ނަބީ ބޭކަލުންގެ ބިންތައް 9 - އިބްރާހީމްގެފާނު 2

އިބްރާހީމުގެފާނުގެ މަގުބަރާގެ ނަންފިލާ --

ނަބީބޭކަލުންގެ ބިންތަކުގައި ދިގު ދަތުރުފުޅެއް ކުރެއްވުމަށް ފަހު އިބްރާހީމް ޢަލައިހިއްސަލާމް ފަލަސްޠީނަށް ވަޑައިގަތެވެ. އަދި އޭގެ ފަހުން މިޞްރަށް ވަޑައިގަތެވެ.

އޭރު މިޞްރުގެ ވެރިކަމުގައި ތިބީ ހުކްސޫސުންނެވެ. އެކަލޭގެފާނު މިޞްރަށް ވަޑައިގަތީ މިޞްރުގެ އުތުރުގައިވާ ސީނާގެ ތެރެއިން ލައިފައެވެ.

"އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނު މިޞްރަށް ކުރެއްވި މަޝްހޫރު ދަތުރުފުޅުގައި މިޞްރަށް ވެދެވަޑައިގަތީ މި މަގުން. އެކަލޭގެފާނު ވަޑައިގަތީ އަނބިކަނބަލުންނާ އެކު. ދެން އެކަލޭގެފާނު މިޞްރުގެ ހާޖަރުއާ ކައިވެނި ބެއްލެވި." މިޞްރުގެ ޢިލްމުވެރިއެއް ކަމުގައިވާ އުސްތާޒު ޙިލްމީ ވިދާޅުވިއެވެ.

ރިވާވެގެން އައިސްފައިވާ ގޮތުގައި މިޞްރުގައި އަހަރު ދުވަހު ހުންނެވުމަށް ފަހު، އިބްރާހީމް ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ އަނބިކަނބަލުން ސާއްރާ އާއި އެކަލޭގެފާނަށް ހަދިޔާ ކުރެވުނު ކަމަނާ ގޮވައިގެން މިޞްރުން ނުކުމެވަޑައިގަތެވެ. ހަދިޔާ ކުރެވުނު ކަމަނާއަކީ ހާޖަރެވެ. ބުނެވޭ ގޮތުގައި އެކަމަނާއަކީ މިޞްރުގެ ރަސްދަރިކަނބަލެކެވެ. މިޞްރުގެ ވެރީން އިބްރާހީމް ޢަލައިހިއްސަލާމާ މެދު ބެހެއްޓެވި ގާތްކަން މިކަމުން އެނގިގެންދެއެވެ.

"އެދުވަސްވަރަކީ މިސްރުގެ ދެކުނާއި އުތުރުގައި ހަނގުރާމަ ހިނގި ދުވަސްވަރެއް. މި ހަނގުރާމައިގައި ވަރަށް ގިނަ އަންހެނުންނާއި ފިރިހެނުން އަސީރުންގެ ގޮތުގައި ހިފެވުނު. މި ގޮތުން ހިފެނު އަސީރުންގެ ތެރޭގައި މިޞްރުގެ އެ ސަރަޙައްދުގެ އަމީރާއިން ވެސް ހިމެނުނު. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އައްސައްޔިދާ ހާޖަރު. އެއީ މިޞްރުގެ އަމީރާއެއް. އެއީ ހުކްސޫސުންގެ ހަނގުރާމައިގެ އަސީރާއެއް." ޑރ. ޢަބްދުލްމަޤްޞޫދު ބާޝާ ވިދާޅުވިއެވެ.

"އިބްރާހީމްގެފާނު މިޞްރުގެ އަމީރާއަކާ ކައިވެނި ބައްލަވައިގެން އިސްމާޢީލުގެފާނު ލިބިވަޑައިގަތް. ރަސޫލުކަން ޚަތިމުކުރެއްވި ސާހިބާ މިޞްރުގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގަތް. އަދި މި ދެކަނބަލުންގެ ދަރިކަލުންނަށް އިބްރާހީމްގެ ނަންފުޅުން ނަންފުޅު ދެއްވި. މިއިން ވެސް މި މިއްލަތުގެ ވަޙްދަތު ހާމަވޭ. އިބްރާހީމް ޢަލައިހިއްސަލާމް ހާޖަރާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކޮޅުން ކީރިތި މާތް ނަބިއްޔާ ވަޑައިގަތީ. އެކަލޭގެފާނު މިޞްރުގެ މާރިޔާއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުންގެ ނަންފުޅަކީ އިބްރާހީމް." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަޢުވަތު މިޞްރުގައި ފެތުރުއްވި ކަމާ މެދު އެއްވެސް ރިވާޔަތެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް އެކަލޭގެފާނު މިޞްރުގައި ދަޢުވަތު ނުދެއްވައި ހުންނަވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

