ނަބީ ބޭކަލުންގެ ބިންތައް 4 - ހޫދުގެފާނު 1

ޔަމަނުގެ ޙަޟްރަމައުތުގައި ހުންނަ ހޫދުގެފާނުގެ މަޤްބަރާ ކަމަށް ބުނެވޭ މަޤްބަރާ --

އިންސާނީ ތާރީޚުގެ ވަރަށް ކުރީގެ މަރުޙަލާއެއްގައި އަރަބި ބައްރުގެ ދެކުނުގައި އޮންނަ އަޙްޤާފޭ ކިޔޭ ސަރަޙައްދުގައި ޢާދު ބާގައިގެ ގަބީލާތައް ދިރިއުޅުނެވެ. މި މީހުންނަކީ ބޯދާ އަރަބީން ނުވަތަ ބާއިދާ އަރަބީންގެ ތެރޭގައި ހިމެނޭ ބައެކެވެ.

އެމީހުންނަކީ ހަށިގަނޑު ވަރުގަދަ ގަދަފަދަ ބައެކެވެ. އެމީހުން ވަޒަނަކީ ގަސްގަހާގެހި ގިނަ އަދި ރީތި ތަނެކެވެ. އެހެންނަމަވެސް އެމީހުން ﷲ އަށް އުރެދުނެވެ. ﷲ އެމީހުންނަށް ދެއްވި ނިޢުމަތްތަކަށް ޓަކައި އެމީހުން ޝުކުރުވެރިއެއް ނުވިއެވެ. އަދި އެމީހުން ﷲ އާ ޝަރީކު ކުރިއެވެ. ދެން އެމީހުންނަށް ތައުޙީދުގެ މަގަށް ގޮވައިލެއްވުމަށް ޓަކައި، ﷲ އެމީހުންގެ ގާތަށް، އެއިލާހުގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމު ފޮނުއްވިއެވެ.

އެހެންނަމަވެސް އެމީހުން އެކަލޭގެފާނާ ތަބައެއް ނުވިއެވެ. ދެން އެމީހުންގެ މައްޗަށް އުގޫބާތެއްގެ ގޮތުގައި ﷲ ފޮނުއްވީ ވެލީގެ ޠޫފާނެކެވެ. އަދި ވެލީގެ ތެރޭގައި އެމީހުން އަބަދުގެ އަބަދަށް ވަޅުލެވިގެން ދިޔައެވެ. އެމީހުންގެ ގެދޮރުތަކުގެ އަސަރު ވެސް ބިން މަތީން ފިލައިގެން ދިޔައެވެ. އަދި މިކަމުގައި އެހެން ރައުޔެއް ވެސް އެބަ އޮތެވެ. އެ ރައުޔު ބުނާ ގޮތުން ޢާދު ބާގައިގެ މީހުންގެ ވަޒަނަކީ ހަމަ ސަމޫދު ބާގައިގެ މީހުންގެ ވެސް ވަޒަނެވެ. އެއީ އަރަބި ބައްރުގެ އުތުރުގައި މިހާރުގެ ގޮތުން ނަމަ ޢުލާއޭ ކިޔޭ ހިސާބެވެ. މަދާއިން ޞާލިޙު ވަނީ އެ ތަނުގައެވެ. މި ރައުޔު ބުނާ ގޮތުން ކީރިތި ޤުރުއާނުގައި ނަންގަނެވިފައި ވާ އަޙްޤާފު މި ލަފްޒުން އިޝާރާތް ކުރަނީ ވެލީގެ ބިންތަކަށެވެ. ކަނޑައެޅިގެން ވާ ވަކި ޖުގުރާފީ ސަރަޙައްދަކަށް ނޫނެވެ.

