ނަބީ ބޭކަލުންގެ ބިންތައް 8 - އިބްރާހީމްގެފާނު 1

އިރާގުގެ އޫރު ޝަހަރުގައި ހުންނަ އާސާރީ ބިނާއެއް، އިބްރާހީމްގެފާނުގެ އުފަން ރަށް ކަމުގައި މަޝްހޫރު ވެގެން ވަނީ އޫރު.

އިބްރާހީމް ޢަލައިހިއްސަލާމްގެ ދައުވަތަކީ ނުބުއްވަތުގެ ތާރީޚުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދައުވަތެވެ. އެކަލޭގެފާނުގެ ރިސާލަތު ފޯރި ސަރަޙައްދަކީ ވަރަށް ވެސް ފުޅާ ސަރަޙައްދެކެވެ. ދެން މިހާ ފުޅާކޮށް އައި ހަމަ އެކަނި ދައުވަތަކީ އާލަމްތަކަށް ނުބުއްވަތުގެ ރިސާލަތައިގެން ވަޑައިގަތް ކީރިތި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނުބުއްވަތުގެ ދައުވަތެވެ. އެ ދައުވަތުގައި މުޅި ދުނިޔެ ވަނީ ޝާމިލުވެގެންނެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އިބްރާހީމް ޢަލައިހިއްސަލާމުގެ ދައުވަތު ފެށުނީ އިރާގުންނެވެ. އެ ތަނުން ތުރުކީގެ ދެކުނަށެވެ. ދެން ސޫރިޔާގެ އުތުރަށެވެ. ދެން އެތަނުން ފަލަސްޠީނަށެވެ. ދެން މިޞްރަށެވެ. ދެން މާތްވެގެންވާ މައްކާއަށެވެ. ދެން އަނެއްކާ ވެސް ވަޑައިގަތީ ފަލަސްޠީނަށެވެ. އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައިވަނީ ފަލަސްޠީނުގެ ބިމުގައެވެ.

"އިބްރާހީމްގެފާނުގެ ތާރީޚުން އެންމެ ފާހަގަ ކޮށްލެވެނީ އެކަލޭގެފާނު ވަކި ބިމެއްގައި ގާއިމުވެ ނުހުންނަވައި ދަތުރުތައް ކުރެއްވި ކަން. އަދި އެކަލޭގެފާނުގެ ރިސާލަތުގެ ފުޅާކަން. އެކަލޭގެފާނަކީ އެކަލޭގެފާނަށް ފަހު ފޮނުއްވި ހުރިހާ ނަބީބޭކަލުންގެ ބަފައިކަލުން. އެކަލޭގެފާނުގެ ދަތުރުފުޅުތައް އިރާގުން ފެށިގެން ފަލަސްޠީނު އަދި މިޞްރާ ހަމަޔަށް ވެސް ދެމިގެންދޭ." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.

"އިބްރާހީމްގެފާނުގެ ދަތުރުފުޅުތަކަށް އަހަރެމެން ބަލައިފި ނަމަ ފެންނާނީ، މި އަރަބި ބިންތަކުގައި އެންމެ ފުޅާކޮށް ދަތުރު ކުރެއްވި ބޭފުޅަކީ އެކަލޭގެފާނު ކަން." ސޫރިޔާގެ ކުރީގެ މުފްތީ އަލްއުސްތާޒު ބަދްރުއްދީން ޙައްސޫން ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމުގެ މި ދިގު ދަތުރުފުޅާއި އެކަލޭގެފާނުގެ ދައުވަތު ފެތުރިގެން ދިޔަ ސަރަހައްދުގެ ފުޅާ ކަން، މިއީ ނުބުއްވަތުގެ ތާރީޚުގައި އެކަލޭގެފާނަށް ލިބިފައިވާ ހާއްސަ މަގާމު ބަޔާންކޮށްދޭ ހެކިތަކެކެވެ.

"އާދަމުގެފާނުން ފެށިގެން އިބްރާހީމްގެފާނާ ހަމަޔަށް ވެސް ނުބުއްވަތުގެ ތާރީޚެއް އޮތް ކަން އަޅުގަނޑުމެން ހަނދާން ކޮށްލަން ޖެހޭ. އެހެން ނަމަވެސް ތަފާތަކީ މީހުންތައް ގިނަ ގައުމުތައް ބޮޑުވެގެން ގޮސްފައި ވަނީ އިބްރާހީމް ޢަލައިހިއްސަލާމުގެ ފަހުން ކަން." ޑރ. ޢަބްދުއްޞަބޫރު ޝާހީން ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް އުފަންވެ ވަޑައިގަތީ އަދި ބޮޑުފުޅުވީ ކޮންތަނެއްގައި ކަން ކަނޑައެޅިގެން އެނގޭ ތާރީޚީ ހެކިތަކެއް ނެތެވެ. އެހެންނަމަވެސް ބައެއް ރިވާޔަތްތަކުން ފެންނަ ގޮތުގައި އެކަލޭގެފާނު އުފަންވެވަޑައިގަތީ އަދި ބޮޑުފުޅުވީ ކިލްދާނީންގެ އޫރު ނަމަކަށް ކިޔޭ ޝަހަރުގައެވެ. ކިލްދާނީންނަކީ އަރަބި ގައުމެކެވެ. އެމީހުންނަކީ އަރަބި ބައްރުން ހިޖްރަ ކުރި ބައެކެވެ. އިރާގުގެ ދެކުނުގައި އޫރު ޝަހަރުގެ އަސަރުތައް ފެންނަން އެބަ ހުށްޓެވެ. އެއީ ސޫމާރީންގެ ދީނީ މަރުކަޒެކެވެ. އޭގެ ފަހުން ބާބިލީންގެ މަރުކަޒެކެވެ. އަދި ވިޔަފާރީގެ މަރުކަޒެއް ވެސް މެއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް ދިރިއުޅުއްވި ކަމަށް ބެލެވޭ ގެކޮޅު މިހާރު ވަނީ އިޔާދަ ކުރެވިފައެވެ. އަދި އެ ގައުމުގެ މީހުންގެ ބޮޑު ފައްޅި ކަމަށް ބެލެވޭ ތަން ވެސް ވަނީ އަލުން އިޔާދަ ކުރެވިފައެވެ.

"ކުރީގައި ހުރި އިމާރާތެއް ނޫން މިއީ ކީ. މިއީ ކުރީގެ އަސަރުތަކުގެ މައްޗަށް ބަލައިގެން ފަހުން ކޮށްފައިވާ އިމާރާތެއް. ދެން ތާރީޚީ ގޮތުން ބަލާއިރު މިއީ މާ ބުރަދަން ހުރި ހެކިތަކެކޭ ނުބުނެވޭނެ." އުސްތާޒު ޙަމީދު އައްޝާޠިރީ ވިދާޅުވިއެވެ.

މި ސަރަޙައްދުގައި އިބްރާހީމް ޢަލައިހިއްސަލާމް ދިރިއުޅުއްވި ދުވަސްވަރަށް ބަލާއިރު، މި ސަރަހައްދުގެ މީހުންގެ އަގީދާގައި ވަރަށް ގިނަ ކަލާނގެތަކެއް ހިމެނިފައިވެއެވެ. މިއިން ކޮންމެ ކަލާނގެއެއް ރަމްޒުކޮށްދޭ ބުދުތައް ހުރެއެވެ. ރިވާ ވެގެން އައިސްފައިވާ ގޮތުގައި އިބްރާހީމް ޢަލައިހިއްސަލާމްގެ ބައްޕަ އާޒަރަކީ ވެސް ބުދު ވަޑިޔެކެވެ. ބުދު ހަދައި އޭގެ ވިޔަފާރި ކުރި މީހެކެވެ. އެހެންނަމަވެސް ތުއްޕުޅު އިރުއްސުރެން ވެސް އިބްރާހީމްގެފާނު ފިޠުރަތާ ޚިލާފުވެވަޑައެއް ނުގަންނަވައެވެ.

"އެކަލޭގެފާނު ތުއްޕުޅު އިރުއްސުރެ، އިހްތިރާމް ކުރުމުގެ ގޮތުން އަދި އުލޫހިއްޔަތުގެ އަގީދާގައި ބުދަކާ ކައިރިވެވަޑައެއް ނުގަންނަވާ. އެކަލޭގެފާނަށް ﷲ ދެއްވީ މާތް ދަރަޖައެއް. އެއީ ނަބީބޭކަލުންގެ ބައްޕަ. އެއީ ﷲ ގެ ޚަލީލު." މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. ޢަބްދުﷲ އަބޫޔޫސުފް ވިދާޅުވިއެވެ.

އިބްރާހީމްގެފާނުގެ އެންމެ ފުރަތަމައަށް އެކަލޭގެފާނުގެ ދައުވަތު ދެއްވީ ބައްޕަ އާޒަރަށެވެ. ބުދަށް އަޅުކަން ކުރުން ދޫކޮށްލެއްވުމަށް ބައްޕަގެ އަރިހުން އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންނަށް ސައްޔިދު އިބްރާހީމް ޢަލައިހިއްސަލާމްގެ ދައުވަތުން ވަރަށް މަތިވެރި އަޚްލާގެއް ފެނިގެންދޭ. އެއީ ދައުވަތު ދިނުމުގައި ތަބާވާންވީ އުސްލޫބަކީ. އެކަލޭގެފާނުގެ ބައްޕަގެ ދެކޮޅު ހެދުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމާ އެކު ވެސް ބައްޕައާ މުއާމަލާތު ކުރެއްވީ ވަރަށް ވެސް ރީތިކޮށް. ފުރިހަމަ ކޮށް. މިއީ އަޅުގަނޑުމެން ނަމޫނާ ނަގަންވީ އަމަލުފުޅުތަކަކީ." އުރުދުންގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ހަލީލް ވިދާޅުވިއެވެ.

އަގީދާގެ މައްސަލައިގައި އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ގައުމުގެ މީހުނާ މެދު ބަހުސްތައް ހިނގާން ފެށިއެވެ. އެކަލޭގެފާނު ވަޑައިގަތީ ސާބިތު ކަމާއެކު ހެކިތަކާއި ބުރުހާނުތައް ދައްކަވަމުންނެވެ. މަންޠިޤީ ޖަވާބުތައް ދެއްވަމުންނެވެ.

"އިބްރާހީމް ޢަލައިހިއްސަލާމުގެ ދައުވަތުން އަޅުގަނޑުމެންނަށް އެބަ ފެނޭ ދައުވަތުގައި މީހުންނާ މުޚާޠަބު ކުރާނޭ އުސްލޫބު. ދައުވަތު ދޭނެ ގޮތް." މައްކާ އޯޕަން ޔުނިވަރސިޓީގެ މުދީރު ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމްގެ ޙުއްޖަތްތަކުގެ ވަރުގަދަ ކަމާ އެކުވެސް، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ އަގީދާގެ ފާސިދު ކަމާ ހެދި އެންމެ ދެ ފަރާތަކުން ނޫނީ އެކަލޭގެފާނުގެ ދައުވަތަށް އިޖާބައެއް ނުދިނެވެ.

"އެކަލޭގެފާނާ އެންމެ ގާތް ތިމާގެ ބޭފުޅުން ވެސް އެކަލޭގެފާނުގެ ރިސާލަތް ގަބޫލެއް ނުކުރި. ހަމަ އެކަނި އެކަލޭގެފާނުގެ އަޚުގެ ދަރިކަލުން ލޫޠުގެފާނާއި އެކަލޭގެފާނުގެ ބޮޑުބޭބެގެ ދަރިކަނބަލުން އަދި އަނބިކަނބަލުން ސާރާ ފިޔަވައި." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމުގެ ގައުމުގެ މީހުން އިލާހުންގެ ގޮތުގައި ބަލައިގެން އުޅުނު ބުދުތަކުގެ ބާޠިލުކަން ދެއްކެވުމުގައި ޙުއްޖަތްތައް ދެއްކެވުމުގައި ދެމިހުންނެވުމަށް ފަހު، ދެން އެކަލޭގެފާނު ކުރިމަތިލެއްވީ އެ ބުދުތަކުގެ އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ކުޅަދާނަކަން ވެސް އެ ބުދުތަކަށް ލިބިގެން ނުވާކަން ގައުމުގެ މީހުންނަށް ސާބިތުކޮށް ދެއްވުމަށެވެ.

"އެއްދުވަހެއްގެ ހަވީރު އެކަލޭގެފާނު ދެން ކަންތައް ކުރައްވާނެ ގޮތް ނިންމެވި. އަނެއް ދުވަހަކީ ގައުމުގެ މީހުންގެ އީދު ދުވަސް. އެމީހުން ހަދާ ގޮތަކީ ބުދުތައް ކައިރީގައި ކާބޯތަކެތި ބެހެއްޓުމަށް ފަހު، ރަށް ބޭރަށް ނުކުމެފަ ކުޅިވަރު ކުޅެ، އީދުގެ އިހްތިފާލު ފާހަގަ ކުރުމަށް ފަހު، އައިސް އެ ތަކެތި ކައިބޮއި ހަދަނީ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

"އެމީހުން އީދު ފާހަގަ ކުރުމަށް ނުކުތް. އެހެން ނަމަވެސް އިބްރާހީމްގެފާނު ނުކުމެވަޑައެއް ނުގަތް. ދެން އިބްރާހީމްގެފާނު އެ ބުދުތައް ތަޅުވައިލެއްވި، އެންމެ ބޮޑު ބުދު ފިޔަވާ. މި ބޮޑު ބުދު ބެހެއްޓެވީ އޭއްޗެއްސަކީ އެއްވެސް ބާރެއް ލިބިގެންވާ އެއްޗެހިތަކެއް ނޫންކަން އެންގެވުމަށް." ޑރ. ޢަބްދުﷲ އަބޫޔޫސުފް ވިދާޅުވިއެވެ.

"އެކަލޭގެފާނު އެމީހުންނަށް ޙުއްޖަތް ގާއިމު ކުރެއްވުމުގެ ގޮތުން ވާހަކަ ދެއްކެވުމުން، އެމީހުން އަމިއްލައަށް ބުނި ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާ ނޫން ހޭ، އެ ވާހަކަ ނުދައްކާކަން. ދެން އެކަލޭގެފާނު އެއްސެވި އެހެން ވެއްޖެއްޔާ ވާހަކަ ނުދެއްކޭ، އަޑު ނީވޭ އަދި ލޮލަށް ނުފެންނަ އެއްޗަކަށް ކީއްވެހޭ އަޅުކަން ކުރަނީ." ޑރ. ޢަބްދުލްމަޤްޞޫދު ބާޝާ ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް އަލިފާނަށް އެއްލައިލުމުން ދެން ކަންތައް ވީ ގޮތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. މި ގޮތުން އިލާހީ މުޢުޖިޒާއަކުން އެ އަލިފާނުގެ ތެރެއިން އެކަލޭގެފާނު ސަލާމަތް ކުރެއްވި ގޮތް ބަޔާން ކުރައްވައިފައިވެއެވެ.

"އެމީހުން އަނދަނައިގެ ފަރުބަދައެއް ހެދި. އެ ތަކެތީގައި ރޯކޮށްލުމަށް ފަހު އޭގެ ތެރެއަށް އިބްރާހީމްގެފާނު އެއްލައިލި. ދެން އެކަލޭގެފާނު އަލިފާންގަނޑުގެ ތެރެއަށް ވެއްޓުނު. ދެން އެމީހުން ހީކުރީ އެކަލޭގެފާނު އަވަހާރަކޮށްލެވުނީ ކަމަށް. އެހެން ނަމަވެސް ކުއްލިއަކަށް ފެނުނީ އެކަލޭގެފާނު ސަލާމަތުން އަލިފާނުން ނުކުންނެވިތަން. ﷲ އަލިފާނަށް އެންގެވީ އިބްރާހީމްގެފާނަށް ޓަކައި ފިނި އަދި ސަލާމަތްކަން ހުރި އެއްޗަކަށް ވުމަށް." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

"ﷲ އަލިފާނަކީ ފިނި އެއްޗެއް ކަމުގައި އެކަނި ލެއްވި ނަމަ އެއިން ފައިދާ ނުކުރީސް. އެހެންނަމަވެސް ﷲ އެ އަލިފާން ލެއްވީ ފިނި އަދި ސަލާމަތްތެރި އެއްޗެއްގެ ގޮތުގައި." ޑރ. ޢަބްދުލްމަޤްޞޫދު ބާޝާ ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް އަންދައިލުމަށް އެ ގައުމުގެ މީހުން ރޯ ކުރި އަލިފާންގަނޑުން އެކަލޭގެފާނު ނޭނދުމުން، ރަސްގެފާނު ނަމްރޫދުގެ އަރިހަށް އެކަލޭގެފާނު ގެންނެވުމަށް އޭނާ އަމުރު ކުރެއްވިއެވެ.

