ނަބީ ބޭކަލުންގެ ބިންތައް 5 - ހޫދުގެފާނު 2

އުރުދުންގެ ޖަރަޝް، މި ތަނުގައި ހޫދުގެފާނުގެ މަގާމުފުޅެއް ހުރޭ.

އުރުދުންގެ ބިމަކީ ނަބީބޭކަލުންގެ ބިންތަކުގެ ތެރޭގައި ހިމެނޭ ބިމެކެވެ. އެ ބިމަކީ ވަރަށް ގިނަ ނަބީ ބޭކަލުންގެ ތާރީޚާ ގުޅިފައި ވާ ބިމެކެވެ. އަދި ވަރަށް ގިނަ ނަބީ ބޭކަލުންގެ އަސަރު އުރުދުންގެ ބިމުން ފެންނާން އެބަ ހުށްޓެވެ.

މީގެ ތެރެއިން ބައެއް ނަބީ ބޭކަލުންނަކީ އުރުދުންގެ ބިމުގައި ދިރި އުޅުއްވި އަދި އެ ބިމުގައި އަވަހާރަ ވެ، އެ ބިމުގައި ފަސްދާނު ލެވިފައި ވާ ބޭކަލުންނެވެ. އަދި އުރުދުންއާ ތާރީޚީ ގޮތުން ގުޅިފައިވާ ބައެއް ނަބީ ބޭކަލުންނަކީ އުރުދުންގެ ބިން ހުރަސްކޮށް ދަތުރު ކުރެއްވި ބޭކަލުންނެވެ. މިފަދަ ބައެއް ބޭކަލުންގެ އަސަރު ވެސް އުރުދުންގެ ބިމުން ފެންނާން އެބަ ހުށްޓެވެ. މި ތަންތަނަށް އުރުދުންގެ މީހުން ކިޔަނީ ނަބީ ބޭކަލުންގެ މަޤާމުފުޅުތަކެވެ.

އުރުދުންގެ ޖަރަޝްއޭ ކިޔޭ ސަރަޙައްދަކީ ތާރީޚީ ގޮތުން ވަރަށް މުހިންމު ތަނެކެވެ. ޔޫނާނީންނާއި ރޫމީންނާ ގުޅުން ހުރި އާސާރުތައް ވެސް އެތަނުގައި އެބަ ހުށްޓެވެ. ގާތްގަނޑަކަށް 7000 އަށް ވުރެ ގިނަ އަހަރުގެ ތާރީޚެއް އޮތް މި ހިސާބުގައި ހޫދު ނަބީ ކަލޭގެފާނަށް ނިސްބަތް ކުރެވޭ މަޤާމުފުޅެއް ހުރެއެވެ. އުރުދުންގެ ވެރިރަށް ޢައްމާނުން ފުރައިގެން ޖަރަޝްއާ ވަރަށް ކައިރީގައި އޮންނަ އަވަށަކަށް ކިޔަނީ ހޫދު ނަބީކަލޭގެފާނުގެ އަވަށެވެ.

"އަޅުގަނޑުމެން މިހާރު މި ތިބީ ޢައްމާނުގެ ސަރަޙައްދުން ބޭރުގައި. އުތުރު ބިތުގައި. ޖަރަޝްގެ ކައިރީގައި. މިއީ ރޫމީންގެ ވެރިކަމުގައި ވަރަށް މަޝްހޫރު ޝަހަރެއް. ޖަރަޝް ކައިރީގައި، ﷲ ގެ ނަބިއްޔާ ހޫދުގެފާނުގެ ނަންފުޅުން ނަން ދެވިފައިވާ އަވަށެއް އޮވޭ. މި އަވަށަށް ހޫދު ނަބީކަލޭގެފާނުގެ ނަންފުޅުން ނަން ދެވިފައި ވަނީ، މި އަވަށުގައި ހުންނަ އަދި ހޫދު ނަބީކަލޭގެފާނަށް ނިސްބަތް ކުރެވޭ މަޤާމުފުޅަކާ ގުޅިގެން. ކީރިތި ޤުރުއާނުގައި ހޫދު ނަބީކަލޭގެފާނާ ގުޅޭ ގޮތުން އައިސްފައިވާ އަޙްޤާފުގެ ސަރަޙައްދަކީ ޔަމަނު ކަރައިގެ ޙަޟްރަމައުތުގެ ސަރަޙައްދު. ދެން އަންނަނީ އިރަމުގެ ވާހަކަ. އިރަމަކީ އުރުދުންގެ ދެކުނުގައި އަދި މިތަނާ މާ ދުރު ނޫން ހިސާބެއްގައި އޮތް ރަމްއޭ ކިޔޭ ސަރަޙައްދު ކަމަށް ބުނެވޭ." އުރުދުންގެ އިލްމުވެރިއެއް ކަމުގައިވާ އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

