ނަބީ ބޭކަލުންގެ ބިންތައް 6 - ޞާލިޙުގެފާނު 1

ސަމޫދު ބާގައިގެ މީހުން ދިރިއުޅުނު ކަމަށް ބެލެވޭ މަދާއިން ޞާލިޙުގައި ހިލައިގައި ކޮނެގެން ހަދައިފައިވާ މަސްކަންތަކެއް --

އަރަބި ބައްރުގެ އުތުރުގައި މަދީނަތުލްމުނައްވަރާ އާއި ތަބޫކާ ދެމެދުގައި އޮންނަ، މިހާރު ކިޔާ ގޮތުން ނަމަ ޢުލާގެ ސަރަޙައްދަކީ ތާރީޚީ ގޮތުން ބަލާ އިރު ޙިޖްރޭ ކިޔޭ ސަރަޙައްދެވެ. ތާރީޚީ ގޮތުން މުހިންމު ހިސާބެއް ކަމުގައި ވާ މަދާއިން ޞާލިޙް އޮންނަނީ މިއަދުގެ ޢުލާ ޝަހަރާ އިން ވެގެންނެވެ.

މި ސަރަޙައްދުގައި ވަޒަންވެރިވެގެން، މީގެ ގާތްގަނޑަކަށް ފަސްހާހެއްހައި އަހަރު ކުރީން، ބޯދާ އަރަބީން ނުވަތަ ބާއިދާ އަރަބީންގެ ތެރޭގައި ހިމެނޭ ގަބީލާއެއް އުޅުނެވެ. އެއީ ސަމޫދު ގަބީލާ، ނުވަތަ ސަމޫދު ބާގައެވެ. ސަމޫދު ބާގައިގެ މީހުންނަކީ އެމީހުންގެ ޒަމާނުގައި ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔަ ބައެކެވެ. އެމީހުންގެ ކުރީން އުޅުނު ޢާދު ބާގައިގެ މީހުންގެ ކިބައިން އެމީހުން ވަނީ ހުނަރުތަކެއް ވާރުތަކޮށްފައެވެ.

"ޞާލިޙުގެފާނުގެ ގައުމަކީ ސަމޫދު. އެމީހުންނަކީ އަޞްޙާބުލް ޙިޖްރިގެ ނަމުން މަޝްހޫރުވެފައިވާ މީހުން. ޙިޖްރުގެ ސަރަޙައްދަކީ މަދާއިން ޞާލިޙުގެ ސަރަޙައްދު. އެއީ ތަބޫކު ކައިރި. ކީރިތި މާތް ނަބިއްޔާ އެ ސަރަޙައްދުން ދަތުރު ކުރެއްވި. އަދި އެތަނާ ބެހޭ ގޮތުން ޞަޙާބީންނަށް ޚަބަރު ދެއްވި. އަދި އެ ހަނދާންތަކުން ޢިބްރަތް ޙާޞިލުކުރުމަށް އިރުޝާދު ދެއްވި." އަޒްހަރު ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

އާދު ބާގައިގެ މީހުން ދިރިއުޅުނީ އަރަބި ބައްރުގެ ދެކުނު ފަޅީގައި އޮންނަ އަޙްޤާފު ސަރަޙައްދުގައި ތޯ ނުވަތަ ޢުލާގެ ސަރަޙައްދުގައިތޯ ސުވާލު ކުރެވުނު ނަމަވެސް، ސަމޫދު ބާގައިގެ މީހުން ދިރިއުޅުނީ މަދާއިން ޞާލިޙުގައި ކަމަށް މުވައްރިޚުން އިއްތިފާޤު ވެއެވެ. އެހެންނަމަވެސް މިތަނަށް މަދާއިން ޞާލިޙު ކިޔަނީ ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނަށް ނިސްބަތްކޮށް ތޯ ނުވަތަ ނޫންތޯ މިއީ އިޚްތިލާފީ މައްސަލައެކެވެ.

