ނަބީ ބޭކަލުންގެ ބިންތައް 10 - ލޫޠުގެފާނު 1

ސަދޫމް އޮތް ސަރަހައްދު ކަމަށް ބެލެވޭ ބަޙްރުލްމައްޔިތި ނުވަތަ "ޑެޑް ސީ" ގެ ސަރަހައްދު

ﷲ ގެ ނަބިއްޔާ ލޫޠުގެފާނުގެ ވާހަކަ ފެށެނީ ޢިރާޤުގެ ދެކުނުގައެވެ. ލޫޠުގެފާނުގެ ވާހަކައަކީ މުސްތަޤިއްލު ވަކި ވާހަކައެއް ނޫނެވެ. އެހެނީ ލޫޠުގެފާނުގެ ވާހަކަ ވަނީ އިބްރާހީމް ޢަލައިހިއްސަލާމުގެ ވާހަކައާ ގުޅި ލާމެހިފައެވެ. މި ދެ ނަބިއްޔުންގެ ދެމެދުގައި ވަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ލޫޠުގެފާނުގެ ހަޔާތްޕުޅު ފެށިގެން ގޮސް ނިމުމާ ހަމަޔަށް ވެސް އިބްރާހީމް ޢަލައިހިއްސަލާމާ އޮތް ގުޅުމަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

އޫރް ޝަހަރުގެ ތާރީޚީ ފަސްގަނޑަކީ އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުގެ ފުރަތަމަ ބައި ހޭދަ ކުރެއްވި ބިމެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ލޫޠުގެފާނު ހިމެނިވަޑައިގަންނަވަނީ އެކަލޭގެފާނުގެ ބޮޑުބޭބެ އިބްރާހީމް ޢަލައިހިއްސަލާމަށް އެންމެ ފުރަތަމަ އީމާންވެވަޑައިގަތް ބޭފުޅުންގެ ތެރޭގައެވެ.

އޫރް ޝަހަރުގެ މީހުން އަޅުކަން ކުރި ބުދުތައް އިބްރާހީމުގެފާނު މުގުރުއްވައިލެއްވުމާ ގުޅިގެން އެ ވަގުތު އެ ޝަހަރުގެ ވެރިޔަކަށް ހުރި މީހާ އިބްރާހީމްގެފާނުން އަލިފާނުން އަންދައިލުމަށް ކުރި މަސައްކަތް ފޭލިވުމަށް ފަހު ދެން އިބްރާހީމްގެފާނުން ނިންމެވީ އެ ރަށުން ނުކުމެ ވަޑައިގަތުމަށެވެ. މި ގޮތުން އެކަލޭގެފާނުން އަމިއްލަ ރަށުން ނުކުމެވަޑައިގެން ފެއްޓެވި ހިޖުރައިގައި ބައިވެރިވި ސަހާބީންގެ ތެރޭގައި ލޫތުގެފާނު ހިމެނިވަޑައިގަންނަވައެވެ.

އެ ބޭފުޅުން ފުރަތަމައަށް ވަޑައިގަތީ ޙައްރާނަށެވެ. އެއީ މިހާރުގެ ތުރުކީގައި އޮންނަ ރަށެކެވެ. ޙައްރާނުން އެ ބޭފުޅުން ވަޑައިގަތީ ސޫރިޔާގެ އުތުރަށެވެ. ދެން ފަލަސްޠީނަށެވެ. ފަލަސްޠީނުގެ ބިމުގައި އިބްރާހީމްގެފާނު ދުވަސްކޮޅަކު ގާއިމުވެ ހުންނެވިއެވެ. ދެން އެކަލޭގެފާނު ވަޑައިގަތީ މިސްރަށެވެ. ދެން އަނެއްކާވެސް ފަލަސްޠީނަށް ވަޑައިގަތުމަށް ދެން ވަޑައިގަތީ މައްކާއަށެވެ. އެއީ ގެފުޅު އަލުން ބިނާ ކުރެއްވުމަށެވެ.

"ލޫޠުގެފާނުގެ ވާހަކަ ފެށެނީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އިބްރާހީމްގެފާނުގެ ވާހަކައާ އެކުގަ. މި ގޮތުން އިބްރާހީމްގެފާނުން އަންދައިލުމަށް އޭރުގެ އުތުރު އިރާގުގެ ރަސްގެފާނު ނަމްރޫދު މަސައްކަތް ކުރެއްވުމަށް ފަހު، އެކަން ކާމިޔާބު ނުވުމުން އިބްރާހީމްގެފާނު އެ ރަށުގައި އިތުރަށް ހުންނެވުމަކީ ނަމްރޫދަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވި. މީހުން އެކަލޭގެފާނަށް ތަބާވުން ދިޔައީ އިތުރުވަމުން. އެހެންވެ ރަސްގެފާނު އަމުރުކުރެއްވީ އެ ބިމުން އިބްރާހީމުގެފާނު ނުކުމެވަޑައިގަތުމަށް. ދެން އެކަލޭގެފާނު އިރާގުން ނުކުމެ ވަޑައިގަތް. އެކަލޭގެފާނުން އަރިހުގައި ނުކުމެ ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އެކަލޭގެފާނުންގެ އަނބިކަނބަލުން ސާއްރާއާއި އެކަލޭގެފާނުންގެ އަޚާގެ ދަރިކަލުން ލޫޠުގެފާނު ހިމެނިވަޑައިގަންނަވާ. ސާއްރާއަކީ ވެސް އަނބިކަނބަލުންނަށް ވުމުގެ އިތުރުން އިބްރާހީމްގެފާނާ އާއިލީ ގޮތުން ވެސް ވަރަށް ގާތް ބޭކަނބަލެއް. އާދެ! އިބްރާހީމްގެފާނާއި ސާއްރާއަކީ ދެބެންގެ ދެދަރި ދެ ބޭފުޅުން." ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

"ލޫޠުގެފާނަކީ އިބްރާހީމްގެފާނުގެ އަޚެއްގެ ދަރިކަލުން. ލޫޠުގެފާނަކީ އިބްރާހީމްގެފާނަށް އެންމެ ފުރަތަމައަށް އީމާންވެ ވަޑައިގަތް ބޭފުޅާ. ދެން އެ ދެބޭފުޅުން ވަކިވެ ވަޑައިގަތީ ﷲ ގެ އަމުރުފުޅަށް. ދީނުގެ ދައުވަތު ފުޅާ ކުރެއްވުމުގެ ގޮތުން. އެއީ އޭގެ ސަބަބުން ގިނަ ބަޔަކަށް މަންފާ ލިބުމަށް ޓަކައި." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

comment ކޮމެންޓް