"އިރަމްގެ އިމާރާތްތަކަކީ ވަރުގަދަ ތަނބުތަކަކާ އެކު ހެދިފައިވާ އިމާރާތްތަކެއް. އިމާރާތް ކުރުމުގެ ފަންނުވެރީންގެ ކުޅަދާނަކަން ދައްކުވައިދިން ތަނެއް. ޢުލާއިން ފެށިގެން އުތުރަށް އުރުދުންގެ ދެކުނު ބިތުގެ ސަރަޙައްދާ ހަމަޔަށް މަތީން ބަލައިލައިފި ނަމަ ފެންނާނީ ކުރީން ކޮށްފައިވާ އިމާރާތްތަކެއްގެ އަސަރު. އިރަމް އޮތް ސަރަޙައްދަކީ މިއީ ކަމަށް ބެލެވޭ. މި ހިސާބުގަނޑަށް މިހާރު ކިޔަނީ ރަމް. މި ނަމަކީ އިރަމްގެ ނަމާ ވަރަށް ގާތް ކުރާ ނަމެއް." ސަޢޫދީ ޢަރަބިއްޔާގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަބްދުއްރަޙްމާން އަލްއަންޞާރީ ވިދާޅުވިއެވެ.

"އާދު ބާގައިގެ މީހުންނާ މެދު އައިސްފައި ހުރި، ހުރިހާ ރިވާޔަތެއް ވެސް އިޝާރާތް ކުރަނީ އެއް ހިސާބަކަށް. އެއީ އޮމާނުގެ ހުޅަނގާއި ޔަމަނުގެ އިރުމަތި އަދި ސަޢުދީ އަރަބިއްޔާގެ ދެކުނު ގުޅޭ ސަރަޙައްދު. އާދު ބާގައިގެ މީހުންގެ އަސަރެއް ވެސް ފެންނާން ނެތް ކަން ޤުރުއާނުން އެނގޭ. އަދި އެމީހުން ހަލާކުވީ ވެލީގެތެރޭގައި ވަޅުލެވިގެންކަން ވެސް އެނގޭ. މި ކަންތައް އިޝާރާތް ކުރަނީ ރުބުޢުލްޚާލީގެ ސަޙަރާ ސަރަޙައްދަށް." ކުވައިތުގެ އިލްމުވެރިއެއް ކަމުގައިވާ ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

"އެމީހުންނަކީ އިމާރާތް ކުރުމުގައި ކުޅަދާނަ ބައެއް. ބުދުތައް ހަދައިގެން އެއަށް އަޅުކަން ކުރި ބައެއް. ބުދުތަކަށް އަޅުކަން ކުރުން ދޫކޮށްލުމަށް ﷲ ގެ ނަބިއްޔާ އެމީހުންނަށް އެންގެވުމުން އެމީހުން އެކަލޭގެފާނަށް ފުރަގަސްދިން. އެކަލޭގެފާނުގެ ބަސްފުޅުތައް ދޮގު ކުރި. އެމީހުންނަކީ ޢަމާލިޤުންގެ ތެރޭގައި ހިމެނޭ، ހަށިގަނޑު ވަރުގަދަ ބައެއް. އެމީހުން ބުނި ތިމަންނަމެންނަށް ވުރެ ވަރުގަދަ އެހެން ބަޔަކު ކޮބައިހޭ؟ ދެން އެމީހުންގެ މައްޗަށް ﷲ ގެ އަޒާބު ފޮނުއްވި. މި އަޒާބުން ނަޖާ ކުރެއްވީ ހޫދުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

