ދާއިރާއަށް ވީ ވައުދުތައް މައުރޫފް ވަނީ ވަރަށް ފުރިހަމަ އަށް ފުއްދަވާފައި: ސިޔާމް

ނ. ކުޑަފރިއަށް ވަޑައިގަތުމުން ސިޔާމަށް މަރުހަބާ ދަންނަވަނީ: އޭނާ ވިދާޅުވީ ނ އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަނދި އަތޮޅެއް ކަމަށް ---

ކެނދިކުޅުދޫ ދާއިރާއަށް ކޮށްދެއްވުމަށް އެ ދާއިރާގެ މެންބަރު އަލީ މައުރޫފް ވެވަޑައިގަތް ވައުދުތައް ވަރަށް ފުރިހަމައަށް ފުއްދަވާފައިވާ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ނ. ކުޑަފަރީގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، އަލީ މައުރޫފް ވަރުގެ ތެދުވެރި އިހްލާސްތެރި މީހަކު އެ ދާއިރާއަށް ނުލިބޭނެ ކަމަށާއި ދެން އެ ދާއިރާއަށް ކުރިމަތިލައްވައިގެން ތިބި މީހުންނާ މައުރޫފްއާ އަޅާ ނުކިޔޭނެ ކަމަށެވެ.

"އެހާމެ ރައްޔިތުން ދެކި ލޯބިވާ ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް އަދާކުރައްވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެން ދިޔައީ މައުރޫފް. މައުރޫފް އަކީ މިދާއިރާއަށް ކުރިމަތިލުމަށް އެންމެ އެކަށީގެންވާ މީހާ،" މައުރޫފަށް ތައުރީފް ކުރައްވަމުން ސިޔާމް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް މައުރޫފް ވީ ކިތަންމެ ވައުދެއް ވެސް ނުފުއްދި އެބައޮތްތޯ. ނޯންނާނެ. މިދާއިރާއަށް ކިތަންމެ ކުޑަ ވައުދެއް އޭނާ ވެވަޑައި ގަތަސް އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އަޅުގަނޑުމެންގެ ފަރާތުން ވާނީ މި ދާއިރާގެ ކޮންމެ ރަށަކަށް ވެސް އެކަންތައް ކޮށްދީފައި،"

ކެނދިކުޅުދޫ ދާއިރާގެ ތަރައްގީއަށް ވެވަޑައިގަތް ވައުދުތަކުގެ އިތުރުން ވެސް އެހެނިހެން ކަންތައްތަކެއް ކޮށްދެއްވާފައިވާކަން ސިޔާމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ރާއްޖެ މީގެ ކުރިން ނުދެކޭ ވަރުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެނިފައިވާ ކަމަށެވެ.

ރާއްޖެއަކީ މިހާރު ފަގީރު ގައުމެއް ނޫން ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި ބޮލަކަށް މިހާރު ޖެހޭ އާމްމުދަނީ އެގާރަ ހާސް ޑޮލަރުން، ކުރިއަށް އޮތް ތިން އަހަރު ފަނަރަ ހާސް ޑޮލަރަށް މައްޗަށް ޖެހިގެންދާނެ ކަމަށް އަންދާޒާ ކުރާ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ނ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަދި އަތޮޅެއްކަން ފާހަގަކޮށް ސިޔާމް ވިދާޅުވީ، އެ ތޮޅަށް ލިބޭ އާމްމުދަނީގެ ޕަސެންޓެއް އަތޮޅުގެ ރައްޔިތުންނަށް ދޭ ނަމަ ނ. އަތޮޅު ރައްޔިތުންހާ ތަނަވަސް ރައްޔިތަކު ތިބޭ އަތޮޅެއް ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް