްސަލާމް ފޮނުއްވުނު ޤައުމުގެ ބިން ކަމަށް." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

ލޫޠުގެފާނުގެ ހޮހޮޅަކޮޅަށް ދިއުމުގެ ކުރީން، މަގުގެ ކައިރިން މި ފެންނަނީ އިންސާނެއްގެ ސިފައިގައި ހެދިފައިވާ ބުދަކާ ވައްތަރު ހިލައިގެ ތަނބެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެހެރީ ލޫޠުގެފާނުގެ އަނބިކަނބަލުން ހިލަޔަށް ވެފައެވެ. ބައެއް މީހުން ދެކެނީ އެއީ ލޫޠުގެފާނުންގެ އަރިހުގައި ޞަދޫމުން ނުކުމެގެން ދިޔައިރު، ފަހަތަށް އެނބުރި ނުބެލުމަށް ﷲ އެންގެވުމުން އެ އަމުރުފުޅަށް ބޯ ނުލަނބައި ފަހަތަށް އެނބުރި ބެލުމުގެ ސަބަބުން އެކަމުގެ ކޯފާއެއްގެ ގޮތުގައި ވީ ކަމެއް ކަމުގައެވެ.

"ސާބިތު ހެތްކެއް ނެތި މީހުން އެ ގޮތަށް ހީކުރާ ހީކުރުންތަކަކީ އިތުބާރު ހުރި ކަންކަމެއް ނޫން. ބައެއް މީހުން ދެކޭ ގޮތުގައި ހިލައިގެ އެހެރަ ބައްޓަމަކީ ލޫޠުގެފާނުގެ އަނބިކަނބަލުން. އޭނާ ހިލަޔަށް ވުމަށް ފަހު. މިހެން މީހުން ބުނެ އުޅޭ އެއް ސަބަބަކަށް މިވަނީ ނަޞާރާއިންގެ ފޮތްތަކުގައި ވާ ގޮތުން ލޫޠުގެފާނުގެ އަނބިކަނބަލުން ވީ ހިލަޔަށް. އެއީ ލޫޠުގެފާނުން ޞަދޫމުން ނުކުމެވަޑައިގަތުމަށް ފަހު. އެއީ އެއްވެސް މީހަކު ފަހަތަށް އެނބުރި ޞަދޫމާ ދިމާއަށް ނުބެލުމަށް އަންގަވައިފައި ވަނިކޮށް ފަހަތަށް އެނބުރި ބެލުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް. އެހެން ނަމަވެސް އެ ހިލައިގެ ތަނބަކީ ލޫޠުގެފާނުގެ އަނބިކަނބަލުންކަން އެއް ގޮތަކަށް ވެސް ޞައްޙަ މަޞްދަރަކުން ސާބިތު ކުރެވޭކަށް ނެތް. މި ހިލައިގެ ޢިލްމީ ދިރާސާތަކުން ދައްކަނީ މިއީ މި ސަރަޙައްދުގައި ހުރި އެހެން ހިލަތައް ފަދައިން ހަމަ އެ މާއްދާތަކުން އެކުލެވިގެންވާ ހިލައެއް ކަމުގައި. އިތުރު އެއްވެސް ޚާއްޞަ ކަމެއް މި ހިލައިގެ ތަނބަކު ނެތް. ހަމަ އެކަނި ކޮންމެވެސް ވަރަކަށް އިންސާނެއްގެ ސިފައާ ވައްތަރުވުން ފިޔަވައި. މި ނޫނަސް އެކި ސިފަސިފައަށް ހުންނަ ހިލަ އަހަރެމެން ދެކެމު. އެހެންކަމުން އިންސާނެއްގެ ސިފައާ ވައްތަރުވުން ފިޔަވައި މި ހިލައިގެ ތަނބަކީ އެއްވެސް އިންސާނަކާ އަދި ޚާއްޞަކޮށް ލޫޠުގެފާނާ ގުޅުން ހުރި އެއްޗެއް ކަމަކަށް ބެލެވޭކަށް ނެތް. ވަﷲ އަޢުލަމް." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެންނަށް މިވަނީ ލޫޠު ޢަލައިހިއްސަލާމު ނަބީކަމާއިގެން ފޮނުއްވުނު އަވަށްތަކާ ކައިރީގައި ހުރި ސަރަޙައްދުތަކާ މާ ދުރު ނޫން ހިސާބެއްގައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި، ދިރާސާތައް އިތުރަށް ތަރައްޤީވެ ލޫޠުގެފާނުގެ ޤައުމުގެ މީހުން ދިރިއުޅުނު ބިންތަކާއި، އެ ޤައުމުގެ އާސާރުތައް އަޅުގަނޑުމެންނަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ލޫޠުގެފާނުގެ ޤައުމަށް ކޯފާ އައުމާ ގުޅިގެން ނެތިގެން ދިޔައެއް ކަމަކު، އާސާރީ ކޮނުންތަކުން އެ ޤައުމުގެ މީހުން ގެންގުޅުނު ގެވެހި ކަންވާރު ފަދަ ތަކެއްޗާއި އަދިވެސް ތާރީޚީ ގޮތުން ބޭނުން ހިފޭ ފަދަ ތަކެތި ފެނުމަކީ ދުރު ކަމެއް ނޫނެވެ.

ލޫޠުގެފާނުގެ ޤައުމު ނެތި ދިއުމަށް މަދުވެރިވީ ވަރުގަދަ ބިންހެލުންތަކެކެވެ. އެ ބިންހެލުމުގެ ސަބަބުން އެ ރަށުގެ މަތިފުށް އަޑިޔަށް އަދި އަޑީފުށް މައްޗަށް ވާ ގޮތަށް ބަންޑުން ޖެހެވިގެން ދިޔައީއެވެ. އޭގެ ފަހުން ބަޙްރުލްމައްޔިތުގެ ލޮނުގަނޑު އައިސް އެ ރަށް އޮތް ތަން ފޮރުވައިލައި އެ ސަރަޙައްދަކީ އެ ކަނޑުގެ ބައެއްގެ ގޮތުގައި ވެގެން ދިޔައީއެވެ. އެ ޤައުމަށް ﷲ ފޮނުއްވި އަޒާބަކީ އޭގެ ކުރީން އެހެން އެއްވެސް ބަޔަކަށް ނުފޮނުއްވާ ފަދަ އަޒާބެކެވެ. އެއީ އޭގެ މިސާލެއް ނުވާ ފަދަ އަޒާބެކެވެ. ބަޙްރުލްމައްޔިތަކީ ޞަދޫމަށް ވުރެ ދޮށީ ކަނޑެއް ކަމުގައި ވިޔަސް، މިއަދު ބަޙްރުލްމައްޔިތުގެ ތާރީޚާއި ޞަދޫމުގެ ތާރީޚު މިވަނީ ގުޅި ލާމެހިފައެވެ.

"ލޫޠު ޢަލައިހިއްސަލާމުގެ ޤައުމަށް ފޮނުއްވުނު އަޒާބަކީ އޭގެ ކުރީން އެހެން ބަޔަކަށް ނުފޮނުއްވާ ފަދަ އަޒާބެއް. ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ފާފައަކީ ވެސް އޭގެ ކުރީން އެހެން ބަޔަކު ކޮށްފައިނުވާ ފަދަ ފާފައެއް. އެމީހުން ވަނީ ނަހަމަ ގުޅުންތަކަކުން އުފާ ލިބިގަންނަން މަސައްކަތް ކޮށްފައި. ހަގީގަތްތައް ބަދަލުކޮށްފައި. ހަގީގަތުގައި ފިރިހެން މީހާ އުފެއްދެވުނީ އަންހެންމީހާއަށް ޓަކައި، އަންހެން މީހާ އުފެއްދެވުނީ ފިރިހެންމީހާއަށް ޓަކައި، އެމީހުން ހަގީގަތްތައް ބަދަލު ކުރުމުން އެމީހުންނަށް ފޮނުއްވުނު އަޒާބަކީ ވެސް އާންމު އުސޫލުތަކާ ޚިލާފު އަޒާބެއް. އެ ގައުމުގެ މަތީ ފުށް އެކޮޅުކޮޅުން ޖެއްސެވި. އެމީހުން ވެސް އާންމު އުސޫލާ ޚިލާފަށް ކަންތައްތަކެއް ކުރީމާ، އެމީހުންނަށް ފޮނުއްވުނު އަޒާބުވެސް ވެސް ވެގެން ދިޔައީ އުސޫލުތަކާ ޚިލާފަށް ފޮނުއްވުނު އަޒާބެއް ކަމުގައި." އައްޝައިޚް ޚާލިދު ޢަބްދުﷲ ވިދާޅުވިއެވެ.