އުރުދުންގެ ޖަރަޝް ޝަހަރުގެ އިރުމަތީގައި އޮންނަ އަދި ހޫދު ނަބީކަލޭގެފާނުގެ ނަންފުޅުން ނަން ދެވިފައިވާ އަވަށުގެ ހުރިހާ ދިމާއެއްގައި ވެސް ވަނީ ވާދީތަކެވެ. މި ތަނަށް ﷲ ގެ ނަބިއްޔާ ހޫދުގެފާނު ޒިޔާރަތް ކުރެއްވި ކަމަށް ބެލެވެއެވެ. އަދި އޭރު މި ތަނުގައި އެއްވެސް ބަޔަކު އާބާދު ވެފައި ނުވާނެ ކަމަށް ވެސް ބެލެވެއެވެ.

"އަޅުގަނޑުމެން މިހާރު މި ތިބީ ހޫދު ނަބީކަލޭގެފާނުގެ ނަންފުޅުން ނަންދެވިފައިވާ އަވަށުގައި. މިތަނުގައި ހޫދު ނަބީކަލޭގެފާނު މަޑުކޮށްލެއްވި ކަމަށް ބުނެވޭ. މި ތަނުގައި މިވާ މިސްކިތުގެ ކައިރީގައި ކުޑަކުޑަ ހޮހޮޅައެއް ހުރޭ. ބުނެވޭ ގޮތުގައި އެ ހޮހޮޅައަކީ އެ ނަބިއްޔާ މަޑުކޮށްލެއްވި ތަން." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

ހޫދުގެފާނުގެ މަޤާމުފުޅުގެ ގޮތުގައި ފާހަގަ ކުރެވޭ ތަން ކުރީން ހުންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އުސްމާނީ ޚިލާފަތުގެ ދުވަސްވަރުގައި މިފަދަ ތަންތަނަށް ވަރަށް ބޮޑު އިސްކަމެއް ދިނެވެ. އޭގެ ފަހުން އުރުދުންގެ ސަރުކާރުން ވަނީ އުރުދުންގައި ހުރި ނަބީ ބޭކަލުންގެ މަޤާމުފުޅުތަކާއި ކީރިތި ރަސޫލާގެ ޞަޙާބީންގެ އާސާރުތައް ޙިމާޔަތް ކުރުމުގެ ގޮތުން މަޝްރޫޢުތަކެއް ހިންގައިފައެވެ. އެ ގޮތުން ހޫދުގެފާނުގެ މަޤާމުފުޅުގެ ކައިރީގައި މިސްކިތެއް ބިނާކުރިއެވެ. އަދި އެކަލޭގެފާނު މަޑުކޮށްލެއްވި ކަމަށް ބުނާ ހޮހޮޅައިގެ ވަށައިގެންވާ ސަރަޙައްދު އިމާރާތްކުރިއެވެ.

"މި ތަނުގައި އިމާރާތް ކޮށްފައިވާ މި މިސްކިތުގެ އެ ފަރާތުން އަޅުގަނޑުމެންނަށް އެ ފެންނަނީ ހޫދު ނަބީކަލޭގެފާނު މަޑުކޮށްލެއްވި ކަމަށް ބުނާ ހޮހޮޅަ." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

މި ތަނުގައި ހޫދުގެފާނަށް ނިސްބަތް ކުރެވޭ މަހާނަފުޅެއް ނެތެވެ. މި ތަނުގައި ހުރީ ހަމަ އެކަނި މި ހޮހޮޅައެވެ. މި ހިސާބުގަނޑުގެ ތާރީޚާ ގުޅުން ހުރި ފަތްފުށްތަކުގައިވާ ގޮތުން މި ހޮހޮޅައަކީ ސައްޔިދުނާ ހޫދު ޢަލައިހިއްސަލާމު މި ސަރަޙައްދަށް ކުރެއްވި ދަތުރުފުޅެއްގައި މަޑުކޮށްލެއްވި ތަނެވެ.