"ތިޔަބޭފުޅުންނަށް މިހާރު ފެނިވަޑައިގަންނަވާނެ މައްކާގެ ޙަރަމްފުޅުގެ މުންނާރުތައް. އެ މަންޒަރު ނަގައިފައި މިވަނީ ޚަންދަމާ ފަރުބަދައިގެ މަތީން. މިހާރު ޙަރަމްފުޅު އެބަ ފެނޭ." ސަޢުދީއަރަބިއްޔާގެ އިލްމުވެރިޔެއް ކަމުގައިވާ އުސްތާޒު ޙަސަން ޝާހީން ވިދާޅުވިއެވެ.

އެހެންނަމަވެސް އިބްރާހީމް ޢަލައިހިއްސަލާމްގެ ސީރަތުގެ އެންމެ މުހިންމު ޞަފްޙާއަކީ އެކަލޭގެފާނު މައްކާއަށް ވަޑައިގަތް ވަޑައިގަތުމެވެ. މައްކާއަކީ އުއްމުލްޤުރާއެވެ. ރަށްތަކުގެ މަންމައެވެ. މާތްވެގެންވާ ޙަރަމްފުޅު ހުރި ބިމެވެ. މައްކާގައި އިބްރާހީމް ޢަލައިހިއްސަލާމްގެ ދެވަނަ އަނބިކަނބަލުން ހާޖަރާއި އަދި އެ ދެކަނބަލުންގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ވަޒަންވެރި ކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ވަރަށް ރީއްޗަށް، އެކަމަކު ދުރުން ޙަރަމްފުޅު އެބަ ފެނޭ. ޙަރަމްފުޅުގެ މުންނާރުތައް ވެސް އެބަ ފެނޭ. އެ ފެންނަނީ ކަޢުބާ. މި ތަނުގައި މި ގެފުޅު ބިނާ ކުރެއްވީ އިބްރާހީމް ޢަލައިހިއްސަލާމް. މި ތަނުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރު އާއި ތުއްޕުޅު ދަރިކަލުން އިސްމާޢީލު ވަޒަންވެރި ކުރެއްވި. އެއީ ﷲ ގެ އަމުރުފުޅާ އެއްގޮތަށް ކުރެއްވި ކަމެއް. މިއީ އޭރު ފެނެއް، ގަހެއް، އަދި މީހަކު ވެސް ނެތް ތަނެއް. އަހުލުން މިތަނަށް ދޫކޮށްލެއްވުމަށް ފަހު ވަޑައިގަންނަވާން ފެށްޓެވުމުން އަނބިކަނބަލުން އެއްސެވި ކޮންތާކަށްތޯއޭ ތިމަންމެން ތިޔަ ދޫކޮށްލެއްވީ. އެކަލޭގެފާނު ވިދާޅުވި ﷲ ގެ ޙަޟްރަތަށޭ. ދެން އެކަމަނާ ވިދާޅުވީ ތިޔަހެން ކަމަށް ވާނަމަ އެއްވެސް ތުރާލެއް ނެތޭ. އެކަލޭގެފާނުގެ ނަޒަރުން އެބޭފުޅުން ގެއްލި ފަރުބަދައިގެ އަނެއް ފަރާތަށް ވަޑައިގެންނެވުމުން އެކަލޭގެފާނު އެބޭފުޅުންނަށް ޓަކައި ދުޢާފުޅު ކުރެއްވި. މޭވާއިން ރިޒުޤު ދެއްވުމަށާއި ފެން ލިބޭނެ ގޮތް މެދުވެރިކޮށްދެއްވުން އެދިވަޑައިގަތް. އަދި އެބޭފުޅުންނަށް ނަމާދު ޤާއިމު ކުރެއްވުމުގެ ތައުފީގު ދެއްވުން އެދިވަޑައިގަތް. މިހާރު ވެސް މި ފެންނަނީ އިބްރާހީމް ޢަލައިހިއްސަލާމް ކުރެއްވި މަތިވެރި ދުޢާފުޅުގެ އަސަރު. އެ ފެންނަނީ މައްކާގެ ބައެއް އަވަށްތައް. މިއީ އިބްރާހީމް ޢަލައިހިއްސަލާމްގެ ކުރީގައި އެއްވެސް ދިރުމެއް ނެތް ތަނެއް. އެކަމަކު މިއަދު މިއީ ދިރުން ހުރި ބިމެއް. އެއީ އެކަލޭގެފާނުގެ ދުޢާފުޅުގެ އަސަރު. އެކަލޭގެފާނު މި ވާދީއަށް ޓަކައި ދުޢާފުޅު ކުރެއްވި. މިއީ ފެނެއް، ދަނޑުވެރިކަމެއް ނެތް އަދި އިންސާނަކު ވެސް އޭރު ދިރި ނޫޅޭ ބިމެއް. އެކަމަކު މިހާރު މިހިރީ މީހުން ދިރިއުޅޭ އަވަށްތައް." އުސްތާޒު ޙަސަން ޝާހީން ވިދާޅުވިއެވެ.