"އެކަލޭގެފާނު އަލިފާންގަނޑުގެ ތެރެއިން ސަލާމަތްވިކަން އެނގުމުން ރަސްގެފާނު ނަމްރޫދު އަރިހަށް އެކަލޭގެފާނު ގެންނެވި. ދެން ރަސްގެފާނު އެކަލޭގެފާނާ ސުވާލު ކުރެއްވި އަދި ބުނި ކަލޭގެފާނުގެ ރައްބަކީ ތިމަންނައޭ. ދެން އިބްރާހީމްގެފާނު ވިދާޅުވި ތިމަންކަލޭގެފާނުގެ ރައްބު ދިރުއްވައި މަރުއްވައޭ. ރަސްގެފާނު ބުނި ތިމަންނަ ވެސް ދިރުވައި މަރުއްވަމޭ. ދެން ޖަލުން ދެ މީހަކު ގެނެސް އެކަކު މިނިވަންކޮށް ދޫކޮށްލުމަށް އެންގި. އަނެއް މީހާ ގަތުލު ކުރުމަށް އަމުރު ކުރި. އަދި ބުނި ތިމަންނަ ވެސް މި ގޮތަށް ދިރުވައި މަރުއްވަމޭ. އިބްރާހީމްގެފާނުގެ ޖަދަލު ރަސްގެފާނަށް ނުވިސްނުމުން އިބްރާހީމްގެފާނު އެކަމާ އިތުރަށް ވާހަކަ ނުދައްކަވައި ވިދާޅުވީ ތިމަންކަލޭގެފާނުގެ ރައްބު އިރުމަތީ ފަރާތުން އިރު އަރުއްވައޭ ރަސްގެފާނު ހުޅަނގު ފަރާތުން އިރު އަރުވަ ބަލާށޭ. ދެން ކާފަރުން އިސްދަށަށް ޖެހި." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގައި ދައުވަތު ދެއްވުމުގައި ކުރެއްވި މަސައްކަތްޕުޅުން އިތުރު ކުރިއެރުމެއް ލިބިވަޑައިނުގަތުމުން ހިޖުރަ ކުރައްވާން ނިންމެވިއެވެ. މި ގޮތުން އެކަލޭގެފާނު ފުރަތަމަ ވަޑައިގަތީ އިރާގުގެ އުތުރުން އޮތް ހައްރާނަށެވެ. އެއީ މިހާރުގެ ތުރުކީއެވެ. މި ތަނުގައި އިބްރާހީމް ޢަލައިހިއްސަލާމަށް ނިސްބަތް ކުރެވޭ ހެކިތައް އެބަ ހުށްޓެވެ.

"އެކަލޭގެފާނާ އެކު ނުކުތީ އެންމެ ދެ މީހުން. އެއީ އަޚުގެ ދަރިކަލުން އަދި ފަހުން ނަބިއްޔެއް ކަމުގައިވި ލޫޠުގެފާނާއި އަނބިކަނބަލުން ސާއްރާ. އިރާގުން ނުކުމެ ވަޑައިގެން އެބޭފުޅުން ވަޑައިގަތީ ޝާމު ކަރައިގެ އުތުރަށް. އެއީ ޙައްރާނަށް. މިހާރުގެ ތުރުކީ އާއި ސޫރިޔާ ގުޅޭ ހިސާބު އެއީ. އެކަލޭގެފާނު ވަޑައިގަތީ މުހާޖިރެއްގެ ގޮތުގައި. އެ ރަށުގެ މީހުން އަޅުކަން ކުރަމުން ދިޔައީ ތަރިރުހަނދަށް. ދެން އެމީހުންނަށް ދައުވަތު ދެއްވާނެ ގޮތާ މެދު ވިސްނެވި. އެކަލޭގެފާނަކީ ކާކުކަން މި އާ ރަށުގެ މީހުންނަކަށް ނޭނގޭ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ސޫރިޔާގެ އިމާ ގާތުގައި، އޮންނަ ތުރުކީގެ ހައްރާނަކީ، ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި އިބްރާހީމް ޢަލައިހިއްސަލާމް އުފަންވެ ވަޑައިގަތް ބިމެވެ. އެ ބިމުގައި އެކަލޭގެފާނު، އެ ހޮހޮޅައެއްގެ ތެރެއަށް އުފަންވެވަޑައިގަތް ކަމަށް ބުނެވޭ ހޮހޮޅައެއް ވެސް ފާހަގަ ކޮށްފައި ހުރެއެވެ.

