މާފަރު އެއާޕޯޓް އަޅަން ދުބާއީއަށް ދޫކޮށްލީ އެއްވެސް ޝަރުތަކާ ނުލައި: މައުރޫފް

އަލީ މައުރޫފް: އޭނާ ވިދާޅުވީ ސަން ސިޔާމް ރިސޯޓްސް އިން މާފަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ދޫކޮށްލީ އެއްވެސް ޝަރުތަކާ ނުލާ ކަމަށް --

ނ. މާފަރުގައި އެއާޕޯޓް އެޅުމަށް ހަވާލުކުރި "ސަން ސިޔާމް ރިސޯޓްސް" އިން އެ މަޝްރޫއު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ނުވަތަ އަބޫދާބީ ފަންޑަށް ދޫކޮށްލީ އެއްވެސް ޝަރުތަކާ ނުލައި ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީއޭ އިން މިއަދު ހަވީރު ނ. ކުޑަފަރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ މައުރޫފް ވިދާޅުވީ، މާފަރު އެއާޕޯޓްގެ ހުވަފެން ހަގީގަތަކަށް ވެގެންދިޔައީ އެޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވެވަޑައިގެންނެވި ގުރުބާނީގެ ސަބަބުން ކަމަށެވެ.

އެގޮތުން މާފަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ދެވަނަ ފަހަރަށް ބިޑް ކުރުމުން ސިޔާމްގެ އިސްނެންގެވުމާ އެކު އެކަމަށް ބީލަން ހުށަހަޅައި ބިޑް ކާމިޔާބް ކުރި ނަމަވެސް ދުބާއީގެ ރަސްގެފާނުގެ އެދިވަޑައިގަތުމުގެ މަތިން އެއާޕޯޓް އެޅުމަށް ދޫކޮށްލެއްވީ ކަމަށެވެ.

"ދުބާއީގެ ރަސްގެފާނު ރަންދެލި ބައްލަވައިގަތުމަށް ފަހު އެ ރަސްގެފާނު ބޭނުންފުޅުވީ ނ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުއްވުމަށް. ރަސްގެފާނުގެ ވަފުދު އަޅުގަނޑުމެންނާ ބައްދަލުކޮށް އެވާހަކަ ދެންނެވީ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ، ރަސްގެފާނު އެގޮތަށް އެދިވަޑައިގަތުމުން، "ނ. އަތޮޅުގެ ރައްޔިތުންނަށް ޓަކައި ނ. އަތޮޅުގެ ދަރިންނަށް ޓަކައި ނ. އަތޮޅުގެ ޒުވާނުންނަށް ޓަކައި އަޅުގަނޑު އެއްވެސް ޝަރުތަކާނުލާ ތިކަން ކޮށްދެއްވާނަމޭ. ދުބާއީގެ ރަސްގެފާނާ ތިޔަ އެއާޕޯޓް ހަވާލުކޮށްދެއްވާށޭ،" މައުރޫފު ވިދާޅުވި ކަމަށެވެ.

ނަމަވެސް އެއަށް ފަހު ތިން ޝަރުތު ކުރެއްވިކަން މައުރޫފް ފާހަގަކުރެއްވި އެވެ. އެގޮތުން އެ އެއާޕޯޓަކީ އިންޓަނޭޝަލް ފްލައިޓްތައް ޖެއްސޭ ފެންވަރު ތަނަކަށް ވުމާއި، އަދި އެ އަތޮޅުގެ ރައްޔިތުންނަށް ވަޒީފާ ލިބޭނެ ގޮތަށް 2018 ވަނަ އަހަރު ހުޅުވަން ޖެހޭނެ ތަނެއްގެ ގޮތުގައި ސިޔާމް ޝަރުތު ކުރެއްވި ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެއާޕޯޓާ ނުލައި ގެސްޓްހައުސްގެ ވިޔަފާރީ ތަރައްގީ ނުކުރެވޭނެ ކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ، އެމްޑީއޭ ހިއްސާވެގެން މިދިޔަ ސަރުކާރުން ވަނީ ރިކޯޑް އަދަދަކަށް ރާއްޖޭގައި އެއާޕޯޓް އަޅައިދީފައި ކަމަށެވެ.

"މިއަދު އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން އޮތީ ތައްޔާރުވެލައްވާށޭ ތިޔަ ބޭފުޅުން ރީތި އުސޫލާއި ހަމަތަކުގެ މަތިން ގެސްޓްހައުސްތައް ތަރުތީބް ކުރާށޭ. އަޅުގަނޑުމެން މުޖުތަމައު ފަސާދަ ނުވާނެ ގޮތަށް ގެސްޓުން ގެނެސްގެން އެކަން ކުރަން ތައްޔާރުވެލާށޭ،" ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވެސް ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާ މައުރޫފް ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މުޅި ނ. އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މާފަރު އެއާޕޯޓުގައި މިދިޔަ އޮގަސްޓް މަހު ވަނީ ޓެސްޓް ފްލައިޓް ވެސް ޖައްސައި، ރަސްމީކޮށް ހުޅުވާފަ އެވެ.

އެ އެއާޕޯޓް އަޅަން ޕްލޭން ކުރެވިފައި ވަނީ ދުނިޔޭގެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ގޮތަށެވެ. އެ ރަށުގައި އަޅާފައިވާ ރަންވޭގެ ދިގުމިނުގައި 2،200 މީޓަރު ދިގު، ފުޅާ މިނުގައި 40 މީޓަރު ހުރެ އެވެ.

comment ކޮމެންޓް