"އެއީ ފަރުބަދަތަކުގެ މެދުގައި އޮތް ދަނޑުވެރިކަމެއް ނެތް ވާދީއެއް. ފެނެއް ވެސް އަދި ދިރިއުޅުމަކަށް ބޭނުންވާނެ އެހެން އެއްވެސް އެއްޗެއް ނެތް ތަނެއް. އެކަލޭގެފާނު މިތަނަށް ހާޖަރު ދޫކޮށްލެއްވި. އެކަމަނާ އަރިހުގައި ވީ ކިރުފޮދު ހިއްޕަވާ އުމުރުފުޅުގެ ތުއްޕުޅު އިސްމާޢީލް. ދެން އެކަމަނާ އެކަލޭގެފާނަށް ގޮވައިލައްވައި ވިދާޅުވި، ކަލޭގެފާނު ތިމަންމެން ތިޔަ ދޫކޮށްލެއްވީ ފެނެއް، ދަނޑުފަނގެއް ނެތް ތަނަކަށް ނޫންހޭ. ﷲ މި ގޮތަށް އަމުރު ކުރެއްވީތޯއޭ؟ ދެން އިބްރާހީމްގެފާނު އާދޭހޭ ވިދާޅުވީމާ ހާޖަރު ވިދާޅުވި އެހެން ކަމަށް ވާނަމަ ހިތާމަފުޅެއް ނެތޭ. އަދި އެއިލާހު ތިމަންމެން ދޫކޮށެއް ނުލައްވާނެޔޭ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

މައްކާގައި އިބްރާހީމް ޢަލައިހިއްސަލާމަށް ދެވަނަ އިމްތިޙާނަކާ ވެސް ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެއީ އޭރު އެކަލޭގެފާނުގެ ހުންނެވި ހަމައެކަނި ދަރިކަލުން އިސްމާޢީލް ޤުރުބާން ކުރައްވާން ޖެހިވަޑައިގަތް ހާދިސާއެވެ. އެއަށް ފަހު ﷲ އެކަލޭގެފާނަށް އެންގެވީ ޙަރަމްފުޅު ބިނާ ކުރެއްވުމަށެވެ. މިކަމުގައި ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

"އިސްމާޢީލުގެފާނު ބޮޑުފުޅުވީ ފަހުން ވަޑައިގެން އިބްރާހީމްގެފާނު ވިދާޅުވި. ﷲ ތިމަންކަލޭގެފާނަށް އަމުރުފުޅު ކުރައްވަނީ މި ތަނުގައި ގެފުޅު ބިނާ ކުރެއްވުމަށޭ. ދެން އެކަލޭގެފާނު ވިދާޅުވި. އޭ ބައްޕާފުޅާއޭ، ތިޔަ ކަމުގައި ތިމަންކަލޭގެފާނު އެހީތެރިވެ ވަޑައިގަންނަވާނަމޭ. ދެން ދެބަފައިކަލުން ގެފުޅު ބިނާ ކުރެއްވުމުގެ މަސައްކަތްޕުޅު ކުރެއްވި. މި މަސައްކަތްޕުޅު ކުރެއްވިއިރު އިބްރާހީމް ޢަލައިހިއްސަލާމް އަރައިވަޑައިގަތުމަށް ބޭނުންފުޅު ކުރެއްވި ހިލަކޮޅަށް ކިޔަނީ މަޤާމު އިބްރާހީމް. ކަޢުބާގެ ވަށައިގެން ޠަވާފު ކުރާއިރު ކަޢުބާގެ ކައިރިން މަޤާމު އިބްރާހީމް ފެންނާނެ." އުސްތާޒު ޙަސަން ޝާހީން ވިދާޅުވިއެވެ.

ހަގީގަތުގައި އިބްރާހީމް ޢަލައިހިއްސަލާމް ކުރެއްވި ކަމަކީ ބިންމަތީގައި ﷲ އަށް އަޅުކަން ކުރުމަށް ކުރެވުނު ފުރަތަމަ ބިނާ އިޢާދަ ކުރެއްވުމެވެ. މިކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައިވެއެވެ.