"ހަގީގަތުގައި އެ ސަރަޙައްދުގެ ނަމަކީ ޙިޖްރު. ޙިޖްރުގެ ނަން ވަނީ ކީރިތި ޤުރުއާނުގައި ވެސް އައިސްފައި. ޔޫނާނީ އަދި ރޫމީ ފަތްފުށްތަކުގައި ވެސް ޙިޖްރުގެ ވާހަކަ އައިސްފައިވޭ. އެމީހުން އެ ސަރަޙައްދުގެ ވާހަކަ ގެނެސްފައިވާ އިރު ނަމަކަށް ބޭނުންކޮށްފައި ވަނީ ޙިޖްރު. މަދާއިން ޞާލިޙް ނިސްބަތް ކުރެވޭ ޞާލިޙަކީ ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނެއް ނޫން. އެއީ ޢައްބާސީ ޚިލާފަތުގެ ދައުރުގެ ވަލީއެއް. މިތަނަށް ވަޑައިގަތް ބޭފުޅެއް. އެކަމަށް ނިސްބަތްކޮށް އެތަނަށް މަދާއިން ޞާލިޙް ކިއިފައިވަނީ." ސަޢޫދީ ޢަރަބިއްޔާގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަބްދުއްރަޙްމާން އަލްއަންޞާރީ ވިދާޅުވިއެވެ.

މަދާއިން ޞާލިޙުގެ ނަމުގެ އަސްލާ މެދު ޚިލާފުތަކެއް ހުއްޓަސް، އެނގެނީ ޢާދު ބާގައިގެ މީހުން ހަލާކުވެ ދިޔުމަށް ފަހު، ސަމޫދު ބާގައިގެ މީހުން ދިރިއުޅުނީ މިތަނުގައި މިވާ ސަކަންތަކުގައިކަމެވެ.

"ސަމޫދު ބާގައިގެ މީހުންނަކީ ހަށިގަނޑު ވަރުގަދަ އަދި ބާރުގަދަ ބައެއް. އެހެންނަމަވެސް އެމީހުން ޚަލްޤުކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންނަށް ވުރެ ބާރުގަދަވެވޮޑިގެންވާނެ ކަން އެމީހުންނަކަށް ނުވިސްނުނު. އެމީހުންނަކީ އެމީހުންނަށް ލިބިފައިވާ ބާރާ މެދު ބޮޑާވެގަތް ބައެއް. ﷲ ގެ ނަބިއްޔާ މަންޠިޤީ ސުވާލެއް އެމީހުންނާ ކުރެއްވި. ތިޔަ ބާރުވެރިކަން ހެއްދެވީ ކޮން ފަރާތެއްތޯ؟ ކޮންމެއަކަސް ތިޔަބައިމީހުންނާއި ތިޔަ ބާރު ހެއްދެވި ފަރާތް ތިޔަށް ވުރެ ބާރުގަދަވެވޮޑިގެންވާނެ ނޫންހޭ؟ އެމީހުން ހަލާކު ކުރެއްވުމަށް ފަހު ވެސް ﷲ އެމީހުން ހެދި ގެދޮރުތައް އާސާރެއްގެ ގޮތުގައި ލެއްވީ އަޅުގަނޑުމެންނަށް އިބްރަތެއްގެ ގޮތުން ސަމޫދު ބާގައިގެ މީހުން ކުރި އަރައިފައި ތިބި މިންވަރު ދެއްކެވުމުގެ ގޮތުން." އުއްމުލްޤުރާ ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. ޢާދިލް ބާނާޢިމާ ވިދާޅުވިއެވެ.

ސަމޫދު ބާގައިގެ މީހުންގެ ފަހުން މި ބިމުގައި ދިރިއުޅުނު ބަޔަކާ ބެހޭ ގޮތުން ތާރީޚު އިލްމުވެރީންނަށް އިތުބާރު ހިފޭ މައުލޫމާތުތަކެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ސަމޫދު ބާގައިގެ މީހުންގެ ފަހުން މިތަނުގައި ބަޔަކު ވަޒަންވެރިވެގެން ނޫޅެނީ ކަމަށް ވެސް ވެދާނެއެވެ.

"ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ސަމޫދު ބާގައިގެ މީހުންގެ ވާހަކަ ކީރިތި ޤުރުއާނުގައި ވަރަށް ފުރިހަމައަށް ބަޔާން ކުރައްވައިފައި. އެމީހުންނަކީ ވަރަށް ބާރު ހުރި ގަދަފަދަ ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފައިވަނީ. އަދި އެމީހުން ހަލާކު ކުރެއްވި ވާހަކަ ވެސް ބަޔާން ކުރައްވައިފައިވޭ. އެއީ ގަދަފަދަ އަޑަކުން." ސަޢުދީ ޢަރަބިއްޔާ މުއައްރިޚެއް ކަމުގައި ވާ ޙާމިދު އައްސުލައިމާން ވިދާޅުވިއެވެ.