"ޤުރުއާނުގައި އަޙްޤާފާ ބެހޭ ގޮތުން އައިސްފައި ވަނީ އަޙްޤާފުގައި ޢާދު ބާގައިގެ މީހުން އުޅުނު ވާހަކަ. އަޙްޤާފަކީ ވެލި. ޢަރަބި ބައްރުގެ ހުރިހާ ހިސާބެއްގައި ވެސް ވެލި އެބަ ހުރި. ޤުރުއާން ބާއްވައިލެއްވީ އިންސާނުންގެ ބަހުން. ޢަރަބި ބައްރުގެ އުތުރުގައި އަޙްޤާފު އެބަ ވޭ. އަދި ޢަރަބި ބައްރުގެ ހުޅަނގާއި ދެކުނުގައި ވެސް އަޙްޤާފު އެބަ ވޭ. އަޅުގަނޑަށް ފެންނަ ގޮތުގައި ޢާދު ބާގައިގެ މީހުން ވަނީ ޢަރަބި ބައްރުގެ ދެކުނަށް ވުރެ މާ ބޮޑަށް އަރަބި ބައްރުގެ އުތުރުގައި ފެތުރިފައި." ސަޢޫދީ ޢަރަބިއްޔާގެ އިލްމުވެރިއެއް ކަމަށް ވާ ޑރ. ޢަބްދުއްރަޙްމާން އަލްއަންޞާރީ ވިދާޅުވިއެވެ.

އެހެންނަމަވެސް ތާރީޚު ޢިލްމުވެރީން އެންމެ ބޮޑަށް ބުރަވެވަޑައިގަންނަވަނީ ޔަމަނުގެ ޙަޟްރަމައުތާއި، އޮމާނުގެ ޒުފާރޭ ކިޔޭ ހިސާބާއި މިހާރުގެ ސަޢުދީ ޢަރަބިއްޔާގެ ދެކުނުގައި އޮތް ރުބުޢުލްޚާލީއޭ ކިޔޭ ސަހަރާ އޮތް ހިސާބަކީ އަޙުޤާފުގައި ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމު އެބައެއްގެ ތެރެއަށް ފޮނުވުނު ޢާދު ބާގައިގެ މީހުންގެ ވަޒަންކަމަށެވެ. ކީރިތި ޤުރުއާނުގައި ޢާދު ބާގައިގެ މީހުންގެ ވާހަކަ ވާރިދުވެފައިވެއެވެ. އެމީހުންގެ ތަފްޞީލުތައް ވަނީ ޣައިބުގައެވެ. ﷲ ނޫން ފަރާތަކަށް އެ ތަފްޞީލުތަކެއް ނޭނގޭނެއެވެ. އެހެނީ އެމީހުންނަށް ޢުޤޫބާތެއްގެ ގޮތުން ފޮނުއްވި ވެލީގެ ޠޫފާނުން ވަނީ އެމީހުންނާއި އެމީހުންގެ އާސަރުތައް މުޅީން ނައްތައިލައިފައެވެ.

"އަޙްޤާފަކީ ޣަރަޤުކޮށްލަނިވި ވެލި. ޢާދު ބާގައިގެ މީހުން އުޅުނީ މިފަދަ ވެލީގެ ސަރަޙައްދެއްގައި. އެއީ ރުބުޢުލްޚާލީގެ ސަހަރާގެ ސަރަޙައްދު. ރުބުޢުލްޚާލީގެ ސަރަޙައްދާއި ޢަދަނުން ފެށިގެން އޮމާނުގެ ޒުފާރު ހިމެނޭ ގޮތުން އޮތް ސަރަޙައްދަކީ ޢާދު ޤައުމުގެ ވަޒަން. ޢާދު ބާގައިގެ މީހުންގެ ވަޒަން އޮތް ސަރަޙައްދަކީ މިހާރުގެ ސަޢުދީ ޢަރަބިއްޔާގެ ދެކުނާއި ޔަމަނުގެ އިރުމައްޗާއި އޮމާނުގެ ހުޅަނގު ގުޅޭ ސަރަޙައްދު." އަޒްހަރު ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. މަބްރޫކް ޢަޠިއްޔާ ވިދާޅުވިއެވެ.

"އެމީހުންނަކީ ޙައްޤު ދީން ދޫ ކޮށްލައި މަގު ފުރެދިގަތް ބައެއް. ﷲ އެއްކައުވަންތަ ކުރުމުގެ ބަދަލުގައި ޝިރުކު ކުރި ބައެއް. އަދި ބުދުތަކަށް އަޅުކަން ކުރި ބައެއް. ދެން ﷲ އެމީހުންނަށް ދީނަށް ގޮވައިލެއްވުމަށް އެމީހުންގެ އަޚު ހޫދު ޢަލައިހިއްސަލާމު ފޮނުއްވި. އެކަލޭގެފާނު އެމީހުންނަށް ޙައްޤުގެ މަގަށް ގޮވައިލެއްވި ނަމަވެސް އެމީހުންގެ ތެރެއިން ވަރަށް މަދު ބަޔަކު މެނުވީ އީމާނެއް ނުވި." މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޒެއް ކަމުގައިވާ ޑރ. ޢަބްދުﷲ އަބޫސައިފް ވިދާޅުވިއެވެ.

ރުބުޢުލްޚާލީ ކައިރީގައި ވާ ޙަޟްރަމައުތަކީ ވަރަށް ކުރީއްސުރެ އިންސާނުން ދިރިއުޅޭން ފަށައިފައިވާ ބިމެކެވެ. އިންސާނުން ދިރިއުޅުމަށް ބޭނުން ވާ އަސާސީ ކަންތައްތަކަށް މަގު ފަހި ވެފައި އޮތް ބިމެކެވެ. އިންސާނާގެ ހަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް ޓަކައި ބޭނުންވާ މާއްދާތައް އެބިމުން ލިބޭން ހުށްޓެވެ. ޢާދު ބާގައިގެ މީހުންނަށް ބަލާ އިރު، އެމީހުންނަކީ ވެސް ހަށިގަނޑުގެ ގޮތުން ވަރުގަދަ ބައެކެވެ.

"ޢާދު ބާގައިގެ މީހުން އަޅުކަން ކުރި ބުދުތަކުގެ ތެރޭގައި ބޮޑު ތިން ބުދެއް ވޭ. އެއީ ޞައްދު ނަމަކަށް ކިޔޭ ބުދަކާއި، ޞަމޫދު އޭ ކިޔޭ ބުދަކާއި، ހަރް ނުވަތަ ހަބާ އޭ ބުދެއް. ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމު ޢާދު ބާގައިގެ މީހުންނަށް ދީނަށް ގޮވައިލެއްވި. ބުދުތަކަށް އަޅުކަން ކުރުން ދޫކޮށްލުމަށް ނަސޭހަތްތެރިވެ ވަޑައިގަތް. ފާފަ ފުއްސެވުން އެދި ﷲ އަށް އަސްތަޣުފާރު ދެންނެވުމަށް އެދިވަޑައިގަތް." ޝާމުކަރައިގެ އިލްމުވެރިއެއް ކަމުގައިވާ ޝައިޚް ޙައިދަރު ޒުހައިރު ވިދާޅުވިއެވެ.

މިއަދުގެ ޙަޟްރަމައުތުގެ ސަރަޙައްދުގައި ކުރީގެ ޤަދީމީ އެތައް ޝަހަރެއް ހިމެނިގެންވެއެވެ. އެތަންތަނަށް ބަލައިލުމުން އެތަންތަނުގެ ދޮށިކަމާއި ތާރީޚުގައި އެތަންތަނަށް ލިބޭން ޖެހޭ ޙައްޤު މަގާމު ވަޒަން ކުރެވެއެވެ. ޙަޟްރަމައުތާއި ޢާދު ބާގައިގެ މީހުންގެ ވެރިރަށް ކަމުގައިވާ އިރަމް އޮތް ތަނާ ވަރަށް ގާތެވެ. އެއީ އޭރު ދުނިޔޭގައި އިމާރާތް ކުރެވުނު އެންމެ ފުރިހަމަ ބިނާތައް ބިނާ ކުރެވުނު ރަށެވެ.