"ތިޔަ ބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ ފަދައިން މި ހޮހޮޅައިގެ ތެރެއަކު އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ނެތް. މި ތަނުގައި ތެރޭގައި މަޤްބަރާއެއްގެ އެއްވެސް ނިޝާނެއް ނެތް. ހަމައެކަނި މީސްތަކުން މި ތަން ހޫދު ޢަލައިހިއްސަލާމަށް ނިސްބަތް ކުރަނީ އެކަލޭގެފާނު މަޑުކޮށްލެއްވި މަޤާމުފުޅެއްގެ ގޮތުގައި. އަޙްޤާފުގައި އެކަލޭގެފާނުގެ ޤައުމު ހަލާކުވެގެން ދިއުމަށް ފަހު، ހޫދުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން އެ ރަށުން ނުކުތް. ހޫދުގެފާނު ދެން ވަޑައިގެން އަވަހާރަވީ މައްކާގައި ކަމަށް ވެސް ބުނެވޭ. އަދި ޙަޟްރަމައުތުގައި އަވަހާރަވީ ކަމަށް ވެސް ބުނެވޭ. އަދި ދިމިޝްޤުގައި ކަމަށް ވެސް ހަމަ އެހެންމެ ފަލަސްޠީނުގައި ކަމަށް ވެސް ބުނެވޭ. މި ބިންތަކަށް ހޫދުގެފާނު ވަޑައިގަތް ކަމަށްވާނަމަ އެކަލޭގެފާނު މި ހިސާބުގަނޑުން ދަތުރު ކުރައްވައިފައި ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް." އުސްތާޒު ނާދިރު ޠާހާ ވިދާޅުވިއެވެ.

ހޫދުގެފާނަށް ނިސްބަތް ކުރެވޭ މި ހޮހޮޅައަކީ ހޫދު ޢަލައިހިއްސަލާމުގެ ޒިކުރާ އާކޮށްދޭ ތަނެކެވެ. މި ސަރަޙައްދުގެ މީހުން މި ހޮހޮޅައަށް ޒިޔާރަތްކޮށް ހޫދު ނަބީކަލޭގެފާނުގެ ޒިކުރާ އާ ކުރެއެވެ. އެހެންކަމުން މިއީ ނުބުއްވަތުގެ އަސަރުތަކުގެ ތެރެއިން އަސަރެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ.

ސޫރިޔާގެ ބިމަކީ ވެސް ނަބީ ބޭކަލުންގެ ބިންތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ބިންތަކުގެ ތެރެއިން ބިމެކެވެ. މި ބިމަކީ ވެސް ﷲ ގެ ނަބިއްޔުންގެ ތެރެއިން ވަރަށް ގިނަ ނަބިއްޔުން އެބޭކަލުންގެ ހަޔާތްޕުޅުގެ ކޮންމެވެސް ހިސާބެއްގައި ދިރިއުޅުއްވި އަދި އެބޭކަލުންގެ ދަތުރުގެ މަންޒިލެއްގެ ގޮތުގައި މަޑުކޮށްލެއްވި ބިންތަކުގެ ތެރެއިން ބިމެކެވެ. ސޫރިޔާގެ ޝަހަރުތަކުގެ ތެރެއިން ޙިމްޞް، މިއީ ނުބުއްވަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޝަހަރެއް. މި ޝަހަރުގައި މީހުން ވަޒަންވެރިވެގެން އުޅޭތާ 5000 އަށް ވުރެ ގިނަ އަހަރު ވެއްޖެކަމަށް އާސާރީ ހެކިތަކުން ސާބިތުވެއެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްޤުން ދަތުރު ފަށައިގެން އަޅުގަނޑުމެން މިދަނީ ޙިމްޞް ޝަހަރަށެވެ. މި ދެމެދުގައި ހުރީ ގާތްގަނޑަކަށް 160 ކިލޯމީޓަރުގެ ދުރުމިނެވެ. މުސްލިމުން މި ތަން ފަތަޙަ ކުރުމުގެ ކުރީގައި، ބޭރުން އެތައް ބަޔަކު ވަނީ މި ރަށުގެ މައްޗަށް ވެރިކަން ހިންގައިފައެވެ. އޭގެ ތެރޭގައި ޔޫނާނުގެ މީހުންނާއި ރޫމީން ހިމެނެއެވެ. އަދި އަރަބި ގަބީލާ ތަކާއި ޔަމަނުގެ ގަބީލާތައް ވަޒަންވެރިވެފައިވެއެވެ. މިއީ އާދު ބާގައިގެ މީހުންގެ ތެރެއިން އީމާންވީ މީހުންގެ ދަރިކޮޅު ކަމަށް ގަބޫލު ކުރެވެއެވެ. މުސްލިމުންގެ އަދުލުވެރި ޚަލީފާ ޢުމަރުގެފާނުގެ ޚިލާފަތުގައި ޙިމްޞް ފަތަޙަ ކުރުމަށް ފަހު ވަރަށް ގިނަ ޞަޙާބީން މި ރަށުގައި ވަޒަންވެރިވިއެވެ. މީގެ ތެރޭގައި ޢަބްދުﷲ ބިން މަސްޢޫދު ހިމެނިވަޑައިގަންނަވައެވެ.