އެހެންނަމަވެސް ބައެއް މުވައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު މަދާއިން ޞާލިޙުގައި ފެންނާން ހުރި ސަކަންތަކަކީ ސަމޫދު ބާގައިގެ މީހުންގެ ފަހުން ވަޒަންވެރިވި ބަޔަކަށް ނިސްބަތްވާ ތަންތަނެވެ. އެހެންނަމަވެސް އެ ވާހަކަތައް ސާބިތުކޮށް ދެވޭ ފަދަ ވަރުގަދަ ހެކިތަކެއް ނެތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މަދާއިން ޞާލިޙުން އެ ފެންނަނީ ސަމޫދު ބާގައިގެ މީހުންގެ ފަހުން އެތަނުގައި ވަޒަންވެރިވެގެން އުޅުނު ބައެއްގެ އަސަރު. އެއީ ނަބާޠީންގެ އަސަރު. އެމީހުންނަކީ ޢަރަބި ނަސްލުގެ ބައެއް. އެއީ މީލާދުގެ 4 ޤަރުނު ނުވަތަ 3 ޤަރުނު ކުރީގައި އުޅުނު ބައެއް." ޑރ. ޢަބްދުއްރަޙްމާން އަލްއަންޞާރީ ވިދާޅުވިއެވެ.

ސަމޫދު ބާގައިގެ މީހުންނަކީ ހަރު ހިލައިން ތަކެތި ހަދައި، ފަރުމާތައް ކުރުމުގެ ހުނަރު ލިބިފައިވާ ބައެކެވެ. މިތަނުން އަޅުގަނޑުމެން މި ފެންނަ ސަކަންތަކުން ވެސް ވަރަށް ފުރިހަމަކޮށް ކުރެވިފައިވާ ހިލައިގެ މަސައްކަތްތަކެއް އެބަ ފެނެއެވެ. މި ތަނުން މިފެންނަ ހިލައިގެ ދެ ބާވަތެއްވެއެވެ. އެއް ބާވަތަކީ ޠަބީޢީ ހިލައެވެ. އަނެއް ބާވަތަކީ މަޞްނޫޢީ ހިލައެވެ.

"މީގެ ފަސްހާސް އަހަރު ކުރިޔަށް ބަލާއިރު، މިއީ ވަރަށް މޮޅަށް ހިލައިގެ މަސައްކަތް ކުރި ބަޔަކު ދިރި އުޅުނު ތަނެއްކަން އެނގޭ. މިޞްރާއި ޔޫނާއި އިރާޤުގައި އޮތް ޙަޟާރަތްތަކުގެ އާސާރުތަކުން ވެސް ފެންނަ ފަދަ ހުނަރުވެރިކަން މި ތަނުން އެބަ ފެނޭ." ސަޢުދީ ޢަރަބިއްޔާ މުވައްރިޚެއް ކަމުގައިވާ ޑރ. މުޠްލަޤް އަލްމުޠްލަޤް ވިދާޅުވިއެވެ.

ﷲ ގެ ނަބިއްޔާ ޞާލިޙުގެފާނު އެބައެއްގެ ތެރެއަށް ފޮނުއްވުނު ސަމޫދު ބާގައިގެ މީހުންނަކީ ބުދަށް އަޅުކަން ކުރި ބައެކެވެ. ބުދުތަކަށް އަޅުކަން ކުރި ބަޔަކު ވަޒަންވެރިވެގެން އުޅުނުކަމުގެ ހެކިތައް މަދާއިން ޞާލިޙުން ފެންނާން އެބަ ހުށްޓެވެ. ސަމޫދު ބާގައިގެ މީހުން އަދި ސަމޫދު ބާގައިގެ މީހުންގެ ފަހުން މިތާގައި ބަޔަކު އުޅުނު ނަމަ އެބަޔަކު ވެސް ވަނީ ބުދަށް އަޅުކަން ކޮށްފައެވެ. އެމީހުންގެ އިލާހުންގެ ގޮތުގައި ވަރަށް ގިނަ ބުދު ގެންގުޅެފައިވެއެވެ.

"ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައިވާ ގޮތުން އެމީހުންނަކީ ﷲ އާ ޝިރުކު ކުރި ބައެއް. އެމީހުންގެ ގާތަށް ﷲ އެއިލާހުގެ ނަބިއްޔާ ޞާލިޙުގެފާނުން ފޮނުއްވި. އެކަލޭގެފާނު އެމީހުންނަށް ހިދާޔަތުގެ މަގަށް ގޮވައިލެއްވި. އެކަމަކު އެމީހުން އީމާނެއް ނުވި. ދެން ﷲ އެމީހުންނަށް މުޢުޖިޒާތް ދެއްކެވި. އެ ޖަމަލުކޮޅުގެ ވާހަކަ ޤުރުއާނުގައިވޭ." މައްކާ އޯޕަން ޔުނިވަރސިޓީގެ މުދީރު ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.

"އެމީހުން ﷲ އާ ޝަރީކު ކުރީ. އެމީހުން ﷲ އަކަށް އިއުތިރާފެއް ނުވޭ. އެމީހުން އަޅުކަން ކުރީ ބުދުތަކަށާއި ޠާޣޫތަށް. މީހުން ކޮންމެ ޒަމާނެއްގައި ވެސް އޮންނަ ކަމެއް. ޠާޣޫތުން ނޫޅޭ ޒަމާނެއް ވަރަށް ނެތް ކަމަށް ބުނެވޭނީ. އެއީ ވަރުގަދަ ގަދަފަދަ ރަސްކަލަކަށް ވެސް ވެދާނެ. ބައެއް މިފަދަ މީހުން އިލާހީ ސިފަތައް އެމީހުންގެ ކިބައިގައިވާ ކަމަށް ދަޢުވާކުރޭ. ބައެއް ޤައުމުތަކުގެ މީހުން ގަސްގަހަށާއި ފަރުބަދަ އަށާއި ކޯރުކޯރަށް ވެސް އަޅުކަން ކުރޭ." އުރުދުންގެ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަލީ އަލްފަޤީރް ވިދާޅުވިއެވެ.

"ކޮބާ އެމީހުންގެ ސިފައަކީ. ސަމޫދު ބާގައިގެ މީހުންނާއި އާދު ބާގައިގެ މީހުންނަކީ ވަރަށް އެއްގޮތް ބައެއް. ދެބައިމީހުން ވެސް އުޅުނީ ހިލަކަނޑައިގެން ގެދޮރު ހަދައިގެން. ހަށިގަނޑު ވަރުގަދަ ބައެއް. ހަމަ އެއް ކަހަލަ ބުދުތަކަކަށް ދެ ބައިމީހުން ވެސް އަޅުކަން ކުރީ. ސަމޫދު ބާގައިގެ މީހުން ތަބާވީ އާދު ބާގައިގެ މީހުންނަށް. އާދު ބާގައިގެ މީހުން އުޅުނީ އަރަބި ބައްރުގެ ދެކުނުގައި. ސަމޫދު ބާގައިގެ މީހުން އުޅުނީ އަރަބި ބައްރުގެ އުތުރުގައި މަދާއިން ޞާލިޙުގެ ސަރަޙައްދުގައި." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ސަމޫދު ބާގައިގެ މީހުންނާ ގުޅޭ ގޮތުން ހުރި ވާހަކަތަކުގެ ތެރެއިން އެންމެ މުހިންމު ވާހަކައަކީ އަންހެންޖަމަލުކޮޅު ނުވަތަ ނާޤާގެ ވާހަކައެވެ. ކީރިތި ޤުރުއާނުގައި ވެސް މި ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. މަދާއިން ޞާލިޙުގެ ސަރަޙައްދުގައި އެ ޖަމަލުކޮޅާ ގުޅުން ހުރި އަސަރުތަކެއް ފެންނާން އެބަހުރި ކަމަށް މުވައްރިޚުން ވިދާޅުވެއެވެ.