"މި ރަށް ހަގީގަތުގައި ބިނާ ކުރެވުނީ ސައްޔިދުނާ ހޫދު ޢަލައިހިއްސަލާމަށް ތަޙައްދީ ކުރުމުގެ ގޮތުން. އެކަލޭގެފާނު އެމީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވި ސުވަރުގެ އެމީހުން ބޭނުން ނޫން ކަމަށާއި އެމީހުންނަށް ވެސް ރީތި މޮޅު އަދި ހިތްހަމަ ޖެހޭ ދިރިއުޅުމަކަށް ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަ ޝަހަރެއް ނުވަތަ ސުވަރުގެއެއް ބިނާ ކުރެވިދާނެކަން ދެއްކުމުގެ ގޮތުން. އެމީހުން ބުނަމުން ދިޔައީ މަރުވުމަށް ފަހު ލިބޭ ސުވަރުގެއެއް ބޭނުން ނޫން ކަމަށް." އުރުދުންގެ އިލްމުވެރިއެއް ކަމުގައިވާ އަދި ކުރީގެ ވަޒީރުލްއައުޤާފް ޑރ. ޢަލީ އަލްފަޤީރް ވިދާޅުވިއެވެ.

ޙަޟްރަމައުތުގެ ބިމުގައި ހުރި ޝަހަރުތަކަށް ބަލާއިރު، އަދިވެސް އެތަންތަނުން މި ޒަމާނުގެ އިމާރާތް ކުރުމުގެ ވައްޓަފާޅި އާއި ފަރުމާތައް ނުފެންނަކަން ފާހަގަ ކުރެވެއެވެ. ޙަޟްރަމައުތުގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެންނަނީ ގަދީމީ އަސަރުތަކެވެ. އިންސާނީ ތާރީޚުގެ ކުރީކޮޅުގައި އޮތް ޙަޟާރަތާއި މި ޒަމާނުގެ ޙަޟާރަތާ ބައްދަލުވާ ހިސާބުގައި، އެހެންނަމަވެސް ކުރީކޮޅުގެ ސިފަތައް ގިނަ ތަނެއްގެ ގޮތުގައެވެ. މި ޒަމާނުގައި އިމާރާތް ކުރުމަށް ބޭނުން ކުރާ ވަސީލަތްތަކުގެ ބަދަލުގައި މަށްޓާއި އީޓު ފަދަ އެންމެ ގަދީމީ ވަސީލަތްތައް ބޭނުންކޮށްގެން ކޮށްފައިވާ އިމާރާތްތަކެވެ.

މި ރަށާ މާ ދުރު ނޫން ހިސާބެއްގައި ބަރްހޫޠު ނަމަކަށް ކިޔޭ ވާދީއެއް އޮވެއެވެ. އެ ވާދީގެ އެއްފަރާތުގައި ސައްޔިދުނާ ހޫދު ޢަލައިހިއްސަލާމުގެ ނަންފުޅުން ނަންދެވިފައިވާ އަވަށެއް އޮވެއެވެ.

"ހޫދު ނަބީ ކަލޭގެފާނުގެ މަގްބަރާ ހުންނަނީ ހޫދު އަވަށުގައި. ހޫދު ނަބީ ކަލޭގެފާނަކީ ގުރުއާނުގައި ނަންގަނެވިފައިވާ ނަބިއްޔެއް. އެކަލޭގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ އަޚުންގެ ގާތަށް. އާދު ބާގައިގެ މީހުންގެ ގާތަށް. ހޫދު ޢަލައިހިއްސަލާމު ޢާދު ބާގައިގެ މީހުންނަށް ގޮވައިލެއްވީ ﷲ އެއްކައުވަންތަ ކުރުމަށް. އެއިލާހާ އެއްވެސް ފަރާތަކާ ޝަރީކު ނުކުރުމަށް." ޔަމަނުގެ ތަރީމުގެ އިލްމުވެރިއެއް ކަމުގައިވާ ޝައިޚް ޔަޙްޔާ ޒައިދު ވިދާޅުވިއެވެ.

"އެ ނުލަފާ ޖައްބާރު ގައުމުގެ މީހުން ﷲ ގެ މިނަބިއްޔާގެ ދަޢުވަތު ދޮގު ކުރި. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވީ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ވާހަކަތައް ދޮގުކުރުމުން ދޮގު ކުރެވެނީ ﷲ ގެ ހަޒުރަތުން އައި ހައްގު ބަސްފުޅު ތަކޭ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ﷲ ގެ އަޒާބާ ތިޔަބައިމީހުންނަށް ކުރިމަތިލާން ޖެހޭނެޔޭ. އެކަލޭގެފާނު އިންޒާރު ދެއްވި ފަދައިން ﷲ ގެ އަޒާބު އައިސް އެމީހުންނާ ބައްދަލު ކުރި." ޝައިޚް ޙައިދަރު ޒުހައިރު ވިދާޅުވިއެވެ.