"ޙިމްޞް އަކީ ޝާމު ކަރައިގެ އެންމެ މުހިންމު އެއް ޝަހަރު. ޝާމުގެ ބިމަކީ ޢަރަބި އިސްލާމީ ތާރީޚުގައި ވަރަށް ވެސް މުހިންމު ބިމެއް. އެހެނީ މާތް ނަބިއްޔާގެ ހަދީސްފުޅުތަކުގައި ވެސް ޝާމު ކަރައިގެ ވާހަކަ އައިސްފައިވޭ. ޝާމަށް ބަރަކާތްލެއްވުން އެދި އެކަލޭގެފާނު ދުޢާފުޅު ކުރައްވައިފައިވޭ." ޝާމުކަރައިގެ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަބްދުއްރަޙްމާން އަލްބައިޠާރު ވިދާޅުވިއެވެ.

ސޫރިޔާގެ ޝަހަރުތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން މިއަދު ޙިމްޞް އަންނަނީ ތިންވަނައަށެވެ. އެއީ ދިމިޝްޤާއި ޙަލަބުގެ ފަހަތުންނެވެ. މިއަދު ވެސް ޤަދީމީ ބިނާތައް މި ރަށުގައި އެބަ ހުށްޓެވެ. އާ އިމާރާތްތައް އަދި ވެސް ވަރަށް މަދެވެ. ޙިމްޞްއަށް ބަލާ އިރު މި ރަށުގައި ހޫދު ނަބީކަލޭގެފާނަށް ނިސްބަތްކުރެވޭ ދޮރާށްޓެއް ހުރެއެވެ. އެ ދޮރާށްޓަށް ކިޔަނީ ބާބު ހޫދެވެ. އަދި އެ ދޮރާށްޓާ ކައިރީގައި ބާބު ހޫދު އަވަށޭ ކިޔޭ ހިސާބެއް ވެސް އޮވެއެވެ. އަދި މި އަވަށުގައި ބާބު ހޫދުގެ މަޤްބަރާއޭ ކިޔޭ މަޤްބަރާއެއް ވެސް ހުރެއެވެ. އަދި ހޫދުގެފާނަށް ނިސްބަތް ކުރެވޭ މަޤާމުފުޅެއް ވެސް ހުރެއެވެ.

"މުސްލިމުން ޝާމް ފަތަޙަ ކުރި އިރު ވެސް މި މަޤާމުފުޅު ހުރި. މި ތަނުގައި ވާ ދޮރާށްޓަކީ ހޫދު ނަބީކަލޭގެފާނުގެ މަޤާމުފުޅާ ކައިރީގައިވާ ދޮރާށްޓެއް ކަމުން އެ ދޮރާށްޓަށް ބާބު ހޫދުގެ ނަމުން ނަން ދިނީ މުސްލިމުން. ކަށްވަޅުގެ މަތީގައި އިމާރާތްކޮށް ގުއްބު ހަދައި އުޅުމަކީ ދީނީ ގޮތުން މަނާ ވެސް ކުރައްވައިފައިވާ ކަމެއް. އެހެންނަމަވެސް ޞަޙާބީންނާއި ތާބިޢީ ބޭކަލުންނާއި ޢިލްމުވެރީންނާއި ނަބީ ބޭކަލުންގެ ޤަބުރުފުޅުތަކަށް އިޙްތިރާމްކޮށް އެ ތަންތަނުގެ މަތީގައި ގުއްބު ބިނާކޮށް، އެ ތަންތަން ފާހަގަ ވާނޭ ހެދުމުގެ ފޯރި ގަދަ ވެގެން ދިޔަ ޒަމާނުގައި ޙިމްޞުގައި ހުރި މިފަދަ ތަންތަން ވެސް ވަނީ އިމާރާތް ކޮށްފައި. މި ގޮތުން ހޫދު ނަބީކަލޭގެފާނަށް ނިސްބަތް ކުރެވޭ މަޤާމުފުޅު ވެސް ވަނީ ބިނާއެއްގެ ގޮތަށް އިމާރާތް ކުރެވިފައި." ޑރ. ޢަބްދުއްރަޙްމާން އަލްބައިޠާރު ވިދާޅުވިއެވެ.