"އެހިސާބުގަނޑަށް ގޮސް އެ ހިސާބުގެ ކައިރީގައި ދިރިއުޅޭ މީހުން ގާތުން އަހައިފި ނަމަ އެމީހުން ޖަމަލުކޮޅު ނުކުތް ކަމަށް ބުނާ ތަނާއި ޖަމަލު ފެންބޯން ހަމަ ޖެހިފައި ހުރި ހިސާބު ފަދަ އެތައް ތަނެއް ދައްކާނެ. އެކަމަކު މިއީ ސާބިތު ކުރެވޭ ވާހަކަތަކެއް ނޫން." ޑރ. ޢަބްދުއްރަޙްމާން އަލްއަންޞާރީ ވިދާޅުވިއެވެ.

މުވައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމީ މަޞްދަރުތަކުގައި ޖަމަލުކޮޅާ ބެހޭ ގޮތުން އައިސްފައި ހުރި ވާހަކަތަކުގައި އިޝާރާތްކުރާ މަޙްލަބުގެ ސަރަޙައްދަކީ މިއީއެވެ.

"ޖަމަލުކޮޅުގެ މަޙްލަބު ކަމަށް ބުނާ ތަނާ ބެހޭ ގޮތުން ވެސް އަޅުގަނޑު ދެކެނީ އެހެން ގޮތަކަށް. އެއީ ހިލައިން ހެދިފައިވާ ކަންވާރެއް. އެއީ ފެން އެޅުމަށް ހާއްސަތަނެއް ކަމަށް ގަބޫލުކުރެވެނީ. އެއީ އެތަނުގައި ދިރިއުޅުނު ބަޔަކު އަޅުކަން ކުރި ތަނެއްގައި މުގައްދަސް ފެން އަޅަން ބޭނުންކުރި ތަނެއް ކަމަށް ގަބޫލުކުރެވެނީ." ޑރ. ޢަބްދުއްރަޙްމާން އަލްއަންޞާރީ ވިދާޅުވިއެވެ.

ޞާލިޙުގެފާނުގެ ޤައުމުގެ ވާހަކައާ ގުޅިފައިވާ ޖަމަލުކޮޅަކީ މުޢުޖިޒާތެއްގެ ގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ފޮނުއްވި ޖަމަލުކޮޅެކެވެ. އެ ޤައުމުގެ މީހުން ދިޔައީ މުޢުޖިޒާތެއް ދެއްކެވުމަށް ޞާލިޙުގެފާނު އަރިހުގައި އެދެމުންނެވެ. އެހެންކަމުން އެ ޖަމަލުކޮޅަކީ ޞާލިޙުގެފާނުގެ ނުބުއްވަތުގެ ތެދުކަން ސާބިތުކޮށް ދެއްކެވުމަށް ފޮނުއްވި މުޢުޖިޒާތެކެވެ.

"ޞާލިޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުން އެއް ތަނަކަށް ޖަމާވާން އެންގެވި. އަދި ބޮޑު ހިލައަކަށް އިޝާރާތް ކުރެއްވި. އެވަގުތު އެންމެން ވެސް ތިބީ ބަލަން. އަންހެނުންނާއި ފިރިހެނުން. ކުޑަކުދީން. ދެން ކުއްލިއަކަށް ހެލުމެއް އައިސް. ހިލަގަނޑު ފަޅައިގެން ގޮސް އަންހެންޖަމަލުކޮޅެއް ނުކުތް. އެ ގައުމުގެ މީހުން ބުނި ފަދަ ޖަމަލެއް. ރަތްކުލައިގެ ޖަމަލެއް. މަސްފަލަ ވަރުގަދަ ޖަމަލެއް. ކިރު އަރައި ފުރިފައި އޮތް ޖަމަލެއް. މުއުޖިޒާތެއްގެ ގޮތުގައި ފޮނުއްވާ ޖަމަލުގައި ހުންނާން ވާނެ ކަމަށް އެ ޤައުމުގެ މީހުން ބުނި ހުރިހާ ސިފައެއް ހުރި ޖަމަލެއް." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ޞާލިޙުގެފާނުގެ މުޢުޖިޒާތެއްގެ ގޮތުގައި ވި މި ޖަމަލުކޮޅަކީ އެހެން ނަބިއްޔުންނަށް ދެއްވި މުޢުޖިޒާތްތަކާ ތަފާތު، ލާސާނީ މުޢުޖިޒާއެކެވެ. ޞާލިޙުގެފާނުގެ މުޢުޖިޒާތެއް ކަމުގައި އަންހެންޖަމަލުކޮޅެއް ލެއްވީ ކީއްވެގެންތޯއެވެ؟