"އިބްރާހީމްގެފާނަށް ﷲ އެންގެވީ ކަޢުބަތުﷲ ގެފުޅުގެ މަޤާމު. ދެން އެކަލޭގެފާނު އެ ބިނާ އަލުން އިޢާދަ ކުރެއްވީ. އެއީ އެންމެ ފުރަތަމަ ވެސް ގެފުޅު ހުރިތަން. ބުނެވޭ ގޮތުގައި އެތަނުގައި އެންމެ ފުރަތަމަ ގެފުޅު ބިނާ ކުރެއްވީ މަލާއިކަތުން. އޭގެފަހުން އާދަމް ޢަލައިހިއްސަލާމް. ދެން އެތަން ވީރާނާ ވެފައި ވަނިކޮށް ﷲ ގެ އަމުރުފުޅަށް ބިނާ ކުރެއްވީ އިބްރާހީމް ޢަލައިހިއްސަލާމާއި، ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް." ޑރ. މުޙައްމަދު އަބޫލައިލާ ވިދާޅުވިއެވެ.

"މިއިން އެނގެނީ އިސްލާމްދީނަކީ އާ ދީނެއް ނޫން ކަން. މިއީ ﷲ ގެ ދީން. އެންމެ ފުރަތަމަ ވެސް ފެށިގެން އައި ދީން. ދުނިޔޭގެ ބިންމަތީގައި ﷲ އަށް އަޅުކަން ކުރަން ބިނާ ކުރެވުނު ފުރަތަމަ ބިނާ، މުސްލިމުންގެ ގިބްލަ އަދި އެންމެ މުހިންމު ޙަރަމްފުޅު ކަމަށްވުމުން އިސްލާމްދީން އެހެން ހުރިހާ ޢަގީދާއަކަށް ވުރެ އިސްވެގެންވާކަން އެ ގޮތުން ވެސް ދައްކައި އެބަދޭ." އުސްތާޒު އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.

"އިބްރާހީމްގެފާނު ވަޑައިގެން ބިނާ ކުރެއްވި ތަނަކީ ދުނިޔޭގެ ބިންމަތީގައި އިންސާނުން ﷲ އަށް އަޅުކަން ކުރުމަށް ޓަކައި ބިނާކުރެވުނު ފުރަތަމަ ބިނާ ހުރި ތަން. އެކަލޭގެފާނު އެހެންވީމާ ކުރެއްވި ކަމަކީ އަލުން އެތަން އިޢާދަ ކުރެއްވީ. އެކަލޭގެފާނާއި ދަރިކަލުން އިސްމާޢީލުގެފާނާ. މީގެ ބޭނުމަކީ ކޮބައިތޯ؟ އާދެ، ނަބީބޭކަލުންގެ ބައްޕާފުޅު މި ބިނާ ކުރައްވަނީ ނަބީކަން ޚަތިމް ކުރައްވާ ސާހިބާގެ އުންމަތުގެ މީހުންގެ ގިބްލަ. އެހެންކަމުން އެ ދަރިކޮޅުގެ ބައްޕަ ކަމުގައިވާ އިސްމާޢީލުގެފާނާ އެކު މި މަސައްކަތް ކުރެއްވީ." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.

ޙަރަމްފުޅާ ގާތުގައިވާ ޖަބަލުލްކަޢުބާއޭ ނަމަކަށް ކިޔޭ ފަރުބަދައިން އިބްރާހީމް ޢަލައިހިއްސަލާމާއި އިސްމާޢީލް ޢަލައިހިއްސަލާމް ހިލަ ކެނޑުއްވިއެވެ. މި ހިލަތައް ބޭނުން ކުރެއްވީ ﷲ ގެ – ގެފުޅު ބިނާ ކުރެއްވުމަށެވެ.

"ބުނެވޭ ގޮތުގައި އިބްރާހީމްގެފާނު ކަޢުބާ ބިނާ ކުރެއްވުމުގައި ތަފާތު ފަރުބަދަތަކުން ހިލަ ހޯއްދެވި. އެހެން ނަމަވެސް މިކަމުގެ މާ ބޮޑު ހެކިތަކެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނުވޭ. އެހެންނަމަވެސް މި ޖަބަލުލްކަޢުބާގެ ނަން ދެވިފައިވާ ފަރުބަދައިން ހިލަ ބޭނުން ކުރެއްވިކަން އެނގޭ. ޙަރަމްފުޅާއި މި ފަރުބަދައާ ދެމެދު ކިލޯ މީޓަރެއްގެ ދުރުމިން ވެސް ނެތް." އުސްތާޒު ޙަސަން ޝާހީން ވިދާޅުވިއެވެ.

ގެފުޅު ބިނާ ކުރެއްވުމުގެ މަސައްކަތް ކުރެއްވީ އިބްރާހީމް ޢަލަިހިއްސަލާމްގެ ދެބަފައިކަލުން އެކަންޏެވެ. ޙަރަމްފުޅުގައި އިބްރާހީމް ޢަލައިހިއްސަލާމުގެ ޚާއްޞަ އަސަރުފުޅެއްގެ ގޮތުގައި، އެކަލޭގެފާނުގެ މަޤާމުފުޅު ފާހަގަ ކުރެވެއެވެ. މި މަޤާމުފުޅަކީ މި މަތިވެރި ނަބިއްޔާގެ ޒިކުރާ އާ ކޮށްދެނިވި މަތިވެރި ޒިކުރާއެކެވެ.

"މިއީ އިބްރާހީމް ޢަލައިހިއްސަލާމްގެ ވުޖޫދު ހާމަކޮށްދޭ މަތިވެރި ހެތްކެއް. އާދެ ކަޢުބާއަކީ އިބްރާހީމް ޢަލައިހިއްސަލާމުގެ ޒިކުރާ އާ ކޮށްދޭ ތަނެއް. މި ބިނާ ޤިޔާމަތާ ހަމަޔަށް ދެމި ހުންނާނެ." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

ގެފުޅުގެ ބިނާ އިޢާދަ ކުރެއްވުމުގެ މަސައްކަތްޕުޅު ނިމުމުން، ﷲ އިބްރާހީމް ޢަލައިހިއްސަލާމަށް އަމުރު ކުރެއްވީ، ގެފުޅަށް ޙައްޖުވުމަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް ތަލްބިޔާގެ އަޑު ކެނޑިގެނެއް ނުދެއެވެ.

"މީސްތަކުންނަށް ޙައްޖަށް ގޮވައިލެއްވުމަށް އަމުރު ކުރެއްވުމުން އެކަލޭގެފާނު އަރަފާތު ފަރުބަދައަށް އަރައިވަޑައިގެން "ﷲގެ އަޅުތަކުންނޭ! ﷲ ގެ ގެފުޅަށް ޙައްޖުވާށޭ" ގޮވައިލެއްވި. ދެން ޙައްޖުގެ ކަންތައް ފެށިގެން ދިޔަ. އެއްވެސް މީހަކު ނެތް ތަނެއްގައި އިބްރާހީމް ޢަލައިހިއްސަލާމް މި ގޮވައިލެއްވި ގޮވައިލެއްވުން ހުރިހާ އެންމެންނަށް ފޯރި. މިއީ މުޢުޖިޒާތުގެ ގޮތުން ހިނގި ކަމެއް. މީސްތަކުންގެ ހިތްތަކުގައި ކަޢުބާގެ މަތިވެރިކަން ބިންވަޅު ނެގުނު." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ކޮންމެ މަންސިކެއް ވެސް، އަދި މައްކާގެ މައުޤިޢުތަކުގެ ތެރެއިން ކޮންމެ މައުޤިޢެއް ވެސް އިބްރާހީމް ޢަލައިހިއްސަލާމްގެ ޒިކުރާ އާކޮށްދެއެވެ. މި މަތިވެރި ނަބިއްޔާ ދޫކުރެއްވި ހެކިތަކަވެ. އިންސާނުންގެ މައްޗަށް އެކަލޭގެފާނުގެ ފަހުން ބާވައިލައްވާނެ ޝަރީޢަތަކާ ގުޅުން ހުރި އެތައް ކަމެއް އިބްރާހީމްގެފާނާ ވަނީ ގުޅިފައެވެ.

"މި ފަރުބަދަ ފެނުމުން އަޅުގަނޑުމެންނަށް އިބްރާހީމް ޢަލައިހިއްސަލާމްގެ ޒިކުރާ އާވެގެންދޭ. އެކަލޭގެފާނު ކަޢުބާ ބިނާ ކުރެއްވުމުން، ދެން ޙައްޖަށް ގޮވައިލެއްވުމަށް ﷲ އެންގެވި. ދެން އިބްރާހީމް ޢަލައިހިއްސަލާމަށް ޙައިރާންކަން ލިބިވަޑައިގަތް އަދި ވިދާޅުވި. އައްލާހުމަ. ކިހިނެއްތޯއޭ ތިމަންނާގެ އަޑު މީސްތަކުންނާ ހަމަޔަށް ފޯރާނީ. ﷲ އެކަލޭގެފާނަށް ވަޙީ ކުރެއްވި ކަލޭގެފާނަށް އޮތީ ގޮވައިލެއްވުމޭ، އެ ގޮވައިލެއްވުން ފޯރުކޮށްދެއްވުން އޮތީ ތިމަން އިލާހަށޭ. އަރަފާތުގެ މި މައިދާނުގައި ހުންނަވައި، އެކަލޭގެފާނު ޙައްޖަށް ގޮވައިލެއްވި. ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައޭ ޙައްޖުވާން. ފަހެ ތިޔަ ބައިމީހުން ﷲ ގެ ގެފުޅަށް ޙައްޖުވާށޭ. އަޅުގަނޑުމެން އެންމެންނަށް ވެސް މިއަޑުފުޅު މިވަނީ އިވިފަ. އާދެ ބައްޕައިންނާއި ކާފައިންގެ މައިކަށީގެ ތެރޭގައިވީ އަޅުގަނޑުމެންނަށް އެ އަޑުވަނީ ކާބަފައިންގެ ޒަރީއާއިން އިވިފަ. އެހެންކަމާ އެކު ކޮންމެ އަހަރަކު ވެސް މިދަނީ މި ގެފުޅަށް ޙައްޖުވަމުން. އަދި މި އަރަފާތު ބިމަށް އައުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން." އުސްތާޒު ޙަސަން ޝާހީން ވިދާޅުވިއެވެ.