"މި ދައްކަނީ މުޅި ރަށެއްގެ ނުވަތަ ޤައުމެއްގެ އެންމެން އެއް ބާވަތެއްގެ ފާޙިޝް ކަމެއްގެ ތެރޭގައި ޝާމިލުވެގެން އުޅުނު ވާހަކަ. އެކަމުގެ ސަބަބުން ޢާއްމުކޮށް އެންމެންގެ މައްޗަށް އަޒާބެއް އައި ވާހަކަ. އަދި އެމީހުންގެ ތެރެއިން ބައެއް މީހުންނަށް އިލާހީ އިރުޝާދެއް ލިބި އެ ރަށުން އެމީހުން ނުކުތުމުގެ ސަބަބުން އެ އަޒާބުން އެމީހުން ސަލާމަތް ވީ ވާހަކަ. އެ މީހުން އެ ދިރިއުޅުނު ބިމުގެ މައްޗަށް އޮތް ފުށް ﷲ ވަނީ ވަތަށް ޖައްސަވައިފައި. އާދެ، އެ ރަށް ވަނީ ބަންޑުން ޖައްސަވައިފައި. .... ބުނެވޭ ގޮތުގައި އުޑުގައި ތިއްބެވި މަލާއިކަތުންނަށް އެ ރަށުގެ ކުކުޅުހާލުގެ ގޮވެލީގެ އަޑު އިވޭ ހިސާބަށް މައްޗަށް އެ ރަށް އުފުއްލެވުމަށް ފަހު ބަންޑުން ޖެއްސެވީ." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

މި އަޒާބުގެ ބޮޑު ކަމުންނާއި ބިރުވެރިކަމުންނާއި އޭގެ ބާވަތުން މަލާއިކަތުން މެދުވެރި ކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލޫޠުގެފާނަށާއި އެކަލޭގެފާނާ އެއްކޮށް އެ ރަށުން ނުކުތް މީހުންނަށް ދެއްވި އިރުޝާދަކީ ފަސްއެނބުރި ނުބެލުމުގެ އިރުޝާދެވެ. އެއީ އިންސާނުންގެ ލޮލަށް ބެލުން ކުޅަދާނަވެގެން ނުވާ އެ މަންޒަރު އެމީހުންނަށް ދެއްކެވުމަށް އެދިވޮޑިގެން ނުވާތީއެވެ. ލޫޠުގެފާނުގެ އަރިހުގައި ނުކުތް މީހުން އެ ރަށުން ނުކުމެފައިވަނީ ފަޖުރުގެ ވަގުތުގައެވެ. އެ ގޮތުން މިސްރާބު ޖެހީ އިރުމަތީގައި ހުރި ފަރުބަދަތަކާ ދިމާއަށެވެ. ކީރިތި ޤުރުއާނުގައި ﷲ ވަނީ އެ ސަރަޙައްދުގައި އެ ކަމުގެ ހެކިތަކެއް ލައްވައިފައިވާނޭ ވާހަކަ އަންގަވައިފައެވެ. އެއީ ފަހުތިބީންނަށް ޢިބްރަތެއްގެ ގޮތުގައެވެ. އެހެންވީމާ މި ތަނުގެ ވަށައިގެން މިހިރަ ބިންތަކުގައި ރަނގަޅު ދިރާސާއެއް ކޮށްފިނަމަ އާސާރީ ހެކިތަކެއް ފެންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