"ޞާލިޙުގެފާނުގެ ގައުމުގެ މީހުން އެޖަމަލުކޮޅުން ކޮންމެ ދުވަހަކު ވެސް ކިރު ފެލައި، އެ ކިރުގެ ބޭނުން ކުރި. އަދި އެމީހުންގެ ކަންވާރުތައް އެ ކިރުން ފުރައި ހެދި." އަޒްހަރު ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

"އެމީހުން ހަގީގަތުގައި ގޮންޖެހުމުގެ ގޮތުން ނުވަތަ ތަޙައްދީ ކުރުމުގެ ގޮތުން ހިލައިގެތެރެއިން ޖަމަލުކޮޅެއް ނެރުއްވުމަށް އެދުނީ. ދެން ﷲ ގެ އިރާދަފުޅުން އެކަން ހިނގި. އެކަމަކު ގިނަމީހުން އީމާނެއް ނުވި." ޑރ. ޢަވަޟް އަލްޤަރްނީ ވިދާޅުވިއެވެ.

"އެމީހުންނަކީ ހިލައިގައި ކަނޑައިގެން ގެދޮރު ހަދައިގެން އުޅުނު ބައެއް. އެމީހުން ބުނި މި ތަނުން، މި ހިލަތަކުގެ ތެރެއިން ޖަމަލުކޮޅެއް ނެރުއްވައި ބައްލަވާށޭ." ޑރ. ޢަލީ އަލްފަޤީރް ވިދާޅުވިއެވެ.

"ﷲ ފޮނުއްވި ހުރިހާ ނަބިއްޔުން ވެސް މީހުންނަށް ދައުވަތު ދެއްވަނީ އެބަޔަކު ވާހަކަ ދައްކާ ބަހަކުން. އަރަބި ބަހަށް ބަލާއިރު ނާޤާއަކީ ހުރިހާ އެއްޗެއް. ނާޤާއަކީ ރީތިކަން. ރިޒުޤު. މިފަދަ ހުރިހާ ކަމެއް. އަރަބީންގެ ޅެންވެރިކަމުގައި ވެސް ނާޤާއަށް ދީފައި ވަނީ ވަރަށް މުހިންމު ދަރަޖައެއް." ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.

މުޢުޖިޒާތެއް ދެއްކެވި ނަމަވެސް ސަމޫދު ބާގައިގެ މީހުންގެ ފިކުރަކަށް ބަދަލެއް ނައެވެ. އެމީހުންގެ ދެކޮޅުވެރިކަމާއި މަލާމާތްކުރުން ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން އެމީހުން ނިންމީ ޖަމަލުކޮޅު ޤަތުލުކޮށް، ޞާލިޙުގެފާނު ވެސް އަވަހާރަކޮށްލުމަށެވެ.

"އެމީހުންގެ ތެރެއިން ބަޔަކު އެއްވެ މަޝްވަރާ ކުރި. އެމީހުން ބުނީ ތިމަންނަމެން ފަށާނީ ޖަމަލުންނޭ. ދެން އޭގެ ފަހުން ޞާލިޙުގެފާނާއި އެކަލޭގެފާނާ ތަބާވީ މީހުން ވެސް ޝަހީދު ކޮށްލާނީއޭ. އެކަމުގައި ޒުވާނުންތަކެއް ބައިވެރިވި. ޒުވާނުންނަކީ ފަސާދަވެއްޖެ ނަމަ މުޅި ގައުމުވެސް ފަސާދަކޮށްލާނެ ބައެއް. ނުވަ ޒުވާނަކު އިސްކޮށް އެމީހުންގެ ތެރެއިން ނުކުތް. ދެން އެމީހުން ޖަމަލުކޮޅާއި ޞާލިޙުގެފާނު އަވަހާރަކޮށްލަން ހުވާކުރި. އެމީހުން ގޮސް ޖަމަލުކޮޅުގެ ފައި ބުރިކޮށްލި. ދެން ޖަމަލުކޮޅު ބިން މައްޗަށް ވެއްޓުމުން. ޖަމަލުކޮޅު ޤަތުލުކޮށްލި." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ޖަމަލުކޮޅާ މެދު ޢަމަލު ކުރި ގޮތް އެނގިވަޑައިގަތުމުން ޞާލިޙުގެފާނު ވަރަށް ކޯފާ ވިއެވެ. އަދި ތިން ދުވަހުގެ ފަހުން ﷲ ގެ ކޯފާ އާއި އަޒާބު ފޮނުއްވާނެ ކަމުގެ އިންޒާރު ދެއްވިއެވެ.