"އެއީ ހަށިގަނޑު ވަރުގަދަ ބައެއް. އެމީހުން ﷲ ގެ އަމުރުފުޅުތަކަށް އުރެދި ﷲ ގެ ނަބިއްޔާ ދޮގު ކުރުމުން އެމީހުންގެ މައްޗަށް ވަޔާއި ވެލީގެ ޠޫފާނެއް ފޮނުއްވި. މި ޠޫފާން ހަތް ރެޔާއި އަށްޑުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ. މި ޠޫފާން ނިމިގެން ދިޔަ އިރު އެ ޤައުމު ވަނީ ނެތިގެން ގޮސްފައި. އެމީހުންގެ އަސަރެއް ވެސް ފެންނާން ނެތް. ކީތިރި ޤުރުއާނުގައި ވާ ފަދައިން ސުވާލު ކޮށްލަމާ ހިނގާ. ކޮބައިތޯ އެމީހުންގެ އަސަރެއް؟" ޑރ. ޢަބްދުﷲ އަބޫސައިފް ވިދާޅުވިއެވެ.

ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމުގެ މަގްބަރާގެ ކައިރީގައި ވާ މި ފަރުބަދަތަކުގައި ވާ އަސަރުތަކުން އަޅުގަނޑުމެންނަށް ޔަގީންވޭ މިއީ ވަރުގަދަ ޙަޟާރަތެއް އޮތް ތަނެއް ކަމެވެ. ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމުގެ މަގުބަރާ މި ބިމުގައި ހުންނަތާ ހަތަރު ހާހަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. މި ތަނާ ކައިރީގައި ނަހްރުލް ޙަފީފޭ ކިޔޭ ފެން ކޯރެއް އޮވެއެވެ. ޙަޟްރަމައުތުގެ މީހުން ގަބޫލު ކުރާ ގޮތުގައި މިއީ މުގައްދަސް ތަނެކެވެ. އަދި މި ކޯރުގެ ފެނަކީ ވެސް މުގައްދަސް ފެނެކެވެ.

"ﷲ ގެ ނަބިއްޔާ ހޫދުގެފާނުގެ އަވަށުގެ ކޯރަށް ނަހްރުލް ޙަފީފޭ ވެސް އަދި ނަހްރުލް ޙަޤީފޭ ވެސް ކިޔާ. ހޫދުގެފާނުގެ އަވަށަށް ޒިޔާރަތް ކުރާ ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ އަންނާނީ މި ކޯރުގެ ކައިރިއަށް. އެއީ ޒަމާނުއްސުރެ އެކަން ހިނގަމުން އަންނަ ގޮތް. އެންމެ ފުރަތަމަ މި ކޯރަށް ފައިބައި ހިނައި ތާހިރުވެ، މި ކޯރުގެ ފެނުން ފެން ބޯނެ. ނުވަތަ އެންމެ ކުޑަ މިނުން މި ކޯރުގެ ފެނުން ވުޟޫ ކުރާނެ. ދެން މި ކޯރުގެ ކައިރީގައި ހުންނަ މިސްކިތަށް ދާނީ. މި ކޯރުން ވުޟޫ ކުރުމާއި އަދި މިތާ ކައިރީގައި ހުންނަ ޙަޞާތު ޢުމަރުގެ ނަމުން މަޝްހޫރުވެފައިވާ މިސްކިތަށް އެރުމާއި މިކަންކަމަކީ، މިއީ ދީނުގެ ތެރެއިން ވާ ކަންކަމެއް ނޫން. އެހެންނަމަވެސް މިއީ މި ތަނަށް ޒިޔާރަތް ކުރާ މީހުން ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ ގޮތް. އެންމެން ވެސް މި ތަނަށް ޒިޔާރަތް ކުރުމުގައި އަމަލު ކުރަމުން އަންނަ ތަރުތީބަކީ މިއީ." ޝައިޚް ޔަޙްޔާ ޒައިދު ވިދާޅުވިއެވެ.