"އޭރު އެ ސަރަޙައްދަށް ނިސްބަތްވި ރަށްތަކުގެ ތެރެއިން ބައެއް ރަށްތައް އަދިވެސް އެބަހުރި. އަދި އަނެއްބައި ރަށްތައް އެވަނީ ބަޙްރުލްމައްޔިތު ދެކުނު ބިތުން މިހާރު އޮތް ބައިގެ އަޑީގައި. އެއްވެސް ދިރުމެއް ނެތް ލޮނުގަދަ ފެންގަނޑެއް ނުވަތަ ކަނޑެއްގެ ގޮތުގައި މަރުކަނޑުގެ ނަމުން ނަން ދެވިފައިވާ ބަޙްރުލްމައްޔިތު އޮންނަ އޮތުމަކީ ވެސް ޞަދޫމުގެ ހާދިސާގެ މަތީން މީސްތަކުން ޢިބްރަތް ލިބިގަންނާން އޮތް ހެތްކެއް. ދިރުން ނުހުންނަ ވަރުގެ ލޮނުގަދަ ކަމެއް އެ ކަނޑުގައި ލެއްވުމާއި މިހިރަ މިހިރަ ކަންކަމަކީ ހެކިތަކެއް. ނިޝާންތަކެއް." އުރުދުންގެ އައުޤާފުގެ ކުރީގެ ވަޒީރު ޑރ. ޢަލީ އަލްފަޤީރް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ދެކުނު ބިތުގެ ސަރަޙައްދުގައި. އެއީ ގާތްގަނޑަކަށް ބުނާ ނަމަ ބަޙްރުލްމައްޔިތުގެ އުތުރުބައި ނިމޭ ހިސާބާ ހަމައިގައި. އެއީ އަޅުގަނޑުގެ ފަހަތުން ފެންނާން އޮތް ދެކުނު ބައިގެ ފެށޭ ހިސާބު. މި ތަން މި އޮތީ ހިކިކޮށް. ފެނެއް ނެތް. މި ހިސާބަށް ޢާއްމުކޮށް ކިޔައި މިއުޅެނީ ބާބުއްޛިރާޣި. އެއީ ޖިބްރީލުގެފާނަށް ނިސްބަތް ކުރެވިގެން ކިޔޭ ނަމެއް ކަމަށް ބުނެވޭ. އެއީ ރަށް ބަންޑުން ޖެއްސެވި އިރު ޖިބްރީލުގެފާނު އެކަލޭގެފާނުގެ އަތްޕުޅު އެ ރަށުގެ ދަށަށް ލައްވައި އުފުއްލަވައިލެއްވި ހާދިސާއަށް ނިސްބަތްކޮށް. އެ ގޮތުން އެކަލޭގެފާނު އެ ބިންގަނޑު ދުނިޔޭގެ އުޑާ ހަމަޔަށް މައްޗަށް އުފުއްލެވުމަށް ފަހު ބަންޑުން ވައްޓަވައިލެއްވީ ކަމަށް މި އޮންނަނީ. އެގޮތުން ދުނިޔޭގެ އުޑުގައި ތިއްބެވި މަލާއިކަތުންނަށް އެރަށުގެ ކުކުޅުހާލއި ޖަނަވާރުތަކުގެ ގޮވެލީގެ އަޑު އިވުނު ކަމަށް ވެސް ބުނެވޭ. މައްޗަށް އުފުއްލެވުމަށް ފަހު އެ ބަންޑުން ޖައްސަވާލި ބަޔަކީ މިއަދުގެ ބަޙްރުލްމައްޔިތުގެ ދެކުނު ބައިގެ ގޮތުގައި އޮތް ތަން." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެން މިސްރާބު ޖަހައިފައި މި ވަނީ ލޫޠުގެފާނާއި ދެން އެކަލޭގެފާނާ އެކު އެ ރަށުން ނުކުތް މީހުން ފަހުން ގޮސް ދިރިއުޅުނު ސަރަޙައްދަށެވެ. ލޫޠުގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނާއެކު ނުކުމެވަޑައިގަތް ކަމުގައި ވީ ނަމަވެސް، އޭނާ ﷲ ގެ އަމުރުފުޅާ ޚިލާފުވެ ފަހަތަށް ބެލުމުގެ ސަބަބުން ވީ ހަލާކުވެ ދިޔަ މީހުންގެ ތެރޭގައެވެ.