"ޖަމަލުކޮޅު ޤަތުލުކޮށްލި ވާހަކަ އިވިވަޑައިގަތުމުން ޞާލިޙުގެފާނު އެތަނަށް ވަޑައިގަތް. އޭރު އެ ގައުމުގެ އެންމެން އޭގެ މަސް ބަހަނީ. އެކަލޭގެފާނު އެމީހުންނަށް އިންޒާރު ދެއްވި. ވިދާޅުވި އެންމެ ފަހުގެ މުހުލަތަކީ 3 ދުވަހޭ. ތިޔަބައިމީހުން ﷲ އަށް އީމާންވާށޭ ނުވަތަ ﷲ ތިޔަބައިމީހުން ހަލާކު ކުރައްވާނެޔޭ." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

އިންޒާރުގެ މުހުލަތު ހަމަވުމަށް ފަހު، ހަތަރުވަނަ ދުވަހުގެ ފަޖުރުގެ ވަގުތުގައި ވަރަށް ވަރުގަދަ އަޑުފަށްގަނޑެއް އިވޭން ފެށިއެވެ. މި އަޑުފަށްގަނޑާ އެކު ސަމޫދު ބާގައިގެ މީހުން ހަލާކުވެގެން ދިޔައެވެ. މި އަޒާބުން މުއްތި ކުރެއްވީ ޞާލިޙުގެފާނާއި އަދި އެކަލޭގެފާނަށް އީމާންވީ މީހުންނެވެ.

"އެމީހުން ހަލާކު ކުރެއްވީ އެމީހުންގެ ނުލަފާކަމާއި ޖައްބާރުކަމުގެ ސަބަބުން. ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުން ހަލާކު ކުރެއްވީ ބިރުވެރި ގަދަފަދަ އަޑުފަށްގަނޑަކުން. އެމީހުންނަކީ ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައިގެން އުޅުނު ބައެއް." ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

"ތިން ދުވަހުގެ މުހުލަތުގެ ފަހުން ދެން އައީ އޭގައި ގުޑުން އެކުލެވޭ ވަރުގަދަ އަޑުފަށް ގަނޑެއް. އެ އަޑުފަށްގަނޑުގެ ސަބަބުން އެމީހުންގެ ހަށިގަނޑުތައް ފުނޑުފުނޑުވެ ކުދިކުދިވެގެން ދިޔަ. އަޑު އައީ މަތީން. ބިމުން އައި އަޒާބަކީ ބިންގަނޑުގެ ތެރޭގައި އެމީހުން ވަޅުލެވިގެން ދިޔުން. ސަމޫދު ބާގައިގެ މީހުންނަށް ފޮނުއްވު އަޒާބުން ލިބޭ އިބްރަތަކީ ކިތަންމެ ވަރުގަދަ ވެގެން ބަޔަކު އުޅުނު ނަމަވެސް އެމީހުން ﷲ އަށް ވުރެ ގަދަފަދަ ނުވާނެކަން." ޑރ. ޢަލީ ބިން ޙަމްޒާ އަލްޢުމަރީ ވިދާޅުވިއެވެ.

ސަމޫދު ބާގައިގެ މީހުންގެ ތެރެއިން އީމާން ވީ މީހުން، އެބައިމީހުންގެ ނަބިއްޔާ ޞާލިޙުގެފާނުގެ އަރިހުގައި އެ ރަށުން ނުކުތް. އެހެންނަމަވެސް އެބޭފުޅުން ހިޖުރަ ކުރެއްވީ ކޮން ތަނަކަށް ބާ؟ މި ލިޔުމުގެ ދެވަނަ ބައިގައި އަޅުގަނޑުމެން ބަލައިލާނީ އެކަމަށެވެ.

comment ކޮމެންޓް