ހޫދު ނަބީ ކަލޭގެފާނުގެ މަގުބަރާއަށް ވާޞިލު ވުމުގެ ކުރީގައި ބައްދަލުވާ ވަޅަކީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ބިއުރުލްމުޢައްޠަލާ ކަމަށް ބުނެވެއެވެ. މި ވަޅަށް ބިއުރުއްތަސްލީމޭ ވެސް ކިޔައެވެ.

"އަޅުގަނޑުމެން މިހާރު މި ތިބީ ބިއުރުއްތަސްލީމްގެ ނަމުން މަޝްހޫރުވެފައިވާ ބިއުރުލްމުޢައްޠަލާގެ ކައިރީގައި. މި ވަޅަށް ބިއުރުއްތަސްލީމޭ ކިޔަނީ މި ތަނަށް ޒިޔާރަތް ކުރާ މީހުން މިތަނުގެ ކުރިމަތީގައި ތިބެ ﷲ ގެ ނަބިއްޔުންނަށް ސަލާމް ދަންނަވާތީ ކަމަށް ބުނެވޭ." ޝައިޚް ޔަޙްޔާ ޒައިދު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ޙަޟްރަމައުތުގައި ކަން ހިނގަމުން އަންނަ ގޮތަށް ބަލާ އިރު، ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމުގެ މަގުބަރާއަށް ޒިޔާރަތް ކުރުމުގެ މޫސުމަކީ ޝަޢުބާން މަހެވެ. މި ތަނަށް ޒިޔާރަތް ކުރާ މީހުން ދެކޭ ގޮތުގައި މި ތަނުގައި އޮންނަ ކޯރުން ހިނައި ތާހިރު ވުމުން އެމީހުންގެ ފާފަތައް ވެސް ފޮހެވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ދެނެގަންނާންވީ މިއީ ދީނީ ގޮތުން ބަލާ އިރު އެއްވެސް އަޞްލެއް ނެތް ޚުރާފީ އަގީދާތަކެއް ކަމެވެ. އަޅުގަނޑުމެން ﷲ ގެ ނަބިއްޔުންގެ މަގުބަރާތަކަށް ޒިޔާރަތް ކުރާން ޖެހޭނީ ހަމަ އެކަނި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޖާހިލިއްޔަ ޒަމާނުއްސުރެ މަޝްހޫރުވެފައި އޮންނަ ބާޒާރެއް ވެސް މި ސަރަޙައްދުގައި އޮވެއެވެ.

"ހޫދު ނަބީކަލޭގެފާނު އަވަށުގެ ބާޒާރު މިއީ ކީރިތި މާތް ރަސޫލާގެ ޒަމާނުގެ ކުރީއްސުރެ ވެސް މި ސަރަހައްދުގައި ގާއިމުވެފައިވާ ބާޒާރެއް. މި ގޮތުން މި ބާޒާރުގެ ވާހަކަ ތާރީޚުގެ ފޮތްފޮތުގައި އައިސްފައިވޭ. މި ބާޒާރަކީ ކޮންމެ އަހަރެއްގެ ވެސް ޝައުބާން މަހު ގާއިމު ކުރެވޭ ބާޒާރެއް. މި ބާޒާރު މި ގޮތަށް ފެށުނީ ކޮން ޒަމާނެއްގައި ކަން ބުނާކަށް ނޭނގޭ. އެނގެނީ ވަރަށް ކުރީއްސުރެ މި ބާޒާރު ގާއިމުވެފައިވާ ކަން. އެންމެ ކުރީގެ ތާރީޚު ފޮތްތަކުގައި ވެސް މި ބާޒާރުގެ ވާހަކަ އައިސްފައި ހުރޭ." ޝައިޚް ޔަޙްޔާ ޒައިދު ވިދާޅުވިއެވެ.

ހޫދު ނަބީ ކަލޭގެފާނުގެ މަގުބަރާއަށް ދާ މަގާއި މި ހިސާބުގެ އެހެން ތަންތަނަށް ވެސް އެތައް ޒަމާނެއްގެ ތެރޭގައި ވެސް މާ ބޮޑެތި ބަދަލުތަކެއް ނާދެއެވެ. މި ސަރަޙައްދުގެ ވަށައިގެން އާދައިގެ އަވަށެއްގައި ހުންނަ ކަހަލަ ގެތައް އެބަ ހުށްޓެވެ. މީހުން މާ ގިނައެއް ނޫނެވެ. އިމާރާތްތަކަށް މާ ބޮޑެތި ބަދަލުތަކެއް ނާދެއެވެ.