"މި ރަށުގެ ނަމަކީ އާގައްސާ. އިސްލާމީ ޚިލާފަތުގެ ދަށަށް އައުމުގެ ކުރީން މި ރަށް އޮތީ ބީޒަންޓައިން ދައުލަތުގެ ދަށުގައި. އުމަރުގެފާނުގެ ދައުރުގައި މި ރަށް ފަތަހަ ވުމުން މި ރަށަށް ދިން ނަމަކީ ރުޙާ. މި ރަށަށް މިހާރު ވެސް ރުހާއޭ ކިޔާ. މިރަށަށް މިހާރު ކިޔަނީ އޫރްފާ. އެ ދެ ތަނބަކީ ބުނެވޭ ގޮތުގައި އިބްރާހީމް އަލައިހިއްސަލާމު އަލިފާނަށް އެއްލައިލުމުގެ ގޮތުން ބޭނުން ކުރި ތަނބު ހުރި ތަން. މިހާރު އެ ފެންނަނީ އަސްލު ތަނބު ނޫން ކަމަށް ވެދާނެ. އެހެން ނަމަވެސް އެއީ އެތަން ކަމަށް ގަބޫލު ކުރެވޭ." އުސްތާޒު އަޙްމަދު ދަމީރު ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެން ދަތުރު ކުރަމުން މި ދަނީ އޯރްފް ޝަހަރުގައި، އިބްރާހީމް ޢަލައިހިއްސަލާމް އެ ހޮހޮޅައެއްގެ ތެރޭގައި އުފަންވެ ވަޑައިގަތް ކަމަށް ބުނެވޭ ހޮހޮޅައާ ދިމާއަށެވެ.

"އިބްރާހީމްގެފާނު އަލިފާނަށް އެއްލައިލުމުގެ ގޮތުން ބޭނުން ކުރި ސޭލާ ހަރުކުރީ އެ ތަނުގައި ހުރި ތަނބެއްގައި ކަމަށް ބުނެވެނީ. ފަހުން މިތަން ވަނީ އިމާރާތް ކުރެވިފައި. މިއީ އިބްރާހީމް ޢަލައިހިއްސަލާމުގެ ހާދިސާގެ ހަނދާންތައް ދެމެހެއްޓުމުގެ ގޮތުން ކުރެވިފައިވާ އިމާރާތެއް." އުސްތާޒު އަޙްމަދު ދަމީރު ވިދާޅުވިއެވެ.

މިހާރު އެ ފެންނަނީ ކުރީގެ ތަނބުތައް ހުރި ތަނުގައި ފަހުން ބިނާ ކުރެވިފައި ހުރި ތަނބުތަކެވެ.

އެކަލޭގެފާނު އަލިފާންގަނޑުގެ ތެރެއަށް އެއްލައިލެވުނީ އެތައް ދުވަހެއް ވަންދެން ދަރުތައް އެއް ކުރުމަށް ފަހު ކަމަށް ބުނެވެއެވެ.

"މިއީ އެ ހޮހޮޅައަކީ. ބައްލަވާ. ދުރުން އެ ފެންނަނީ. އެ ތަނުގައި ދެ ދޮރު އެބަ ހުރި. ކަނާތްފަރާތުގައި ހުރި ދޮރު ހާއްސަވެފައިވަނީ ފިރިހެނުންނަށް. ދެން ހުރި ދޮރު ހާއްސަ ކުރެވިފައިވަނީ އަންހެނުންނަށް. އެ ތަނުގައި ވަރަށް ކުރީއްސުރެ ލިޔެވިފައިވަނީ އިބްރާހީމްގެފާނު އުފަންވެވަޑައިގަތީ އެ ހޮހޮޅައިގެ ތެރޭގައި ކަމަށް.

ހިނގާ ކައިރިއަށް ދަމާ.