"އިބްރާހީމް ޢަލައިހިއްސަލާމުގެ ފަހުން ދެން އައި ރިސާލަތްތަކާ ޚިލާފަށް އަޅުގަނޑުމެންގެ މި އުންމަތުގެ ޝަރީޢަތް ވަނީ އިބްރާހީމް ޢަލައިހިއްސަލާމުގެ ރިސާލަތާ މާ ބޮޑަށް ގުޅިފައި. އެކަލޭގެފާނުގެ ޒިކުރާ ދިރުވައި އާލާކުރުން ދީނީ ގޮތުން ޝަރުޢުވެފައި ވަނީ ހަމަ އެކަނި އަޅުގަނޑުމެންގެ މި އުންމަތުގައި." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.

މިނާގައި އިބްރާހީމްގެފާނު ހިލަ އުއްކެވިއެވެ. އަދި އިސްމާޢީލު ޢަލައިހިއްސަލާމުގެ ފިދާއެއްގެ ގޮތުގައި ކަންބަޅިއެއް ޤުރުބާން ކުރެއްވިއެވެ.

"މިނާއަށް އައިސް މީހުން ފިދާ ކަތިލާނެ. އުޟްޙިޔާ ކަތިލާނެ. ޤުރުބާން ކުރާނެ. މި ހުރިހާ ކަމެއްގައި ވެސް އެކުލެވިގެން ވަނީ ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ޒަބަޙަ ކުރެވުމުން ސަލާމަތް ވެ، ކުރެވުނު ޤުރުބާނީ އާއި އެ މަތިވެރި ހާދިސާގެ ޒިކުރާ." އުސްތާޒު ޙަސަން ޝާހީން ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމުގެ ދަރިކޮޅުގެ އަނެއް ގޮފި އޮތީ ފަލަސްޠީނުގެ ޚަލީލު ޝަހަރުގައެވެ. ކަންޢާނީންގެ ބަހުން އެ ރަށަށް ކިޔަނީ ޙަބްރޫންއެވެ. އޭގެ މާނައަކީ ހަތަރެކެވެ. މިއިން އިޝާރާތް ކުރަނީ މި ތާރީޚީ ވާދީގެ ވަށައިގެންވާ ހަތަރު ފަރުބަދަޔަށެވެ. މުސްލިމުން މި ރަށް ފަތަޙަ ކުރުމަށް ފަހު މި ރަށުގެ ނަމަކީ ޚަލީލު ޝަހަރެވެ. މި ނަން ނިސްބަތްވަނީ ﷲ ގެ ޚަލީލު އިބްރާހީމް ޢަލައިހިއްސަލާމަށެވެ.

އިބްރާހީމްގެފާނުގެ ދޮށީ އަނބިކަނބަލުން ސާއްރާ ދިރިއުޅުއްވީ މިތަނުގައެވެ. މިހާރު ތި ފެނިވަޑައިގަންނަވާ ގަހަކީ އެ ޒަމާނަށް ނިސްބަތް ކުރެވޭ އަސަރެކެވެ. މިއީ އިންސާނުންގެ ސިފައިގައި މަލާއިކަތުން ފައިބައިވަޑައިގަތް ތަނެވެ. ދެން އެ މަލާއިކަތުން އެ ބޭފުޅުންގެ ހަގީގަތް ހާމަ ކުރެއްވިއެވެ. އެބޭފުޅުން ވަޑައިގަތީ ނުކިޔަމަންތެރި އަދި ދޮގުވެރިކަމާއި އަނިޔާވެރިކަމާއި ފާޙިޝް ކަމުގައި ހައްދު ފަހަނައަޅައިފައިވާ ސަދޫމް ހަލާކުކޮށްލެއްވުމަށެވެ. އެއީ ލޫޠުގެފާނުގެ ގައުމެވެ. އިބްރާހީމްގެފާނަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެ ކަމާއި އަދި އެކަލޭގެފާނަށް ޔައުގޫބުގެފާނު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު މަލާއިކަތުން ދެއްވީ ވެސް ހަމަ މި ތަނުގައެވެ.