"އަޅުގަނޑުމެންނަށް އެ ފަރާތުން މިހާރު އެ ފެންނަނީ މި އަވަށުގެ ގެތައް. މި އަވަށުގެ އިމާރާތްތައް. އަޅުގަނޑުމެންނަށް ފެނިގެންދަނީ މީގެ ތެރެއިން ގިނަ ބިނާތައް މަށީން ހެދިފައިވާ ތަން. ޙަޟްރަމައުތުގެ ގިނަ ޢިމާރާތްތަކަކީ މަށީން ހެދިފައިވާ ޢިމާރާތްތައް. ކުރީގައި މި ޢިމާރާތްތައް ހުންނަނީ ވަރަށް ކުދިކޮށް. އެހެންނަމަވެސް އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ އަދަދާއި ޒަމާނަށް އަންނަ ބަދަލުގެ އަސަރު މަޑުމަޑުން މި ސަރަހައްދުގެ އިމާރާތް ކުރުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ކަން ފާހަގަ ކުރެވޭ. އަޅުގަނޑުމެން މިހާރު މި ތިބީ ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމުގެ ޤަބުރުފުޅުގެ ކުރިމަތީގައި. މި ތަނުން ފެށިގެން މި ގުއްބުގެ ބޭރާ ހަމަޔަށް މި މަހާނަފުޅު ދެމިގެން ވޭ. ޒިޔާރަތްކުރާ މީހުން މި މަހާނަފުޅުގެ ކުރިމަތީގައި ހުއްޓިތިބެ، ހޫދު ނަބީ ކަލޭގެފާނަށް ސަލާމް ދަންނަވާ. އެއީ ކީރިތި މާތް ނަބިއްޔާގެ ޒިޔާރަތްފުޅަށް ގޮސް އެތަނުގައި އެކަލޭގެފާނަށް ވެސް ސަލާމް ދަންނަވާ ބީދައިން. ﷲ ގެ ނަބިއްޔާ ހޫދު ޢަލައިހިއްސަލާމުގެ މަގުބަރާއަކީ މިއީ ކަން ތާރީޚު ދިރާސާ ކުރާ އެއްވެސް ފަރާތަކަށް އޮޅިފައެއް ނޯންނާނެ. މުސްލިމުންގެ މުއައްރިޚުންގެ ތެރެއިން އިބްނު ހިޝާމާއި އިބްނު ކަސީރާއި ޠަބަރީ ފަދަ ބޭފުޅުން މި ތަނުގެ ވާހަކަ ދައްކަވައިފައިވޭ. މިއީ ޖާހިލިއްޔަ ޒަމާނުއްސުރެ މިއަދާ ހަމަޔަށް ވެސް ތަވާތުރުގެ މަގުން ހޫދު ޢަލައިހިއްސަލާމުގެ މަގުބަރާކަމަށް އެނގިފައިވާ މަގުބަރާ. އެހެންކަމުން މިކަމުގައި ޝައްކު ކުރާނެ ތަނެއް އޮތް ކަމަކަށް ނުފެނޭ." ޝައިޚް ޔަޙްޔާ ޒައިދު ވިދާޅުވިއެވެ.

މި މަގުބަރާގެ މަތީގައި ހެދިފައިވާ ގުއްބަކީ ފަހުގެ ތަނެކެވެ. އެހެންނަމަވެސް ހޫދުގެފާނުގެ މަހާނަފުޅު އެންމެ ކުރީއްސުރެ މީހުން ދަނެއެވެ. އިސްލާމް ދީން އައިސް ކީރިތި ޤުރުއާނުގައި ހޫދު ނަބީ ކަލޭގެފާނުގެ ވާހަކަ ބަޔާން ކުރެއްވުމުގެ ކުރީގައި ވެސް މި ސަރަޙައްދުގެ މީހުން މިއީ ހޫދުގެފާނުގެ މަހާނަފުޅު ކަމަށް ދިޔައީ ބުނަމުންނެވެ. އެމީހުންނަށް ހޫދު ނަބީ ކަލޭގެފާނުގެ ވާހަކަ އޭރުއްސުރެ ދައްކާން އެނގޭނީ މި ކަމުގައި ހަގީގަތެއް އޮތީމައެވެ. ދެން މި ތާ ކައިރީގައި މި ވާ ބޮޑު ހިލައިގެ ހަގީގަތަކީ ކޮބައިބާވައެވެ؟