މި ލިޔުމަށް ބައްލަވާ ލައްވާ. މީގައި އިނގިރޭސި، ތުރުކީ، އަރަބި، ފާރިސީ ބަހުން ލިޔެވިފައި އެވަނީ މިއީ އިބްރާހީމްގެފާނު އުފަންވެވަޑައިގަތް ތަންކަމުގަ.

މި ފަޅިއަކީ އަންހެނުން ވަންނަ ފަޅި.

މިއީ ފިރިހެނުން ވަންނަ ފަޅި.

މިތަނުން އެ ހޮހޮޅައަށް ވަންނާނީ." އުސްތާޒު އަޙްމަދު ދަމީރު ކިޔައިދެއްވިއެވެ.

މި ހޮހޮޅައާ ގާތުގައި ތުރުކީ މީހުން ވަނީ އިބްރާހީމްގެފާނު އަލިފާނަށް އެއްލައިލި ސޭލާ ހަރު ކުރި ތަނބުތައް ރަމްޒުކޮށް ދިނުމުގެ ގޮތުން ބިނާއެއް ކޮށްފައެވެ. ބުނެވޭ ގޮތުގައި މި ބިނާ ކޮށްފައި ވަނީ އެ ހާދިސާ ހިނގި ތަނުގައެވެ. އަދި މި ތަނުގެ ކައިރީގައި މިސްކިތެއް ބިނާ ކޮށް، އެ މިސްކިތުގެ ކުރިމަތީގައި ބަގީޗާއެއް ހައްދައިފައިވެއެވެ. އަދި މި ތަނުގައި މަސް ފެންގަނޑެއް ވެސް އޮވެއެވެ. މި މަހަކީ މި ހިސާބުގެ މީހުން ގަބޫލުކުރާ ގޮތުގައި މުގައްދަސް އެއްޗެކެވެ. އަދި އިބްރާހީމްގެފާނުގެ ވާހަކައާ ގުޅުން ހުރި އެއްޗެކެވެ.

"މިއީ އެ ބުނާ ސޭލާ ހަރު ކުރި ތަން. އަޅުގަނޑު ނުދަންނަވަން މިއީ ނަމްރޫދުގެ ޒަމާނުގައި ހެދި ތަންތަނޭ. އެހެން ނަމަވެސް މިއީ އެތަންތަން ހުރި ތަންތަނުގައި ފަހުން އޭގެ ހަނދާނެއްގެ ގޮތުގައި ހެދިފައިވާ ތަންތަން.

ބަނދެފައި އިބްރާހީމްގެފާނު އެއްލައިލީ. އެ އަލިފާން ގަނޑު ފެނަށް ބަދަލުވެ، އެ ދަރުތައް މަހަށް ބަދަލުވީ ކަމަށް ބުނެވެނީ." އުސްތާޒު އަޙްމަދު ދަމީރު ވިދާޅުވިއެވެ.

ތުރުކީގެ މި ހިސާބަކީ އިބްރާހީމް ޢަލައިހިއްސަލާމްގެ ވަޒަންކަމަށް ބެލެވޭ ހެކިތައް ވަރަށް ގިނައެވެ. އެކަލޭގެފާނުގެ ވަޒަނަކީ އިރާގޭ ބުނެވޭ ބުނުމާ މިކަމާ ތައާރުޒުވުމެއް ނެތެވެ. ސަބަބަކީ ގަދީމީ ޒަމާނުގެ އިރާގު މި ހިސާބަށް ދެމިފައިވާތީއެވެ. އެ ޒަމާނުގައި މި ހިސާބުގައި ތިބީ ތަރިރުހަނދަށް އަޅުކަން ކުރި ބައެކެވެ. ކީރިތި ޤުރުއާނުގައި ގެންނަވައިފައިވާ އިބްރާހީމް ޢަލައިހިއްސަލާމުގެ ވާހަކައިން ވެސް މިކަމަށް އިޝާރާތްކުރެއެވެ. އިރާއި ތަރިތަކާ ބެހޭ ގޮތުން އެކަލޭގެފާނު ދެއްކެވި ވާހަކައެވެ. މި ވާހަކައިގެ އިބްރަތަކީ، އެ ގައުމުގެ މީހުންނަށް އެމީހުންގެ ވިސްނުމުގެ ކޮށިކަން ބަޔާން ކުރެއްވުމެވެ.