"ﷲ ވަނީ ވަރަށް ތަފްޞީލުކޮށް ޤުރުއާނުގައި މި ވާހަކަ ގެންނަވައިފައި. ލޫޠުގެފާނުގެ އަނބިކަމަނާ ހަލާކުވެގެން ދިޔައީ ކީއްވެގެންކަން." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

"ނަޖާވި މީހުންގެ ތެރޭގައި ﷲ ލޫޠުގެފާނުގެ އަނބިކަމަނާ ހިމެނުއްވުމަކަށް އިރާދައެއް ނުކުރެއްވި. އިސްތިސްނާގެ ޢިބާރާތުން މިވާހަކަ ޤުރުއާނުގައި އައިސްފައިވަނީ. އެކަލޭގެފާނުގެ އަންހެނުން މެނުވީ، މި ގޮތަށް. އެހެންވީމާ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ވަނީ ނަޖާ ކުރެއްވި މީހުންގެ ތެރެއިން ލޫޠުގެފާނުގެ އަނބިކަމަނާ އިސްތިސްނާ ކުރައްވައިފައި. އެކަމަނާއަކީ ލޫޠުގެފާނުގެ އަނބިކަނބަލުން ކަމުގައި ވިޔަސް އެކަލޭގެފާނުގެ ނަބީކަމަށް އީމާން ނުވާ ޣައިރުމުސްލިމެއް. އެހެންވީމާ އެކަމަނާ ވެސް އެކަމަނާގެ ޤައުމުގެ އެހެން ކާފަރުން ފަދައިން ހަލާކު ކުރެއްވީ." ޑރ. ޢަލީ އަލްފަޤީރް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު މިވަނީ ގައުރުއްޞާފީ ސަރަޙައްދަށް އާދެވިފައި. މިއީ ކަހްފުލޫޠުގެ ގޮތުގައި މަޝްހޫރުވެފައިވާ ލޫޠުގެފާނުގެ ހޮހޮޅަކޮޅު ހުންނަ ސަރަޙައްދު. އެ ފަރާތުން އަދިވެސް އެފެންނަނީ ބަޙްރުލްމައްޔިތުގެ ދެކުނުބައި. އެތަނުގެ އެއް ބައި ހިކިކޮށް އޮތް އަނެއް ބައި އެ އޮތީ ކޮންމެވެސް ވަރަކަށް ޗަކަ ކޮށް. ތެތްކޮށް. އެއީ ޞަދޫމާއި ޢާމޫރާގެ ބިން. އަހަރެމެންނަށް މިހާރު މި ވަނީ މިހިސާބަށް އައުމަށް ދޮޅުގަޑިއެއްހައި އިރު ދަތުރު ކުރެވިފަ. އެއީ އުރުދުންގެ ވެރިރަށް ޢައްމާނުން ފެށިގެން. އެއީ ގާތްގަނޑަކަށް ސަތޭކަފަސްދޮޅަސް ވަރަކަށް ކިލޯމީޓަރުގެ މަސާފަތެއް. އަދިވެސް ހޮހޮޅަކޮޅު ހުރި ހިސާބަށް ދިއުމަށް ވަގުތު އެބަ ބޭނުންވޭ. މި ސަރަޙައްދަކީ ހޫނުމިން ތަންކޮޅެއް މަތީގައި އުޅޭ ސަރަޙައްދެއް. އާއްމު ހޫނުމިނަށް ވުރެ ހަމަ މާބޮޑަށް ވެސް ހޫނު. އެއީ މިހާރުވެސް 39 ޑިގްރީގައި މި ސަރަޙައްދުގެ ހޫނުމިން އެހެރީ." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