އެހެންނަމަވެސް ފަހުގެ ތާރީޚުގައި ޙިމްޞްއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި ނެތިގެން ދިޔައީ ބާބު ހޫދުގެ ނަމުން މަޝްހޫރުވެފައިވާ ދޮރާށި އެކަންޏެއް ނޫނެވެ. ހޫދުގެފާނަށް ނިސްބަތް ކުރެވޭ މަޤްބަރާ ވެސް ނެތިގެން ދިޔައީއެވެ. މިއަދު އެތަނުގައި ވަނީ ބަގީޗާއެކެވެ.

"މި ބަގީޗާ އަކީ ކުރީގައި ބާބު ހޫދުގެ މަޤްބަރާއޭ ކިޔޭ މަޤްބަރާ. އެއްވެސް އިރެއްގައި މި މަޤްބަރާއަށް ހޫދު ނަބީކަލޭގެފާނުގެ މަޤްބަރާއެކޭ ނުކިޔާ. ކިޔަނީ ބާބު ހޫދުގެ މަޤްބަރާއޭ. މިއީ ފާހަގަކޮށްލަން ޖެހޭ ނުގުތާއެއް. އެހެންކަމުން މި ތަނުގައި ވަނީ އެހެން ކޮންމެވެސް ބޭކަލެއްގެ މަޤްބަރާ ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް. އަދި ބާބު ހޫދު ދޮރާށްޓަށް އެ ނަން ދެވިފައިވަނީ ހޫދުގެފާނަށް ނިސްބަތް ކުރެވޭ މަޤާމުފުޅާ ގުޅިގެން. މަޤްބަރާއާ ގުޅިގެންނެއް ނޫން. އެހެން ނަމަވެސް މަޤްބަރާގެ ނަން ނިސްބަތްވަނީ ދޮރާށްޓަށް. ވީމާ މިއީ ހޫދު ނަބީކަލޭގެފާނުގެ މަޤްބަރާއޭ ބުނާނޭ ތަނެއް ނެތް. އެހެން ނަމަވެސް ހޫދު ނަބީކަލޭގެފާނަށް ނިސްބަތް ކުރެވޭ މަޤާމުފުޅެއް ހުރުމުން ގަބޫލުކުރެވެނީ ހޫދު ނަބީކަލޭގެފާނު މި ރަށަށް ވަޑައިގަތް ކަން. އަދި މި ރަށުގައި މަޑުކޮށްލެއްވި ތަނަކީ މި ތަންކަން. މި ތަނުގައި ކުރީން މިސްކިތެއް ވެސް ހުރި. ފަހުން އެ މިސްކިތް ވެސް ވަނީ ތަޅައިލެވިފައި. ދީނީ ގޮތުން ނޫން ނަމަވެސް ތާރީޚީ ގޮތުން މިފަދަ ތަންތަން ޙިމާޔަތް ކުރުމަކީ މުހިންމު ކަމެއް. އެހެން ނަމަވެސް އާސާރެއް ހަލާކުކޮށްލުމަށް ފަހު ދެން އިޢާދައެއް ނުކުރެވޭނެ. މި ތަނުގައި މިހާރު މި ހިރަ ދޮރޯށީގައި ބޭނުންކޮށްފައިވާ ހިލަތަކަކީ ކުރީގެ ބާބު ހޫދުގައި ހުރި ހިލަތައް." ޑރ. ޢަބްދުއްރަޙްމާން އަލްބައިޠާރު ވިދާޅުވިއެވެ.