"މި ބައްލޫޠާ ނުވަތަ ގަސްކޮޅަކީ ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމުގެ ގަސްކޮޅު. މި ގަސްކޮޅަށް 4800 ވަރަކަށް އަހަރުވެއްޖެ. އެކަލޭގެފާނު އިށީނދެ ވަޑައިގެން އުޅުއްވީ މި ގަސްކޮޅުގެ ދަށުގައި ކަމަށް ބުނެވޭ. މަލާއިކަތުން ވަޑައިގެން ފައިބައި ވަޑައިގަތީ އެ ދިމާއަށް. އޭރު ސިއްތުނާ ސާރާ ވެސް އިންނެވި." ފަލަސްޠީނުގެ ޢިލްމުވެރިއެއް ކަމުގައިވާ އުސްތާޒު އަންވަރު ޒަބްލަޚް ވިދާޅުވިއެވެ.

"މަލާއިކަތުން ފަރީކޮޅުން މަނާވެވަޑައިގަތުން އިބްރާހީމްގެފާނުގެ އަހުލުން ބިރުފުޅުގެންވަޑައިގަތުމުން. މަލާއިކަތުން ވިދާޅުވި ބިރުފުޅު ނުގަތުމަށް. އަދި ވިދާޅުވި ތިމަންމެންގެ އަސްލު މަޝްރޫޢަކީ ލޫޠުގެފާނުގެ ގައުމޭ. ދެން ސާރާ އުފަލުން ހިނިފުޅު ވެޑުވި. އެ ފަސާދަވެފައިވާ ގައުމު ހަލާކު ކުރައްވައި ލޫޠުގެފާނު ސަލާމަތް ކުރައްވާތީ. ދެން މަލާއިކަތުން ސާރާއަށް އިސްޙާގުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވި. އަދި އިސްޙާގުގެފާނަށް ޔައުގޫބުގެފާނު ދެއްވާނެކަމަށް ވެސް ވިދާޅުވި." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް ފަސްދާނު ލެވިގެންވަނީ ނަބީބޭކަލުންގެ މަޣާރޭ ކިޔޭ ތަނުގައެވެ. މިތަން ހުންނަނީ ފަލަސްޠީނުގެ ޚަލީލު ޝަހަރުގެ ޙަރަމް އިބްރާހީމީގައެވެ. އިބްރާހީމްގެފާނުގެ ފަހުން އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔައުޤޫބުގެފާނު ވެސް ފަސްދާނު ލެވިފައިވަނީ ހަމަ މި ތަނުގައެވެ. އަދި ޔޫސުފްގެފާނު ވެސް ފަހުން ފަސްދާނު ލެވިފައިވަނީ މިތަނުގައެވެ. އަދި އެބޭބޭކަލުންގެ އަނބިއަނބިކަނބަލުންގެ މަހާނަފުޅުތައް ވެސް ހުރީ ހަމަ މިތަނުގައެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ސާއްރާ ފަސްދާނުލެއްވީ ވެސް މިތަނުގައެވެ. އޭގެ ފަހުން އެކަލޭގެފާނު އަވަހާރަވުމުން ފަސްދާނު ލެވުނީ އެކަމަނާގެ އަރިހުގައެވެ.

*********

އިސްރާއީލޭ ކިޔާ ދައުލަތް އުފެދުމަށް ފަހު، އެމީހުން ހިންގި ޤަތުލުއާންމަށް ފަހު އެމީހުން ވަނީ މި ޙަރަމުގެ ދެބައިކުޅަ އެއްބައި އަތުލައިގެންފައެވެ. އަދި އެބައިވަނީ ޔަހޫދީންގެ ކަނީސާއަކަށް ބަދަލުކޮށްފައެވެ. އެ ތަނުގައި އެމީހުން ދަނީ އެމީހުންގެ ރަސްމުތައް ފާހަގަ ކުރަމުންނެވެ. އަދި އެމީހުން ވަނީ މިތަނުގައި ޔަހޫދީ ދެ މަދަރުސާ ވެސް ގާއިމުކޮށްފައެވެ.