"މި ބޮޑު ހިލަޔަށް ކިޔަނީ ނާޤާ. ނާޤާ އަކީ އަންހެން ޖަމަލަށް ވެސް ކިޔާ ނަން. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އަންހެން ޖަމަލަކާ މި ހިލައާ ގުޅުމެއް ވޭ. މީހުން އައިސް މި ހިލައިގެ ކައިރީގައި ހިލައިގެ ހިޔަލުގައި އިށީނދެގެން ތިބޭ. ފަހުން މި ވަނީ މި ހިލައިގެ ވަށައިގެން ވެސް ބިނާތަނެއް ހެދިފައި. މި ތަންތަނުގައި އިށީނދެ ތިބެ މީހުން ހޫދު ނަބީ ކަލޭގެފާނުގެ ވާހަކަ ކިޔައި ހަދާ. އަދި ދީނުގެ ވާހަކަތަކާއި އެ ނޫން ވެސް ދުނިޔަވީ ވާހަކަތައް ވެސް ދައްކައި ހަދާ." ޝައިޚް ޔަޙްޔާ ޒައިދު ވިދާޅުވިއެވެ.

މި މަހާނަފުޅުގެ ދިގު މިނާއި ކީރިތި ޤުރުއާނުގައި ހޫދުގެފާނުގެ ގައުމުގެ މީހުންގެ ހަށިގަނޑުގެ ވަރުގަދަކަމުގެ ވާހަކަ ގެންނަވާފައި އޮންނަ އޮތުމާ ގުޅުމެއްވާ ކަމަށް ބުނާކަށް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ކުރީގެ އެހެން ނަބީބޭކަލުންގެ ގަބުރުފުޅުތަކަށް ބަލާ އިރު ވެސް އެ މަހާނަފުޅުތަކުގެ ދިގުކަން ވެސް 10 ވަރަކަށް މީޓަރަށް ދެމިފައިވާ ކަން ފާހަގަ ކުރެވެއެވެ. ކުރީގެ އިންސާނުންގެ އިސްކޮޅު މިހާރުގެ އިންސާނުންގެ އިސްކޮޅަށް ވުރެ ދިގު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ މަހާނަފުޅު ނިމޭ ހިސާބުގައި. ގުއްބުގެ ތެރެއިން މަހާނަފުޅު ފެށެނީ. ދެން އައިސް މި ހިސާބަށް މި ނިމެނީ." ޝައިޚް ޔަޙްޔާ ޒައިދު ވިދާޅުވިއެވެ.

ޙަޟްރަމައުތުގައި ވާ ހޫދު ނަބީ ކަލޭގެފާނުގެ މަހާނަފުޅަކީ މި ނަބިއްޔާގެ އަސަރުތަކުގެ ތެރެއިން ފެންނާން ހުރި ހަމަ އެކަނި އަސަރެއް ނޫނެވެ. ޝާމު ކަރައިގައި ވެސް ހޫދުގެފާނަށް ނިސްބަތް ކުރެވޭ އެފަދަ އަސަރުތައް އެބަ ހުށްޓެވެ. މި ގޮތުން ސޫރިޔާ އާއި އުރުދުންގައި ހުރި އަސަރުތައް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވެއެވެ. މިއީ އެކަލޭގެފާނު ޒިޔާރަތް ކުރެއްވި އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެވެސް ހިސާބެއްގައި އުޅުއްވި ތަންތަން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ސިލްސިލާގައި ދެން ގެނެސްދޭނީ އެ ތަންތަނާ ގުޅޭ މައުޅޫމާތެވެ.

comment ކޮމެންޓް