ބަޙްރުލްމައްޔިތުގެ ދެކުނުން އައިސް މި ހޮހޮޅަކޮޅު ހުރި ސަރަޙައްދަށް ބަލާއިރު، އެތައް ޒަމާނެއް ކުރީއްސުރެ މި ސަރަޙައްދާއި މި ހޮހޮޅަކޮޅު ވަނީ ލޫޠުގެފާނަށް ނިސްބަތްކުރެވިފައެވެ. އަދި މި ހޮހޮޅަ ލޫޠުގެފާނުގެ ކުރީގައި ވެސް ބޭނުން ކުރެވުނު ކަމަށް އެބަވެއެވެ. އެއީ އޭގެ ދޮޅުހާހެއްހައި އަހަރު ކުރީގައެވެ. މި ތަނަށް ޒިޔާރަތްކޮށް ބަލާ އެއްވެސް މީހަކަށް ވަންހަނާ ނުވާނެ ފަދަ އާސާރީ އަދި ޤަދީމީ އަސަރުތައް އެހެރީ ހާމަކޮށް ފެންނާށެވެ.

"މި ސަރަޙައްދުގައި ފެންނަން ހުރި ހިލަތަކާއި، މި ހިރަ ތަންތަން މިހިރަ ގޮތުން މިއީ އާއްމުކޮށް ދުނިޔޭގެ ބިމުގެ މަތީގައި ހުންނަ ތަންތަނުން ފެންނަ ބައިތަކަކަށް ވުރެ ވައްތަރު ވަނީ ކުރީން އަޑީގައި ވެފައި ބަންޑުން ޖަހާލުމުގެ ސަބަބުން މައްޗަށް އައިސްފައިވާ ބައިތަކަކާ.

އަދިވެސް އަހަރެމެން މިދަނީ މައްޗަށް އަރަމުން. ލޫޠުގެފާނުގެ ހޮހޮޅަކޮޅު އެވަނީ އެހެރަ ފަރުބަދައިގައި. މި ހޮހޮޅަކޮޅު މި ހުރި ސަރަޙައްދު ގޮސް ގުޅިފައި މިވަނީ ބަޙްރުލްމައްޔިތުގެ ދެކުނުބައި އޮތް ސަރަޙައްދާ. ގައުރުއްޞާފީގެ ސަރަޙައްދާ. އެއީ ކުރީގެ ޒުގަރުގެ ސަރަޙައްދު. އެއީ ލޫޠުގެފާނުގެ ޤައުމަށް ނިސްބަތްވި ޤަރިޔާތަކުގެ ތެރެއިން ޤަރިޔާއެއް. އެހެން ނަމަވެސް އެއީ އަޒާބުން ސަލާމަތްވި ސަރަޙައްދެއް. އެހެނީ އެ ޤަރިޔާގެ މީހުން ތިބީ އީމާންވެ ތައުބާވެގެން. އެތަނުގެ މިހާރުގެ ނަމަކީ ގައުރުއްޞާފީ. އެތަނުގެ ޤަދީމީ ނަމަކީ ޒުގަރު. މިހާރުވެސް އަހަރެމެންނަށް އެ ފެންނަނީ އެބިން." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

ބުނެވޭ ގޮތުގައި ޢީސާ ޢަލައިހިއްސަލާމަށް ފަހު، ޢީސާއީންގެ ބައެއް ރާޙިބުން މި ހޮހޮޅައަށް އައިސް އަޅުކަމުގައި ދުވަސްތައް ހޭދަކޮށްފައިވެއެވެ. އެއީ ލޫޠުގެފާނުގެ ޙަޔާތްޕުޅުގެ ފަހުބައި ހޭދަ ކުރެއްވި ތަނުގެ ބަރަކާތް ޙާޞިލު ކުރުމަށެވެ. އެމީހުން ވެސް ވަނީ އެމީހުން މިތަނުގައި އުޅުނު ކަމުގެ އާސާރީ ހެކިތައް މި ތަނަށް ދޫކޮށްފައެވެ.