މުސްލިމުން ޙިމްޞް ފަތަޙަ ކުރި އިރު ވެސް މި ތަނުގަ ދޮރާށި ހުށްޓެވެ. އެހެން ނަމަވެސް މި ތަނުގައި ހުރި އަދި މިހާރު ތަޅައިލެވިފައިވާ މިސްކިތަކީ އައްޔޫބީ ވެރިކަމުގައި ބިނާ ކުރެވުނު މިސްކިތެކެވެ.

"މުސްލިމުންނަކީ ޤަބުރުތަކަށް މާ ބޮޑު ސަމާލުކަމެއް ދިން ބައެއް ނޫން. އެހެންނަމަވެސް މަމްލޫކީންނާއި އައްޔޫބީންގެ ދުވަސްވަރުގައި ޞަޙާބީންނާއި ނަބީބޭކަލުންގެ މަޤްބަރާތަކަށް ޒިޔާރަތްކޮށް އެބޭބޭކަލުންގެ ޒިކުރާ އާ ކުރި. އެއީ އެބޭކަލުންގެ ޒިކުރާ އާކުރުމުން ހިތްވަރު އާވެ، ރޫޙު ތާޒާ ވާތީ. ޞަލީބީ ހަނގުރާމައިގެ ދުވަސްވަރު މިކަން ވަރަށް ބޮޑަށް އޮތް. އެކަމަކު ޤަބުރަށް ނަދުރު ބުނުން ފަދަ ދީނާ ޚިލާފުކަމެއް އެމީހުން ނުކުރޭ." ޑރ. ޢަބްދުއްރަޙްމާން އަލްބައިޠާރު ވިދާޅުވިއެވެ.

ކުރީގެ މިސްކިތުގެ ބަދަލުގައި މިހާރު ވަނީ އާ މިސްކިތެއް ބިނާ ކުރެވިފައެވެ. އެހެންނަމަވެސް މި އާ މިސްކިތް ބިނާ ކުރެވިފައި ވަނީ ކުރީގެ މިސްކިތް ހުރި މަގާމުގައެއް ނޫނެވެ.

"ތިޔަބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ ފަދައިން މި މިސްކިތަކީ ކުރީން މި ތަނުގައި އައްޔޫބީންގެ ދައުރުގައި ހުރި މިސްކިތުގެ ބަދަލުގައި ބިނާ ކުރެވިފައިވާ މިސްކިތެއް. މި މިސްކިތް ކުރީގެ މިސްކިތަށް ވުރެ ބޮޑު ވެސް މެ. އަދި މި މިސްކިތް މިހިރީ ކުރީގެ މިސްކިތް ހުރި ތަނުގައެއް ވެސް ނޫން." ޑރ. ޢަބްދުއްރަޙްމާން އަލްބައިޠާރު ވިދާޅުވިއެވެ.

ކޮންމެއަކަސް މިވަގުތު މި ތަނުގައި މިހިރަ ދޮރާށްޓަކީ ނަބިއްޔެއްގެ ޒިކުރާ އާ ކޮށްދޭ ދޮރާށްޓެއް ނޫނެވެ. ނަބިއްޔެއްގެ ޒިކުރާ އާ ކޮށްދޭ ދޮރާށްޓަކާއި މަގާމުފުޅެއް ނައްތައިލެވުނުކަމުގެ ހަނދާންތައް އާ ކޮށްދޭ ދޮރާށްޓެކެވެ.

ފެންނަން ހުރި އަސަރުތައް ނައްތައިލެވިފައި ވިޔަސް، މިއަދުވެސް މި އަވަށަށް ކިޔަނީ ހޫދު ނަބީކަލޭގެފާނުގެ އަވަށެވެ. މިއީ އެކަލޭގެފާނުގެ ޒިކުރާ އާ ކޮށްދޭ ނަމެކެވެ. މިއީ އެކަލޭގެފާނުގެ ދައުވަތާއި ނުބުއްވަތުގެ ހަނދާންތައް އާ ކޮށްދޭނެ ނަމެކެވެ. މި ހުރިހައި ކަމެއްގެ ފަހަތުގައި ވެސް މައުނައިން ފުރިގެންވާ ފިލާވަޅުތަކެއް ވެއެވެ.