"އިބްރާހީމްގެފާނާއި އިސްހާގުގެފާނުގެ ގަބުރުފުޅު ހުންނަނީ ފަލަސްޠީނުގައި. ޚަލީލު ޝަހަރުގައި. ﷲ ގެ ޚަލީލުގެ ރަށުގައި. މިހާރު އެތަނުގެ އެއްބައިވަނީ ޔަހޫދީންގެ ބާރުގެ ދަށުގައި. އިބްރާހީމްގެފާނުގެ ތާހިރު ގަބުރުފުޅަށް ހައްގުކަން ބޮޑީ އެމީހުންނެއް ނޫން. އަޅުގަނޑުމެން. މުސްލިމުން." އުސްތާޒު އަޙްމަދު ނައުފަލް ވިދާޅުވިއެވެ.

އަދި މިހާރު ޙަރަމް އިބްރާހީމީގައި ހިނގަމުން މި ދާ ކަންކަމަކީ ޔަހޫދީންގެ ކަންކަމެވެ. އަސްލު ޔަހޫދީންނަކީ ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ. އެ ސަބަބާ ހުރެ އެމީހުން މި ތަނަށް ޒިޔާރަތްކޮށް، މި ތަނުގެ މައްޗަށް ދައުވާކޮށް ހަދަނީއެވެ.

"އިބްރާހީމްގެފާނަކީ ޔަހޫދީއެއް ވެސް ނޫން އަދި ނަޞްރާނީއެއް ވެސް ނޫން. އެކަމަކު އެކަލޭގެފާނަކީ ޙަނީފެއް. މުސްލިމެއް." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.

"ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތާ އިބްރާހީމް ޢަލައިހިއްސަލާމާ ހުރިހާ ގުޅުމެއް އެންމެ ފުރިހަމަ ގޮތުގައި އޮތީ. ނަސަބުގެ ގުޅުމުގެ އިތުރުން މުސްލިމް އުންމަތުގެ މިއްލަތަކީ އިބްރާހީމްގެފާނުގެ މިއްލަތްކަން ފާހަގަކޮށްލާން ޖެހޭ." އުސްތާޒު އަޙްމަދު އަލްކުބައިސީ ވިދާޅުވިއެވެ.

ބިންމަތީގައި ﷲ އަށް އަޅުކަން ކުރުމަށް ޓަކައި އިމާރާތް ކުރެވުނު ފުރަތަމަ ބިނާ ކަމުގައިވާ ގެފުޅު އިޢާދަ ކުރެއްވުމުގެ ބިންގާ އެޅުއްވީ އިބްރާހީމް ޢަލައިހިއްސަލާމެވެ. ހަމަ އެފަދައިން އެންމެ ފަހުގެ ރިސާލަތުގެ މިއްލަތަކީ އެކަލޭގެފާނުގެ މިއްލަތެވެ.

"އިބްރާހީމް ޢަލައިހިއްސަލާމުގެ ބިޝާރަތާއި ދަޢުވަތު ވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތުގައި. ދުޢާފުޅުގައި ވަނީ ރައްބަނާ އެމީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވާނދޭވެ. އަދި ﷲ ގެ އާޔަތްތައް ފޮނުއްވައި ފޮތާއި ޙިކުމަތް އުނގަންނަވައި ދެއްވުމަށް." އުސްތާޒު އަޙްމަދު ހަލީލް ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމުގެ ދަޢުވަތަކީ ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުމުގެ ކުރީގެ ނުބުއްވަތުގެ ތާރީޚުގެ ތެރެއިން ފާހަގަވާން އޮތް އެންމެ ޢާލަމީ އަދި އެންމެ ޝާމިލު ނުބުއްވަތެވެ. އަދި މި އުންމަތުގެ ޝަރީޢަތާ އެންމެ ގާތް ޝަރީޢަތަކީ ވެސް އެކަލޭގެފާނުގެ ޝަރީޢަތެވެ. އެހެންކަމާ އެކު މި އުންމަތުގެ އެންމެ ފުރަތަމަ ޝަޚްޞަކީ ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް ކަމަށް ވަރަށް ގިނަ އިލްމުވެރީން ދެކެވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ހަގީގީ ވާރުތަވެރީންނަކީ މުސްލިމުންނެވެ. އަދި ހަމައެހެންމެ އެހެން ހުރިހާ ނަބީރަސޫލުންގެ ރިސާލަތްތަކުގެ ހަގީގީ ވާރުތަވެރީންނަކީ ވެސް މުސްލިމުންނެވެ. އެހެނީ ﷲ ގެ ޝަރީޢަތް ބަދަލުނުކޮށް އޭގެ އަޞްލަށް ތަބާވަނީ ހަމަ އެކަނި މުސްލިމުންނެވެ.

comment ކޮމެންޓް