"މި ތަން މި ވަނީ އެކި ޒަމާންތަކުގައި އެކި މީހުން ބޭނުންކޮށްފައި. އެ ގޮތުން އެކިއެކި މީހުން އެކި ޒަމާންތަކުގައި މި ތަން ބޭނުން ކުރަމުން އަންނަތާ 5000 އަށް ވުރެ ގިނަ އަހަރު މިހާރުވަނީ ވެފަ. އެއީ ބްރޯންޒް އޭޖޭ މިކިޔާ ޒަމާނާ ހިސާބުގަ ނުވަތަ އެއަށް ވުރެވެސް ކުރި. އެ ގޮތުން އައިސް މީލާދީން 9 ވަނަ ޤަރުނާ ހަމަޔަށް ވެސް މިތަނުގައި މީހުން އައިސް އުޅެމުން ދިޔަ. އެއީ ޢުމަވީންގެ ވެރިކަން ނިމި ޢައްބާސީންގެ ވެރިކަން ފެށުނު ދުވަސްވަރާ ހަމަޔަށް." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

"ލޫޠުގެފާނުގެ ޤައުމު ހަލާކު ކުރެއްވި ވާހަކައާއި، އެ މީހުންނަށް ހަލާކު އައި ސަރަޙައްދުގެ މި ވާހަކައަކީ އޭގައި ވަރަށް މުހިންމު އިޝާރާތްތަކަކާއި މާނަތަކެއް ވާ ކަމެއް. އެއްޖިންސުގެ ގުޅުމަކީ ހަމައެކަނި ފާފައަކަށް ވުމަށް ވުރެ ބޮޑު ކަމެއް. އެއީ އިންސާނީ ޠަބީޢަތާ ވެސް ގުޅޭ ކަމެއް ނޫން. ކާފަރަކު ވެސް އިންސާނެއްގެ ހައިސިއްޔަތުން ކޮށްގެންނުވާނެ ފަދަ ޖަރީމާއެއް. އެހެންވީމާ އެއީ ކިހާ ވަރުގެ ކޯފާއެއް އަތުވެދާނެ ކަމެއް ކަން އެބަ ދަންނަން ޖެހޭ. އެހެންކަމުން ލޫޠުގެފާނުގެ ޤައުމުގެ މިހާދިސާއަކީ ވަރަށް މުހިންމު ޢިބްރަތެއް ލިބިގެންދާ ހާދިސާއެއް." ޑރ. ޠާރިޤް އައްސުޥައިދާން ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި މި ހޮހޮޅަ އާއި މި ތަނުގެ ވަށައިގެން މިވާ ތަންތަނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ހާދިސާއާ ގުޅިގެން ލެއްވި ހެކިތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. އެއީ މި ވާހަކައިން ޢިބްރަތް ލިބިގަންނަ މީހުންނަށް ޓަކައެވެ. އެހެންވީމާ ލޫޠުގެފާނުގެ ޤައުމުގެ މީހުން އެކުރި ފާޙިޝް ކަންތަކަކީ ކިހައި ފަދަ ބޮޑު އަޒާބެއް އަތުވެދާނެ ކަމެއް ކަމަށް ވިސްނައި، މިއަދުގެ ދުނިޔޭގެ ޙާލަތާއި، އިންސާނުންގެ އުޅުން މިސްރާބުވަމުންދާ ދިމާއަކީ ކޮބައިކަން ވިސްނާލުމުން ބިރުން އަދި ސިހިގެން ގޮސް ހީބިހި ނަގައިގެންދާވަރުވެއެވެ. ކުރީގެ ހާދިސާތަކުން އިބްރަތް ނުހޯދައިފިނަމަ ލިބޭނެ ގެއްލުމާއި ދެރައަށް ވިސްނަން އެބަ ޖެހެއެވެ.

comment ކޮމެންޓް