"ގައުމުގެ މީހުން ތަރިތަކަށް އަޅުކަން ކުރާތީ ހުއްޖަތް ގާއިމު ކުރެއްވުމުގެ ގޮތުން އެކަލޭގެފާނު އިރާ ދިމާއަށް ވިދާޅުވީ އެއީ އިލާހު ކަމަށް އެންމެ ބޮޑީ އިރު ކަމަށް ވާތީ. އެކަމަކު އިރު އޮއްސުމުން ވިދާޅުވީ އޮއްސޭ އިލާހެއް ބޭނުންފުޅު ނޫންކަމަށް. މިފަދަ ގޮތަކަށް އެކަލޭގެފާނު މީސްތަކުންނަށް ވިސްނަވައިދެއްވީ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ހައްރާނުގެ އަހުލުވެރީން ޝިރުކާ ދުރުކުރެވޭތޯ ދައުވަތު ދެއްވުމުގައި ހުންނެވުމަށް ފަހު ދެން ވަޑައިގަތީ ފަލަސްޠީނުގެ ބިމާ ދިމާޔަށެވެ. މި ދަތުރުފުޅުގެ މަގު މަތީގައި ސޫރިޔާގެ ޙަލަބުގައި މަޑު ކުރެއްވިއެވެ. މިކަމުގެ ހެކިތައް ޙަލަބުން މިއަދު ވެސް ފެންނާން އެބަ ހުށްޓެވެ.

"އިބްރާހީމްގެފާނުގެ ޒަމާނުގައި އުޅުނު ނަމްރޫދާއި އިބްރާހީމްގެފާނަށް ބަލަމާ. އިބްރާހީމްގެފާނަކީ ﷲ ގެ ނަބިއްޔެއް. ނަމުރޫދަކީ އިލާހެއް ކަމަށް ދައުވާ ކުރި ދޮގު ވެރިއެއް. މިއަދު އޭނާ ކޮބައިތޯ. އޭނާގެ ނަމެއް ވަކިން ކިޔޭ ތަނެއް ނާދޭ. އިބްރާހީމްގެފާނުގެ ވާހަކަ އަބަދުވެސް އެބަ ދެކެވޭ. އެކަލޭގެފާނަށް ޞަލަވާތްލެއްވުން އެދި ދުޢާ އެބަ ކުރެވޭ. މިއީ އީމާންކަމުގެ މޭވާއަކީ." ސޫރިޔާގެ ކުރީގެ މުފްތީ އަލްއުސްތާޒު ބަދްރުއްދީން ޙައްސޫން ވިދާޅުވިއެވެ.

ދެން އެކަލޭގެފާނު ވަޑައިގަތީ ފަލަސްޠީނުގެ ބިމަށެވެ. އެ ތަނުގައި ދިރިއުޅެމުން ގެންދިޔައީ އަރަބި ގަބީލާއެކެވެ. އެއީ ކަންއާނީންނެވެ. އަދި ނާބުލުސްއޭ ކިޔޭ ރަށުގައި ދުވަސްތަކެއް ވާންދެން އެކަލޭގެފާނު ގާއިމުވެ ހުންނެވިއެވެ. އަދި އެކަލޭގެފާނު ބައިތުލް މަގްދިސްއަށް ވަޑައިގަތް ކަމަށް ވެސް ބައެއް ރިވާޔަތްތައް އެބަ ހުށްޓެވެ. އަދި އެތަނުގައި ހުންނެވި ކަންއާނީ ރަސްގެފާނާ ބައްދަލު ކުރެއްވި ކަމަށް ވެސް ރިވާވެފައިވެއެވެ. ދެން އެކަލޭގެފާނު ވަޑައިގަތީ މިޞްރަށެވެ. ދެން އޭގެފަހުން ކައުބަތުﷲ ގެފުޅުގެ އަލުން ބިނާކުރެއްވުމުގެ މަސައްކަތަށް ފަހު ދެން އެނބުރި އަނެއްކާ ވެސް ވަޑައިގަތީ ފަލަސްޠީނަށެވެ. މީގެ ތަފްޞީލުތައް އިރާދަ ކުރެއްވިއްޔާ މީގެ ކުރިޔަށް އޮތް ހަލަގާގައި ގެނެސްދޭނަމެވެ.

comment ކޮމެންޓް