"ނުބުއްވަތުގެ ރިވާޔަތްތަކުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އިބްރަތަކީ ހައްގުގެ މަގަށް ގޮވައިލާ ދާޢީންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން. ކެތްތެރިވާން ޖެހޭ ކަން. ކެތްތެރީންނަށް އެންމެ ފަހުން ކާމިޔާބު ލިބެނީ. ﷲ ފޮނުއްވި ކޮންމެ ނަބިއްޔަކު ވެސް ވަނީ ﷲ ގެ މަދަދާ އެކު އެ ޤައުމުތަކުގެ މައްޗަށް ނަޞްރާއި ފަތަޙަ ހޯއްދަވައިފައި. ކެތްތެރީންނަށް ނަޞްރުގެ މި ނިޢުމަތް ލިބޭނެކަން ﷲ ވަނީ އަންގަވައިފައި. ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމަކީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެއް." ޝާމުކަރައިގެ ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޢަލީ އަލްފަޤީރް ވިދާޅުވިއެވެ.

"ޢާދު ބާގައިގެ މީހުންނަށް ކުރިމަތިލާން ޖެހުނީ އެމީހުން ކުފުރުވެ އުރެދި އަދި ﷲ އަށް ތަޙައްދީ ކުރުމުގެ ނަތީޖާއާ. ކިތަންމެ ބާރުގަދަކޮށް ހަށިގަނޑު ވަރުގަދަކޮށް ތިބި ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވުރެ އެއްވެސް ބަޔަކަށް ބާރުގަދަ ނުވެވޭނެކަން މި ޒިކުރާގެ އިބްރަތަކީ." މައްކާ އޯޕަން ޔުނިވަރސިޓީގެ މުދީރު ޑރ. ޙަމްޒާ ވިދާޅުވިއެވެ.

"މީގެ މާނައަކީ އެއްވެސް ގައުމެއް. އެއީ ކިތަންމެ ވަރުގަދަ އަދި ކިތަންމެ މޮޅު ބައެއް ކަމުގައި ވިޔަސް. އެމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޙައްދީ ކޮށްފި ކަމަށް ވާނަމަ، ﷲ ގެ އަޒާބު ހައްގުވެ އެމީހުން ނިކަމެތިކަމާ އެކު ނެތިގެން ދާނެ ކަން. ބައެއް ގައުމުތަކަށް ޒަލްޒަލާ އާއި ބުރުކާނުގެ މުސީބާތް ކުރިމަތިވޭ. އަނެއްބައި ގައުމުތަކަށް ބިންގަނޑު އޮހިގެން ދިއުމާ ކުރިމަތިލާން ޖެހޭ. އަވަށްތައް މުޅީން ހަލާކު ކޮށްލާ. ހޫދުގެފާނުގެ ޤައުމު ވެލީގެ ތެރޭގައި ވަޅުލެވިގެން ދިޔައީ. އަޞްލު އެމީހުންނަށް ފޮނުއްވުނީ ވައިގެ އަޒާބު. ވައިގެ ސަބަބުން އެމީހުން ނެތިގެން ދިޔައީ. އަހަރެމެން ޖެހެނީ ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރަން." ޑރ. ޠާރިޤް އައްސުވައިދާން ވިދާޅުވިއެވެ.

ޝާމު ކަރައަކީ ވެސް އަރަބި އެހެން ގައުމުތައް ފަދަ ގައުމެކެވެ. ވަރުގަދަ ޙަޟާރާތްތަކުގެ ގޮވައްޗެކެވެ. ނުބުއްވަތުގެ ތާރީޚާ ގުޅިފައިވާ ބިމެކެވެ. ނަބީބޭކަލުންގެ ދަތުރުފުޅުތަކުގެ މަންޒިލެކެވެ. ހޫދު ނަބީ ކަލޭގެފާނުގެ އަސަރުތައް ޔަމަނު ކަރަ އާއި މިހާރުގެ އުރުދުންގައި ހުރި ފަދައިން މިހާރުގެ ސޫރިޔާ އާއި މިހާރުގެ ސަޢުދީ ޢަރަބިއްޔާގައި ވެސް އެބަ ހުށްޓެވެ.

comment ކޮމެންޓް